•  
  •  
  •  
  •  
  •  
  •  

ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވި ޒިމްބާބްވޭގެ ކުރޫގެ ރައީސް، ރޮބަޓް މުގާބޭގެ ހަށިކޮޅު، ޒިމްބާބްވޭ އަށް ގެންދިއުމަށް ދަތުރު ފަށައިފިއެވެ.

މިއަދު ހެނދުނު، ސިންގަޕޫރުން މުގާބޭގެ ހަށިކޮޅު ފުރުވާލާފައިވާއިރު، އޭނާގެ ހަށިކޮޅު ލައިފައިވާ ސަންދޯއް، އެއަރޕޯޓަށް ގެންގޮސްފައިވަނީ ސިންގަޕޫރު ފުލުހުންގެ ފުރިހަމަ ހިމާޔަތުގައި، މޮޓަކޭޑުގައެވެ.

ހަށިކޮޅު ގެންދަނީ އެކަމަށްޓަކައި ހިފާފައިވާ މަތިންދާބޯޓެއްކަމުގައިވާއިރު، މުގާބޭ އަވަހާރަވުމާއެކު، އެޤައުމުގެ މިހާރުގެ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި، މުގާބޭގެ އާއިލާގެ މެންބަރުންވަނީ ސިންގަޕޫރަށް ވަޑައިގަންނަވާފައެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޒިމްބާބްވޭގެ ވެރިރަށަށް މުގާބޭގެ ހަށިކޮޅު ގެންދިއުމަށްފަހު ދެން ގެންދާނީ އޭނާގެ އުފަން އަވަށްކަމުގައިވާ ކުޓަމާ އަށެވެ. އެއީ ވެރިރަށް ހަރާރޭގެ ހުޅަނގުން އޮންނަ އަވަށެވެ.

ކުޓަމާގައި މުގާބޭ އަށް ބަޠަލެއްގެ ޝަރަފު އެރުވުމަށް ނިންމާފައިވާއިރު، އޭނާގެ މަރަށް ހިތާމަކުރުމަށް ރައްޔިތުން، އެއް ރޭ ހޭލާ ތިބޭނެއެވެ.

މުގާބޭވަނީ ޒިމްބާބްވޭގައި ދިގު މުއްދަތެއްވަންދެން ވެރިކަން ކުރައްވާފައެވެ. އަދި އޭނާއަކީ އެޤައުމުގެ މިނިވަންކަމަށް އެންމެ ގަދައަށް މަސައްކަތް ކުރެއްވި އެއް ލީޑަރުކަމަށްވެސްވެއެވެ. އެހެންނަމަވެސް، 2017 ވަނަ އަހަރު، އޭނާ ވެރިކަމުން ދުރުކުރެއްވީ އަސްކަރިއްޔާ އިން ބަޣާވާތެއް ކޮށްގެންނެވެ.

އޭނާއަށްވަނީ އެތައް ބައެއްގެ ނުރުހުންވެސް އަމާޒުވެފައެވެ. އެގޮތުން އިދިކޮޅު ފަރާތްތައް ނައްތާލަން މަސައްކަތް ކުރެއްވުމާއި، އެފްރިކާގެ އެންމެ އުންމީދީ އެއް އިޤުތިޞާދު ފުނޑާލުމާ ގުޅިގެން އޭނާއަށް ނަފުރަތު ކުރާ އެތައް ބަޔަކު އުޅެމުންދެއެވެ.

ޚިޔާލު

Your email address will not be published.

More in ދުނިޔެ