ކޯވިޑް-19ގެ ވެކްސިން ފުރިހަަމަ ނުކޮށް ރާއްޖެ އަންނަ ފަތުރުވެރިން ގެސްޓުހައުސްތަކަށް ޗެކިން ނުކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެސްޓުހައުސްތަކަށް ދެވޭނީ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއްގެ ދެ ޑޯޒުފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށެވެ. ނަމަވެސް އެ މީހުންނާ އެކު ދަތުރު ކުރާ ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަ ކުދިން ވެކްސިންފުރިހަމަ ނުކުރިއަށް ގެސްޓުހައުސްގައި ތިބެވޭނެއެވެ.

Ad
rt

ވެކްސިން ފުރިހަމަ ކުރިނަމަވެސް ފަތުރުވެރިންނަަށް ރާއްޖެ އާދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެއް ހިފައިގެންނެވެ. އަދި ގެސްޓުހައުސްތަކުން ޗެކްއައުޓްވެވޭނީ ވެސް ނެގެޓިވް ޕީސީއާރު ނަތީޖާއްކާއެކުގައެވެ.

ވެކްސިން ފުރިހަަމަ ނުކުރާ ފަތުރުވެރިންނަށް ވެސް ގެސްޓުހައުސްތަކުގައި ތިބެވިދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ވަކި ޝަރުތުތަކެއް ވަނީކަނޑައަޅައިފައެވެ.

އެގޮތުން، ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިއަކު ޗެކިންވާ ގެސްޓުހައުސް ހުންނަ ރަށަކީ ވެކްސިން ޖެހޭ އާބާދީގެ 60 އިންސައްތަ ވެކްސިން ފުރިހަމަ ކޮށްފައިވާރަށަކަށް ވާން ޖެހޭނެއެވެ. އަދި އެ ފަތުރުވެރިޔާއަށް ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރަން ޖެހޭއިރު އެރަށެއްގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭނެއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން މިގޮތަށް އަމަލު ކުރަން ޖެހޭނެއެވެ.