ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ

Kela Kandoofa

ހއ. ކެލާ ކަނޑޫ ފަލުން ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ކެލާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެރަށު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫ ގަސްތައް ނަގާ އަލުން ކަނޑޫ ގަސްތައް އިންދުމަށްޓަކައި މިހާރު ހުރި ހިކި ކަނޑޫގަސްތައް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި ކަނޑޫ ގަސްތައް ވިއްކުމަށް ނިންމާފައިވަނީ އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ "ކަނޑޫފާތައް ބެލެހެއްޓުމުގައި ކައުންސިލުން ސަމާލުކަންދީ އަދި މަރުވެފައިވާ ކަނޑޫ ގަސްތަކާއިމެދު އަމަލުކުރަންޖެހޭ އުސޫލް" ގެ ދަށުންނެވެ.

އެގޮތުން ކަނޑޫ ގަހުގެ ވަށަމިނުގައި 10cm ހަމަނުވާ ގަސްތައް ހިލޭ ދިނުމަށް ހަމަޖެހިފައި ވާއިރު ވަށަމިނުގައި 10 އަކާއި 20 ދެމެދު cm ހުންނަ ގަސްތައް ވިއްކަން ހަމަޖެހިފައިވަނީ 15 ރުފިޔާއަށެވެ. އަދި ވަށަމިނުގައި 20 އާއި 30 އާ ދެމެދުގެ ކަނޑޫ ގަސްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 10 ރުފިޔާއަށެވެ. މީގެ އިތުރަށް ވަށަމިން އިތުރުވާ ގަސްތަކުން ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ cm އަކަށް 50 ލާރި އިތުރުވާ ގޮތަށެވެ.

އެ ކައުންސިލުން ވަނީ ކަނޑޫ ގަސް ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމް ހުށައެޅުމަށް އެދިވަޑައިގެންފަ އެވެ. އަދި މިއަދުން ފެށިގެން 6 މަސް ދުވަހުގެ ނިޔަލަށް އެއްވެސް ފަރާތަކުން ކަނޑޫ ހޮވުމަކީ މަނާކަމެއްކަން ރައްޔިތުންނަށް ވަނީ ހަނދާން ކޮށްދެއްވާފަ އެވެ.

މިދިޔަ އަހަރު ކެލާގެ ކަނޑޫފާއިން ވަނީ ދުނިޔޭން ނެތެމުންދާ މެންގްރޫވް ގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" ކިޔާ ކަނޑުލުގެ އާއިލާއަށް ނިސްބަތްވާ ގަހެއްވެސް ފެނިފަ އެވެ.

ކެލާ ކަނޑޫފާ ހިމެނޭ ސަރަހައްދަކީީ، ގުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައަޅާ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މުޅި ރަށުގެ ބޮޑުމިނުގައި 212 ހެކްޓަރ ހުންނަ އިރު ރަށުގައި އުފެދިފައިވާ ޗަސްބިމުގެ ބޮޑުމިނުގައި 22 ހެކްޓަރ ހުރެއެވެ.

މިސަރަހައްދަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ޢަދަދަކަށް ކަނޑޫގަސް ފެންނަ ސަރަހައްދެވެ. މި ޗަސްބިމަކީ ޤުދުރަތީގޮތުން ޚާއްސަ މުއްސަނދިކަމެއް ލިބިފައިވާ، ރަށުގެ ތާރީޚާއި ގުޅުން ހުރި ޗަސްބިމެކެވެ. މިގޮތުން، މިރަށުގެ ކަނޑޫފަލުން ލިބެންހުރި ކަނޑޫ، ދެވަނަ ބޮޑުހަނގުރާމައިގައި ރާއްޖެއަށް ކުރިމަތިވި "ބޮޑުތަދު" ގައި ކެލާ އަދި ކައިރީގައިވާ ރަށްތަކުން ކާނާގެ ގޮތުގައި ބޭނުންކުރިއެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ކެލާއާ، އިންވެގެން ހުރި ރަށްތަކަށް ކާނާގެ ރައްކާތެރިކަން ކަށަވަރުވެފައިވިއެވެ.

މިހާރު ވެސް މަދުމަދުން ކަނޑޫ ކެއުމަށް ބޭނުން ކުރަމުން ދެއެވެ. މީގެ އިތުރުން ކެލާ ޗަސްބިމުގައި ވަރަށް ބިޔަކޮށް ހެދިފައިވާ، 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުއްޅަވައްގަހެއް ވާކަން ފާހަގަކުރެވެއެވެ. ވަޒަންވެރިވެގެން އުޅޭ އަދި ހިޖުރަކުރާ ދޫނި މިސަރަހައްދުން ގިނަ ޢަދަދަކަށް ފެނެއެވެ. މިގޮތުން ކުޅީކުކުޅުގެ ބޮޑު އާބާދީއެއް މިސަރަހައްދުގައި ވަޒަންވެރިވެގެން ދިރިއުޅެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ދޫނިތަކުގެ ތެރެއިން މާކަނާ، އިރުވާހުދު، ކަނބިލި، ރާބޮނދި އަދި ކޮވެލި މިސަރަހައްދުގައި ދިރިއުޅެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި