ބޮޑުތަކުރުފާނު ކުރެއްވި ވަޒީރުކަން

228D80F5-028B-405E-9CAF-E977A96D5B8A

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން ޢަބްދުﷲ ސަޢީދުއަކީ ވަރަށް ކުޅަދާނަ ލިޔުންތެރިއެކެވެ. ދިވެހި ޤައުމީ ދިފާއީ ބާރުގައި ވަޒީފާ އަދާކުރައްވާ ސަޢީދުއަކީ ތާރީހީ ލިޔުންތައް ލިޔުއްވުމުގައި ކުޅަދާނަ ބޭފުޅެކެވެ.

މިއީ، ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ރާއްޖޭގައި ކުރެއްވި ވަޒީރުކަމުގެ ވާހަކައެވެ. ބައެއް މީހުން ބުނާ އަޑު އިވެއެވެ. ޣާޒީ ރަދުން ރާއްޖޭގައި ރަސްކަމެއް ނުކުރައްވައެވެ. ކުރެއްވީ ވަޒީރުކަމެކެވެ.

ތެދެކެވެ. އުތީމު މަހާރަދުން ވަޒީރުކަން ކުރެއްވި ކަމަށް ދެންނެވިދާނެއެވެ. އެކަމަކު އެރަދުން ޚަޠީބުކަމާއި ރަސްކަން ވެސް ކުރެއްވިއެވެ. އެއީ ނުކުރައްވާ ކަންތައްތައް ކަމަކަށް ނުހެދޭނެއެވެ.

އުތީމު ޚަތީބު މުޙައްމަދު ތަކުރުފާނާއި އެ މަނިކުފާނުގެ ބައިވެރިން ޕޯޗުގީޒުން ބަލިކުރައްވައި ދިވެހިރާއްޖެ މިނިވަން ކުރެއްވީ ހިޖުރައިން 01 ރަބީޢުލްއައްވަލް 981 ގައެވެ. އެއީ މީލާދީން 1573 ވަނަ އަހަރެވެ.

ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށްފަހު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ އުތީމު މަހާރަދުން ކަމަށް ދިވެހިތާރީޚުގައި ލިޔެފައިވެއެވެ. ނަމަވެސް ދިވެހީންގެ ތެރޭގައި ކިޔެމުން އަންނަ ބޮޑުތަކުރުފާނުގެ ވާހަކައާއިި މިފަދަ ކަންކަން ތާރީޚުގައި ހިނގާފައިވާ ގޮތަށް ބަލާއިރު އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަލާނެ ފުރުސަތު ބޮޑެވެ. ވާހަކައިގައި ކިޔަނީ ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަންކޮށް ދެއްވުމަށްފަހު ރާއްޖޭގެ ރަސްކަމުގެ ކަންތައްތައް ބަލަހައްޓަވައި ދައުލަތް ހިންގަވައި ދެއްވުމުގައި ހުންނެވި ކަމަށެވެ. އެހެން ހުންނެވުމަށްފަހު ރަސްކަމަށް އިސްވެވަޑައި ގެންނެވީ އަލްއައްލާމާ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އަލްމަޙްލީ (ވާދޫ ދަންނަކަލޭފާނު) ރާއްޖެ ވަޑައިގެން އެމަނިކުފާނަށް ބައިއަތު ހިއްޕެވުމުން ކަމަށެވެ.

އެހެން ކަމަށް ވާނަމަ ރަސްކަމަށް އިސްވެވަޑައި ނުގެން އެ ހުންނެވި ދުވަސްވަރު ދައުލަތުގެ ވާޒީރެއްގެ ގޮތުގައި ނުވަތަ ރަންނަބަނޑޭރި ކަމުގެ މަޤާމުގައި ވެސް ހުންނަވާފާނެއެވެ. އަދި ދައުލަތުން ފޮނުއްވާ ފަތްކޮޅުތަކާއި ލިޔުންތަކުގައި އެ މަނިކުފާނުގެ މަގާމެއްގެ ގޮތުގައި ވަޒީރުކަން ޖައްސަވާފައި އޮވެދާނެއެވެ. އަދި ބޭރުގެ ލިޔުންތެރިންގެ ލިޔުންތަކާއި ބޭރުގެ ރަސްމީ ލިޔުންތަކުގައި ވެސް އެ މޭރުމުން ލިޔެފައި ހުރެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެއީ އެކަން ހިނގާފައި އޮވެދާނެ ގޮތެކެވެ. ނަމަވެސް އުތީމު މަހާރަދުންނަކީ ރާއްޖޭގެ ރަސްކަން ނުކުރައްވާ ބޭފުޅެއް ކަމަކަށް ނުވާނެއެވެ.

އަޅުގަނޑު ހިތުން މައްސަލައަކީ އުތީމު މަހާރަދުން ރަސްކަމަށް އިސްވެވަޑައި ނުގެން ދައުލަތް ހިންގެވީ ކިހާ ދުވަހަކުކަން ތާރީޚުން ނޭނގުމެވެ. ރަސްކަމަށް އިސްވެވަޑައިގެން ސީދާ ތާރީޚު އެނގޭނެ ގޮތެއް ވެސް ނެތްކަމެވެ.

ދައުލަތް ހިންގަވަން ފެއްޓެވި ތާރީޚުން ފެށިގެން އުތީމު މަހާރަދުންގެ ރަސްކަމުގެ މުއްދަތު ބަލަނީ އެހެންވެއެވެ. އެކަމުގައި އެ ނޫން ގޮތެއް ވެސް ހަގީގަތުގައި ނެތީއެވެ. ވާދޫ ދަންނަކަލޭފާނު ރާއްޖެ ވަޑައިގެންނެވި ތާރީޚެއް އަދި ޣާޒީ ރަދުންނަށް ބައިއަތު ހިއްޕެވި ތާރީޚެއް ވެސް އެނގެން ނެތީއެވެ. އެނގެނީ ހިޖުރައިން 981 ރަބީޢުލް އައްވަލް 1 ވަނަ ދުވަހު، މީލާދީން 1573 ޖުލައި 2 ވަނަ ދުވަހު އަނިޔާވެރި ޕޯޗްގީޒުންގެ އިސްޢުމާރީ އަޅުވެތިކަމުން ޣާޒީ ރަދުން މި ޤައުމު މިނިވަންކޮށް ދެއްވިކަމެވެ.

އެ ދުވަހުން ފެށިގެން ޤައުމުގެ ހުންގާނުގައި ހުންނެވީ ޣާޒީ ރަދުންކަމެވެ. އެ ރަދުން އަވަހާރަވީ ހިޖުރައިން 993 ވަނަ އަހަރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީން 1585 ވަނަ އަހަރު އޮގަސްޓް 18 ވަނަ ދުވަހެވެ. އެހެންވީމާ ތާރީޚު ލިޔުންތެރިން އެ ދުވަސްތައް ގުނާފައިވަނީ ރަސްކަމުގެ މުއްދަތުގެ ތެރޭގައެވެ. އެއީ 11 އަހަރާއި ހަ މަސް ދުވަހެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.