އޯޓިޒަމް ތަަހައްމަލު ކުރަމުން އަންނަ ތަކަންދޫ އަހުޒާމް، ހާފިޡް ކަމުގެ ސަނަދު ހޯދުމަށް ކުރި ދަތުރު!

Ahuzaam

ދަރިއަކު ޤުރުއާން ހިތުދަސް ކުރުމަކީ މައިންބަފައިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހަމައެހެންމެ އެއީ އެ އާއިލާއަކަށް ވެސް އުފާވެރިކަން ގެނުވާނޭ ކަމެކެވެ.

ހއ. ތަކަންދޫ ކަސްތޫރިވިލާ އަހުމަދު އަހުޒާމް މުހައްމަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެކެވެ. އުމުރުން މިހާރު 20 އަހަރު ފުރިފައިވާ އަހުޒާމްއަކީ އޯޓިޒަމްގެ ސަބަބުން ދިރިއުޅުމުގައި އެހެން މީހުންނާއި ބޮޑެތި ތަފާތުތަކެއް ހުރި ފަރާތެކެވެ. ނަމަވެސް މި އަހަރު އަހުޒާމްވަނީ ޤުރުއާން ހިތުދަސްކޮށް ދިވެހިރާއްޖޭގެ ޤުރުއާނާއި ބެހޭ މަރުކަޒުން ދޭ ހާފިޡް ކަމުގެ ސަނަދު ހާސިލް ކޮށްފައެވެ. އޭނާ ފާސްވެފައި ވަނީ ތިންވަނަ ދަރަޖައިންނެވެ.

އޯޓިޒަމްގެސަބަބުން ވާހަކަ ދައްކައި މުވާޞަލާތު ކުރުމާއި، އިޖުތިމާޢީ ގުޅުންތަކުގެ އިތުރުން ތަފާތު ހުނަރުތަކަށް ވެސް ހުރަސްއަޅާ ބައްޔަކަށް ވުމުން، އަހުޒާމްގެ ފަރާތުން ވެސް އުމުރުން ހޭދަވި ވިހި އަހަރު ދުވަހު ވެސް އެކަންކަން ދިޔައީ ފެންނަމުންނެވެ. މިކަމަކީ ސީދާ ފަރުވާއެއް ނެތް ކަމަކަށް ވުމުން، އޯޓިސްޓިކް ކުއްޖެއް ޤުރުއާން ހިތުދަސްކޮށްފި ކަމުގެ މަޢުލޫމާތު ކަންފަތުގައި ޖެހުމާއިއެކު އެކަން ހާސިލްކުރިގޮތް އޮޅުންފިލުވާލުމުގެ ޝަޢުޤެއް ގިނަބަޔަކު ހިތުގައި އޮތުމަކީ ގާތްކަމެކެވެ.

އެ އާއިލާގައި އަހުޒާމްގެ އިތުރުން ދެ ކުދިން ތިބެއެވެ. އެއީ އަންހެން ކޮއްކޮއަކާއި ބޭބެއެކެވެ. އަހުޒާމްގެ މަންމަ ނާހިދާ އަލީ ވަނީ ވަރަށް ތަފްޞީލްކޮށް އަހުޒާމް ޤުރުއާން ހިތުދަސް ކުރުމާއި ގުޅުންހުރި ގިނަ ވާހަކަތަކެއް "ތިލަދުން" އާއި ހިއްސާ ކޮށްފައެވެ.

އަހުޒާމްއަކީ އޯޓިޒަމް ކުއްޖަކަށް ވުމުން، ވާހަކަ ދެއްކުމުގައި އޭނާއަށް ބޮޑެތި ދަތިތަކެއް ހުއްޓެވެ. ވުމާއެކު އޭނާ ވެފައި ވަނީ ވަރަށް ބަސްމަދު ކުއްޖަކަށެވެ. ނަމަވެސް ކޮންމެ ރެޔަކު ނިދަން އޮއްތާލާ ވަގުތަކީ އަހުޒާމް ވަރަށް ވާހަކަ ދައްކާ ވަގުތެކެވެ. އެ ގަޑީގައި ކުރިއަށް އޮންނަ ދުވަހު ދާނެ ތަންތަނާއި ކުރާނެ ކަންކަމާއި ކާން ބޭނުންވާ ތަކެތި ވެސް މަންމައާއި ހިއްސާ ކުރާނެއެވެ. މީގެ އިތުރުން އެ ދުވަހެއްގައި ސްކޫލުގައި ނުތަނަވަސްވާފަދަ ކަމެއް ދިމާވެފައި އޮތް ނަމަވެސް އެ ކަމެއް ވެސް ހިއްސާ ކުރާގަޑިއަކީ ވެސް އެއީއެވެ.

ނާހިދާ ބުނެފައިވާ ގޮތުގައި އެންމެ ކުޑައިރުން ފެށިގެން ވެސް ދަރިފުޅަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭން އައީ މަސައްކަތް ކުރަމުންނެވެ. ދަރިފުޅަކީ އޯޓިޒަމް ކުއްޖަކަށް ވުމުން އޭނާ ލައްވައި ކުރުވަން ބޭނުން ކޮންމެ ކަމަކީ ކުރެވޭ ކަމަކަށް ނުވެއެވެ. މިގޮތުން ޤުރުއާން އުނގަންނައި ނުދެވިފައި އޮތީ ވެސް އެކަމަށް ދަރިފުޅުގެ އެއްބާރުލުން އޭރު ނުލިބޭތީއެވެ. ޤުރުއާން ދަސްކޮށްދިނުމަށް އެކި ދުވަސްވަރުމަތިން ޤުރުއާން ކުލާހަކަށް ފޮނުވޭތޯ ވެސް މަސައްކަތް ކުރި ނަމަވެސް އެކަން ވެސް ދަރިފުޅުގެ އެއްބާރުލުން ނުލިބޭތީ އޮތީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އަހުޒާމްއަކީ ތަފާތު އަޑުތަކުގެ ސަބަބުން އުނދަގޫވާ ކުއްޖަކަށް ވުމުން އެ އާއިލާއިން އޭނާ ގޭގައި އުޅޭ އެއްވެސް ވަގުތެއްގައި ޓީވީ ވެސް ބަލައި ނުހަދައެވެ. ސަބަބަކީ ޓީވީގެ އަޑުތަކުގެ ސަބަބުން އޭނާއަށް އުނދަގޫކަން ތަހަންމަލު ކުރަންޖެހުމެވެ.

މީގެ ހައެއްކަ އަހަރުގެ ކުރީގެ ދުވަހެކެވެ. އަހުޒާމް ސްކޫލުން އައިސް އަމިއްލައަށް ޓީވީ ހުޅުވާލިއެވެ. އެ ވަގުތު ޓީވީ އިނީ ޕީސް ޓީވީ ޗެނަލްގައެވެ. ދައްކަމުންދިޔައީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކްގެ ދަރުސްއެކެވެ. އެ ދުވަހުން ފަށައިގެން ޤަވައިދުން އެ ޗެނަލްބަލަން ފެށިއެވެ. އެ ޗެނަލް ބަލަމުން ގޮސް، އެ ޗެނަލް މެދުވެރިކޮށް ދަސްވި ދަރުސްތަކުގެ ބައިބައި ގޭތެރޭގައި އަމިއްލައަށް ދަރުސް ހުށަހަޅާފަދަ ގޮތަކަށް ކިޔަން ފެށިއެވެ. ނާހިދާ ބުނެފައިވާ ގޮތުގައި ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުންނަ ދަރިފުޅު އެފަދަ ގޮތަކަށް ވެސް ވާހަކަ ދައްކާތީ ބޮޑު ހިތްހަމަ ޖެހުމެއް އެކަމުން ލިބިގެން ދިޔައެވެ.

ކުޑަ ދުވަސްކޮޅެއް ފަހުން އަހުޒާމް ޓީވީން ބަލާ ލިސްޓަށް ދެ ޗެނަލް އިތުރުވިއެވެ. އެއީ އަލްޤުރުއާން އަދި ސައުދީ ޤުރުއާނެވެ. މި ތިން ޗެނަލް ޤަވާއިދުން ބަލަމުން އަންނަތާ ދުވަސްތަކެއް ފަހުން، އަހުޒާމް ގޮވައިގެން އިތުރު ފަރުވާއަށް ތުރުކީއަށް ގޮސް ފަރުވާގައި އުޅުމުގެ ތެރޭގައި އަހުޒާމް ޤުރުއާންގެ ސޫރަތްތަކުގެ ތަރުތީބާއި އެ ސޫރަތްތަކުގެ އާޔަތްތަކުގެ އަދަދާއި މައްކީ ސޫރަތްތަކާއި މަދަނީ ސޫރަތްތައް ފަދަ މަޢުލޫމާތުތައް އަމިއްލައަށް ކިޔަންފެށިއެވެ. އަހުޒާމް އެ ކިޔަނީ ރަނގަޅަށްތޯ އާއިލާއިން ޗެކްކުރިއިރު އެ މަޢުލޫމާތުތައް ކިޔަނީ ރަނގަޅަށް ކަން ފާހަގަ ކުރެވުނެވެ.

ޗެނަލަތަކުން ޤުރުއާން ބަލައި އުޅެން ފެށުމުން އެއީ ދަރިފުޅަށް ޤުރުއާން އުނގަންނައިދޭން އެންމެ ރަނގަޅު ވަގުތުކަމަށް ނާހިދާއަށް ވިސްނުނެވެ. ވުމާއެކު ދަރިފުޅަށް ޤުރުއާން ކިޔަވައިދޭން މަސައްކަތް ފެއްޓިއެވެ. މަސައްކަތް ފެށުމާއިއެކު ޤުރުއާން ކިޔަވަން އެނގޭކަމުގައި މަންމަ ގާތުގައި އޭނާ ބުންޏެވެ. ނާހިދާއަށް އެކަން ޤަބޫލްކުރަން ވެސް ދަތިވިއެވެ. ސަބަބަކީ ފާއިތުވި ތަނުގައި ޤުރުއާން ކިޔަވަން ދަސްކޮށްދޭން ކުރެވުނު މަސައްކަތް ކުރިއަށް ނުގެންދެވިފައި އޮތުމެވެ.

ޤުރުއާން ކިޔަވަން އެނގޭކަމުގައި ބުނުމުން ދަރިފުޅު އަތަށް ޚަތީމް ދިނުމަށް ފަހު ކިޔަވަން ބުނުމުން ބަލައިގެން ރަނގަޅަށް ޤުރުއާން ކިޔަވަން ފެށިއެވެ. ބަލައިގެން ކިޔަވަން ދަސްކުރަން މަސައްކަތެއް ނުކޮށް އެ ޗެނަލްތަކުން ޤުރުއާންބަލައި އަޑުއަހައިގެން އެހާ ރަނގަޅަށް ކިޔަވަން ދަސްކުރިކުރުމަކީ އެ އާއިލާއަށް ވެސް ހައިރާންކަން ގެނުވި ކަމެކެވެ. ހަމައެކަނި ބަލައިގެން ކިޔާކަށް ނޫނެވެ. ގިނަ ސޫރަތްތަކެއް އޭރު އަހުޒާމް ވަނީ ހިތުން ވެސް ދަސްކޮށްފައެވެ.

އެ ހިސާބުން ފަށައިގެން އަހުޒާމްއަށް ޤުރުއާން އެއްކޮށް ހިތުން ދަސްކޮށްދިނުމަށް އެ އާއިލާއިން މަސައްކަތް ފެށިއެވެ. މިގޮތުން 2017 ވަނަ އަހަރު ގަލޮޅު މަދަރުސާގެ ހިފްޡު ކުލާހަށް ގެންދަން ފެށިއެވެ. އެއަށްފަހު ޤުރުއާނާބެހޭ މަރުކަޒުގެ ހިފްޡު ކުލާހަށް ދުވަސްތަކެއް ވަންދެން ގެންދިޔުމަށްފަހު ދިމާވި ބައެއް ދަތިކާއި ގުޅިގެން މެދުކަނޑާލަން ޖެހުނެވެ. މެދުކެނޑުމަށްފަހު އަލުން ކުލާހަށް ގެންދަން ފެށިފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

އަހުޒާމަށް ޤުރުއާން އެއްކޮށް ހިތުދަސްވުމާއި ދާދިގާތްވެފައި ވަނިކޮށް ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައުމާއި ގުޅިގެން ޤުރުއާނާއިބެހޭ މަރުކަޒު ވެސް ބަންދުވެ އެކަން އަނެއްކާ ވެސް މަޑުޖެހުނެވެ. އެއަށްފަހު ކަންކަން ހަމައަކަށް އެޅި މި އަހަރުތެރޭގައި ހިފްޡު ކޮމެޓީއަށް ހުށަހެޅައި އަހުޒާމްއަށް ވަނީ ޤުރުއާން ހިފްޡު ކަމުގެ ސަނަދު ހާސިލް ކޮށްފައެވެ.

އަހުޒާމްގެ މަންމަ ފާހަގަ ކޮށްފައިވާ ގޮތުގައި ކުރިއާއަޅާ ބަލާއިރު އޯޓިޒަމް ކުދިން މުޖުތަމަޢުން ބަލައިގަންނަ މިންވަރު މިހާރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިހާރު ސްކޫލްތަކުން ވެސް އެކުދިންނާއި ދޭތެރޭ ބަހައްޓާ ގާތްކަމާއި ދެއްވާ އެއްބާރުލުން ނާހިދާ ފާހަގަ ކުރަނީ ޝުކުރުވެރި ކަމާއި އެކުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި