•  
  •  
  •  
  •  
  •  
  •  

ހަނދުގެ ދިރާސާތަކެއް ހެދުމަށް މި މަހު ކުރީކޮޅު އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން(އައިއެސްއާރުއޯ) އިން ހަނދަށް ފޮނުވާލި ”ވިކްރަމް“ ހަނދުގެ ސަތަހައިގައި އޮތް ތަން ފާހަގަކުރަން ދަތިވެފައިވާ ކަމަށް ނާސާ އިން ބުނެފި އެވެ.

ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރި އެ މިޝަންގެ ދަށުން ފޮނުވާލި ޖައްވީ އުޅަނދު ހަނދަށް ޖެއްސުމުގެ ފުރަތަމަ ކަންކަން ދިޔައީ ރޭވުމާ އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ބިމާ ގާތްގަނޑަކަށް 2.1 ކިލޯމީޓަރު ކައިރިވެފައި ވަނިކޮށް އުޅަނދުގެ މަގު އޮޅި، އޭގެ ކުޑައިރުކޮޅެއް ފަހުން ދުނިޔެއާ އޮތް މުވާސަލާތީ ގުޅުން ކެނޑުނެވެ.

ވިކްރަމް ހަނދަށް ލޭންޑްކުރި ތަނުގެ ސެޓެލައިޓް ފޮޓޯތަކެއް ނާސާގެ އުޅަނދަކުން ވަނީ ނަގައިފަ އެވެ. އެކަމަކު ފޮޓޯތައް ނަގާފައި ވަނީ އިރާކޮޅު އަނދިރީގައި ކަމަށްވާތީ ލޭންޑާ ފާހަގަކުރެވިފައެއް ނުވެ އެވެ. ނާސާ އިން ބުނެފައި ވަނީ ވިކްރަމް ހަނދަށް ތިރިކޮށްފައި ވަނީ ”ހާޑް ލޭންޑިން“ އެއްގައި ކަމަށެވެ. ނާސާ އިން ބުނީ ދުވާލުގެ އަލީގައި އަންނަ މަހު އިތުރު ފޮޓޯތައް ނަގާނެ ކަމަށެވެ.

ނާސާ އިން ބުނީ އެ އިދާރާގެ ލޫނާ ރެކޮނަސެންސް އޯބިޓާ (އެލްއާރުއޯ) ވަނީ މިމަހު 17 ވަނަ ދުވަހު ލޭންޑިން ސައިޓް ހުރަސްކޮށްފައި ކަމަށާ އަދި އެ ސަރަހައްދުގެ ހައި ރިޒޮލިއުޝަން ފޮޓޯތަކެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ ފޮޓޯތަކުގެ އަލީގައި، ވިކްރަމް ލޭންޑާ އޮތްތަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ނާސާއިން ބުންޏެވެ.

“މިޝަން ޗަންދުރަޔާން-2″ގެ ނަމުގައި ފެށި މިޝަންގެ ދަށުން “ވިކްރަމް” ނަން ދީފައިވާ ޖައްވީ އުޅަނދު ލޯންޗުކުރީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

އިންޑިއާއިން މިފަހަރު ޖައްވަށް ފޮނުވާލި އުޅަނދު ކާމިޔާބު ކަމާއެކު ހަނދަށް ޖެއްސުނު ނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅނދެއް ޖެއްސި ހަތަރުވަނަ ގައުމަށެވެ. މިހާތަނަށް އެކަން ކުރެވިފައިވަނީ އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރު ރަޝިއާ) އަށެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ