އެއްޗެއް ނުހެރޭ ކަމަށް ބުނެ ކުޅުދުއްފުށި ހޮސްޕިޓަލުން ފޮނުވާލި ޒުވާނާގެ އަތުން ނެގީ އިލޮށިކޮޅެއް!

53732F7F-3633-4424-AEC4-AE6240897AC7

ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ ގެ ރަށްތަކުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތުންގެ ހިދުމަތް ހޯދާ ތަނެކެވެ. މާލެ ފިޔަފައި އެންމެ ގިނަ ރައްޔިތުންގެ ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ. ކަން މިހެން އޮތްއިރު އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދައްކަމުގެ ވާހަކައާއި ދޯދިޔާކަމުގެ ވާހަކަ ދައްކާ ދައްކާ ކޮޅަކު ނުޖެހުނެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުގެ ފެންވަރު ދައްކަމުގެ ވާހަކަ ދައްކަން ފެށީ އިއްޔެއަކު ނޫނެވެ. އެތައް ސަރުކާރެއް ނިމިދިޔަ އިރު ވެސް އެތަނުން ލިބޭ ޚިދުމަތްތައް ވަކި ރަނގަޅުވާ ކަމެއް ފާހަގައެއް ނުވެއެވެ. އެތަނުގެ ފީކަޅާ ޚިދުމަތްތައް ތަޖުރިބާކޮށް މީސް މީޑިއަގައި މީހުން ހިއްސާ ކުރާ ވާހަކަތަކުން މިކަން ވަރަށް ރަނގަޅަށް އެނގެއެވެ.

މިފަހަރު މިއޮތީ ވެސް އެކަހަލަ ވާހަކަ އެކެވެ. މި އަހަރުގެ ކުރީ ކޮޅު ކުޅުދުއްފުށި ހޮސްޕިޓަލުން ހިދުމަތް ހޯދި ޒުވާނަކަށް ލިބުނު ބޮޑު އަނިޔާއެއްގެ ވާހަކަ އެކެވެ.

ހދ. ކުރިނބީއަށް އުފަން ހުސައިން ފާރިޝް މީގެ ހަމަސް ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކީ އަތަށް އެއްޗެއް ހެރިގެންނެވެ. ނަމަވެސް އަތަށް އެއްވެސް އެއްޗެއް ހެރިފައެއް ނެތޭ ކިޔާފަ މަތިން ބޭސް އަޅާފައި އޭނާ ވަނީ ގެއަށް ފޮނުވާލާފައެވެ.

ފާރިޝް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މިކަން ހިނގާދިޔަ ގޮތް ކިޔައިދީފައެވެ. އޭނާ ބުނީ އޭގެ ފަހުންވެސް ބޭސްއެޅި ތަނަށް ތަދުވާތީ ދެފަހަރެއްގެ މަތިން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކި ކަމަށާއި ނަމަވެސް އެއީ ނާރުގެ މައްސަލައެއް ކަމަށް ބުނެ އެއްވެސް ފަރުވާއެއް ނުދީ ވަނީ ފޮނުވާލާފައެވެ.

ފާރިޝް ބުނީ އަތުގެ ފާރުގަނޑު ރަނގަޅުވެ އޭހެ ހަ ވަރަކަށް މަސް ފަހުން އަތުގައި ރިއްސާތީ ހުޅުމާލެ ހޮސްޕިޓަލަށް ދެއްކީ ކަމަށާއި އެ މީހުން ބެލުމަށް ފަހު އަތުތެރޭގައި އެއްޗެއް އޮތް ކަމަށް ލަފާކޮށް އޮޕަރޭޝަން ކުރީ ކަމަށެވެ. އަދި އޮޕަރޭޝަންކޮށް އަތުން ނެގީ އިންޗިއެއްވަރުގެ އިލޮށިކޮޅެއް ކަމަށް އޭނާ ބުންޏެވެ.

ފާރިޝްގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ނުލިބި ސަލާމަތް މިވީ ކިރިޔާއެވެ. މިފަދަ އެތައް ހާދިސާއެއް ކުޅުދުއްފުށި ހޮސްޕިޓަލުގެ އިހުމާލުން މިދަނީ ހިންގަމުންނެވެ. އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅު ފެންވަރުގައި ނުލިބޭތީ ރައްޔިތުން ކުރާ ޝަކުވާތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އަތޮޅުތެރޭގެ ސިއްހީ ނިޒާމަކީ މިދިޔަ ސަރުކާރުތަކުގައި ވެސް އެންމެ ބޮޑަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވި ދާއިރާއެވެ. ހާއްސަކޮށް ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލް ފަދަ މުހިންމު ހޮސްޕިޓަލަކަށް ދޭންވާ އަޅާލުން ވަރަށް ކުޑައެވެ. ގިނަ ވައުދުތަކަކާއި އެކު އައި މި ސަރުކާރު އައިތާ ނުވަ ވަރަކަށް މަސް ވެފައިވާއިރު، އަދި މިހާތަނަށް އެ ހޮސްޕިޓަލުގެ ކަންކަން ރަނގަޅުވެދާނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މީ ދޮގެއް، އެވަރުގެ އިލޮށި ކޮޅެއް އިންނަމަ އެތަން ފަސޭހައެއްވެސް ނުވާނެ، ކޭއާރު އެޗް ބަދުނާމު ކުރަން ދައްކާ ފުލޯކު ވާހަކަ

    1
    1
    1. ފަސޭހައެއް ނުވީމައޭ އަކުން އެހެން ތަނަކަށް ދެއްކީ، ކުޅުދުއްފުށި މީހުންގެ މަރުކަޒު އެއީ. ކުޅުދުއްފުށި ބުނާގޮތެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި