ހޯރަފުށީ އެއާޕޯޓް ފާލަން އެޅުމަށް ހޯރަފުށީ ކައުންސިލްގެ ރުހުން ނުހޯދާތީ ސައްލެގެ ނުރުހުން

Ahmed Saleem-Salle-MP

ހއ. ހޯރަފުށީ އެއާޕޯޓަށް ލަފާފުރުމަށް އަޅާ ފާލަން އެޅުމުގައި ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް ހޯރަފުށީ ކައުންސިލްގެ ރުހުމާއި، ލަފާހޯދައި، އެ ޤާނޫނުގައި ބުނާ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވޭތޯ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ސުވާލު ކުރަށްވައިފިއެވެ.

ސައްލެގެ މިއަދު މި ސުވާލު ކުރެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއާއި އެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ހޯރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް އަރާފޭބުމަށް އެޅުމަށް ނިންމާފައިވާ ފާލަމުގެ މަސައްކަތް ނުފެށި ލަސްވާތީ އެ މަސައްކަތް ގޮސްފައިވާ އޮތް ހިސާބެއް އޮޅުން ފިލުވުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވަނީ ސުވާލު ކުރަށްވާފައެވެ.

އެ ސުވާލާއިގުޅިގެން އިތުރު ސުވާލު ކުރުމުގެ ވަގުތުގައި ފުރުސަތު ހޯއްދަވައި ސައްލެ ވަނީ، މިއަދު މަޖިލީހުގައި ކުރެވުނު ސުވާލާގުޅޭ ގޮތުން ދެ ސުވާލެއް އޮތްކަމަށް ވިދާޅުވެފައެވެ.

"ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެއް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތެއް ކުރެވެމުންދާ ވާހަކަ ވިދާޅުވެއްޖެ، ވަޒީރުގެ އެޓެންޝަން އަޅުގަނޑު ބޭނުންވޭ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ޤާނޫނުގެ ދެ މާއްދާއަކަށް، ފުރަތަމަ މާއްދާއަކީ 23 ވަނަ މާއްދާގެ ޓ، ދެވަނަ މާއްދާއަކީ 68 ވަނަ މާއްދާގެ ހ، މި ދެ މާއްދާގެ ދަށުން ހޯރަފުށީ އިހްތިސާސްގެ ތެރޭގައި ކަމެއްކުރާއިރު، ޤަބޫލުކުރަން އެއާޕޯޓަކީ އިހްތިސާސުން ބޭރުކަން، އެހެންނަމަވެސް ޖެޓީގެ ބަޔަކާއި، ތި ދެއްނެވި ޗެނަލްގެ ބައެއް ހޯރަފުށީގެ އިހްތިސާސްގެ ދަށަށް އަންނައިރު މި ގާނޫނުގައި ބުނާގޮތުން ކަމެއް ކުރެވޭނީ ކައުންސިލްގެ ރުހުން އަދި ލަފާ އޮވެގެން، އެކަން އެ ގޮތަށް ކުރަށްވައިފިންތޯ،" ސައްލެ ސުވާލުކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ސައްލެ ފާހަގަކުރެއްވި ކަންތައް ޤާނޫނުގައި އޮތީ އެ ގޮތަށްކަން ޤަބޫލުފުޅު ކުރަށްވާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރު ފާހަގަކުރެއްވި މައްސަލާގައި އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑު ޤަބޫލު ކުރަން ޤާނޫނުއަސާސީގެ ތިޔަ ފާހަގަކުރެއްވި ކަންތައް، އެހެންނަމަވެސް އަޅުގަނޑު ޤަބޫލު ކުރަނީ ރައީސުލްޖުމްހޫރިއްޔާ ސިޔާސަތެއްގެ ގޮތުގައި، މަސައްކަތެއްގެ ގޮތުގައި ކަމެއް ކަނޑައަޅުއްވާފައި ވަޒީރަކާ އެކަމެއް ހަވާލުވެއްޖެނަމަ އެ މަސައްކަތެއް ކުރިއަށް ގެންދަންޖެހޭނެކަމަށް، އެހެންވީމަ އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ ތަރަހައިގެތެރެއިން ވިދާޅުވިކޮންމެ ކަމެއްކުރަން ހުވައެއްކޮށްގެންހުރި މީހެއް، އެހެންވީމާ ސިޔާސަތެއް ކަނޑައެޅި އެ ސިޔާސަތެއް އަޅުގަނޑާއި ހަމައަށް އައުމުން އެ މަސައްކަތެއް އަޅުގަނޑު ކުރާނެ ވާހަކަ ދަންނަވަން،" ޖަވާބުގައި މިނިސްޓަރު ވިދާޅުވިއެވެ.

އޭގެފަހުން ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަން މިނިސްޓަރު ތެދުވެވަޑައިގަތުމުމުން ސައްލެ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އޭނާ މިނިސްޓަރު ނަހުލާއާއި ކުރެއްވި ސުވާލަށް ޖަވާބުލިވަޑައިނުގަންނަވާކަމަށް ވިދާޅުވެ، އެ ސުވާލަށް ޖަވާބު ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.

ސައްލެ ނިޒާމީ ނުކުތާއެއް ނެންގެވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސައްލެ ނިޒާމީ ނުކުތާ ފާހަގަކޮށް، ވަޒީރުންނާއި ސަރުކާރުން ވެސް މަސައްކަތްތައް ހިންގަންވާނީ ލާމަރުކަޒީ ގާނޫނުގެ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ފާހަގަ ކުރަށްވާފައެވެ. އަދި މިނިސްޓަރު ނަހުލާ ދެއްވި ޖަވާބު އެމަނިކުފާނަށް ސާފުވެވަޑައިގަތްކަމަށް ވެސް މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދެވަނަ ފަހަރަށް ފާހަގަކުރެއްވި ނުކުތާއަށް ދެންވެސް ދަންނަވާލަން އޮތީ ކުރިން ވެސް އަޅުގަނޑު ދެންނެވިޖަވާބު، އަޅުގަނޑު ޤަބޫލުކުރާގޮތުގައި މި ޢިއްޒަތްތެރި މަޖިލީހުގެ އިއްޒަތްތެރި ރައީސަށް އެ ޖަވާބު ސާފުވެވަޑައިގަތީ އަޅުގަނޑަށް ޖަވާބު ރަނގަޅަށް ދެވުނީމަކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އިތުރަށް އެކަމުގެ ތަފްސީލެއް އޮތްނަމަ އަޅުގަނޑަށް ލިޔުމުން ޢިއްޒަތްތެރި މެންބަރަށް އެރުވިދާނެކަމަށް އަޅުގަނޑު ފާހަގަކޮށްލަން" ސައްލެގެ ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓް ފާލަމުގެ މަސައްކަތް ލަސްވާތީ ކުރި ސުވާލަށް ތަފްސީލީ ޖަވާބެއް

ސައްލެ ސުވާލުގައި ފާހަގަ ކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ޓ)ގައި ބުނެފައި ވަނީ "ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ރަށުގެ ފަރާއި، ފަރު ފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން" މިހެންނެވެ.

އަދި އެ ޤާނޫނުގެ 68 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ، "އަތޮޅު ކައުންސިލުން ނުވަތަ ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިންގާ އިދާރާތަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތަކުން އިދާރީ ދާއިރާއެއްގައި އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން ކަމާބެހޭ ކައުންސިލްތަކާއެކު މަޝްވަރާކުރަންޖެހޭނެއެވެ. މިގޮތުން ކުރެވޭ މަޝްވަރާތަކުގައި ރަށާއި އިދާރީ ދާއިރާގައި ހުންނަ އެކަމާގުޅޭ އެންމެހައި މުއައްސަސާތައް ބައިވެރިވުމަށް ފުރުސަތު ދޭންވާނެއެވެ." މިފަދައިންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިޔައީ ދޮގު ހަބަރެއް.. ސައްލެ ކަންބޮޑުވުން ފާޅުކުރީ ޖެޓީއަކާ ހެދިއެއް ނޫން، ޖެޓީއަޅާފަ ހޯރަފުށީ ފަޅުތެރެއިން ކެނަލް އެއް ކަނޑާތީ އެ ކެނަލް ކެނޑުމުގަ ކައުންސިލުގެ ހުއްދަ ނުހޯދާތީ.. ޤާނޫނުގަ އޮންނަނީ އިޙްތިސޯސްގެ ތެރެއިން އެފަދަ ކަމެއް ކުރާނަމަ ކައުންސިލުގެ ހުއްދަ ހޯދަންޖެހޭކަމަށް.. އެ ކެނަލް ކެނޑުމަށް ކައުންސިލުން ހެދި އީއައޭ އަށް ބިނާކޮށް ހުއްދަ އީޕީއޭއިން ހުއްދަ ނުދިން ވާހަކަ މިނިސްޓަރު މިއަދު ބުނި.. ތިލަދުން ނޫހަކީ އަބަދުވެސް މެންބަރު ސައްލެއާ ހޯރަފުއްޓަށް ޒާތީކޮށް ޚަބަރު ފަތުރާ ފިތުނ

  2. ރައްޔިތުމީހަ އުޅޭތަނުގެ އަސާސީބޭނުންތައް ހާސިލްނުވެ އަދި ވަޒިފާއެއްގެ މިންވަރުވެސްނެތް އެތަށް ރައްޔިތުންދިރިއުޅޭ ދެހާހުން މަތީގެ އާބާދީގެ ރައްޔިތުން މިރާއްޖޭގައިވެސް އުޅެމުންގެންދާއިރު ލޯބޯފިއްސާއިގެން ސިމެންތިގަށާ، ރާނައިގެން މަހެއްގެ މަށްޗަށް ފަސްހާސް ރުފިޔާ ނުލިބޭ އެތަށް ބަޔަކު ދިރިއުޅެމުންގެންދާ އިރު ފާޚާނާ ޖަންގުސަން ބެދުމާއި، ސިއްހީފަރުވާގެ ފަގީރުކަމާއި، ދަތުރުފަތުރުގެ ލުއިފަސޭހަކަން ނުލިބުމާއި ސަރުކާރުގެ ވަޒީފާ ނުވަތަ ދަނޑުވެރިކަމުންލިބޭ މަދު އެތިކޮޅުގެ ހަމައަގު ނުލިބި ބިކަވާ ރައްޔިތުން އިތުރަށް ބިކަވެދަނީ… ވަޒީފާއޮތްރަށްރަށަށް ވަޒީފާވެސް، ތަރައްޤީވެސް އަސާސީ ފުދުންތެރިކަންވެސް…. ވޯޓް އެކަމަކު ހުރިހާ ރައްޔިތުންލާންޖެހޭ ޓެކްސްތައްވެސް ނަގަންޖެހޭ… ކީއްކުރާނި ރަށުދާއިރާ ތަމްސީލްކުރާ މެެމްބަރަކުވެސްހުރޭ….

Leave a Reply to ނައިކް ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި