ތިލަދުންމަތީ ހުނަރުވެރިން: މަގުބޫލް ވާހަކަ ލިޔުންތެރިޔާ ޔަޝްފާ!

Yashfa

މިއީ ކިޔުންތެރިންގެ މަގުބޫލް ވާހަކަ ލިޔުންތެރިޔާ ހދ. މަކުނުދޫއަށް އުފަން ޔަޝްފާ އަބްދުލް ޣަނީގެ ވާހަކައެވެ.

ތަޢުލީމް ހާސިލްކުރި ދުވަސްވަރު ސްކޫލުގައި ނުވަތަ ކުލާހުގައި އަދަބިއްޔާތާއި ގުޅުންހުރި ކަމެއްގައިނަމަ އަބަދުވެސް އެންމެ ކުރީގައި ހުންނާނީ ޔަޝްއެވެ. ޔަޝްގެ ހިތުގައި ދިވެހި ބަހަށް ދެވިފައި އޮންނަނީ ހާއްސަ ލޯތްބެކެވެ. ޅެން ހެދުމާއި، މަޒުމޫނު ލިޔުމާއި ޚަބަރު ލިޔުމުގެ އިތުރުން ވާހަކަ ލިޔުމަކީ ޔަޝްގެ ޤަލަން ވަރަށް ފަރިތަ ކަންކަމެވެ. ބަހުސް ކުރުމާއި ރައިވަރު ކިޔުންފަދަ ކަންކަމަކީ ޔަޝް ވަރަށް ލޯބިކުރި ކަންކަމެވެ.

ލިޔުންތެރި ކަމުގެ ހުރިހާ ދާއިރާއަކަށް ފަރިތަ ނަމަވެސް ވާހަކަ ލިޔުމަކީ ޔަޝްގެ އެންމެ ހާއްސަ ހުނަރެވެ. ވާހަކަ ލިޔަން ފެށުނު ގޮތް ހިއްސާ ކުރަމުން ޔަޝް ބުނެފައިވަނީ އުނގެނުމުގެ މަރުހަލާ ނިންމާލުމަށް ފަހު ވަރަށް ގިނަ ހުސް ވަގުތު ލިބުމާއި ގުޅިގެން އެ ވަގުތުތައް ފުރާލުމަށް ޓަކައި ވާހަކަ ލިޔަން ފެށީ ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ވާހަކަ ލިޔުނީ އެ ވާހަކަތައް މީހުންގެ ތެރެއަށް އާންމު ކުރުމުގެ މާ ބޮޑު ފިކުރެއް އޮވެގެން ނޫން ކަމަށެވެ.

ޔަޝް ފޮރުވައިގެން ގެންގުޅުނު ވާހަކަތައް އާންމުވެގެން ދިޔުމުގައި ޔަޝްގެ ފިރިމީހާ މުޙައްމަދު ވަޖީހުގެ ދައުރު ބޮޑެވެ. ޔަޝްގެ ވާހަކަތައް ކިޔައި އެ ވާހަކަތަކުގެ ފެންވެރު ޔަޝްއަށް ބުނެދީ އިތުބާރު ހޯދައި ދިނީ ފިރިމީހާއެވެ. ބ.އޭދަފުށްޓަށް އުފަން މުޙައްމަދު ވަޖީހަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ބަސް އުނގައްނައި ދިނުމުގައި މަސައްކަތް ކޮށްފައިވާ ކުޅަދާނަ ދިވެހި މުދައްރިސެކެވެ.

"ޒީލަން" ގެ ނަމުގައި 2006 ވަނަ އަހަރު ލިޔުނު ދިގުވާހަކައަކީ ޔަޝް ވާހަކަ ލިޔުމުގެ ކެރިއާގެ ފެށުމެވެ. ފިރިމީހާގެ އެދުމުގެ މަތީން އެ ވާހަކަ، 2008 ވަނައަހަރު ބޭއްވި ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރި ކުރެވުނެވެ. ރާއްޖޭގެ މަތީފަންތީގެ ވާހަކަ ލިޔުންތެރިންގެ ވާހަކަތައް ވެސް ބައިވެރިކުރި އެ މުބާރާތުން ޔަޝްގެ ވާހަކައަށް ވަނީ ދެވަނަ ލިބިގެން ގޮސްފައެވެ. ގެވެށި އަނިޔާގެ މައްޗަށް ލިޔެފައިވާ "ޒީލަން" ގެ ފުރަތަމަ ޗާޕުގެ 1000 ކޮޕީ ވަނީ ތިންމަސް ދުވަހުގެ ތަރޭގައި ވިކި ހުސްވެފައެވެ. މިއީ ޗާޕްކޮށްގެން ނެރެވުނު ޔަޝްގެ ފުރަތަމަ ވާހަކައެވެ.

2008 ވަނަ އަހަރުގެ ކާމިޔާބީއާއިއެކު ޔަޝްއަށް އިތުރު ފޯރިއެއް ގެނުވިއެވެ. ވާހަކަ ލިޔަން ގިނަވަގުތުތަކެއް ހުސްކޮށް މޮޅެތި ދިގު ވާހަލަތަކެއް ކިޔުންތެރިންނާއި ހިސާބަށް ގެނެސްދީ ކިޔުންތެރިން ހިތްތަކުން ޖާގަ ހޯދިއެވެ.

ވާހަކަ ލިޔުމަކީ ފަންނެކެވެ. ހުނަރެކެވެ. ވާހަކައަކީ ހަމައެކަނި ހިތްހަމަ ޖައްސައިލަން ކިޔައިލާ ކިޔުމެއް ނޫން ކަމުގައި ޔަޝްގެ ވާހަކަތަކުން ބުނެދެއެވެ. މުހިންމު ބޭނުންތެރި މައްސަލަތަކަށް މީހުން ލޯ ހުޅުވައި ދިނުމަކީ ޔަޝްގެ ވާހަކަ ތަކުގެ އެންމެ ބޮޑު މަޤުޞަދެވެ. މިގޮތުން ޔަޝްގެ ގިނަ ވާހަކަތަކުގައި މުޖުތަމަޢުގައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށްދީ ކިޔުންތެރިންނަށް އެ ކަންކަމުން ސަލާމަތްވާނެ މަގުތައް ވަނީ ދައްކުވައިދީފައެވެ. ވާހަކަ ލިޔެގެން ވެސް މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަން ޔަޝް ވަނީ ސާބިތު ކޮށްދީފައެވެ.

ކާމިޔާބީތަކަށް ބަލައިލުމުން ޔަޝްގެ ވާހަކަ ލިޔުމުގެ ހުނަރާއި ކުޅަދާނަކަން ކިތަންމެ ރަނގަޅަކަށް ވެސް ފެނިގެންދެއެވެ. މި ގޮތުން ޅަފުރައިގެ އަންހެން ކުދިންނަށް ކުރާ ގޯނާތަކުގެ މައްޗަށް ލިޔެފައިވާ "ޔުކްތާ" މި ވާހަކައަށް، ޤައުމީ ވާހަކަ ލިޔުމުގެ މުބާރާތުން، 2009 ވަނަ އަހަރު ވަނީ ދެވަނަ ލިބިފައެވެ. ރަށްފުށުގެ ކުދިން މާލޭގައި ތަޢުލީމު އުނގެނުމަށް ކުރާ ބުރަ މަސައްކަތުގެ މައްޗަށް "ލީޝަން" ގެ ނަމުގައި ލިޔުނު ވާހަކައަށް 2011 ވަނަ އަހަރު ވާހަކަ ލިޔުމުގެ މުބާރާތުން ދެވަނަ ވަނީ ލިބިފައެވެ. އަދި އަންހެނުންނަށް ކުރާ ނޭދެވޭ އަނިޔާއާއި ބެހޭގޮތުން ލިޔެފައިވާ "ރުކާން" މި ވާހަކައަށް 2012 ވަނަ އަހަރުގެ ޤައުމީ މުބާރާތުން ވަނީ ތިންވަނަ ލިބިގެން ގޮސްފައެވެ. އަދި މީގެ އިތުރުން "އައިން" އަދި "އީރަމް" ފަދަ ދިގު ވާހަކަ ތަކަކަކީ ކިޔުންތެރިންގެ ބޮޑު މަޤުބޫލުކަން ލިބިގެންދިޔަ ވާހަކަ ތަކެވެ.

ޔަޝްވަނީ ޤައުމީ ފެންވަރުގައި ވެސް ރަން ވަނަތަކެއް ހާސިލް ކޮށްފައެވެ. މިގޮތުން 2014 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމް ޔަޝްވަނީ ހާޞިލް ކޮށްފައެވެ. މީގެއިތުރުން ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވާހަކަ ލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2015 ވަނަ އަހަރު ވަނީ ހާސިލް ކޮށްފައެވެ. އަދި ހދ.އަތޮޅަށް ނުވަތަ ޤައުމަށް ނުވަތަ ރަށަށް ފާހަގަ ކުރެވޭ އަގުހުރި ޚިދުމަތެއް އެކަށީގެންވާ މުއްދަތެއްގައި ކޮށްދީފައިވާ ނުވަތަ ކޮށްދެމުން އަންނަ ފަރާތްތަކަށް ހދ.އަތޮޅު ކައުންސިލުން ދެމުންއަންނަ ތިލަދެކުނު ޝަރަފުވެރިކަމުގެ އިނާމް 2017 ވަނަ އަހަރު ޔަޝްއަށް ވަނީ ހާސިލް ކޮށްފައެވެ.

ވާހަކަ ލިޔުމުގެ އިތުރުން އިނގިރޭސި ބަހުން ލިޔެފައިވާ މި މުޖުތަމަޢަށް ބޭނުންތެރި މަޢުލޫމާތު ހިމެނޭ ބައެއް ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކޮށް ކިޔުންތެރިންނާ ހިސާބަށް ގެނެސްދިނުމުގެ މަސައްކަތް ވެސް ޔަޝް އަންނަނީ ކުރަމުންނެވެ. އަދި އެކިއެކި ސިފަސިފާގައި ދިވެހި އަދަބިއްޔާތާއި ގުޅުންހުރި ކަންކަން އެހެން މީހުންނަށް އުނގައްނައި ދިނުމަކީ ވެސް ޔަޝް ވަރަށް ލޯބިކުރާ ކަމެކެވެ.

ލިޔުންތެރިއަކަށް ވާން ބޭނުންނަމަ ކިޔުންތެރިއަކަށް ވާށެވެ. ވާހަކަ ލިޔުންތެރިއަކަށް ވާން ބޭނުންނަމަ މޮޅެތި ވާހަކަ ލިޔުންތެރިންގެ ވާހަކަތަށް ގިނައިން ކިޔާށެވެ. ހުނަރުވެރިންގެ ހުނަރުން ދަސްކުރާށެވެ. ދެން އިތުރަށް އެކަމުގައި ވަގުތު ހޭދަކޮށް ހިތްވަރާއިއެކު މަސައްކަތް ކުރާށެވެ. މިއީ މޮޅު ވާހަކަ ލިޔުންތެރިއަކަށް ވާން ބޭނުންވާ ފަރާތްތަކަށް ޔަޝް ދޭން ބޭނުންވާ މެސެޖެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

Leave a Reply to ސަލީމާ ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި