ރޯމާ އަތުން މިލާނަށް މުހިންމު މޮޅެއް، ޔުވެންޓަސްއާއި ނަޕޯލީ މެޗު އެއްވަރު

photo_2022-01-07_11-53-46

އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކުރިއިރު، ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ބްރާސްފަތި ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު، އެ ޓީމުން ރޯމާގެ މައްޗަށް ކުރި ހޯދާފައި ވަނީ  3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ މިލާނުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީ މިލާނަށް ލީޑު ނަގައިދިނީ އޮލިވަ ޖިރޫޑެވެ. މިލާނަށް މި ޕެނަލްޓީ ލިބިފައި ވަނީ ރޯމާގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ޓެމީ އަބްރަހަމްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުނެނެވެ.

މެޗުގެ 17 ވަނަ މިނެޓުގައި މިލާނުގެ ޖޫނިއާ މެސާއީ ލަނޑުޖަހައި އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ހޯދައިދިން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާއިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. ރޯމާއަށް ލަނޑު ޖަހައިދީފައި ވަނީ 40 ވަނަ މިނެޓުގައި ޓެމީ އަބްރަހަމްއެވެ.

މެޗުގައި ރޯމާއިން ތަނީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައި ވަނީ މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމްގެ ރިކް ކާސްޑްރޮޕްއަށް ދެވަނަ ރީނދޫކާޑާއިއެކު ރަތް ކާޑު ދެއްކުމުންނެވެ.

މިލާނުން ތިނަވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އިބްރަހިމޮވިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަފެއިލް ލިއޯއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި ރޯމާގެ މަންޗީނީ އެ ޓީމްގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން، ރެފްރީ ވަނީ މިލާނަށް ޕެނަލްޓީއެއް ދީފައެވެ. އެ ފައުލާއި ގުޅިގެން މަންޗީނީއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުން ރޯމާއިން މެޗު ނިންމާލާފައި ވަނީ ނުވަ ކުޅުންތެރުންނާއި އެކުއެވެ. މިލާނަށް ލިބުނު ޕެނަލްޓީ އިބްރަހިމޮވިޗް ފޮނުވާލި ނަމަވެސް ރޯމާގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ އެ ޕެނަލްޓީ ދިފާއު ކޮށްފައެވެ.

ބްރާސްފަތި ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި، ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ނަޕޯލީންނެވެ. މި ލަނޑު 23 ވަނަ މިނެޓުގައި ޕޮލިޓާނޯ ތަނަވަސް ކޮށްދިން ފުރުބަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑްރިސް މާޓެންސްއެވެ. ފުރަތަމަ ހާފު ނަޕޯލީން ލީޑުގައި އޮވެ ނިންމާލި ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްގެ ކިއޭސާ ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ނަތީޖާތަކާއިއެކު މިލާން ވަނީ އެއްވަނާގައި އޮތް އިންޓަ މިލާނާއި އެއް ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ. އިންޓައަށް 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، މިލާނަށް ވަނީ 20 މެޗުން 45 ޕޮއިންޓް ލިބިފައެވެ. ރޭގެ މެޗުން ބަލިވި ރޯމާ މިވަގުތު އޮތީ ތާވަލުގެ 7 ވަނާގައެވެ. ޕޮއިންޓް ތާވަލުގެ ތިންވަނާގައި 20 މެޗުން 40 ޕޮއިންޓް ހޯދައިގެން ނަޕޯލީ އޮތްއިރު، 20 މެޗުން 35 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ 5 ވަނާގައި އޮތީ ޔުވެންޓަސްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.