ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި

Mohamed Moosa Molhadhoo

ލިޔެލާޖެހުމުގެ މަސައްކަތޭ ބުނެފިނަމަ އެންމެން ވެސް ޚިޔާލުގޮސް ހުއްޓޭނީ ބ. ތުޅާދޫއަށެވެ. ސަބަބަކީ ރާއްޖޭގައި ލިޔެލާޖެހުމުގެ ފަންނުގައި އެންމެ ކުރީގައި ތިބި ބަޔަކީ އެއީ ކަމަށްވާތީއެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބަޔަކީވެސް އެއީއެވެ.

ނަމަވެސް މިފަހަރު ތި ބޭފުޅުގެންގެ ކުރިމައްޗަށް މި ހުށަހަޅާލަނީ ލިޔެލާޖެހުމުގެ މަސައްކަތް ދަންނަ އަދި އެ މަސައްކަތް ކުރަމުން އަންނަ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ޕެންޒީމާގެ މުޙައްމަދު މޫސާގެ ވާހަކައިން ތަންކޮޅެކެވެ.

އުމުރުން މިހާރު ފަންސާހުގެ އަހަރުތައް ގުނަމުންދާ މުޙައްމަދަކީ ގިނަ ގޮތްގޮތުން ވަރަސް ހާއްސަ މީހެކެވެ. ތަފާތު ފަންނުތަކުގައި ހުނަރުވެރިއެކެވެ. ސަރުކާރަށް 24 އަހަރު ޚިދުމަތް ކުރެއްވިއެވެ. ދިހަ އަހަރު ދުވަހު މޮޅަދޫގެ ކަތީބުކަން ކުރައްވައި ރަށަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. މިހާރު ފެނަކަ މޮޅަދޫ ބްރާންޗްގެ މެނޭޖަރުގެ މަޤާމްގައި ހުންނެވި މުޙައްމަދުގެ ހުރިހާ ސަފްހާތަކެއް ލިޔަން ވެއްޖެނަމަ ވަރަށް ދިގުވާނެކަން ޔަޤީނެވެ. ވުމާއެކު މި ރިޕޯޓުގައި މި ހާއްސަ ކޮށްލަނީ ތަފާތު ވައްތަރުގެ ކަށި ބޭނުން ކޮށްގެން ލަކުޑީގައި ލިޔެ ތަކެތި އުފެއްދުމުގެ ހުނަރަށެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ވުޑް ލޭތުކޮށް ތަކެތި އުފެއްދުމުގެ ހުނަރަށެވެ.

ހިރުނުދު އާރުން މުޙައްމަދު މޫސާ ހަދާފައިވާ އެއްޗެއް،

ލިޔެލާޖެހުމުގެ މަސައްކަތަށް މުޙައްމަދުގެ ހިތުގައި ފުރަތަމަ ޝަޢުޤު އުފެދިފައިވަނީ ނައިފަރުގައި ތަޢުލީމް ހާސިލްކުރި ދުވަސްވަރުއެވެ. އެ ރަށުގައި ތުޅާދޫ މީހުން މި މަސައްކަތް ކުރާތަން ފެނިގެންނެވެ. އެ އުފެދުނު ޝަޢުޤުވެރިކަން ތަޢުލީމީ ހަޔާތް ނިންމައި މަސައްކަތުގެ މައިދާނަށް ނުކުތްއިރު ވެސް ހިތުގައި އެ އޮތްގޮތަށް އޮތެވެ. އަމަލީގޮތުން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު އެ ދުވަސްވަރު ނުލިބުނު ނަމަވެސް އެ މަސައްކަތަށް އޮތް ޝަޢުޤަކަށް ބަދަލެއް ނާދެއެވެ.

މި މަސައްކަތް ފުރަތަމަ އަމަލީގޮތުން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބުނު ގޮތް ހިއްސާ ކުރަމުން މުޙައްމަދު ބުނެފައިވަނީ މޮޅަދޫގެ ކަތީބުކަމުގައި ހުރި ދުވަސްވަރު، ވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމަކަށް މާލެ ގޮސް ސާދަ ވަރަކަށް މަސްދުވަހު ހުންނަން ޖެހުނު ކަމަށެވެ. އެ ދުވަސްވަރު ރާއްޖޭގައި ބޭއްވުނު ބޭރުގެ ސަފީރުން ބައިވެރިވާ މަހާސިންތާއަށް ވަޑައިގަންނަވާ ބޭރުގެ ސަފީރުންނަށް ހަދިޔާ އެރުވުމުގެ ގޮތުން، ހަދިޔާ ތައްޔާރު ކުރުމަށް ލިޔެލާޖެހުމަށް ބޭނުންކުރާ މެޝިނަރީސްއާއިއެކު އެޓޯލްސް މިނިސްޓްރީގެ ދަށުން ހިނގަމުންއައި އަތޮޅުވެހި އިމާރާތުގައި ތުޅާދޫ ތިންވަރަކަށް ބޭފުޅުން އައިސް ތިއްބެވި ކަމަށެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވާތަން ފެނުމުން މިކަމަށް ހުންނަ ޝަޢުޤެއްގެ ބޮޑުކަމާއިއެކު އެ ބޭފުޅުންގެ ފަރާތުން އެ މަސައްކަތުގެ އާލާތްތައް ބޭނުން ކުރާގޮތުގެ މަޢުލޫމާތު ހޯދުނު ކަމަށެވެ. އަދި އެތަނުގައި އެ މަސައްކަތް އަމަލީގޮތުން ތަޖުރިބާ ކޮށްލަން ލިބުނު ލިބުމަކީ މި މަސައްކަތް ފަށައި ގަތުމަށް އޭނާއަށް ލިބުނު ހަމައެކަނި ތަމްރީނެވެ.

ކަނދު ގަހުގެ ލަކުޑިން މުހައްމަދު މޫސާ ހަދާފައިވާ މަސް ދޯންޏެއް

ތެދުވި ވަޑާމުގައި މަސައްކަތަކީ މުޙައްމަދު ދަންނަ ފަރިތަ މަސައްކަތެކެވެ. ގޭގެއަށް ބޭނުންވާ ފަރުނީޗަރު ޖެހުމާއި، ދޮރާއި ދޮރުފަތް ޖެހުމާއި ބައިދެއަށް ބޭނުންވާ ތަފާތު އާލާތްތައް ހެދުމުގެ އިތުރުން ސީލިން ކުރުމާއި ގެދޮރު ހިޔާކުރުމުގެ މަސައްކަތަކީ ވެސް އޭނާ ދަންނަ އަދި ކޮށްއުޅޭ މަސައްކަތްތަކެވެ.

ވަޒީފާ އަދާކުރުމަށް ފަހު ލިބޭ ހުސްވަގުތުގައި ވަޑާން ކުރުމުގެ މަސައްކަތްތަކުގައި އުޅެމުން އައިސް، އޭނާގެ މަސައްކަތު ޝެޑިއުލްގެ ތެރެއަށް ރަސްމީކޮށް ވޫޑް ލޭތިންގެ މަސައްކަތް އިތުރުކުރީ 2009 ވަނަ އަހަރު ހއ.އަތޮޅުގައި ރިސޯޓް ހުޅުވިގެން ދިއުމާއިއެކުގައެވެ. މަނަފަރު ރިސޯޓްގެ ގެސްޓް ލޯކަލް ދަތުރުތައް މޮޅަދޫއަށް ކުރަން ފެށުމުން މި ތަކެތި ވިއްކޭނެ މަގެއް އޭނާއަށް ހުޅުވިގެން ދިޔުމާއި ގުޅިގެންނެވެ.

މި މަސައްކަތުގެ މާބޮޑު ތަޖުރިބާއެއް ނެތި ފަށައިގަތުމުން ކުރިއަށް ދާން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ތުޅާދޫގައި ތިބި ބައެއް އެކުވެރިން ކައިރިން އަހައި އޮޅުންފިލުވައި އިންޓަނެޓް މެދުވެރިކޮށް ހޯދުނު މަޢުލޫމާތާއިއެކު އޭނާ ދާދި އަވަހަށް މި މަސައްކަތަށް ފަރިތަވެލިއެވެ. މުހައްމަދު ބުނާގޮތުގައި މި މަސައްކަތުގައި ބޭނުންކުރާ ކަށިތަކަށް ފަރިތަވެލުމުން މި މަސައްކަތް ދަސްވުމުގެ ބޮޑުބައި އެ ހާސިލްވީއެވެ. ދެން އޮންނާނީ ކެރުމެވެ.

މުޙައްމަދު އާންމުކޮށް ހަދާއުޅޭ ތަކެތީގެ ތެރޭގައި ހިމެނެނީ ޓިސޫ ބޮކްސް، ބެރު، ވާސް، ގުޅި، ފާޑުފާޑު ތަށި، ތަޅުދަނޑީ ފޫގެ އިތުރުން ދައުވަތު ކާޑު ހިމެނެއެވެ. އަދި ކައިވެނީގެ ރަން، ރާޒުވާކުޅިބައި، ގަތާފައި ފަދަ ކިތަންމެ ބާވަތެއްގެ ތަކެތި އޭނާ ހަދައެވެ.

މި މަސައްކަތަށް އޮންނަ ޑިމާންޑާއި ބެހޭގޮތުން އޭނާ ބުނެފައިވަނީ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން "އިލޮށި" ނަމުގައި ފޭސްބުޕް ޕޭޖެއްހަދައި މަސައްކަތް ފެށުމާއިއެކު ކޯވިޑް-19 ގެ ބަލިމަޑު ކަމުގެ ކުރިން، މި މަސައްކަތް ލިބޭ ހުސް ވަގުތުގައި އެކަނި ނުކުރެވޭ ވަރަށް ލިބިގެންދިޔަ ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އޭރު އޯޑަރުތައް ލިބެމުންދިޔަ ކަމަށާއި ވުމާއިއެކު ރާއްޖޭގެ އެކި ހިސާބުތަކަށް  ތަކެތި ފޮނުވުމަށް މަގުފަހި ކުރުމުގެ ގޮތުން މާލޭގައި އެ ދުވަސްވަރު ސްޓޮކެއް ބަހައްޓައިގެން މަސައްކަތް ކުރެވުނު ކަމަށެވެ.

އެ ވިޔަފާރީގައި ދިމާވި ގޮންޖެހުމެއް ގޮތުގައި މުޙައްމަދު ފާހަގަ ކޮށްފައި ވަނީ ބައެއް ރަށްރަށަށް ތަކެތި ފޮނުވުމުގައި ދިމާވި ގޮންޖެހުމެވެ. މިހާރު ވެސް ޕޭޖް މެދުވެރިކޮށް ބޭނުންވާ ތަކެއްޗަށް ރިކުއެސްޓް ކުރެވޭނެއެވެ. އެ ރިކުއެސްޓްތައް ބަލައިގަނެ މިހާރު ވެސް އޭނާ ދަނީ އެކިފަރާތްތަކަށް ތަކެތި އުފައްދައި ދެމުންނެވެ.

ވޫޑް ލޭތިންގެ މަސައްކަތުގައި އޭނާ މައިގަނޑު ގޮތެއްގައި ހަތަރު ބާވަތެއްގެ ލަކުޑިއެއް ބޭނުން ކުރެއެވެ. އޭގެތެރޭގައި ހިމެނެނީ ކާނި، ހިރުނދު، މިދިލި އަދި ދިއްގަލެވެ. މުޙައްމަދު އާންމުކޮށް ލިޔެލާޖަހައި ނޫޅެއެވެ. އެކަން ކުރަނީ އެކަމަށް ހާއްސަ އޯޑަރެއް ލިބިއްޖެ ހާލަތެއްގައި އެކަންޏެވެ. ވޫޑް ލޭތުކުރުމުގައި މުހައްމަދު އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ލަކުޑީގައި ހުންނަ ނެޗްރަލް ޑިޒައިންތައް ގެއްލުވާނުލައ ސްޕަގްލޫ ޕޮލިސްކޮށް ރީތިކުރުން ހިމެނެއެވެ.

މި މަސައްކަތް ކޮށް އުޅޭ ގޮތުގެ އާންމު ޝެޑިއުލް ހިއްސާ ކުރަމުން އޭނާ ބުނެފައި ވަނީ ކޮންމެ ދުވަހަކު ވެސް ވަޒީފާގަޑި ނިމޭނީ ތިނެއް ޖެހުމުން ކަމަށެވެ. ވަޒީފާގަޑި ނިންމާލުމަށް ފަހު ހަވީރު އެރެއެއްގެ މަސައްކަތަށް ބޭނުންވާ ލަކުޑި ތައްޔާރުކުރާ ކަމަށެވެ. އެއަށްފަހު މަސައްކަތް ފަށަނީ މަޤްރިބް ނަމާދު ކޮށްލައިގެން ކަމަށެވެ.

މި މަސައްކަތުގައި އުފައްދާތަކެތި ބްރާސޯލައި ގާނައި ސްޕަގްލޫ ޕޮލިސް ކުރުމަކީ ވަކި ލައިޓިންތަކެއް ވަކި ގޮތަކަށް ސެޓް ކޮށްގެން ކުރަންޖެހޭ މަސައްކަތަކަށް ވުމުން މުހައްމަދު އާންމުކޮށް މި މަސައްކަތްކޮށް އުޅެނީ ރޭގަނޑުއެވެ. އޭނާ ބުނާ ގޮތުގައި މި ޕޮލިސް ދުވާލު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

މުޙައްމަދު މިކަމަށް ބޭނުންވާ ބައެއްކަހަލަ ކަށިތަކާއި އަދި މިނޫން ވެސް ސާމާނު އަމިއްލަ އަށް ތައްޔާރު ކުރެއެވެ. ބައެއްކަހަލަ ގޮތްގޮތަށް ބަޅު ކޮށްގެން ތައްޔާރު ކުރަންޖެހޭ ކަށިތައް ތައްޔާރު ކުރަނީ ކުޅުދުއްށީގެ ކަނބުރުގެއިންނެވެ.

ސަރަހައްދުގައި ރިސޯޓްތައް މިހާރަށްވުރެ އިތުރު ވެގެން ގޮސް މިތަކެތި މާކެޓް ކުރެވޭނެ ގޮތްތަކެއް ވެއްޖެނަމަ މިއީ ވަރަށް ބޮޑު ފައިދާއެއް ނެރެވިދާނެ މަސައްކަތެއް ކަމުގައި އޭނާ ޤަބޫލްކުރެއެވެ. ރާއްޖެތެރޭގައި މިކަމުގައި އޮތް އަނެއް އެޑްވާންޓޭޖަކީ މި ތަކެތި ތައްޔާރުކުރަން ބޭނުންކުރާ ލަކުޑިއަކީ ގަންނަން ޖެހޭ އެއްޗަކަށް ނުވުމެވެ. މި ތަކެތި ތައްޔާރުކުރާ ލަކުޑީގެ ބާވަތްތަކަކީ ރާއްޖެތެރޭ ކޮންމެ ރަށެއްގައި ހެން ފަސޭހައިން ލިބެން ހުންނަ ލަކުޑީގެ ބާވަތް ތަކެކެވެ.

ބައިނަލްއަޤުވާމީ ފެއާއެއްގައި ބައިވެރިވެ ރާއްޖެ ތަމްސީލްކޮށް މަސައްކަތް ދައްކާލުމުގެ ފުރުޞަތެއްގެ އުންމީދުގައި ހުރި، މުޙައްމަދު ވޫޑް ލޭތިންގ ގެ މަސައްކަތުގައި ކުރިއަށް ދިޔުމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވި ދެ ބޭފުޅެއްގެ ނަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެއީ މައިޒާން އަލިމަނިކާއި ގޯގޯ ލަތީފެވެ. މަސައްކަތުގައި ކުރިއަށް ދިޔުމށް ދެއްވި ހިތްވަރަށް މި ދެ ބޭފުޅުންނަށް އޭނާ ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

މުޙައްމަދު ޤަބޫލްކުރާ ގޮތުގައި މި މަސައްކަތަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ މަސައްކަތެކެވެ. އަންހެނެއް ފިރިހެނެއް މިކަމުގައި ތަފާތެއް ނެތެވެ. ބޭނުންވަނީ ޝަޢުޤުވެރިކަމާއިއެކު ކެރިގެން ކުރިމަތިލުމެވެ. މަސައްކަތް ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޭނުންކުރާ ކަށި ތަކަށް ފަރިތަވެލުމުން ދެން ކުރިއަށް ދެވޭނެއެވެ. މިއީ އޭނާ ޤަބޫލްކުރާ ގޮތެވެ.

ދިވެހިރާއްޖޭގައި ތިބި މިފަދަ ހުނަރުވެރި މަސައްކަތްތައް ކުރާ މަސައްކަތްތެރިންނަށް ސަރުކާރުން ފަހި ފުރުޞަތުތަކެއް ހޯދައިދޭންޖެހެއެވެ. ރާއްޖޭގައި ސްވެނިއާ ސޮޕްތައް ހިންގާ މީހުންވެސް މިފަދަ މަސައްކަތްކުރާ މީހުންގެ މަސައްކަތައް އިސްކަން ދޭންޖެހެއެވެ. މަސައްކަތްތެރިންނަށް ކުރިއަށް ދެވޭނެ ފަހި ފުރުޞަތުތަށް ސަރުކާރުން މިހާރަށް ވުރެ ބޮޑަށް ފަހިކޮށްދޭން ޖެހޭ ކަމުގައި އޭނާ ޤަބޫލްކުރެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކޮބާތަ މުހައްމަދު އޭގެ ލާޖެހުމުގެ ހުނަރަކީމިތާގާާ
    މުހައްމަދުބެ އަކީ ލިޔުމުގެ ހުނަރު ލިބިފަވާ ބުރުނީގެ ލާޖާހާ މީހެނޫން

Leave a Reply to ADK ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި