ތިލަދުންމަތީ ހުނަރުވެރިން: ތަކަންދޫ އިން އުފަންވި މަޝްހޫރު ޕްރެޒެންޓަ އަދި ކުޅަދާނަ ނޫސްވެރިޔާ!

Ahmed hameed Wajey (1)

މިއީ ތިލަދުންމަތީ އުތުރުބުރީ ހއ.ތަކަންދޫ، ވެޔޮދަށުގެ އަޙްމަދު ހަމީދު އާދަމެވެ. މަޝްހޫރު ޕްރެޒެންޓަރެކެވެ. ކުޅަދާނަ ނޫސްވެރިޔެކެވެ. ބަޔާން ކުރެވިދިޔަ ދާއިރާތަކުން މިހާރު ރާއްޖޭގެ އެންމެން ދަންނަ ފަރިތަ ނަމެކެވެ. ހަމީދު މިއަދު ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވީ ނަމަވެސް، އެ މަޤުބޫލްކަމާއި ހިސާބަށް ވާޞިލްވުމުގައި ކަޑަތު ކޮށްފައިވާ އުނދަގޫ މަރުހަލާތަކަކީ މުހިންމު ވާހަކަތަކެކެވެ.

ހަމީދު އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކޮށްފައިވަނީ އުފަން ރަށުގައެވެ. ހއ.ތަކަންދޫ މަދަރުސަތުލް ޝަހީދު އަލީ ތަކުރުފާނު ސްކޫލުގައެވެ. އެ ސްކޫލުގައި ގްރޭޑް ހަތަކާއި ހިސާބަށް ތަޢުލީމް ހާސިލް ކުރުމަށް ފަހު މާލެ ބަދަލުވެ ތަޢުލީމް އުނގެނުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ މާލޭ އިންގްލިސް ސްކޫލް (އެމްއީއެސް) ގައެވެ. ގްރޭޑް ދިހައެއް ފުރިހަމަކޮށް އޯލެވެލް އިމްތިހާން ފުރިހަމަ ކޮށްފައިވަނީ އެމްއީއެސްގައެވެ.

ގްރޭޑް ދިހައެއް ނިންމާލުމަށް ފަހު އެނބުރި ރަށަށް ޗުއްޓީއަށްދިޔަތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްޕަ ވަރަށް ބޮޑަށް ބަލިވިއެވެ. އަމިއްލަ އަށް އެއްވެސް ކަމެއްކޮށް ނޫޅެވޭ ވަރަށް ބައްޕަ ބަލިވުމުގެ ސަބަބުން ބައްޕަގެ ހުރިހާ ކަމެއް ކޮށްދިނުމުގައި މަންމައާއިއެކު އެންމެ ކައިރީގައި ހުރީ ހަމީދުއެވެ. އެ ގޮތުގައި ހަތަރު މަހެއްހާ ދުވަސް ހޭދަވުމަށްފަހު ބައްޕަ ނިޔާވުމާއި ގުޅިގެން ހަމީދުއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އެ އަސަރުތައް ހަމީދުއަށް ވަރަށް ބޮޑަށް އުނދަގޫ ކުރަމުންދިޔައެވެ. ވުމާއިއެކު އެކަމުން އަރައިގަތުމަށް ވަރަށް އަވަދިނެތި އުޅެން ޖެހޭކަހަލަ ވަޒީފާއަކަށް ގޮސް އެ ހަނދާންތަކާއި ދުރަށް ދާން ހަމީދު ބޭނުންވިއެވެ.

 

ހަމީދުގެ އުމުރުން އެންމެ އަށާރަ އަހަރުގައި މަންމަގެ އެދުމުގެ މަތިން ވަޒީފާއެއް ހޯދުމަށް ފުރައިގެން މާލެ ދިޔައީ ޕްރެޒެންޓަރަކަށް ނުވަތަ ނޫސްވެރިއަކަށް ވުމަށް އެއްވެސް ވަރަކަށް ވިސްނައިގެންނެއް ނޫނެވެ. ވަކި ކަހަލަ މީހަކަށް ވުމަކީ ހަމީދު އެއްވެސް އިރެއްގައި ވިސްނާފައި އޮތްކަމެއް ވެސް ނޫނެވެ.

އެއީ މީގެ ބާރަވަރަކަށް އަހަރު ކުރިއެވެ. ވީޓީވީގެ ނޫސްވެރިއެއްގެ ވަޒީފާއަށް ހަމީދު ވަނީ ދާއިރާގެ އެއްވެސް ޢިލްމެއް ނެތިއެވެ. ކިޔެވުމަށް މާމޮޅު މީހަކަށް ނުވުމުގެ ސަބަބުން ރަނގަޅު ތަޢުލީމީ ސެޓްފިކެޓެއް ވެސް ހަމީދުގެ އަތުގައި ނެތެވެ. ނަމަވެސް އިންޓަވައު ފުރިހަމަ ކުރުމަށް ފަހު ހަމީދަކީ މި ދާއިރާގައި އުންމީދީ ފަރާތެއް ކަމުގައި ނިންމައި އެ ވަޒީފާ ހަމީދުއަށް ހަމަޖައްސައި ދެއްވީ، ވީޓީވީގައި ހަމީދު ހޭދަކުރި ދިހަ އަހަރު ދުވަހު ހަމީދުގެ ބޮސްގެ ގޮތުގައި ހުންނެވި އިމާދު ލަތީފްއެވެ.

 

ނޫސްވެރިކަމުގެ ތެރެއަށް އެއްވެސް ތަމްރީނެއް ތަޖުރިބާއެއް ނެތި ނުކުމެ، އެ ދާއިރާގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ހަމީދުއަށް ކުރިމަތިލާން ޖެހުނެވެ. އެ ގޮންޖެހުންތައް ހިއްސާ ކުރަމުން ހަމީދު ބުނެފައިވަނީ އެންމެ ބޮޑަށް އުނދަގޫވީ އެއްވެސް ވަރަކަށް ކޮމްޕިއުޓަރުގެ ޢިލްމު އުނގެނެވިފައި ނެތުމުގެ ސަބަބުން ކަމަށެވެ.

ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަސް ސިފަކޮށްދެމުން ހަމީދު ބުނެފައިވެއެވެ. އެއީ 2009 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ފަސްވަނަ ދުވަހެވެ. އޮފީހަށް ނުކުތް ފުރަތަމަ ދުވަހު ކުރު ޚަބަރެއް ލިޔަން ޖެހުނެވެ. އެއްވެސް ވަރަކަށް ކޮމްޕިއުޓަރުން ޓައިޕްކޮށް ހަދާފައި ނެތުމުގެ ސަބަބުން އެ ޚަބަރު ދެ ގަޑިއެއްހާއިރު ވެގެންދިޔަ އިރު ވެސް ޓައިޕްކޮށް ނިންމައި ނުލެވުނެވެ. މިހެންވުމުގެ ސަބަބުން އުންމީދު ގެއްލޭފަދަ އެތައް ފީޑްބެކްތަކެއް ލިބުނެވެ.

ނަމަވެސް ހަމީދު އުންމީދު ދޫކޮށެއް ނުލައެވެ. އެއީ ފެށުމެއްކަމުގައި ނިންމިއެވެ. އެކަމުން އިތުރު ހިތްވަރު ހޯދިއެވެ. ހަމީދުއަކީ އޮފީހުގެ އެންމެ އާދައިގެ މީހާކަމުގައި އަމިއްލައަށް ކަނޑައެޅިއެވެ. ކުރިއަށް ދިޔުމަށް އެހެން މީހުންނަށް ވުރެ އިތުރަށް، ދެގުނަ މަސައްކަތް ކުރަންޖެހޭ ކަމަށް އެ ދުވަހު ހަމީދު ޤަބޫލުކުރިއެވެ. ހިތްވަރާއިއެކު ކުރިމަތިލައި އޮފީހުގެ އެހެން މުވައްޒަފުންގެ އެހީތެރިކަމާއިއެކު އެތައްއެތައް ކަމެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަސްކުރިއެވެ. ބުރަ މަސައްކަތުން ދާދި އަވަހަށް ކޮމްޕިއުޓަރަށް ފަރިތަވެލިއެވެ.

ގަބޫލްކުރަން ވެސް ދަތިވިއެވެ. ހަމީދަކީ މިވަގުތު ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ އެއް ޕްރެޒެންޓަރެވެ. ނޫސްވެރިކަމުގައި ވެސް ހަމަ އެފަދައެވެ. ބާރަ އަހަރު މި ދާއިރާތަކުގައި ހަމީދު ކާމިޔާބު ކަމާއިއެކު ހޭދަކޮށްފިއެވެ.

 

ފާއިތުވެދިޔަ ދިގު މުއްދަތުގައި މިހާފުރިހަމަ އަށް މިކަންކަން ހަމީދު ކުރަމުން އައި ނަމަވެސް މި ދާއިރާތަކާއި ގުޅުންހުރި އިންހައުސް ޓްރެއިނިން ފިޔަވައި އިތުރު އެއްވެސް ކޯހެއް މިއަދާ ހިސާބަށް ވެސް ހަމީދު ފުރިހަމަ ކޮށްފައި ނުވެއެވެ. މިކަމުންވެސް އެނގި ހާމަވެގެންދަނީ މި ފީލްޑްތަކުން ކުރިއަށް ދިޔުމަށް ހަމީދު ހިކުމަތްތެރި ކަމާއިއެކު ކޮށްފައިވާ މަސައްކަތްކަން ޔަޤީނެވެ.

ހަމީދު އެންމެ ލިޔާހިތްވާ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ މުނިފޫހިފިލުވުމާއި ގުޅުންހުރި ލިޔުންތަކެވެ. މީގެ އިތުރުން ސިޔާސީ ރިޕޯޓް ތަކެވެ. އަދި ދީނީ ލިޔުންތައް ލިޔުމަކީ ހާއްޞަ ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމެއްކަމުގައި ހަމީދު ފާހަގަ ކުރެއެވެ.

ފަށައިގަތުމުގައި ކޮށި ނަމަވެސް މިހާރު ހަމީދުގެ ގަލަމަކީ ފަސޭހައިން ދެލި ހިނގާ ލިޔުންތެރިކަމަށް ކުޅަދާނަ ގަލަމެކެވެ. ޚަބަރެއް ލިޔެލުމަކީ ދާދި ފަސޭހަ ކަމެކެވެ. ދިގު ރިޕޯޓްތައް ލިޔެލަން ވެސް މާގިނަ ވަގުތެއް މިހާރު ހަމީދުއަކަށް ބޭނުމެއް ނުވެއެވެ.

ނޫސްވެރިކަމުން ކުރިއަށް ދާން ބޭނުންނަމަ މަސައްކަތަށް ވަރަށް ފަރުވާތެރި ވާންޖެހެއެވެ. މިފަދަ ސިޔާސީ އޮއި ބާރު ޒަމާނެއްގައި އިހުލާސްތެރިކަން ނެތި މި މަސައްކަތް އެދެވޭ ގޮތުގައި ނުކުރެވޭނެއެވެ. ލިޔެ އާންމުކުރާ ޚަބަރުތަކުގެ ތެދުދޮގު ކަށަވަރު ކުރަންޖެހެއެވެ. އަމާނާތްތެރިކަމާއިއެކު މި މަސައްކަތުގައި ދެމި ހުންނަން ޖެހެއެވެ. ކުރިއަށް ދިޔުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ. މިއީ ހެޔޮ ގޮތުގައި ކާމިޔާބު ކަމާއިއެކު މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ދޭން އޮތް ހަމީދުގެ މެސެޖެވެ.

ހަމީދު ކެރިއާގެ ބޮޑުބައެއް ހޭދަކޮށްފައިވާ، އަދި ހޭދަކުރަމުން އަންނަ އެއް ފީލްޑަކީ ޕްރެޒެންޓް ކުރުމެވެ. މިކަމަށް ހަމީދުއަށް ވަދެވުނުގޮތަކީ ވެސް މުހިންމު ވާހަކައެކެވެ. ދިމާވި ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު މީހަކަށް ވުމަށް ކުރި ދަތުރަކީ މި ދާއިރާތަކަށް ނުކުންނަން ޝަޢުޤުހުރި ކުދިންނަށް މުހިންމު ވާހަކަތަކެކެވެ.

ޕްރެޒެންޓިންގެ ދާއިރާއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ހަމީދު ބުނެފައިވަނީ އެއީ ވަރަށް މަޖާކޮށްދިމާވި ކަމެއްކަމަށެވެ. އެ ދުވަސްވަރު ވީޓީވީ ހިންގަމުން އައީ ތިލަފުށީގައެވެ. ހަފްތާގެ ޚަބަރުތަކަށް ހާއްޞަ ކޮށްގެން ކޮންމެ ހުކުރު ދުވަހެއްގައި ގެންނަ "ހަފަރާތް" ކިޔާ ރިކޯޑެޑް ޕްރޮގްރާމެއް، ރެކޯޑްކުރުމަށް ހަމަޖެހިފައިވީ ވަގުތު އެ ޕްރޮގްރާމަށް އަރަން ހަމަޖެހިފައިވާ ކުއްޖާ އުޒުރުވެރިވިއެވެ. ޕްރޮގްރާމް ފުރިހަމަ ކުރުމަށް އަރާނެ އިތުރު މީހަކު ނެތުމާއި ވެސް އެކު އަދި އޭރު ހަމީދުގެ މަތީގައި މަސައައްކަތް ކުރަމުންދިޔަ ބައެއް ފަރާތްތަކުގެ އެދުމުގެ މަތީން އެ ޕްރޮގްރާމަށް އެރިއެވެ. އެ ޕްރޮގްރާމަށް ސީނިއާ ބައެއް ސްޓާފުންގެ އެދުމުގެ މަތިން އެރިއިރު އެއީ މަނާކަމެއްކަން ހަމީދުއަކަށް ނޭނގެއެވެ. ތަނުގެ ޓީވީ ޕްރޮގްރާމްތަކަށް އެރުމުގެ ހުއްދަ ދިނުމަކީ ތަނުގެ މެނޭޖްމެންޓް ސައިޑުން ދޭ ހާއްސަ ހުއްދައެއްކަން ހަމީދުއަށް އެނގުނީ އެ ދުވަހުއެވެ. ޕްރޮގްރާމް ދެއްކި ހިސާބުން ތަނުގެ ވެރިންނަށް އެކަން އެނގުނެވެ. ވަގުތުން ހަމީދުގެ ފޯނު ރިންގުވާން ފެށިއެވެ. އޮފީހުގެ ހުރިހައި ވެރިންހެން ހަމީދުއަށްގުޅައި މެނޭޖްމެންޓްގެ ހުއްދައެއްނެތި އެރުމުން އެކަން ފާހަގަ ކުރިއެވެ.

އެ ދުވަހުގެ އިހުސާސްތައް އިތުރަށް ތިލަކޮށްދެމުން ހަމީދު ބުނެފައިވަނީ އެ ޕްރޮގްރާމުން ރަށު މީހުންނަށް ހަމީދު ފެނުމާއި ގުޅިގެން ގިނަބަޔަކު ގުޅައި މަރުހަބާ ކީކަމަށެވެ. ނަމަވެސް އުސޫލުން ބޭރުން އެކަން ގޮސްފައި އޮތުމުން ތަނުގެ ވެރިން ގުޅާފައި އެކަން ފާހަގަ ކުރުމުން ދެން ދުވަހަކު ވެސް ޓީވީ ޕްރޮގްރާމަކަށް ނާރަން ހަމީދު އަޒުމް ކަނޑައެޅިއެވެ.

ނަމަވެސް އަނެއްކާ ވެސް ވިސްނުން ބަދަލުކުރަން ޖެހުނީ ހަމަ އެފަދަ އެހެން ހާލަތެއް ކުރިމަތި ވުމުންނެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހެވެ. ދެއެއްގެ ޚަބަރު ކިޔުމަށް ތައްޔާރުވެގެން އައި ކުއްޖާ ކުއްލިއަކަށް ބަލިވެ ހާލަތު ގޯސްވުމުގެ ސަބަބުން ތަނުގެ ވެރިންގެ އެދުމުގެ މަތިން އެ ދުވަހުގެ ދެއެއްގެ ޚަބަރަށް ހަމީދު އަނެއްކާވެސް އެރިއެވެ. ނަމަވެސް އެކަމަށް އައުވެފައި އަދި އެއްވެސް ވަރަކަށް ތައްޔާރުނުވެ އަރަން ޖެހުމުގެ ސަބަބުން އެ ދުވަހު އެކަން ރަނގަޅަށް ކުރެވޭ ގޮތެއް ނުވިއެވެ. ނެގެޓިވް ފީޑްބެކްގެ ސަބަބުން އިތުރަށް މާޔޫސްވެ އެކަން ކުރުމުގެ ޝަޢުޤު އެއްކޮށް ގެއްލިގެން ދިޔައެވެ. އަނެއްކާ ވެސް ޓީވީ ޕްރޮގްރާމް ހުށަހަޅަން ނާރަން އިތުރަށް އަޒުމް ވަރުގަދަ ކުރިއެވެ.

 

އޭގެ ދެ ހަފްތާގެ ފަހުން ހަމަ ކުރިން ދިމާވިފަދަ ހާލަތެއްގެ ސަބަބުން ރޭގަނޑު އަށެއްގެ ޚަބަރަށް ހަމީދުއަށް އަރަން ޖެހުނެވެ. އެ ދުވަހު ހަމީދު ވިސްނުން ބަދަލުކޮށް އަޒުމް އާކުރިއެވެ. މިގޮތަށް ލިބޭ ފުރުޞަތުތަކުގައި ރަނގަޅަށް އެކަންކޮށް އެއީ ހަމީދުއަށް ކުރެވިދާނެ ކަމެއްކަން ސާބިތުކޮށްދޭނެ ބޭނުންވިއެވެ.

ވުމާއިއެކު އެ ޚަބަރު ގަޑިއަށް ރަނގަޅަށް ތައްޔާރުވެ އެ ޚަބަރު ވަރަށް ރަނގަޅަށް ކިޔައި ނިންމާލިއެވެ. އެ ހިސާބުން ހަމީދުގެ ހުށަހަޅައި ދިނުމުގެ ހުނަރު އޮފީހުގެ ވެރިންނަށް ބަލައި ގަނެވުނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭ ވެރިން އެންމެ އިތުބާރުކުރާ އެންމެ މަޤުބޫލް ޕްރޮގްރާމް ހުށަހެޅުންތެރިއަކަށް ހަމީދު ވެގެންދިޔައެވެ.

އޮފީހުގެ ވެރިންނާއި ސީނިއާ ސްޓާފުންގެ އެހީތެރިކަމާއިއެކު އަދި އަމިއްލައަށް ކުރި ބުރަ މަސައްކަތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓީވީން ގެނެސްދޭ ކޮންމެ ކަހަލަ ޕްރޮގްރާމެއް ވެސް ހުށަހަޅައި ދިނުމުގެ ޤާބިލްކަން ހަމީދު ހޯދިއެވެ. ވީޓީވީގައި ހަމީދު ހޭދަކުރި ދިހަ އަހަރު ދުވަހުގެ މުއްދަތުގައި އެކި ދާއިރާގެ ޕްރޮގްރާމް ފަރިތަ ކަމާއިއެކު ހުށަހަޅައި ދީފައިވެއެވެ.

ދީނީ ޕްރޮގްރާމްތަކާއި، މުނިފޫހި ފިލުވުމުގެ ދާއިރާގެ ޕްރޮގްރާމަތަކާއި، ސިޔާސީ ޕްރޮގްރާމްތަކާއި، ޚަބަރާއި، އަދި ތަފާތު ލައިވް ޕްރޮގްރާމްތައް ހިމެނެއެވެ. ފާއިތުވި އަހަރުތަކުގައި ސިޔާސީގޮތުން ޤައުމު ހަލަބޮލިވެގެންދިޔަ ކޮންމެ ވަގުތެއްގައި ޤައުމުގެ މަޝްރަޙް ބެލުންތެރިންނަށް ގެނެސްދިނުމުގައި ލައިވް ޕްރޮގްރާމްތަކުގައި މެދުނުކެނޑި އެތައް ގަޑިއިރުތަކެއް ހަމީދު ހޭދަކޮށްފައިވެއެވެ.

ހަމީދު ފާހަގަ ކޮށްފައިވާ ގޮތުގައި ހަމީދުގެ ޕްރެޒެންޓިންގެ ކެރިއާގައި ހުށަހަޅައިދެވުނު އެންމެ ހިތްހަމަޖެހޭ ޕްރޮގްރާމަކީ ވީޓީވީގައި މަސައްކަތްކުރި ދުވަސްވަރު ކޮންމެ ހުކުރު ދުވަހެއްގެ 14:30 ގައި، ރާއްޖޭގެ އެންމެ އިއްޒަތްތެރި އަދި ވަރަށް ހާއްސަ ބޭބޭފުޅުންގެ އިންޓަވިއު ގެނެސްދެވުނު "މެހެމާން ސަރާ" ޕްރޮގްރާމެވެ.

އޭގެ 212 ޕްރޮގްރާމް ހަމީދު ވަނީ ތަފާތު 213 ބޭފުޅުންނާއިއެކު ހުށަހަޅައި ދީފައެވެ. އަދި މީގެ އިތުރުން ވީއެފްއެމް އުފެދުނު ހިސާބުން ފެށިގެން "ސުވާސްތި" ނަމުގައި ކޮންމެ ދުވަހަކު ހެނދުނު ގެނެވުނު ޕްރޮގްރާމްގެ އިތުރުން ހަމީދު ފާހަގަ ކޮށްފައިވާ ގޮތުގައި ދީނީ ކޮންމެ ޕްރޮގްރާމަކީ ވެސް ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ގެނެސްދޭ ޕްރޮގްރާމްތަކެއް ކަމަށެވެ. ހަމީދު ވީޓީވީން ވަކިވެފައިވަނީ އެ ވަޒީފާއަށް ދިހަ އަހަރު ފުރުން ދުވަހުއެވެ. އެއީ 05 އޯގަސްޓް 2019 ގައެވެ.

ހަމީދު މިހާރު "އަވަސް" ނޫހުގައި މަސައްކަތް ކުރަމުން އަންނައިރު ޕްރޮގްރާމް ހުށަހަޅައި ދިނުމާއި ލިޔުންތެރިކަމުގައި ހަމީދަކީ ކާމިޔާބު މީހަކަށް ވުމުގައި، އެ ދާއިރާތަކުން ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ފަރާތްތަކާއިއެކު މަސައްކަތް ކޮށްލަން ލިބުން ހިމެނެއެވެ. މިގޮތުން ބަލާއިރު ޕްރޮގްރާމް ހުށަހަޅައި ދިނުމުގައި ރާއްޖޭގެ ގިނަބަޔަކު ލޯބި ހޯދާފައިވާ އަމީން އިބްރާހީމް، އިބްރާހިމް ޚަލީލް، އިމާދި ލަތީފް، މުޙައްމަދު ޝަމީމް، މުޙައްމަދު އިކްރާމް، މުޙައްމަދު އާސިފް (މޮންދު)، ދިޔާނާ ޠާހިރު، އިސްމާއިލް ވަހީދު، މުސްތަފާ ހުސައިން، މައިޝަރާ އަދި ޞާބިރާގެ އިތުރުން އަވަސްގެ ޗެއާމަން އަބްދުﷲ ސިނާން އަދި އަވަސްގެ ޗީފް އެޑިޓަރ މުންޑޫ އާދަމް ހަލީމްފަދަ ބޭބޭފުޅުން ހިމެނެއެވެ.

މި ފަރާތްތަކުން ދެއްވި އަދި ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް މި ހުރިހާ ފަރާތްތަކަށް ހަމީދު ވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.

ދެންއޮތީ ވެސް ނުދައްކާ ދޫކޮށް ނުލެވޭނެ ވާހަކައެކެވެ. ވީޓީވީގައި މަސައްކަތްކުރި އަޙްމަދު ހަމީދު އާދަމްއޭ ބުނުމުން އެންމެންނަށް ވެސް ސިފަވާނީ ހަމަ ތިޔަ ސިފަވި ގޮތަށެވެ. ވަރަށް ފަލަ މީހެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު ހަމީދަކީ ފަލަ މީހެކޭ ބުނެވޭކަށް ނެތެވެ. ހަމީދުވަނީ ފާއިތުވި ތިންއަހަރު ކުރި މަސައްކަތުން، ހަމީދުގެ ހަށިގަނޑު 139 ކިލޯއިން 92 ކިލޯއަށް ލުއިކޮށް އެކަމުގައި ވެސް ހަމީދުގެ ހިތްވަރު ދައްކުވައި ދީފައެވެ. ހިކެން މަސައްކަތްކުރާ އެތައް ބަޔަކަށް ހިތްވަރު ހޯދައިދީ އެކަމުގައި ވެސް ކާމިޔާބު ހޯދާފައެވެ.

ހަމީދުގެ ކެރިއާގައި ކުރިމަތިލީ ކޮންމެ ކަމަކުން ފެންނަން އޮތީ ގޮންޖެހުމެވެ. ނަމަވެސް އެއްވެސް ގޮންޖެހުމަކީ މީހާ ހުއްޓުވޭނޭ ސަބަބެއް ނޫންކަން ހަމީދު ވަނީ ސާބިތު ކޮށްދީފައެވެ. އަސްލު ކާމިޔާބު މީހާއަކީ ދިމާވާ ގޮންޖެހުނަތަކާއި ކުރިމަތިލައި އެކަމުގެ މައްޗަށް ކާމިޔާބު ހޯދާ މީހާކަން ހަމީދު ވަނީ ކިތަންމެ ރަނގަޅަކަށް ވެސް ސާބިތު ކޮށްދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ ލިއުމެއް
    ކުރިއަކުން ނޭންގެ ހަމީދަކީ ތަކަންދޫ މީހެއްކަމެއް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި