•  
  •  
  •  
  •  
  •  
  •  

އެމެރިކާގެ ސައިންޓިސްޓުން ކުރެއްވި ފަހުގެ ދިރާސާއަކުން، ނަމާދުކުރުމުގެ މުހިންމުކަން ހާމަވެފައި ވެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ، ފަރުޟު ފަސް ނަމާދު ކުރުމަކީ، މައިބަދައާއި ހުޅުތަކުގެ ރިހުން ކުޑަކުރުމަށް އޮތް މޮޅު ފަރުވާއެއްކަން އެ ދިރާސާއިން އެނގިފައި ވެ އެވެ. އާދޭހެވެ. ނަމާދުގައި ހިމެނޭ ޤިޔާމާއި ރުކޫޢާއި ސަޖިދައިން، މައިބަދައާއި ހުޅުތަކަށް ލިބޭ ފައިދާ ވަރަށް ވެސް ބޮޑެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި، ކޮންމެ ދުވަހަކު ފަސްނަމާދު ކުރުމަކީ، ހުޅުތައް ލެންބުމަށާއި ޙަރަކާތްކުރުމަށް ފަސޭހަކޮށްދޭ ކަމެކެވެ. އަދި ހުޅުތައް ހަރުވުމުގެ ސަބަބުން ހުޅުތަކުގައި އުފެދޭ ރިހުން ކުޑަކޮށްދޭ ކަމެކެވެ. ހަމައެފަދައިން ފަރުޟު ފަސްނަމާދު ކުރުމަކީ، މައިބަދައަށް ނުހަނު ފައިދާހުރި ކަމެއްކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެ އެވެ.

ފަރުޟު ފަސްނަމާދު ކުރާ މީހަކަށް ލިބޭ ނަފުސާނީ ހިތްހަމަޖެހުން ވެސް އެ ދިރާސާއިން އެނގިފައި ވެ އެވެ. ކީއްތޯ އެވެ. ނަމާދު ކުރުމުން ލިބޭ ނަފުސާނީ ހިތްހަމަ ޖެހުމުގެ ސަބަބުން، ހަށިގަނޑުގެ ދިފާޢީ ނިޒާމު ހީވާގިވެ އެވެ. އެއީ، ބަލިތަކަށް ޝިފާލިބުން އަވަސްކޮށްދޭ ކަމެކެވެ. މިކަން އެދިރާސާއިން ކަށަވަރުވެފައިވެ އެވެ.

ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރާ މީހުންގެ ހިތްތަކުގައި އީމާންކަން ވާނީ އާރާސްތުވެފަ އެވެ. އެބައިމީހުންގެ ހިތްތަކުގައި ވާނީ، ކަންކަމާމެދު ފަހި ވިސްނުމެވެ. ނަފުސާނީ ގޮތުންނާއި ރޫޙާނީ ގޮތުން އެބައިމީހުން ވާނީ، ހިތްހަމަޖެހިގެންނެވެ. މިކަންތައްތަކުގެ ސަބަބުން، އެބައިމީހުންގެ ހަށިގަނޑުގައިވާ ދިފާޢީ ނިޒާމު ހީވާގިވެ، ދިފާޢީ ބާރު ވަރުގަދަވެ އެވެ.

ސައިންޓިސްޓުންގެ ނަޒަރުގައި، ނަމާދާއި ނަމާދުގެ ޙަރަކާތްތަކަކީ، ހުޅުތަކުގެ ކޮޅުގައިވާ މަޑުކަށި ހަލާކުވެ، ހުޅުތައް ހިކޭ މުސްކުޅިން ލިބިގަންނަން އޮތް ޤުދުރަތީ ފަރުވާއެކެވެ.

ދީންވެރިވުމަކީ، ގިނަ ދުވަސްވަންދެން ދެމިހުންނަ ރިހުން ކުޑަކޮށްދޭ ކަމެއްކަން، އެމެރިކާގައި ޣައިރު މުސްލިމުން ކުރި އެހެން ދިރާސާއަކުން އެނގިފައި ވެ އެވެ.

އެދިރާސާއިން އެނގިފައިވަނީ، ހުޅުތަކާއި އެނޫން ތަންތަނުގައި ގިނަ ދުވަސްވަންދެން ރިއްސާ މީހުންގެ ތެރެއިން، އެ ރިހުމުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ދީންވެރި މުއުމިނުންގެ ކިބައިގައި އިތުރުކަމެވެ. އަދި މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމުގެ ގޮތުން ގިނައިން އަޅުކަންކޮށްއުޅޭ މުއުމިނުންނަކީ، ރަނގަޅު މިޒާޖެއްގައި ދެމިތިބޭ ބަޔެއްކަން ވެސް އެ ދިރާސާއިން އެނގިފައިވެ އެވެ. އެކަމުގެ ސަބަބުން، މުޖުތަމަޢުން އެބައިމީހުންނަށް ލިބޭ އަޅާލުމާއި އެއްބާރުލުން ވެސް ވަނީ އިތުރުވެފައިކަން ފާހަގަކުރެވުނެވެ.

މުލްޙިދުން ބުނާގޮތުގައި، އަޅުކަންކުރުމަކީ، ފައިދާއެއްނެތް ބޭކާރު ކަމެކެވެ. ނަމަވެސް ހުޅަނގުގެ ދިރާސާތަކުން ސާބިތުވަމުން އެދަނީ، މާތް ﷲ އަށް އީމާންވުމާއި ފަރުޟު ފަސް ނަމާދު ކުރުމުގެ މުހިންމު ކަމެވެ.

މުލްޙިދުންނަށް އަޅުގަނޑުމެން ހުށަހަޅާ ސުވާލަކީ، އީމާންކަމާއި ނަމާދުގެ ބޭނުމެއް ނެތްކަމަށްވަނީނަމަ، އީމާންވުމަށާއި ނަމާދުކުރުމަށް، ހުޅަނގުގެ ސައިންޓިސްޓުން ގޮވާލަނީ ކީއްވެތޯ އެވެ؟ ނަމާދުގައި ފައިދާއެއް ނެތްކަމަށް ތިޔަބައިމީހުން ބުނަމުންދާއިރު، ނަމާދުގައި ލައްވާފައިވާ ޙައިރާންކުރުވަނިވި ފައިދާތައް، ޢިލްމީ ދިރާސާތަކުން ހާމަވަމުންދަނީ ކީއްވެތޯ އެވެ؟

މާތްވެގެންވާ އިސްލާމްދީނުގެ އެންމެ މުހިންމު ދެ ރުކުނުގައިވަނީ، އީމާންކަމާއި ނަމާދެވެ. މިހެންކަމުން، ތެދުވެރި މުސްލިމުންނީ، ބަލިތަކާ ދުރު، ޞިއްޙަތު ރަނގަޅު ބަޔަކެވެ. އަދި އެބައިމީހުންނީ، ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރި ބަޔެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(الَّذِينَ آمَنُواْ وَلَمْ يَلْبِسُواْ إِيمَانَهُم بِظُلْمٍ أُوْلَئِكَ لَهُمُ الأَمْنُ وَهُم مُّهْتَدُونَ)
އަލްއަންޢާމު: 82

މާނައީ، ”އެއުރެންނަކީ، އީމާންވެތިބެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަން ހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.“

މާތް ﷲ، މުއުމިނުން ތަބާވުމަށް އަންގަވާފައިވާ ކޮންމެ ކަމަކުންމެ، މުއުމިނުންނަށް ލިބެނީ ފައިދާ އެވެ. އެ އެންގެވުންތަކާ ތަބާވާ މުއުމިނުން ދިރިއުޅެމުންދަނީ ހިތްހަމަޖެހިގެންވާ ޙާލުގަ އެވެ. އެއާ ޚިލާފަށް މުލްޙިދުން ދިރިއުޅެމުންދަނީ، ހިތްހަމަނުޖެހުމާއި ނަފުސާނީ ގަޑުބަޑުވުންތަކެއްގެ ތެރޭގަ އެވެ. މިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُواْ يَعْمَلُونَ)
އައްނަޙުލު: 97

މާނައީ، ”މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.“

މަޞްދަރު:
އަލްކަޙީލުގެ ވެބްސައިޓު.

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އާޔަތްތަކާއި ތަރުޖަމާ: ކީރިތި ޤުރުއާނާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއިން.

ޚިޔާލު

Your email address will not be published.

More in ކުޑަ