ޕާޓީ ޑްރަގާއި އެލްއެސްޑީގެ ޙަޤީޤަތް! ފުރާނައަށް ނުރައްކާވާ ބާރުގަދަ ވިހައެއް

party drug lsd

މަސްތުވާތަކެތީގެ ވަބާ ދިވެހިންގެތެރޭގައި ހަލުވިކަމާއެކު ފެތުރި އަދި ފެތުރެމުންދާއިރު މިތަކެތި ބޭނުންކުރާމީހުންނަކަށް މިއީ ކިހާވަރެއްގެ އެއްޗެއްކަމެއް ގިނަފަހަރަކު ނޭނގެއެވެ. "ރައްޓެއްސެއްގެ" ދަޢުވަތަކަށް އަޖުމަބަލާލުމަށްޓަކާ ބޭނުންކޮށްލާ ކިތަންމެ ކުޑަ ކުޑަ މިންވަރަކުންވެސް މުޅި އުމުރަށް ހިތާމަކުރަން ޖެހޭ ފަދަ ކަންތައްތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ވީމާ މިހާރަކަށް އައިސް އާންމުވަމުންދާ ޕާރޓީ ޑްރަގްސް އަދި އެލް.އެސް.ޑީ އާބެހޭގޮތުން މަޢުލޫމާތު ކޮޅެއް ހޯދާލަމާތޯއެވެ.

ޕާރޓީ ޑްރަގްސް ނުވަތަ ކްލަބް ޑްރަގްސް އަށް މިނަން ދެވިފައިވަނީ، މިތަކެއްޗަކީ އާންމުކޮށް ޑާންސް ކްލަބް ތަކާއި ދެޖިންސް މަސްހުނިވެ ބާއްވާ ޕާޓީތަކުގައި "ކިކް" އަރުވަން ގެންގުޅޭ މަސްތުވާ ތަކެތީގެ ބާވަތަކަށް ވާތީއެވެ. ޢާންމުކޮށް ޤަވާޢިދާ ޚިލާފަށް އުފައްދާ މިފަދަ ޑްރަގްސް ތަކުގެ ސަބަބުން އެބޭނުންކުރާ މީހާ، އޭނާއަށް އެނގިގެންނުވާ އެތައް ނުރައްކަލަކަށް ހުށަހެޅިގެންދެއެވެ.

އޭގެތެރޭގައި ފާހަގަކޮށްލަންޖެހޭކަމަކީ، ޑަކްޓަރީ ބޭސްތަކާ ޚިލާފަށް މިތަކެއްޗަކީ ޤަވާޢިދާ ޚިލާފަށް އުފައްދާ ތަކެތި ކަމުން އެއްވެސް ކޮލިޓީ ކޮންޓްރޯލް އަކަށް ބެލުމެއް ނޯވެއެވެ. ނަތީޖާއެއްގެ ގޮތުން މި ބޭނުންކުރެވޭ ޑްރަގަކީ ކިހާ ބާރުމިނެއްހުރި ކޮން ކޮލިޓީއެއްގެ ޑްރަގެއްކަމެއް ނޭނގެއެވެ. އަދި މިތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރަނީ ކޮން ފެންވަރެއްގެ ތަކެއްޗެއްކަމެއްވެސް ނުއެނގެއެވެ. މިސާލަކަށް ބަލާނަމަ، ބައެއްކަހަލަ މަސްތުވާތަކެތި ތައްޔާރުކުރުމުގައި އެއްލާލާފައި ހުންނަ ބެޓަރީގައި ހުންނަ ކެމިކަލްތަކާއި ފާހާނާ ޑްރެއިން ކްލީނާރސް ފަދަ ކެމިކަލްތައް ބޭނުންކުރެއެވެ.

**ނޯޓް: ޑްރެއިން ކްލީނާރސް އަކީ ފާހާނަ ހޮޅި، ސިންކުފަދަ ތަކެތި ބެދުމުގެ ސަބަބުން، އެކަން ޙައްލުކުރުމަށްޓަކައި ބޭނުންކުރާ ބާރުގަދަ ކެމިކަލެކެވެ. މި ކެމިކަލް ބޭނުންކުރަނީ، ބެދިފައިވާ ހިސާބުގައި އެއްވެފައިވާ ތަކެތި ވިރުވާލުމަށެވެ.**

ހަމައެއާއެކު ޕާރޓީ ޑްރަގްސްއަކީ އެބޭނުންކުރާމީހާ އެއަށް އެޑިކްޓްކޮށްލާ އެއްޗެކެވެ. އިންސާނާގެ ސިކުނޑިއަކީ އިންސާނާއަށް އެންމެ މުނާސަބު ގޮތަށް މަސައްކަތް ކުރާ ގުނަވަނެކެވެ. ޑްރަގްސް ބޭނުންކުރުމުން ސިކުނޑިއަށް އޭގެ ވަޒީފާތަށް އޮޅި މުޅިން އެހެން ކަންތައްތަކެއް ކުރެއެވެ. އަދި މަސްތުވާތަކެތީގެ ސަބަބުން އެލިބޭ ތަފާތު އިޙްސާސްތަކަށް ހަށިގަނޑު އަބަދުވެސް އެދިގޮވައެވެ. އެބޭނުންކުރާ ޑްރަގުގެ ޑޯޒެއް ނުލިބި އެއްދުވަސް ފާއިތުވިނަމަވެސް، އެޑިކްޝަންގެ ޢަލާމާތްތައް ފެންނަންފަށައެވެ. މިއަށް "ސިކް" ވުމޭވެސް ކިޔައެވެ. އެޑިކްޝަންގެ ޢަލާމާތްތަކުގެ ތެރޭގައި ގައި ކެހުމާއި، ހޮޑުލަވާގޮތްވުމާއި، ނިދި ނައުން ފަދަކަންކަން ހިމެނެއެވެ. އަދި ނުރައްކާތެރި ޙާލަތްތަކުގައި ގަދައަށް ބޭރަށް ހިނގުމާއި ނޭވާލާން އުނދަގޫވުންވެސްވެއެވެ. ޑްރަގް ބޭނުންކުރުމުން މެނުވީ މިޢަލާމާތްތައް ނުފިލާ ހުރެއެވެ. ވީމާ ނުސީދާގޮތަކަށް ބުނާނަމަ އިންސާނާ ޑްރަގްގެ އަޅަކަށް ވަނީއެވެ.

ޕާރޓީ ޑްރަގްސް ތަކުގެ ތެރެއިން ރާއްޖޭގައި މިހާރަކަށް އައިސް އެންމެބާރަށް ފެތުރެމުންދާ ބާވަތަކީ އެލް.އެސް.ޑީއެވެ. އެލް.އެސް.ޑީގެ އަސްލުނަމަކީ، "ލައިސާގިކް އެސިޑް-ޑައި-އީތައިލް-އެމައިޑެވެ." "އާރގަޓް ފަންގަސް" ގައި އެކުލެވޭ ލައިސާރޖިކް އެސިޑް ނަމަކަށް ކިޔާ ކެމިކަލަކުން އުފައްދާ އެލް.އެސް.ޑީ އަށް ކިޔާ އިތުރު ނަންތަކުގެ ތެރޭގައި އެސިޑް، ބްލޮޓާ، ކެލެފޯނިއާ ސަންޝައިން، އަދި ޑޮޓްސް ހިމެނެއެވެ. އެލް.އެސް.ޑީ އަކީ މޫޑު ބަދަލުކޮށްލާ ކެމިކަލް ތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ކެމިކަލެވެ. އެލް.އެސް.ޑީ އަކީ އެއްވެސް ކުލައެއް ނުވާ، އަދި އޭގެން އެއްވެސް ވަހެއް ވެސް ނުދުވާ ދެނެގަންނަން އުނދަގޫ ޑްރަގެކެވެ. ކުޑަކުޑަ ހިތިރަހައެއް ހުރި ނަމަވެސް އެރަހަވެސް ދެނެގަތުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. އެންމެ ފަސޭހައިން އޯވަރޑޯޒްވެ، ފުރާނައަށް ނުރައްކާވާ މަސްތުވާތަކެތީގެ ތެރޭގައި އެލް.އެސް.ޑީ ހިމެނެއެވެ. 25 މައިކްރޯގްރާމްސް ނުވަތަ 0.000025 ގްރާމްސްގެ އެލް.އެސް.ޑީ ބޭނުންކުރުމުންވެސް ބޭނުންކުރާމީހާ މަސްތުގެ ޙާލަތަށްދެއެވެ. މިއީ ލޮނު ދެފުކަށްވުރެ ލުއި މިންވަރެކެވެ. ގިނަ ޑޯޒް އެއް އެއްފަހަރާ ބޭނުންކޮށްފިނަމަ، ފުރާނައަށް ނުރައްކާވުން ވަރަށް ގާތެވެ.

މި ޑްރަގް އެންމެ ގިނައިން އުފައްދަނީ އެމެރިކާގައި ގަވާޢިދާ ޚިލާފަށް ހިންގާ ލެބޯޓަރީތަކުންނެވެ. މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން އެލް.އެސް.ޑީ ހިމެނެނީ "ހަލޫސިނޯޖެންސް" ގެ ތެރޭގައެވެ. ހަލޫސިނޯޖެންސް އަކީ އެބޭނުންކުރުމުގެ ސަބަބުން ހަލޫސިނޭޝަން އިހުސާސުވާ ކެމިކަލްތަކެވެ. ހަލޫސިނޭޝަންސް އަކީ މީހާގެ ބުއްދީގައި ނުވާ އިޙުސާސްތަކެއް ނުވަތަ މަންޡަރުތަކެއް ނުވަތަ އަޑުތަކެއް އިހުސާސުވުމެވެ. އެލް.އެސް.ޑީ އިން ހަލޫސިނޭޝަންސް އުފައްދަނީ އެބޭނުންކުރާމީހާގެ ވިސްނުމުގެ ނިޒާމަށް ބަދަލުގެނެސްގެންނެވެ. މާނައަކީ އެލް.އެސް.ޑީ ބޭނުންކުރުމުގެ ސަބަބުން ޙަޤީގަތުގައި ނެތް އެތައްކަމެއް އެބޭނުންކުރާ މީހާއަށް އިޙުސާސު ވާނެކަމެވެ. ގިނައިން އެލް.އެސް.ޑީ ބޭނުންކުރާ މީހުންނަށް "ހަލޫސިނޯޖެން ޕާރސިސްޓިން ޕަރސެޕްޝަން ޑިޒޯޑަރ" ކިޔާ ބައްޔެއް ޖެހެއެވެ. މިބަލިޖެހިފައިވާ މީހާއަށް އެލް.އެސް.ޑީ ބޭނުން ނުކުރާއިރު ވެސް އޭގެ އުނދަގޫތައް ތަޙައްމަލު ކުރަންޖެހެއެވެ.

އާންމުކޮށް ޓެބްލެޓް، ކެޕްސޫލް ނުވަތަ ޖެލީ ކިޔުބް ގޮތަށް ވިއްކާ އެލް.އެސް.ޑީ އަކީ މި ތިން ވައްތަރަށް ބޭނުންކުރި ކަމުގައިވީނަމަވެސް ހަށިގަނޑަށް ނުރައްކާތެރި ޑްރަގެކެވެ. އެލް.އެސް.ޑީ ބޭނުންކުރުމުން، ސިކުނޑީގައިވާ ސެރެޓޯނިން އަދި ޑޮޕޮމިން ގުޅެންޖެހޭ ރިސެޕްޓާރސް ތަކާ ގުޅެއެވެ. އަދި މިކަމުގެ ސަބަބުން، އެލް.އެސް.ޑީ ބޭނުންކުރާމީހާގެ ސިކުނޑި ހިޔާލީ، މަސްތުގެ ދަތުރެއްފަށައެވެ. މި ދަތުރު ބައެއްފަހަރު 12 ގަޑިއިރާއި 15 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ވެސްދެމިގެންދެއެވެ. މިއީ އާންމުކޮށް އެހެން ޑްރަގްސް ތަކުން މަސްތުވާ މިންވަރަށް ވުރެ ދިގު މިންވަރެކެވެ. އެއާއެކު، އެލް.އެސް.ޑީ ބޭނުންކުރުމުން މަސްތުގެ ޢަލާމާތްތައް މިހާ ބޮޑަށް ދިގުދެމިގެންދާ ސަބަބު ހޯދުމަށްޓަކައި ޔުނިވާސިޓީ އޮފް ކެރޮލިނާގެ ޕޯސްޓް ޑޮކްޓޯރަލް ރިސަރޗް އެސޯސިއޭޓް އެއް ކަމަށްވާ ޑެނިއަލް ވެކާ އާއި އޭނާގެ އެކުވެރިންތަކެއް ތަޙުލީލު ތަކެއް ކުރިއެވެ. މި ތަޙުލީތަކުގައި "ކްރިސްޓަލޯގްރަފީ" ނަމަކަށް ކިޔާ މެތަޑެއް ބޭނުންކޮށް ވަރަށް މުހިންމު ހޯދުމެއް ހޯދިއެވެ.

އެއީ އެލް.އެސް.ޑީ މޮލެކިއުލްއެއް ސެރެޓޯނިން ރިސެޕްޓަރަކާ ގުޅުމުން ރިސެޕްޓަރގެ އެއްބައި އެލް.އެސް.ޑީގައި އޮޅާލާކަމެވެ. މި އޮޅާލުމުގެ ސަބަބުން ފުޅިއެއްގެ މަތިގަނޑު ބާރުކޮށްލީމާ، މަތިގަނޑާއި ފުޅިއާ އެކުވެފަ ހުންނަފަދައިން، އެލް.އެސް.ޑީއާއި ސެރެޓޯނިން ރިސެޕްޓަރ އެކުވެއެވެ. އަދި އެލް.އެސް.ޑީ އަށް ރިސެޕްޓަރ ދޫކޮށް ދެވޭގޮތެއް ނުވެއެވެ. ނަތީޖާއަކަށް ވަނީ، މަސްތުގެ ޙާލަތު ދިގުދެމިގެން ދިއުމެވެ. އަދި ސުވިޒަލޭންޑްގެ ބާސެލް ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމަށްވާ މަތައިއަސް ލަކްޓީގެ ރިސަރޗަކުން ދައްކާގޮތުން އެލް.އެސް.ޑީ ލޭގެތެރޭގައި އެތައްގިނައިރަކު ދައުރުވެއެވެ. މިކަމުގެ ސަބަބުންވެސް އޭގެ އަސަރު ގިނައިރު ދެމިހުރެއެވެ. މިދެރިސަރޗުން ދައްކާގޮތުން، އެލް.އެސް.ޑީ ބޭނުންކުރާ މީހާ، މަސްތުގެ ޙާލަތަށް ދިއުމަށްޓަކައި އެހާ ބޮޑު ޑޯޒް އެއް ބޭނުމެއްނުވެއެވެ. ޑޯޒް ގިނަކުރަންޖެހެނީ، ރިސެޕްޓަރތަކުން އަވަހަށް އެ ޑްރަގެއް ދޫވެގެން ދާނަމައެވެ. ވީމާ ޑޯޒް ތަންކޮޅެއް ގިނަވިނަމަވެސް ވަރަށް އަވަހަށް އޯވަރޑޯޒްވެ، ފުރާނައަށް ނުރައްކާވެދާނެއެވެ.

**ނޯޓް: ސެރެޓޯނިން އާއި ޑޮޕޮމިން އަކީ އިންސާނާއަށް އުފާ އިހުސާސްކުރުވުމަށް ސިކުނޑީގައިވާ ކެމިކަލެކެވެ. އުފާވާކަހަލަ ކަމެއް ދިމާވުމުން، ސެރެޓޯނިން އަދި ޑޮޕޮމިން، އެއާގުޅޭ ރިސެޕްޓަރތަކާ އެކުވެއެވެ. އެހިނދު މީހާއަށް އުވާވެރިކަން އިހުސާސުވެއެވެ. އެލް.އެސް.ޑީ އެކުވަނީ މިދެކެމިކަލް ވެސް އެކުވާ ރިސެޕްޓަރާއެވެ. ނަމަވެސް ސެރެޓޯނިން ނުވަތަ ޑޮޕޮމިންއާއި، އެލް.އެސް.ޑީގެ އަޘަރާ ތަފާތެވެ.**

ކޮންމެ މަސްތުވާއެއްޗަކުންވެސް، މަސްތުގެ ޙާލަތު ކެނޑުމާއެކު އެބޭނުންކުރިމީހަކަށް ސައިޑް އިފެކްޓްސް ތަކާ ކުރިމަތިލާން ޖެހެއެވެ. މިގޮތުން، އެލް.އެސް.ޑީގެ ސައިޑްއިފެކްޓްސް ގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ހަށިގަނޑުގެ ފިނިހޫމުމިން މައްޗަށް ދިއުން
  2. ދާހިއްލުން
  3. ހޮޑުލެވާގޮތްވުން
  4. ހިތުގެ ހިނގުން އަވަސްވުން
  5. ލޭގައިވާ ހަކުރުގެ މިންވަރާއި ޕްރެޝަރު މައްޗަށްދިއުން
  6. ނިދިނައުން

ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، މަސްތުވާތަކެތީގެ ވަބާ ނުވަންނަ ގެއެއްމަދުވާނެއެވެ. ޤައުމުގެ އެންމެ އިސް އެއް ރައުސުލްމާލު ކަމަށްވާ ޒުވާނުން ދަނީ މަސްތުވާތަކެތީގެ އަޅުވެތިކަމުގައި އުމުރު ނަގާލަމުންނެވެ. ޤައުމަށާއި އުންމަތަށް އެންމެ ރަނގަޅަށް ޚިދުމަތް ކޮށްދެވޭ، ޒުވާން ދުވަސްވަރު އެކީ ބޭކާރު ކޮށްލަމުންނެވެ. ބިރަކާނުލާ މަޖާކުރުމުގައި ޑީ.ޖޭ ތަކާއި ޑާންސް ޕާޓީތައް ރިސޯޓް ތަކާއި ރަށްތަކުގައިވެސް ބާއްވަމުން ދާއިރު، މިފަދަ ތަންތާނގައި އެލް.އެސް.ޑީ ފަދަ ޕާޓީ ޑްރަގްސް ބޭނުންކޮށް، މަސްތުގެ ކުޅިގަނޑުތައް ދަނީ ފެތުރެމުންނެވެ. ތިބާގެ ލޯބިވާމީހަކު ނުވަތަ ރަޙުމަތްތެރިއަކު ނަމަވެސް އެލް.އެސް.ޑީ ބޭނުންކުރާކަމަށް ޝައްކުކުރެވޭނަމަ، އަންނަނިވި ކަންތައްތައް އެމީހެއްގެ ކިބައިން ފެނޭތޯ ބަލާށެވެ.

  1. ކަންކަމާ އަވަހަށް ބިރުގަނެ ހާސްވުން
  2. ޙާލަތާ ނުބައްދަލު، ތާކުންތާކު ނުޖެހޭ ކަންކަން ކުރުން
  3. ލޮލުގެ ކޮއެ ގިނައިރުތަކެއްވަންދެން ބޮޑުވެފައިހުރުން
  4. ސީދަލަށް ކޮޅަށް ހުންނަން އުނދަގޫވެ، ރީއްޗަށް ހިނގަން އުނދަގޫވުން
  5. އެއްވެސް ކަމަކާނުލާ އަބަދު ކުޅު ދިޔާވެފައި ހުރުން
  6. އާދަޔާ ޚިލާފަށް ދާހިތްލުން
  7. ހިތުގެ ހިނގުން އަވަސްވުން
  8. ނިދަން އުޅުނަސް ނުނިދި، ނިދިން މަޙުރޫމުވުން

އަދި އަންނަނިވި ކަހަލަ އަޚްލާޤީ ބަދަލުތަކެއް އެމީހެއްގެ ކިބައިން ފެންނަތޯބަލާށެވެ.

  1. އާންމުކޮށް ޝައުގުވެރިކަން ހުންނަ ކަންތައްތަކާ ދުރުވުން
  2. ކަންތަކާ އަވަހަށް ރުޅިގަދަވުން
  3. ކައިވެނި ފަދަ އަމިއްލަ ގުޅުންތަކުގައި ގިނަގިނައިން މައްސަލަ އުފެދުން
  4. މާގިނައިން ފައިސާ ޚަރަދުކުރުން (އެއީ މަސްތުވާ ތަކެތި ގަތުމަށް).

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޢިލްމީގޮތުން އޮށްޓަރު ހެޔޮ ލިޔުމެއް. ހިއްސާކުރައްވާފައިވާ ދިރާސާތަކުގެ މަސްދަރު ހިމަނާލަދެއްވިނަމައޭ ހިތަށް އަރާ. އެ ދިރާސާތައް އަމިއްލައަށް ކިޔާލުމަށް ޝައުގުވެރިވާތީ.

Leave a Reply to ފަހީމް ރައްދު ކެންސަލް

Your email address will not be published. Required fields are marked *