Athif
ކެންޑިޑޭޓް ނަންބަރ
9

މުޙަައްމަދު ޢާޠިފް

ތައާރަފް

ކުޅުދުއްފުށި ސިޓީ ގެ ފުރަތަމަ މޭޔަރަކަށް ވުމުގެ އަޒުމާއި އެކު އެމްޑީޕީގެ ޓިކެޓްގައި މުޙައްމަދު އާތިފް ނުކުންނަނީ ވަރަށް ގިނަ އުންމީދު ތަކަކާއި އެކުގައެވެ.

ކުޅުދުއްފުއްޓަށް ޚިދުމަތް ކުރުމަށް އަބަދުވެސް އާތިފްގެ ހިތުގައި އޮންނަ ލޯބި ޢަމަލީ ގޮތުން ދައްކަން ބޭނުންވެއެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށްވުމާއި އެކު އެކަމަށް އަތުކުރި އޮޅާލާ އާތިފް ނުކުތެވެ. ކުޅުދުއްފުށީގެ އިޖްތިމާއީ އިޤްތިސާދީ އަދި ޢުމްރާނީ ގޮތުން ބަދަލުތަކެއް ސިޓީއެއްގެ ގޮތުގައި ގެނެސްދިނުމުގެ ބޭނުމުގައި ނުކުތުމުގެ ކުރިން ރަށުގެ ގިނަ ބަޔެއްގެ ހިޔާލު އާތިފް ހޯދިއެވެ.

މުޙައްމަދު އާތިފް: ކުޅުދުއްފުށި ސިޓީ އަށް އާ މޫނެއް ނޫން

ކެންޑިޑޭޓް ނަންބަރ 9 ކުޅުދުއްފުށީ ހިލްމަން، ޢާޠިފް އަކީ 2008 ވަނަ އަހަރުން ފެށިން ކުޅުދުއްފުށީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވާ އެންމެ ދަންނަ ޒުވާން މޫނެކެވެ. އިޖްތިމާއި ކަންކަމާއި ކުލަބު ޖަމިއްޔާ ހިންގުމުގެ ތަޖުރިބާ ހުރި ޢާތިފް އަކީ މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި 3 އަހަރުމަސައްކަތް ކޮށްފައިވެއެވެ. މޯލްޑިވްސް ކަސްޓަމްގައި 14 އަހަރު މަސައްކަތްކޮށްފައިވާއިރު އޮފީސް ހިންގުމުގެ ދާއިރާއިން އާތިފްއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުޅުދުއްފުށި ސިޓީ ގެ ހިންގުން ފިސާރި ރަނގަޅަށް ރާވާލަން އާތިފް ބޭނުންވެއެވެ.

ރައްޔިތުންގެ އަޑު އަހާނަން: އާތިފް

ރަށުގެ ތަރައްގީއަށް ކުރާ ކަންކަމުގައި ހިޔާލު ހޯދުމުގައި ރައްޔިތުންނާއި ކަމުވޮށިގެންވާ ބޭފުޅުންގެ އެހީތެރިކަން އާތިފް ބޭނުންވާނެކަމަށް ވިދާޅުވެއެވެ.

"އަޅުގަނޑުމެންގެ ކައުންސިލެއްގެ މައިގަނޑު އެއް އަސާސަކީ މިރަށުގެ ރައްޔިތުންގެ ޚިޔާލާއެކު އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ކުރުން" ކަމަށާއި "ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދުން" އެއީ މުހިންމު މަސައްކަތަކަށް ވާނެކަމަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަށްވެހި ފަތިސް ޖަލްސާގައި އާތިފް ބުނެފައިވެއެވެ.

ނުކުތީ ކުޅުދުއްފުށީ ސިޓީގެ ތަސައްވަރަކާއި އެކު:

ޢާތިފް ވިދާޅުވާ ގޮތުން އެބޭފުޅާ މޭޔަރު ކަމަށް ކުރިމަތިލީ ކުޅުދުއްފުށީ ސިޓީ ޑެވެލޮޕްމަންޓްގެ ތަސައްވަރަކާއި އެކުގައެވެ. ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އާތިފްވަނީ އެކަމަށް އަލިއަޅުވާލާފައެވެ. "އަޅުގަނޑުމެން މިދައްކަނީ މި ސިޓީ ތަރަށްގީ ކުރާ ވާހަކަ، އަޅުގަނޑުމެން މިދައްކަނީ މި ސިޓީގެ ތަރައްގީގެ ޕްލޭނެއް ހަދާ ވާހަކަ، އަޅުގަނޑުމެން މިދަށްކަނީ މި ސިޓީގެ ލޭންޑްޔޫސް ޕްލޭން ހަދާ ވާހަކަ، އަޅުގަނޑުމެން މިދަށްކަނީ މި ސިޓީގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރާނެ ކަންކަމުގެ ވާހަކަ." ކަމަށެވެ.

ކުޅުދުއްފުށީގައި އުފެދިގެންދާ ސިޓީ ކައުންސިލުން ކުރާނެ އެންމެ ފުރަތަމަ މަސައްކަތަކީ ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުން ކަމަށް އާތިފް ވިދާޅުވާއިރު ކުޅުދުއްފުށީ ސިޓީގައި ބިމުގެ ދަތިކަން އިންތިހާއަށް އެބައޮތް ކަމަށާއި، ރައްޔިތުންގެ ހިޔާލާއި ފަންނީ ބޭފުޅުންގެ ލަފަޔާއެކު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އެއީ މިވަގުތު އެންމެ މުހިންމު ކަންތައް ކަމަށް ޤަބޫލުކުރާކަމަށްވެސް އާތިފް ޤަބޫލުކުރެއެވެ.

ކުޅުދުއްފުށީ ސިޓީ ވެގެންދާނީ ޒަމާނީ ސިޓީ ކައުންސިލަކަށް:

އާތިފްގެ ވިދާޅުވާގޮތުން އެމްޑީޕީގެ ސިޓީ ކައުންސިލް ވެގެން ދާނީ ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ސިޔާސަތެއް ތެރެއިން ހިނގާނެ ޒަމާނީ ސިޓީ ކައުންސިލަށް ކަމަށެވެ. ރަށްވެހި ފަތިސް ކެމްޕޭން ރީ ލޯންޗިންގ ޖަލްސާގައި އާތިފް ދެއްކެވި ވާހަކާގައި އަލިއަޅުވާލަފައިވަނީ އެވާހަކައަށެވެ.

"ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިދުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ، ސިޓީއެއްގެ ކުރިއެރުމާއި ތަރައްގީ ބިނާވެގެން ވަނީ ސަރުކާރާއެކު ކައުންސިލް ކުރާ މަސައްކަތަކުން، މި އުފެދޭ ސިޓީ ކައުންސިލާއެކު އަޅުގަނޑުމެންނަން ފެނިގެން މި ދަނީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ޒަމާނެއް"- އާތިފް ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ ނިޒާމަކަށް ކުޅުދުއްފުށި ސިޓީ ތައްޔާރުވާން ހޮވަންވީ އާތިފް:

ސިޓީ މޭޔަރުކަމަށް އާތިފް ނުކުތީ ކައުންސިލްތަކަށް ގާނޫނީ ގޮތުން ލިބިފައިވާ އާ ބާރުތަކާ އެކު ކުޅުދުއްފުށި ސިޓީއަށް ބޮޑު ބަދަލެއް ގެންނެވޭނެކަމުގެ އުއްމީދުގަ އެވެ. އާތިފް ވިދާޅުވާ ގޮތުން އާތިފަށް ވޯޓްދޭންވީ އެންމެ ބޮޑު އެއް ސަބަބަކީ "އަޅުގަނޑު މި ނިކުތީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް (ގާނޫނު ނަންބަރު 7/2010) ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލަށް ލިބިދޭ ބާރާއި، ކައުންސިލްތަކަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތަކާ ވެސް އެނގިހުރެ" ކަމަށާއި "މި ކުޅުދުއްފުށި ސިޓީ ތަަަރައްގީ ކުރާނެ ތަސައްވުރެއް އަޅުގަނޑުމެންގެ އޮވެފައި، މި ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑުމެންގެ ޕާޓީ އެމްޑީޕީ ވިސްނުމަކަށް ވާތީ، މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް މީގެ ފޮނި މީރުކަން ހޯދާދެވޭނެ ބަޔަކީ އަޅުގަނޑާއި އަޅުގަނޑާއެކު މި ތިބަ އެމްޑީޕީގެ ތައުލީމީ ޤާބިލް ޓީމު ކަމަށް އަޅުގަނޑަށް ޔަޤީން ކުރެވޭތީ" ކަމަށެވެ.

 

ބޯހިޔާވަހިކަމަށް އާތިފްގެ ތަަސައްވަރު:

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ކޮންމެ އިންތިހާބެއްގައި މުހިންމު މައުޟޫއެކެވެ. މިފަހަރުގެ އިންތިހާބުގައި ބޯހިޔާވަހިކަމުގެ އާތިފްގެ ތަަސައްވަރެއް ވާކަން މީގެ ކުރިން ބޭއްވި އެތައް ޖަލްސާއެއްގައި ވަނީ ހާމަކޮށްފައެވެ. އެގޮތުން ކުޅުދުއްފުށި ރައްޔިތުންނަށް ރަށްވެހިކަން ދޭނެ ކަމުގެ ވައުދާއި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަފްތަރެއް އެކުލަވާލުމުގެ ވިސްނުން ވަނީ ފާޅުކޮށްފައެވެ.

އަތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް "ޖަޒީރާ" މެނިފެސްޓޯގައި ކަނޑައަޅަފައިވާ އަދަދުން ކުޅުދުއްފުއްޓަށް އެޅޭނެ ބަޔާއި މެދުވެސް އާތިފް ވަނީ ވާހަކަ ދައްކަވާފައެވެ. އާތިފް ވިދާޅުވާ ގޮތުން ސަރުކާރުން 1.5 ބިލިޔަން ރުފިޔާ އަތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް ކަނޑައަޅަފައިވާ ކަމަށާއި ލާމަރުކަޒީ ގާނޫނުން ލިބޭ ބާރާ އެކީ އެރަށަށް ލިބޭ އިންސައްތައަކީ އެރަށަށް ފުދޭ ވަރަށް ވުރެ ކުޑަ އިންސައްތައެއް ނަމަ ކުޅުދުއްފުށި ސިޓީ ކައުންސިލުން އަމިއްލައަށް ޗައިނާ، ދުބާއީ ނުވަތަ އިންޑިއާ ބޭންކްތަކުގެ ލޯންތަކަށް ވަދެ އެޕްރޮޖެކްޓް އެއަށްވުރެ ބޮޑަށް ހިންގާނެ." ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން ލިބޭ ލާރިއަށް އެކަނި ބަރޯސާވުމަކީ އާތިފްގެ ވިސްނުން ނޫންކަން ޖަލްސާތަކުގައި ދައްކަވާ ވާހަކަ ތަކުން އެނގެއެވެ. އެގޮތުން ބޮޑެތި އިންވެސްޓްމެންޓްތަކަށް ކުޅުދުއްފުށި ސިޓީ ހުޅުވާލާނެ ކަމަށާއ،ި މިހާރުވެސް މިކަމަށް އިންވެސްޓަރުން އެބަތިބި ކަމަށް އާތިފް ވިދާޅުވެއެވެ.

އަޅުގަނޑަށް ވޯޓް ދެއްވުން އެދެން: އާތިފް

ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ކެނޑިޑޭޓް ނަންބަރު 9 އަކަށް ވޯޓް ދެއްވުމަށް އާތިފް އެދިލައްވައެވެ. އާތިފް އަކީ ސަރުކާރުގެ މައި ޕާޓީގެ ކެންޑިޑޭޓެވެ. ލާމަރުކަޒީ ކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ ޕާޓީއިން ކުޅުދުއްފުށި ސިޓީ މޭޔަރުކަމަށް ނުކުތީ އެހެންވެގެންކަމަށް އާތިފް ވިދާޅުވެއެވެ. ކުޅުދުއްފުށި ސިޓީ މޭޔަރު ކަމަށް ހޮވިއްޖެނަމަ ޤާނޫނުން ލިބިދޭ ބާރު ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށާއި ސިޓީއަށް ލިބިދޭ ހުރިހާ ހައްގެއް ޤާނޫނުގެ ތެރެއިން ހޯދާނެކަމަށްވެސް އާތިފް ވިދާޅުވެއެވެ.

އިންތިހާބުގެ ފަހުގެ ތައްޔާރީތައް ވާއިރު އާތިފްއަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި މެދު ފުރިހަމަ ޔަގީންކަން އެބަ އޮތެވެ. ކުޅުދުއްފުށި ސިޓީގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެރައްޔިތުން ކައިރިން އާތިފް އެދެނީ ވޯޓު ދެއްވައި އެފުރުސަތު ދެއްވުމެވެ. ސާބިތުކަމާއި އެކު އިޚްލާސްތެރިކަމާއި އެކު ކުޅުދުއްފުށި ސިޓީގެ ފުރަތަމަ "މޭޔަރު" ގެ ގޮތުގައި ޚިދުމަތްކޮށްދިނުމަށް އާތިފް ހުރީ ތައްޔާރަށެވެ.

ނޯޓް: މިލިޔުމަކީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "ތިލަދުން" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ލިޔުމެކެވެ.

ހިއްސާ ކުރައްވާ!