އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

Utheem Adam abdull rahman

ދުނިޔޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ގެނެސްދެނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2016 އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމުޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ތިލަދުންމަތީގެ ފަޙްރުވެރި ދަރިއެއްގެ ވާހަކަ އެވެ. ހއ. އުތީމު، އަލިމަސްގެ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ގެ ވާހަކަ އެވެ.

އުތީމު އާދަމް ޢަބްދުއްރަޙްމާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާގެ އެންމެ ޚާއްޞަ ފަންނަކީ، ޅެންވެރިކަމެވެ.

އޭނާ ލިޔުއްވާފައިވާ މަޝްހޫރު އެއްފޮތަކީ [ދިވެހި ދިރިއުޅުމުގެ ތެރެއިން..........] މިނަމުގައި ދިވެހިންގެ އާދަކާދަޔާއި ޘަޤާފަތުގެ މައްޗަށް ލިޔުއްވި ފޮތެކެވެ. 600 ޞަފްޙާގެ މައްޗަށް އެކުލަވައިލެއްވި މި ފޮތަކީ، މުހިންމު އަދަބީ ތަރިކައެކެވެ. މިފޮތުގައި ދިވެހިންގެ އިހުގެ އާދަކާދަ ހުންނަ ތަރުތީބު މަގުތަކާއި، އިހުއްސުރެ ކަންކަން ކުރަމުން އައިސްފައިވާ އުސޫލުތަކާއި ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. މީގެއިތުރުން، [ފަތްތޫރަ] މަޖައްލާއަށްވެސް ތަފާތު އެކި ލިޔުންތައް ލިޔުއްވާފައިވެއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނެރުއްވާ [އައްޑަނަ] މަޖައްލާއަށާއި، ލިޔުންތެރިންގެ ގުޅުމުން ނެރުއްވާ [ލިޔުންތެރިޔާ] މަޖައްލާއަށާއި، ކުރިން ނެރެމުންދިޔަ [ދަރުމަ] މަޖައްލާއަށްވެސް އެކި ލިޔުންތައް ލިޔުއްވާފައިވެއެވެ.

އާދަމް ޢަބްދުއްރަޙްމާންގެ އެންމެ އާދަޔާޚިލާފު ފަންނަކީ، ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ މުތްތަކެއްފަދަ އަޖައިބުކުރުވަނިވި ފުރިހަމަ ޅެންވެރިކަމެވެ.

ޅެންވެރިކަމުން ދަރިވަރުވެވަޑައިގަތީ އަލްމަރްޙޫމް ހޯރަފުށީ އާދަމް ސަލީމްގެ އަރިހުންނެވެ. އެންމެ ފުރަތަމަ ޅެމެއް ހައްދަވާފައިވަނީ، މަދްރަސީ ދައުރުގައެވެ. ފުރަތަމަ ހެއްދެވީ، މި ދަންނަވާ ޅެން ބައިތެވެ.

ގުލްޝަނުން މިއަދުގެ އުފައުވެރި މާތަކޭ ފޮޅެމުންދަނީ
ބުލްބުލާ މުނިޔާތަކާވެސް ހަރުއަޑުން ގޮވަމުން ދަނީ

އާދަމް ޢަބްދުއްރަޙްމާންގެ ފުރަތަމަ އެދުރުންނަކީ، އޭނާގެ ލޮބުވެތި މަންމައާއި ބައްޕައެވެ. ނޮޅިވަރަންފަރު މަދަރުސަތުލް އަމީރު އަމީނުން އިބްތިދާއީ ތަޢުލީމު ފުރިހަމަކުރެއްވުމަށްފަހު، ސާނަވީ ތަޢުލީމާއި ތަމްރީނު ހޯއްދެވީ، ދިއްދޫ މަދަރުސަތުލް ޣާޒީ މުޙައްމަދުންނެވެ.

އާދަމް ޢަބްދުއްރަޙްމާންގެ ޅެންވެރިކަމުގެ ފަންނަށް ނަޒަރު ހިންގާލާއިރު، އަދުގެ ބައެއް ނާޤިދުންގެ ނަޒަރުގައި އޭނާގެ ޅެންވެރިކަމުގެ ތެރެއިން [ދިވެހި ޅެންވެރިކަމުގެ އުޖާލާވި ރަންތަރި] ފެންނަހިނދު، މަޝްހޫރު އުސްތާޛުއްޖީލު އަލްމަރްޙޫމް މުޙައްމަދު ޖަމީލުގެ [ޅެންވެރިކަމުގެ ހުވަނދު]، އާދަމް ޢަބްދުއްރަޙްމާންގެ ޅެންތަކުން ފެންނަހާ ފުރިހަމަ އެހެން ޅެންތަކެއް މަދުން ނޫނީ ނުފެނެއެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، ހައްދަވަން ޖެހިވަޑައިގެންނެވި ކޮންމެ މައުޟޫޢަކަށް ވަރަށް ފަރިތަކަމާއެކު ޅެން ހައްދަވާ ޝާޢިރެކެވެ. މި ފަންނުގައި ޅެމުގެ އިތުރުން، ލަވަޔާއި ރައިވަރުފަދަ ޅެންވެރިކަމުގެ އެކި ކުލަކުލައިގެ ބާވަތްތަކުން އޭނާ ގެންދަވަނީ، ދިވެހި ޅެންވެރިކަމުން އައު އުސްމިންތަކަކަށް ދަތުރުކުރައްވަމުންނެވެ.

އާދަމް ޢަބްދުއްރަޙްމާންގެ ވަސްމީރު އަސަރުގަދަ ޅެންތައް އެކުލަވައިލައްވައިގެން އެކި ފޮތްތައް ނެރުއްވަމުން ގެންދަވައެވެ. އޭގެތެރެއިން އެއް ފޮތަކީ [ޅެމުގެ މަންޞަފާ] އެވެ. ދެވަނަ ފޮތަކީ [ޅެން މޮހޮރީ] އެވެ. މިއިން ކޮންމެ ޅެން ފޮތެއްގެ، ކޮންމެ ޅެމަކަށް ވަކިވަކިން ބަލައިލި ކަމުގައިވިޔަސް ފެންނަނީ، ޅެންވެރިކަމުގެ ފަންނުގައި އޭނާގެ އާދަޔާޚިލާފު އުފެއްދުންތެރި ޚިޔާލާއި ކުޅަދާނަކަމެވެ. އޭނާ ހައްދަވާފައިވާ ބައެއް ޅެންތަކުގެ މާނަ ފުންކަމުން، އެއީ ކޮންކަހަލަ ޅެމެއްކަން ދެނެގަންނަން ބައެއްފަހަރު ދަތިވެއެވެ. ޚާއްޞަކޮށް، އޭނާ ހައްދަވާފައިވާ، ލޯބީގެ ޅެންތަކާއި ސިޔާސީ ޅެންތައް މިގޮތުން ފާހަގަކޮށްލަންޖެހެއެވެ.

އާދަމް ޢަބްދުއްރަޙްމާންގެ މަޝްހޫރު ޅެންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް މުނާސަބަތުގައި [ޤައުމީ ދިދައިގެ އިލްހާމް]ގެ ނަމުގައި ހެއްދެވި ޅެން، ދިވެހި ޤައުމުގެ ހިތަށް ތަސައްލީއެއް ހޯއްދަވައިދެއްވީ މިދަންނަވާ ރީތި ޢިބާރާތްކޮޅުންނެވެ.

ފެނިލުމުން ދިވެހި ދިދަ ވިހުރިލާ، ޖޯޝުގާ ރޫޙު ތާޒާވެލާ
މާނަވީ ބާރުގާ ވެރިވެދާ، އަސަރުގާ ވިންދު ޙަރަކާތްވެލާ

އާދަމް ޢަބްދުއްރަޙްމާންގެ ރައިވަރުތަކުގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އެއް ރައިވަރަކީ،

ރުންފުރޭ ހިތް މިޝުކު
ރުންވެ ދުރު ތިބެ ކަތުން ފަކު
ރުން ލިޔެ ތަކުން ހެޔޮވި އަކު
ރުންފާނު އަދި ކިޔާ ތަކު
ރުން ލިބި އަމާން ވެޔޭ ހުރި ބި
ރުން ވިލަޔޭ ހައި ހުރި ބި

ޅެންވެރިކަމުގެ ރޮނގުން އާދަމް ޢަބްދުއްރަޙްމާނު ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، 2004 ވަނަ އަހަރު ސަރުކާރުން ވަނީ ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ. ޅެންވެރިކަމުގެ ރޮނގުން ކުރިއަށް ދިޔުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އޭނާ މިހާރުވެސް އެހީތެރިކަން ފޯރުވައިދެއްވަމުން ގެންދަވައެވެ. އަދި އެފަދަ ފަރާތްތަކުން ހަދާ ޅެންތައް ބައްލަވައި، ޅެމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތަކާ ބެހޭގޮތުން ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދަވައެވެ. މިހާރުވެސް އޭނާގެ ޚިދުމަތް ތަފާތު ދާއިރާތަކަށް ދަނީ ލިބެމުންނެވެ. ޚާއްޞަކޮށް، ދިވެހިބަހުގެ އެކަޑަމީން އެދިވަޑައިގެންނެވި ކޮންމެ ކަމަކަށް އިޖާބަ ދެއްވައެވެ. އަދި ޅެމާއި ޅެންވެރިކަމުގެ ދާއިރާއިންވެސް ކޮށްދެއްވެންހުރި ހުރިހާ ޚިދުމަތްތަކެއް އޭނާ ގެންދަވަނީ ކޮށްދެއްވަމުންނެވެ.

އާދަމް ޢަބްދުއްރަޙްމާނަކީ، ސަރުކާރަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، އުތީމަށާއި އަދި ތިލަދުންމަތީ އުތުރުބުރިއަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށްލަންޖެހެއެވެ. ދެފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ތިލަދުންމަތީ އުތުރުބުރީގެ އަތޮޅުވެރިކަން ކުރައްވާފައިވެއެވެ. މީގެއިތުރުން އުތީމު ކަތީބުކަމާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރު ކަމުގެ މަޤާމާއި، ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތަނުގެ ނާޒިރު ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.

އާދަމް ޢަބްދުއްރަޙްމާނަށް ލިބިވަޑައިގެންނެވީ 16 ބޭފުޅުންނެވެ. މިހާރު ދުނިޔޭގައި ތިއްބެވި 14 ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކީވެސް، އެކި ރޮނގުރޮނގުން ޢިލްމީ ޤާބިލު ބޭފުޅުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. He used autocratic policy while he was in office. His smiles are really a poison of people of this atoll who worked with him.

    1
    2
    1. Leadership style and management skills are something different. This article only summarise his works and skills. That’s totally uncalled for.

Leave a Reply to Hassan ރައްދު ކެންސަލް

Your email address will not be published. Required fields are marked *