•  
  •  
  •  
  •  
  •  
  •  

ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓުގައި ހެދި އަންޑަވޯޓާ އާޓް ގެލެރީ، ތަފާތު ސްކަލްޕްޗާތަކަކާ އެކު އަލުން ހުޅުވައިފި އެވެ.

ށ. އަތޮޅުގައި އޮންނަ ސިއްރު ފެންގުށި ހިންގާ ފެއާމޮންޓް ހޮޓަލްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ދަ ކޮރެލޭރިއަމް”ގެ ނަން ދީފައިވާ މި ގެލެރީ އަލުން ހުޅުވާފައި ވަނީ މުރަކަތަކެއް ސިފަވާ ގޮތަށް ހުންނަ ސްކަލްޕްޗާތަކަކާ އެކުގަ އެވެ. އެގޮތުން، މުރަކަތެއް ހެދި، ބޮޑުވަމުން އަންނަ ގޮތް ދައްކައިދޭ މި ސްކަލްޕްޗާތައް ހުންނަނީ އެ ތަނުގެ އޮނިގަނޑުގެ ތެރެއިން، ކަނޑުއަޑިން މައްޗަށް އަރާ ގޮތަށް ހަރުކޮށްފައި ހުންނަ 10 ހޮޅި ބޭނުންކޮށްގެން ހިފެހެއްޓިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެއާމޮންޓުން ބުނި ގޮތުގައި މި ސްކަލްޕްޗާތައް ހަދާފައި ވަނީ ކަނޑުގެ ވެށި ތަޣައްޔަރު ކުރާ އެއްވެސް މާއްދާއެއް ނުހުންނަ، ކަނޑުގެ ދިރުންތަކާ ގުޅޭ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން، އުސް މިނުގައި ގާތްގަނޑަކަށް ފަސް މީޓަރު ހުންނަ ކޮންމެ ސްކަލްޕްޗާއެއްގައި ސެރަމިކް ބޭނުންކޮށްގެން ހަދާފައިވާ 500 އާޓިފިޝަލް ސްޓާފިޝް ހުންނައިރު، މި ސްޓާފިޝްތައް ތައްޔާރުކޮށްފައި ވަނީ އޭގެ ބޭރުގެ ތޮށިގަނޑުގައި މަހުގެ ކާނާ ތާށިވެ، އެ ތަނަށް މަސް ޖަމާވާ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި ހުޅުވި ފުރަތަމަ ކަނޑުއަޑީގެ އާޓް ގެލެރީ އެންމެ ފުރަތަމަ ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް، މި ގެލެރީގައި އިންސާނުން ސިފަވާ ގޮތަށް ހަދާފައިވާ ބުދުތަކެއް ބަހައްޓާފައި ހުރި ކަމަށް ބުނެ، އެ ބުދުތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުން މެދުވެރިކޮށް ސަރުކާރުން ވަނީ ނަގާފަ އެވެ. އޭގެ ފަހުން، އެ ގެލެރީ ހުރީ ގެސްޓުންނަށް ބަންދުކޮށްފަ އެވެ.

މި ގެލަރީ ރަސްމީކޮށް ހުޅުވިއިރު އެގެލަރީގައި އިންސާނުން ސިފަވާގޮތައް ހުރި ބުދުތައް ނެގީ ސަރުކާރުން ރާއްޖޭގެ ރަށެއްގައި ބުދު ފައްޅިއެއް އަޅައިފި ކަމަށް ބުނެ އެއިރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަކުން ނާއި ދިވެހިންގެ ފާޑުކިޔުން އަމާޒުވެ ބޮޑު ބަހުސް އަކަށް ދިއުމުންނެވެ. އެތަނުގެ ޑިޒައިން ކުރި އިނގިރޭސިވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް ބުނެފައި ވަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ހެދި އެގެލަރީ އަކީ މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކުވައިދޭ ތަނެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ހޮޓާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފްރާންސްގެ އެކޯހޮޓެލްސް ގްރޫޕުގެ އެންމެ މަތީ ފަންތީގެ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ފެއާމޮންޓް ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ ސިއްރު ފެންފުށި ހުޅުވީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. މި ރިސޯޓުގައި ހަދާފައިވާ 200 މީޓަރު ދިގު ސުވިމިން ޕޫލަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕޫލެވެ. ހަމަ އެއާ އެކު، ސިއްރު ފެންފުށިން އަންނަނީ އަވިން ހަކަތަ އުފެއްދުމާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުން ފަދަ ތިމާވެއްޓާ ރަށްޓެހި، ދެމެހެއްޓެނި ޓޫރިޒަމަކަށް މަގުފަހިކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ޚިޔާލު

Your email address will not be published.