•  
  •  
  •  
  •  
  •  
  •  

2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ރާއްޖެ ބައްދަލުކުރި މެޗް 5-0 ގެ ނަތީޖައަކުން ޗައިނާ ކާމިޔާބުކޮށްފި އެވެ. މި މެޗްގައި ޗައިނާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެލްކެސަން އެވެ.

ޗައިނާއިން މި މެޗްގައި ލީޑު ނަގާފައިވަނީ މެޗްގެ 33 ވަނަ މިނިޓްގައި ވޫޒީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަރިމަތިން ނެގި ހުރަހެއް ބޮލުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ޗައިނާގެ ވޫލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި ޗައިނާއިން ދެ ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

ދެވަނަ ހާފްގެ ކުޅުން ރާއްޖެއިން ފަށާފައިވަނީ ބަދަލަކާއެކު އެވެ. އެގޮތުން އަޝްފާގުގެ ބަދަލުގައި ނާއިޒް ވަނީ ކުޅެން އަރާފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފްގެ ކުޅުން ރާއްޖެއިން ފަށާފައިވަނީ ނުރައްކާތެރި ހަމަލަތަކަކާއެކުގައެވެ. މެޗްގެ 55 ވަނަ މިނިޓްގައި ރާއްޖެއިން ވަނީ ލަނޑެއް ޖެހުމާއި ގާތަށް ގޮސްފައެވެ. އަކްރަމް ފޮނުވާލި ހިލޭ ޖެހުން ހުރަސް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ނާއިޒް ދެވަނަ ފަހަރަށް ގޯލަށް ފޮނުވާލުމުން ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ޗައިނާއިން މި މެޗްގައި ލީޑު ފުޅާކޮށްފައިވަނީ މެޗްގެ 64 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޔަންގްޒޫ އެވެ.

މި މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ރާއްޖޭގެ ކެޕްޓަން އަކްރަމް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި ޗައިނާއަށް ލިބުނު ޕެނަލްޓީ އިން އެ ޓީމުގެ ފޯވަޑް އެލްކެސަން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

މެޗްގެ އިތުރު ވަގުތުގައި ޗައިނާގެ އެލްކެސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ. އަރިމަތިން ލިބުނު ބޯޅައެއް އެއް ފަހަރުން އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފަ އެވެ.

ގުއާމް އާއި ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ އެގާރައިގައި ކުޅުނު މެޗާއި އަޅާބަލާއިރު މި މެޗްގައި ކޯޗް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ރާއްޖޭގެ ޓީމުން ނިކުތްއިރު އިތުބާރު ފޯވަޑް އަލީ އަޝްފާގުގެ އިތުރުން ހުސެއިން ނިހާން އަށް ވަނީ ފުރަތަމަ ޓީމުން ފުރުސަތު ދީފައެވެ.

ޚިޔާލު

Your email address will not be published.