ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ޔޫތު އެވޯޑް އުލިގަމު އަރުޝަދަށް

193604_79be43f4-9_

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން މިއަހަރުގެ ޔޫތު އެވޯޑް ހއ. އުލިގަމު، ފަހިވާ އަރުޝަދު އަޙްމާދުއަށް ލިބިއްޖެއެވެ.

މި އެވޯޑް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާއިން، އަރުޝަދު އަހުމާދު (ފަހިވާ، ހއ. އުލިގަން)

ވިޔަފާރީގެ ގޮތުން ސޮފްޓްވެއާ ޑިވެލޮޕް ކުރުމުގެ ދާއިރާއަށް އަރުޝަދު ވަދެފައި ވަނީ 2013 ވަނަ އަހަރު އޭ ލެވެލް އިމްތިހާން ނިންމުމަށްފަހު، އޭނާގެ އެކުވެރިއަކާއެކު ގެސްޓް ހައުސްއެއްގެ ވެބްސައިޓް ފަރުމާކުރުމަށް ލިބުނު ފުރުސަތަކާ ހިސާބުންނެވެ.

ވިޔަފާރި އުސޫލުން ފުރަތަމަ ހަދަން ލިބުނު ވެބްސައިޓާއި ހިސާބުން ފްރީލާންސްކޮށް ވެބް ޑިވޮލޮޕްކުރުމުގެ މަސައްކަތް އަރުޝަދު ވަނީ ފަށާފައެވެ. މިގޮތުން 2013 ވަނަ އަހަރު 3 ގެސްޓް ހައުސްއެއްގެ ވެބްސައިޓްތައް ފަރުމާކޮށްފައިވާއިރު، އަމިއްލަ ވިޔަފާރި ންފުންޏެއްގެ ވެބްސައިޓް ފަރުމާ ކުރުމުގެ އިތުރުން އެ އަހަރު ވަނީ އޮންލައިންކޮށް ކިޔަވައިދޭ ވެބްސައިޓެއް ވެސް ފަރުމާކޮށްފައެވެ.

2013 ވަނަ އަހަރުގެ ފަހުކޮޅު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ދެއްވި ސްކޮލާޝިޕެއްގައި ޔުނިވާސިޓީ އޮފް ނޮޓިހަމް މެލޭޝިޔާ ކެމްޕަސްގައި ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު އަރުޝަދަށް ލިބި، މިދާއިރާއިން ވަނީ މަތީ ތައުލީމް ހާސިލްކޮށްފައެވެ.

އަރުޝަދުގެ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި 2016 ވަނަ އަހަރު ޖަވާބު ނަމުގައި ފެށުނު ކުޑަ ވިޔަފާރިއެއް މިހާރު ވަނީ ފުޅާވެ. ކުންފުންޏަކަށް ބަދަލުވެފައެވެ. އެތަނުގައި ދާއިމީ 9 މުވައްޒަފުން މިހާރު ތިބިއިރު މިހުރިހާ މުވައްޒަފުންނަކީ ވެސް ދިވެހި ޒުވާނުންކަން ފާހަގަކޮށްލެވެއެވެ. އަދި މި ކުންފުނީގެ އަމާޒަކީ ސޮފްޓްވެއާ ޑިވްލޮޕްމެންޓްގެ ދާއިރާއަށް ދިވެހި ޒުވާނުންވެއްދުމަށް އެހީތެރިވުންކަމަށް ވަނީ ހަދާފައެވެ.

6 އަހަރުގެ ތެރޭގައި މިހާތަނަށް 40 އަށްވުރެ ގިނަ ވެބްސައިޓް ޖަވާބުން ފަރުމާކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ ތެރޭގައި ޖަވާބުގެ ދަށުން ޖަވާބު އެކަޑަމީގެ ނަމުގައި ތަމްރީން މަރުކަޒެއް ރަޖިސްޓަރީ ކުރެވި ވެބް ޑިވެލޮޕްމަންޓް އަދި ގްރެފިކްސް ޑިޒޭނިންގެ ކުރު ކޯސްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން މި އެކަޑަމީން މިހާތަނަށް 900 އަށް ވުރެ ގިނަ ދިވެހި ޒުވާނުންވަނީ ތަމްރީން ފޯރުކޮށްދީފައެވެ.

އަރުޝަދުގެ ކާމިޔާބީތަކަށް ބަލާއިރު، 2016 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ބެސްޓް އެޕް މުބާރާތުގައި އޭނާ ބައިވެރިކުރި އެޕް، އެ މުބާރާތުގެ ބެސްޓް އެޕްގެ ތެރޭގައި ހިމެނިފައިވެއެވެ. އަދި އެއަހަރު އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި އޭނާގެ އެ މަސައްކަތްތައް ދައްކާލައި، ރާއްޖެ ތަމްސީލްކުރާނެ ފުރުސަތު ލިބިގެން ދިޔައެވެ.

އަރުޝަދު ވަނީ 2016 ވަނަ އަހަރު، ޔުނިވާސިޓީ އޮފް ނޮޓިހަމްއިން ކޮމްޕިއުޓަރ ސައިންސް ކޯހުން 1 ވަނަ ހާސިލްކޮށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަތީ ދަރަޖައިގެ އިނާމް ވެސް ހާސިލް ކޮށްފައެވެ.

ކޯވިޑްގެ ހާލަތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކަށް ހިލޭ ސާބަހަށް މަސައްކަތްކޮށް ދިނުމުގެ އިތުރުން އަރުޝަދު އަންނަނީ ޒުވާނުންނާއި، ޖަމިއްޔާ ޖަމާއަތްތަކަށް ހިލޭ ފަންނީ އަދީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި