ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

Rasfari

ކ. ރަސްފަރި ފަރަށް އުރުނު ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ އޯގަސްޓް މަހުތެރޭ ކ. ރަސްފަރީގެ ފަރަށް "އެމް.ވީ ނެވިއޯސް އެމެރައިލިސް" ނަމަކަށް ކިޔާ އުޅަނދު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން 100,000,000.00 (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މިފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 25 އޮކްޓޫބަރު 2021 ގައި އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.

"އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީއާއި އެމް.އެން.ޑީ.އެފް އާއި ގުޅިގެން އެ ސަރަޙައްދު ބަލައި ސަރވޭކުރެވިފައިވެއެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 8867   އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ." އީޕީއޭގެ ބަޔާނުގަ ވެއެވެ.

ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 893,952,569.83 ( އަށްސަތޭކަ ނުވަދިހަ ތިން މިލިއަން ނުވަލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވައެއް ރުފިޔާ އަށްޑިހަ ތިންލާރި) ކަމަށް އީޕީއޭއިން ބުންޏެވެ.

ނަމަވެސް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާ ޚަލާސްކުރުމަށް އަންގާފައިވާނެ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ އުފުލާ މި ބޯޓު މާލެއަތޮޅު ރަސްފަރީ ފަރަށް އުރުނީ މިދިޔަ އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު އެވެ.

3 ހެކްޓަރުގެ ރަސްފަރި ފަރަކީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި