އެމްއެންޕީ ރަޖިސްޓްރީކުރަން ހުށަހަޅައިފި

MNP

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްވެ ތިއްބަވައިގެން އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

އެމްއެންޕީ ވުޖޫދަށް ގެނައުމުގެ ކަންކަމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޕާޓީ ރެޖިސްޓްރީ ކުރުމަށްޓަކައި އީސީއަށް މިއަދު 5000 މެމްބަރުންގެ މެމްބަރޝިޕް ފޯމު ހުށައަޅާފައިވެއެވެ. އިސީއާއި ފޯމު ހަވާލުކުރެއްވީ ނާޒިމް، ރިޔާޒު އަދި އެ ދެބޭފުޅުންނާއި އެކު މަސައްކަތްކުރައްވާ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމްގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެވެ.

އެމްއެންޕީން ބުނީ އެ ޕާޓީގެ އުންމީދަކީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވިހާ އަވަހަކަށް އެޖަލްސާ ބާއްވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުން ކަމަށެވެ. އަދި މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދިހަ ހާސް މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުން ކަމަށް ވެސް ބުންޏެވެ.

އެމްއެންޕީން ބުނީ އެގޮތުން މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި އެމްއެންޕީއާ ގިނަ އަދަދެއްގެ މެންބަރުން ދިޔައީ ގުޅެމުންނެވެ. އޭގެ ތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ގިނަ ތަޖްރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށާއި، އޭގެ އިތުރުން ހުނަރުވެރި ގިނަ ޒުވާނުންވެސް އަންނަނީ ޕާޓީއާ ގުޅެމުންކަން ފާހަގަކޮށްފައިވެއެވެ.

އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެ ޕާޓީން ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.