އެއްބައިވަންތަކަމާއި އެހީތެރިކަމުގެ ވަގުތުކޮޅެއް

EE7QiDzUcAA2bJ6

މިރޭ އިރާކޮޅު މުޅި ޤައުމު ސިހިގެންދިޔައީ ވެރިރަށް މާލޭގެ ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގޭތަކެއްގައި އަލިފާން ރޯވެގެންއުޅޭ ކަމުގެ ޚަބަރުންނެވެ. ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި މިނުރައްކާތެރި ހާދިސާގެ އަލިފާން އަދިވެސް މުޅިން ކޮންޓްރޯލު ނުކުރެވޭއިރު މިއަލިފާނުގެ ސަބަބުން އެތައް ޢާއިލާއެއްމިވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އަލިފާނުގެ ހާދިސާއިން އަސަރުކުރި އެތައް ޢާއިލާއެއް މިވަގުތު ތިބީ ކަލާފާނު ސްކޫލުގައެވެ. އިމާދުއްދީން ސްކޫލާއި އަދި މަޖީދިއްޔާ ސްކޫލުވެސް ބޭނުންކުރަން ޖެހިއްޖެނަމަ ބޭނުންކުރެވޭގޮތައް ތައްޔާރީ ހާލަތަށް ގެނެވިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

https://twitter.com/mu33z_05/status/1175129436812763136?s=20

ހާލުގައި ޖެހިގެން ކަލާފާނު ސްކޫލަށް ގެންދެވުނު ޢާއިލާތަކަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙާއި، ނައިބު ރައީސް ފައިސަލް ނަޞީމާއި އަދި ދައުލަތުގެ ވަޒީރުންވަނީ ޒިޔާރަތްކުރައްވާ އެޢާއިލާތަކަށް ހިތްވަރުދެއްވާފައެވެ. ދިވެހި ދިފާއީ ބާރާއި، ދިވެހި ފުލުހުންނާއި، ދިވެހި ރެޑްކްރެސެންޓާއި އަދި ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ އޮފީސްތަކުން ޤައުމީ ޚިދުމަތިގައި އެބަ ހިތްމަތްކުރައްވަމުން ގެންދަވައެވެ. އެތައް އާންމު ރައްޔިތުންނެއް އެއްބައިވަންތަކަން ދައްކުވައިދީ އެހީތެރިވުމުގައި ޝާމިލްވެފައިވާ މަންޒަރު އެބަފެނެއެވެ.

ޤައުމީ މިއެއްބައި ވަންތަކަމުގެ ވަގުތުކޮޅުގައި ދޭސީ ބިދޭސީންގެ ފަރާތުންވެސް ފެންނަމުން މިދަނީ ނަމޫނާއެވެ. މިވަގުތަކީ އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ބޭނުންވާ ވަގުތެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އެހެނިހެން ކަމާގުޅުން ހުރި ފަރާތްތަކުގެ އިރުޝާދަށް ފުރިހަމައަށް ބޯލެނބުމަކީ މިވަގުތައް ވަރަށް މުހިންމުކަމެކެވެ. ހާލުގައި ޖެހުނު ޢާއިލާތަކަށް އެމީހަކަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެންމެ މުހިންމުކަމެވެ.

މިވަގުތުކޮޅުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައި "ވަގުން" ފޫގަޅާފާނެކަމަށް ސަމާލުކަން ދޭންޖެހެއެވެ. ދެއްވާ އެހީތެރިމެއް ދެއްވެނީ އެންމެ ރަނގަޅު ފަރާތަށްތޯ ކަށަވަރު ކުރައްވަން ވާނެއެވެ. އާންމުންގެ މުދަލަށް ރައްކާތެރިކަންދީ ފާރަވެރިވުމުގައި ކޮންމެ ފަރުދަކުވެސް ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ދެއްވާށެވެ. އަމަލީ ގޮތުން މިކަމުގައި ބައިވެރި ނުވެވޭނަމަ ހެޔޮ ދުޢާއަށް އަތް އުފައްލަވައި، ﷲ ހަޒުރަތުން މިކަމުގެ މަދަދަށްއެދި މިކަމުގައި ބައިވެރިވެ ލައްވާށެވެ.

https://twitter.com/adheel_think/status/1175115094872604672?s=20

މިހިތާމަވެރި ހާދިސާއަކީ އެތައް ރަށެއްގެ އެތައް ޢާއިލާއަކާއި ގުޅިފައިވާ ހާދިސާއެކެވެ. ދޭސީ ބިދޭންސީންނާއިވެސް ގުޅިފައިވާ ހާދިސާއެކެވެ. ހާދިސާގައި އުޚުތަކު ނިޔާވި ޚަބަރު އިވުމާއެކު، އެމަރުޚޫމާއަށް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުޢާ ކުރަމެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ! މިހާދިސާއިން އަޅަމެނަށް ކެތްތެރިކަންދެއްވައި، ސަލާމަތްތެރިކަން ދެއްވާށިއެވެ! އާމީން.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *