•  
  •  
  •  
  •  
  •  
  •  

ޔޫރޯ 2020ގެ ކޮލިފިކޭޝަންސްގެ ގުރޫޕް އޭގައި ރޭ އިންގްލަންޑް ވަނީ ކޮސޯވޯ ބަލިކޮށްފައެވެ. ގިނަ ގޯލްތަކެއް ފެނިގެންދިޔަ މިމެޗްގައި އިންގްލަންޑްއިން ކޮސޯވޯ ބަލިކޮށްފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ. 

މެޗްގެ ފުރަތަމަ މިނިޓްތެރޭގައި ކޮސޯވޯއިން ވަނީ ގޯލެއްޖަހާ ލީޑް ނަގާފައެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފްގައި އިންގްލަންޑްއިން ވަނީ ފަސްގޯލް ޖަަހާފައެވެ. އިންގްލަންޑްގެ ފުރަތަމަ ގޯލް މެޗްގެ އަށްވަނަ މިނިޓްގައި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވަޑް ރަހީމް ސްޓާލިން  ކާމިޔާބުކޮށް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗްގެ 19 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ސްޓަރައިކަރ ހޭރީ ކޭން ވަނީ އިންގްލެންޑަށް ލީޑް ނަގައިދީފައެވެ. ކޭންގެ ގޯލަށްފަހު ދެން ފެނިގެން ދިޔައީ ކޮސޯވޯގެ ވޮޖޮވޯޑާ އަތުން ބައިކޮޅަށް ވަންގޯލެކެވެ. އިންގްލަންޑުގެ ހަތަރުވަނަ އަދި ފަސްވަނަ ގޯލް މެޗް 44 އަދި 45 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބޮރޯޝިއާ ޑޯޓްމަންޑްގެ ޖޯޑަން ސަންޗޯއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 5-1 އިން އިންގްލަންޑް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންގްލެންޑަށްވަނީ ގޯލް ޖާހާނެ  އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

ދެވަނަ ހާފްގައި ކޮސޯވޯއިން ވަނީ ކުޅުން ރަނގަޅުކޮށް ދެގޯލް ކާމިޔާބުކޮށްފައެވެ. މެޗްގެ 49 ވަނަ މިނިޓްގައި ކޮސޯވޯގެ ދެވަނަ ގޯލް ވެލަން ކާމިޔާބުކޮަށްދިންއިރު 55 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކޮސޯވޯގެ ތިންވަނަ ގޯލް އަދި މެޗްގެ ފަހުގޯލް ކާމިޔާބުކޮށްދިނީ މުރީކީއެވެ. މެޗްގެ 85 ވަނަ މިނިޓްގައި އިންގްލަންޑަށް ޕެނެލްޓީއެއް ލިބުނު ނަމަވެސް ކޭން ޖެހި ޕެނެލްޓީ ގޯލަކަށް ބަދަލުކޮށްލެވޭ ގޮތް ވަނީ ނުވެފައެވެ.

ރޭގެ މެޗާއި ކޮސޯވޯ ކުރިމަތިލީ އެންމެ ފަހުން ކުޅުނު ފަނަރަ މެޗްވެސް ކާމިޔާބުކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

ގްރޫޕް އޭގައި ކުޅުނު ހަތަރު މެޗްވެސް ކާމިޔާބުކޮށް އިންގްލަންޑް އެއްވަނައިގައި އޮތީ ބާރަ ޕޮއިންޓައިއެކުއެވެ. ޗެކް ރިޕްބަލިކް ދެވަނައިގައި ފަސްމެޗްއިން ނުވަ ޕޮއިންޓާއިއެކު އޮތް އިރު އަށް ޕޮއިންޓާއިއެކު ތިންވަނައިގައި އޮތީ ކޮސޯވޯއެވެ. މޮންޓެންގްރޯ އަދި ބަލްގޭރިއާއަށް ފަސްމެޗްއިން ދެ ޕޮއިންޓް ލިބިފައިވާއިރު ބަލްގޭރިއާ އޮތީ  ގުރޫޕްގެ ފުލުގައެވެ.

ގުރޫޕް އެޗްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވަނީ ރޭ އެންޑޯރާ 3-0 އިން ބަލިކޮށްފައެވެ. ފްރާންސްގެ ފުރަތަމަ ގޯލް މެޗްގެ 18 ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރާންސްއަށް ލީޑް ފުޅާކުރަން ލިބުނު ފުރުސަތު ވަނީ ބޭކާރުކޮށްލާފައެވެ. މެޗްގެ 28 ވަނަ މިނިޓްގައި ފްރާންސްއަށް ލިބުނު ޕެނެލްޓީ  ވަނީ އެންޑޯރާ ގެ ކީޕަރު ދިފާއުކޮށްފައެވެ. ފްރާންސްގެ ފަހު ދެވަނަ ގޯލް ފެނިގެން ދިޔައީ 52 ވަނަ މިނިޓްްގައި ކްލެމެންޓް ލެންގްލެޓްގެ ފަރާތުންނެވެ. ފްރާންސްގެ ތިންވަނަ ގޯލް މެޗްގެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ ވިސާމް ބިން ޔެއްދެރްއެވެ.

ގުރޫޕް އެޗްގައި ކޮންމެ ޓީމަކުންވެސް މިހާތަނަށް ހަ މެޗް ކުޅެފައި ވާއިރު އެއްވަނައިގައި އޮތް ތުރުކީ އަދި ދެވަނައިގައި އޮތް ފްރާންސްއަށް ލިބިފައިވަނީ ފަނަރަ ޕޮއިންޓެވެ. ތިންވަނައިގައި އައިސްލެންޑް އޮތީ ބާރަ ޕޮއިންޓާއިއެކެއެވެ. އަލްބޭނިއާ ތިން ވަނައިގައި އޮތީ ނުވަ ޕޮއިންޓް ލިބިގެންނެވެ. ފަސްވަނައިގައި އޮތް މޯލްޑޯވާއަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. ގުރޫޕްގެ ފުލުގައި އެންޑޯރާ އޮތީ އެވެސް ޕޮއިންޓެއް ނުލިބިއެވެ.

1 ޚިޔާލު

  1. މި ނޫހުން އެންމެ ރަނގަޅަށް ކަވަރ ކުރަމުންދަނީ ކުޅިވަރުގެ ހަބަރުކަމަށް ފާހަގަ. ކުރަން

Your email address will not be published.