އެހެންކުދިންނާ އަޅާކިޔުމަކީ ކުދިންނަށް ކުރެވޭ ގޯނާއެކެވެ. އެއީ އަނިޔާއެކެވެ....

C265287A-627F-4F55-A5C7-374DB625097E

ދަރިންގެ ކަންތައްތަކުގައި ކަންބޮޑުވެގެން އެކަމާ ހަދާނެގޮތެއް ނޭނގިފައިތިބޭ ޒުވާން މައިންބަފައިންނާއި ދިމާވެގެން ދެކެވުނު ބައެއް ވާހަކަތައް މިފަހަރު ހިއްސާކޮށްލާނަމެވެ.

އެއް މަންމައެއްގެ ކަންބޮޑުވުމަކީ އާއިލާގެ އެއުމުރުގެ އެހެން ކުއްޖަކާ އެއްވަރަށް އޭނާގެ ދަރިފުޅު ހެދިބޮޑުނުވާތީ އާއިލާގެ މީހުން އެވާހަކަ ދައްކާލެއް ގިނަކަމެވެ. އަދި އެކަމުގެ ޒިންމާ އޭނާ ނަގަންޖެހުމެވެ. އޭގެ ސަބަބުން ގަދަކަމުން ދަރިފުޅަށް ކާންދިނުމާއި އެކަމާ ފިކުރުކުރަން ޖެހުމަކީ އޭނާގެ އެއްކަންބޮޑުވުމެވެ.

އަޅުގަޑަށް ބުނެވުނީ، އެއީ ކަލާމެންނާ ބެހޭކަމެއް ނޫނޭ އެމީހުންގެ ގާތުގައި ބުނާށެވެ. އެކަމަކު އޭނާއަށް އެކަން ކުރެވޭކަށް ނެތެވެ. އެއީ ފިރިމީހާގެ އާއިލާއެވެ. ރީތިކޮށް ހެދިބޮޑުވަމުން އަންނަނީ ފިރިމީހާގެ އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިފުޅެވެ.

އޭނާއަކީ ވަޒީފާއަށް ދާ މަންމައެކެވެ. ފިރިމީހާގެ ކޮއްކޮގެ ދަރިފުޅުގެ މަންމަ ވަޒީފާއަކަށް ނުދެއެވެ. އެހެންކަމުން ހުރިހާ ވަގުތެއް ދެއަހަރުގެ ދަރިފުޅަށް ދެއެވެ.

އަނެއް މަންމައަށް ދިމާވާ މައްސަލައަކީ އޭނާގެ ފިރިމީހާގެ ކޮއްކޮގެ ދަރިފުޅާ އެއްވަރަށް އުމުރާއި އެއްވަރަށް އޭނާގެ ދަރިފުޅަށް ވާހަކަ ދައްކަން ނޭނގުމެވެ. އެމަންޖެގެ މާމައާއި ކާފަވެސް އަބަދު އެވާހަކަ ދައްކާނެއެވެ. ދަރިފުޅާ ދުރުވެސް މެއެއެވެ. އަނެއް ކުއްޖާއަށް އޭނާގެ ކުރިމަތީގައި އިންތިހާއަށް ލޯބިދީ، އެދަރިފުޅު މޮޅުވާހަކަ ފަހުރުވެރިވެފައި ދައްކާނެއެވެ. ގެއަށް އަންނަ މީހުންގެ ގާތުގައި ވެސްމެއެވެ.

އަޅުގަޑު ބުނީމެވެ. އެހެންތަނެއް ހޯދައިގެން ދާންވީ ނޫންހެއްޔެވެ. އެކަމަކު އެގޮތަށް ދެވޭކަށް އޭނާއަކަށް ނެތެވެ. ފިރިމީހާ މައިންބަފައިންނާ ވަކިން އުޅޭކަށް ބޭނުމެއް ނޫނެވެ.

ދަރިފުޅަށް ރަނގަޅަށް ލިޔަންކިޔަން ނޭނގޭތީ އެތައް ފަހަރަކު ސްކޫލަށް ގެންގޮސް ދަރިފުޅު ބައިންދައިގެން އެވާހަކަ ދައްކާ އެކަމާ "އެއްޗިހިކިޔާތީ" އެކަމުގެ މާޔޫސްކަންމަތީގައި ދަރިފުޅަށް ރުޅިއައިސްގެން އެއްޗިހި ކިޔަންޖެހޭ މަންމަ، ރޭގަނޑު ދަރިފުޅު ނިންދަވާފައި އޮންނަނީ ރޯށެވެ. ދަރިފުޅު ހިތުގަ ޖެއްސުނީތީއެވެ.

ލޯބިދޭން ކިތަންމެ ބޭނުންވިޔަސް ލޯބި ނުދެވެއެވެ. އަބަދު އޮންނަނީ ދަރިފުޅު ގަބުކަމުން ކޮންމެވެސް ކަމަކާ ސްކޫލަށް ގެންގޮސްފައެވެ. ނޫނީ ބެލެނިވެރިންގެ ބައްދަލުވުން އޮންނަ ދުވަހު ލޮލުން ކަރުނަ ހިއްލާލާފައެވެ.

އޭނާގެ ދަރިފުޅަކީ ގަބުކުއްޖެއްކަން އޭނާއަށް ވެސް އެނގެއެވެ. އެކަން ސްކޫލުން އިއުލާނުކޮށް އެދެމައިންނަށް ފުރައްސާރަ ނުކުރާނެ ނަމައޭ އެމަންމަ ހިތަށް އަރައެވެ.

ދެން ހުރި މަންމައަށް ރިޕޯޓުފޮތް ދޭ ދުވަހަކީ ވަރަށް ހިތްދަތި ދުވަހެކެވެ. އޭނާގެ ދަރިފުޅުގެ ހުންނާނީ ހުސް ހާސިލުނުވާ ކަންތަކެވެ. ތަރިއެއް ނުވެސް އިންނާނެއެވެ. އެއީ ކިތަންމެ މޮޅަށް ކުޅޭ ކުއްޖަކަށްވިޔަސް ބީ ރިޕޯޓު ނުލިބޭތީ ޕްރިފެކްޓް ކަމެއް ނުލިބުނެވެ.

އެހެންކުދިންނާ އަޅާކިޔުމަކީ ކުދިންނަށް ކުރެވޭ ގޯނާއެކެވެ. އެއީ އަނިޔާއެކެވެ. އެކަމާ އަޅާ ނުލުމަކީ އިހުމާލެކެވެ. އެކަން ހުއްޓުވުމަކީ ބަލަން ހުންނަ މީހާގެ ޒިންމާއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *