•  
  •  
  •  
  •  
  •  
  •  

ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. ފަރުޟު ފަސްނަމާދަށް ރައްކާވެތިބުމަށް މާތް ނަބިއްޔާ ވަނީ އިސްލާމީ އުންމަތަށް އަންގަވާފައިއެވެ.އަދި ނަމާދު ތަކުގެ ތެރެއިން އިޝާނަމާދާއި ފަތިސްނަމާދަށް އިތުރަށް ސަމާލުކަން ދިނުމަށް ބާރުއަޅުއްވާފައި ވެއެވެ.

ކީރިތި ރަސޫލާގެ ޞަޙާބީން ފަތިސްނަމާދަށް ޙާއްސަ ސަމާލުކަމެއް ބެހެއްޓެވިކަމީ އެނގިފައުޅުވެގެންވާ ކަމެކެވެ.ކޮންމެފަދަ ހާލަތެއްގައިވެސް ފަތިސްނަމާދު ޖަމާޢަތުގައި ކުރެއްވުމަށް ސަމާލުކަން ދެއްވިއެވެ.

އުމަރު ބުނު ހައްތާބު ރަޟިއަﷲ އަންހުގެ ފުރިހަމަވެގެންވާ ނަޞީހަތް ދަންނާށެވެ! ފަހެ، މިނަމާދާއި މެދު މީސްތަކުން ކަންކުރާގޮތް އެކަލޭގެފާނު ވަރަށްވެސް ބޮޑަށް ބައްލަވައެވެ. އެބައިމީހުން އުޅޭނޫޅޭގޮތް ބައްލަވައެވެ. އަދި އެނަމާދަށް ނާންނަމީހުންނަށް ފާރަލައްވައެވެ. އެއީ، އެމީހަކަށް ނަޞީހަތް ދެއްވައި ފަތިސްނަމާދުގެ ޖަމާޢަތް ދޫކޮށްލުމުގެ ނުރައްކާތެރިކަން މީސްތަކުންނަށް ބަޔާންކުރައްވައި އެކަމަށް ބިރުވެތި ވުމަށް ޓަކައިއެވެ.

އަބީބުނު ރަޟިއައްﷲ އަންހްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެ ފާނުވިދާޅުވި އެވެ. އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައި ވަސައްލަމް އަޅުގަނޑުމެންނާއި އެކު ފަތިސްނަމާދު ކުރެއްވިއެވެ. ފަހެ އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ. އެވެނިމީހަކު (ފަތިސްނަމާދު ޖަމާޢަތުން) ދުށީމުހެއްޔެވެ؟

ޞަޙާބީން ދެންނެވިއެވެ. ނޫނެކެވެ .(ނުދެކެމެވެ) އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ. އެވެނިމީހަކު (ފަތިސްނަމާދު ޖަމާޢަތުން) ދުށީމުހެއްޔެވެ؟ޞަޙާބީން ދެންނެވިއެވެ. ނޫނެކެވެ. (ނުދެކެމެވެ). ހަދީޘް ކުރެއްވިއެވެ. ހަމަކަށްވަރުން މިދެނަމާދާއިމެދު (ފަތިސްނަމާދާއި ޢިޝާނަމާދާއި) އަކީ މުނާފިޤުންގެ މައްޗަށް ބުރަވެގެންވާ ދެނަމާދެވެ. އެދެނަމާދުގައިވާ އަޖުރާއި ޘަވާބު ތިޔަބައި މީހުންނަށް އެނގޭނަމަ، ކަކޫމައްޗަށް ފިރުކިފައިނަމަވެސް އެދެނަމާދަށް ތިޔަބައި މީހުން އައިސްކަން ކަށަވަރެވެ.” މިއީ ފަތިސް ނަމާދުގެ މުޙިއްމުކަމެވެ. އަދި އެނަމާދުގެ ނަތީޖާއާއި މަތިވެރިކަންވެސް ހާމަވެއެވެ.

މި ނަމާދާއި މެދު އަހަރެމެންގެ ހާލަކީ ކޮބައިތޯއެވެ.މިނަމާދު ޖަމާޢަތުގައި އަދާކުރުމަށް އަހަރެމެން ކުރީ ކޮންމަސައްކަތެއްހެއްޔެވެ؟ އަލް އިމާމް މާލިކު އެކަލޭގެފާނުގެ މުޥައްތައުގައި ރިޥާކުރެއްވިއެވެ. ހަމަކަށަވަރުން މިސްވަރު ބުނި މަޙްރަމާ ވިދާޅުވިއެވެ.”ފަތިސްނަމާދުކުރެއްވުމަށް އެކަލޭގެފާނު ނެންގެވުމަށް ޓަކައި، އުމަރު ރަޟިއަﷲ އަންހް ޒަޙްމްވެ ވަޑައިގެންނެވިރޭގައި އެކަލޭގެ ފާނު އަރިހަށް ތިމަންވަދެވަޑައިގެންނެވީމެވެ. ފަތިސްނަމާދަށް ކަލޭގެފާނަށް ދަންނަވަންތޯއެވެ.! ފަހެ އުމަރުގެ ފާނުވިދާޅުވިއެވެ. އާދޭހެވެ (ނަންގަވާށެވެ.!) ނަމާދު ދޫކޮށްފިމީހަކަށް އިސްލާމްދީނުގައި އެއްވެސް ނަސީބެއްނުވެއެވެ. ޢުމަރުގެފާނު އެކަލޭގެފާނުގެ ޒަޙަމްތަކުން ލޭފައިބަ ފައިބަހުއްޓާ ތެދުވެވަޑައިގެން ފަތިސްނަމާދުކުރެއްވިއެވެ. މިހުރީ މިނަމާދުގެ މަތިވެރިކަމެވެ. ޞަޙާބީން މި ނަމާދާއިމެދު ރައްކާތެރިވީ އެބޭފުޅުންގެ ހިތްތަކުގައި މިނަމާދަށް ދެއްވާފައިވާ މަތިވެރިކަމުގެ ބޮޑުކަމުންނެވެ.

ކޮންމެ މުސްލިމަކުވެސް އުފާވެރިބާއްޖަވެރި ދުވަހަކަށް އެދުވަސް ހެދުމަށް ޓަކައި ކުރެވިދާނެ ކަމަކީ އެންމެފުރަތަމަ އިރާކޮޅު ނިދަން އާދަކޮށް އަދި ފަތިހު ހޭލާށެވެ.އެއަށްފަހު ފަތިސްނަމާދު ޖަމާއަތުގައި ކުރާށެވެ.ފަތިސްނަމާދު ނުކުރާނަމަ އަޅުގަނޑުމެންގެ ހަޔާތް ބާއްޖަވެރިވާނީ ކިހިނެތް ހެއްޔެވެ؟ ހަޤީޤަތަކީ އަޅުގަނޑުމެންގެ ވަރަށް ގިނަރަށްރަށުގައި ފަތިސްނަމާދުން މިސްކިތުން ފެންނަމީހުން މަދުކަމެވެ.ޤާފިލިކަމުގައި ނިދާފައިއޮންނަކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.ކީރިތިރަސޫލާގެ ޙަދީޘްފުޅެއްގައިވެއެވެ” ރޭގަނޑު އިންސާނާ ނިދަންއޮންނައިރު އޭނާގެ ބޮލުގެފުއްކިބައިގައި ސައިތާނާ ތިން ގޮށް ޖަހައެވެ.ސައިތާނާގެ ވަސްވާސްތަކަށް އޭނާ ނުހެއްލި އޭނާތެދުވެއްޖެނަމަ އެއްގޮށް މުހިވިދެއެވެ. އަދި ވުޟޫކޮށްފިކަމުގައި ވާނަމަ ދެވަނަ ގޮށްމުހެވެއެވެ. އަދި ފަތިސްނަމާދު ކޮށްފިކަމުގައިވާނަމަ ސައިތާނާޖެހި އެންމެފަހުގޮށްވެސް މުހެވިގެންދެއެވެ.

އާދެ ފަތިސްނަމާދުކުރުމެއްނެތި ކޮންމެއިންސާނަކު އޭނާގެ ދުވަސްފަށައި ސައިތާނާޖެހި ހުރިހާ ގޮށްތަކާއިއެކު އޭނާގެ ދުވަސްހޭދަކުރަންވެއްޖެނަމަ ދުވަހުގައި އޮންނާނީ ކޮން ބަރަކާތެއްތޯއެވެ؟ ވީމާ ފަތިސްނަމާދަށް ޙާއްސަ ސަމާލުކަމެއްދޭށެވެ. އަދި ދުވަހަކީ ވަރަށްބާއްޖަވެރި ހިތްހަމަޖެހޭ އުފާވެރި ދުވަހަކަށް ވުމަށްޓަކައި ފަތިސްނަމާދު ޖަމާޢަތުގައިކުރާށެވެ.އަދި ނަމާދު އަޅާމީހުން ނަމާދު އަޅަން ފެށުމުގެ އެންމެފުރަތަމަކަމަކީ ފަތިސްނަމާދަށް ފަރުވާކުޑަކުރުން ކަމަށް ޢިލްމްވެރިން ވިދާޅުވެފައިވެއެވެ.

ލިޔުނީ : ޢަބުދުއްރަޙްމާން ބުނު އަޙްމަދު

ޚިޔާލު

Your email address will not be published.

More in ކުޑަ