ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުން އެންމެ އުފާވީ ސްކޭޓްކުރާ ކުދިން

photo_2021-10-19_13-18-17

ހަނިމާދޫގެ މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް ތަރައްޤީ ކުރުމާއިއެކު ފެންނަން ފެށި މަންޒަރުން މި ބުނެދެނީ ހަޤީޤަތުގައި ތަފާތު ވާހަކައެކެވެ. ތަޢާރަފްވެގެން ދިޔަތަން ފެނިގެން ދިޔައީ ރަށަށް އައު ކުޅިވަރެކޭ ވެސް ބުނެވިދާނެއެވެ.

މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގާލުމުން ހަނިމާދޫގައި ސްކޭޓްކުރާ މަދު ކުއްޖަކު ފެނިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކުޅިވަރެއްގެ ގޮތުގައި ހަނިމާދޫގެ ޅަ އުމުރުގެ ކުދިންގެ ތެރޭގައި އެ ކުޅިވަރު އޭރު ނެތޭ ބުނެވިދާނެއެވެ.

ކޮންމެ ދުވަހަކު ހަވީރު ހަނިމާދޫގެ ތާރުއެޅި މަގުތަކަށް ނުކުމެލުމުން ބައެއް ސަރަހައްދުގައި ކުދިން ގްރޫޕް ހަދާފައި ސްކޭޓް ކުރުމުގައި އުޅޭތަން ފެނެއެވެ. އުމުރުން ހައަހަރާއި ތޭރަ އަހަރާއި ދެމެދުގެ ކުދިން މި ކުޅިވަރުގެ ތެރޭގައި އުޅޭއިރު، އޭގެ ތެރޭގައި އަންހެން ކުދިން ވެސް ހިމެނެއެވެ.

އެކިކުދިން އެކިފެންވަރުގެ ސްކޭޓްކުރާ ސާމާނު ގެންގުޅޭއިރު، ޔަޤީންވާ އެއްކަމަކީ އެ ތަކެއްޗަކީ އެ ކުދިން އަމިއްލައަށް ހޯދައިގެން އުޅޭތަކެތި ނޫންކަމެވެ. އެ ކުދިންގެ އާއިލާއިން ހޯދައިދީފައިވާ ތަކެތިކަމެވެ. ކުދިންގެ ޝަޢުޤާއެކު އެ ކުޅިވަރުން އެ ކުދިންނަށް ކުރިއަށް ދިއުމުގެ ފުރުޞަތު ހޯދައި ދިނުމަކީ އާއިލާގެ ވިސްނުން ކަމަށް ވުމަކީއެކަށީގެންވާ ކަމެކެވެ.

ނަމަވެސް މީގައި ވަށައިގެންވާ ކަންތައްތަކަށް މިހާރު މިވަނީ ވިސްނަން ޖެހިފައެވެ. ތާރުއެޅި މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން ވެސް އިތުރުވެފައި ވުމާއިއެކު މަގުމަތީ ސްކޭޓް ކުރުމަކީ އޭގެން ހިތާމަވެރި ނަތީޖާއެއް ވެސް ނުކުމެދާނޭ ކަމެކެވެ.

"ތިލަދުން" އާއި ވާހަކަ ދައްކަމުން ދަރިފުޅަށް ސްކޭޓްކުރަން ދަސްކޮށްދީ އެކަމުން ދަރިފުޅު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ އާމިރް އިބްރާހިމް ބުނެފައިވަނީ ދަރިފުޅު ސްކޭޓް ކުރުމަށް ޝަޢުޤުއުފެދި އެކަން ދަސްކޮށްގެން އުޅޭތާ ހަތަރު ފަސް އަހަރެއް ވެދާނެ ކަމަށެވެ. ނަމަވެސް އޭރުގައި ސްކޭޓް ކުރަން ބޭނުންނަމަ ބަނދަރުގައި ހަދާފައި ހުންނަ ސްޓޭޖް މައްޗަށް ގޮސް އުޅޭ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ކުޑަކުޑަ ތަންކޮޅަކަށް ވުމުން އެކަން އެކަށީގެންވާ ގޮތެއްގައި ނުކުރެވޭ ކަމަށެވެ.

އާމިރު ބުނެފައިވާ ގޮތުގައި މަގުތަކުގައި ތާރުއަޅަން ފެށުމުން، ތާރު މަތީގައި ސްކޭޓް ކުރަން ފަސޭހަވާނެކަން ދަރިފުޅަށް ވެސް އެނގޭތީ އެކަމާއި ދަރިފުޅު ވަރަށް އުފަލުން ހުރި ކަމަށެވެ. ނަމަވެސް އެ ދުވަހު ވެސް މަގުމައްޗަކީ ސްކޭޓް ކުރަން ރައްކާތެރި ތަނެއް ނޫންކަން ދަރިފުޅަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް މަގުމަތީ ސްކޭޓްކުރާ ކުދިން އިތުރުވުމާއި އެކު ދަރިފުޅަށް އެ ފުރުޞަތު ބަންދު ކުރުންވެފައި ވަނީ ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

ދަރިފުޅު މަގުމަތީ ސްކޭޓް ކުރަންއުޅޭނަމަ އާންމުކޮށް ދަރިފުޅުގެ ކައިރީ ހުންނަ އާމިރު ފާހަގަ ކޮށްފައިވާ ގޮތުގައި މި ވީ ކުރު މުއްދަތުގެ ތެރޭގައި ސްކޭޓް ކުރުމަށް ވަރަށް މޮޅެތި ކުދިން ހަނިމާދޫ އިން ފެނިފައިވާ ކަމަށާއި، ސްކޭޓް ކުރުމަށް އެކަށޭނަ ފެސިލިޓީސް ޤާއިމްކޮށް އެކަށީގެންވާ ތަމްރީނެއް ދެވިއްޖެނަމަ މި ކުދިންގެ ތެރޭގައި ސްކޭޓް ކުރުމަށް ވަރަށް މޮޅެތި ކުދިން އުފެދިގެން އަންނާނެ ކަން އާމިރު ވަނީ ފާހަގަ ކޮށްފައެވެ.

ސްކޭޓް ކުރާ ކުދިން މިހާބޮޑަށް ގިނަވެ އެ ކުޅިވަރު ވައިގައި ހިފާފައިވާ މި ވަގުތު މަގުމަތީ ސްކޭޓް ކުރުނަ މަނާކޮށް އެ ކުދިން ގެއަށް ވައްދައި ކުދިންނަށް އެ ފުރުޞަތު އެއްކޮށް ބަންދު ކޮށްލުމަކީ ވެސް އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ވުމާއެކު ފެލިޓީ ޤާއިމް ކުރެވެންދެން ވެސް އެ ކުދިންނަށް ރައްކާތެރިކަމާއި އެކު ސްކޭޓް ކޮށް ހެދޭނެ ވަގުތީ އިންތިޒާމެއް ނަމަވެސް ކަމާއިގުޅުންހުރި ފަރާތްތަކުން ހަމަޖައްސައި ދިނުމަކީ ރަނގަޅު ވިސްނުމެއް ކަމުގައި ޤަބޫލް ކުރަން ޖެހެއެވެ.

މި މަންޒަރުތަކުން ބުނެދޭ އެންމެ ބޮޑު ވާހަކައަކީ ކުޅިވަރެއް ކުރިއަރައި ދިޔުމަށް އެކަމާއި ގުޅުންހުރި ފެސިލިޓީސްގެ މުހިންމުކަމެވެ. ސްކޭޓް ކުރިއެރުވުމަށް ސްކޭޓާއި ގުޅުންހުރި ފެސިލިޓީގެ މުހިންމު ކަމެވެ. ވުމާއެކު ހަނިމާދޫއަށް މިހާރުން މިހާރަސް ވެސް ސްކޭޓް ޕާކެއްގެ މުހިންމުކަން މި ވަނީ ބޮޑުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.