ޖަންގައްޔެއްގައި ރޯވެ އިންޑޮނީޝިޔާއަށާއި މެލޭޝިޔާ އަށް ނުރައްކާ

1A0DF75E-D9B7-4F49-9BF3-1F795E93EFB5

ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމެއްކަމުގައިވާ އިންޑޮނީޝިޔާގެ ޖަންގައްޔެއްގައި ރޯވަމުންދާ އަލިފާންގަނޑަކާ ގުޅިގެން، އެޤައުމުގެ ބައެއް ސަރަޙައްދުތަކަށާއި ކައިރީގައި އޮތް މެލޭޝިޔާގެ ބައެއް ސަރަޙައްދުތަކަށް ނުރައްކާވަމުން އެބަދެއެވެ.

މި އަލިފާންގަނޑުގެ ސަބަބުން މި ދެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އެލާޓްތައް ނެރެފައިވާކަމަށް، ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި، އިންޑޮނީޝިޔާގެ މި ރެއިން ފޮރެސްޓުގައި އަލިފާން ރޯވެ، ފެތުރެމުންދަނީ، ޖަންގަލި ސަރަޙައްދުގައި ދަނޑުވެރިކަން ކުރުމަށް ބައެއް ފަރާތްތަކުން ބިން ސާފުކުރުމަށް ރޯވި އަލިފާންގަނޑުތަކާ ގުޅިގެންނެވެ. އަދި މިއީ ޤަވާއިދާ ޚިލާފަށް މިކަން ކުރަމުން ދިޔަ ބައެއްކަމަށް އެޤައުމުގެ ނޫސްތަކުންވެސް ބުނެފައިވެއެވެ.

އިންޑޮނީޝިޔާގެ ބައެއް ޖަންގަލިތަކުގައި ރޯވުމަކީ ކޮންމެ އަހަރަކުވެސް ދިމާވާ އާއްމުކަމެއްކަމުގައިވިޔަސް، މިފަހަރުގެ އަލިފާންގަނޑަކީ މިފަހުން ދިމާވި މިފަދަ އެންމެ ބޮޑު، އަދި އެންމެ ގެއްލުން ބޮޑު ހާދިސާއަށް ވެގެންދާނެއެވެ. ސަބަބެއްކަމަށް ކަމުގެ މާހިރުން ބުނަނީ މި ދުވަސްވަރަކީ އެސަރަޙައްދަށް ހޫނު ދުވަސްވަރަކަށްވުމުންނެވެ.

އާސިއާން ޤައުމުތަކަށް ޚާއްޞަ މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވާ ގޮތުގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ ހިސާބުތަކެއް، ސެޓެލައިޓުތަކަށްވަނީ ދެނެގަނެވިފައެވެ. ހަމައެހެންމެ، ސެޓެލައިޓުތަކުން އެއްކުނު މައުލޫމާތުތަކުން ދައްކާގޮތުގައި، މި އަލިފާންގަނޑު އަދިވެސް ފެތުރި، އިތުރު ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުޞަތު އޮތްކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

މި އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 930،000 ހެކްޓަރުގެ ސަރަޙައްދެއް އަނދައިގެން ގޮސްފައިވާއިރު، ގިނަ އަދަދެއްގެ އާއްމުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ހަމައެހެންމެ، 9000 އެއްހާ މީހުންވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ނެރެފައެވެ.

މިކަމާ ގުޅިގެން އިންޑޮނީޝިޔާ އާއި މެލޭޝިޔާގެ މެދުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް ޖެހުނުކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، އެމޭޒޮންގެ ބޮޑު ބައެއްވެސް ދާދިފަހުންވަނީ އަލިފާނުގެ ސަބަބުން އަނދާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *