•  
  •  
  •  
  •  
  •  
  •  

އަވަށްޓެރި އިންޑިޔާ އިން، ހަނދަށް ފޮނުވި ”ޗާންދްރަޔާން 2“ ގެ ލޭންޑަރ، ”ވިކްރަމް“ ހަނދުގެ ސަތަހައިގައި އޮއްވާ ފެނިފައިވާކަމަށް އެޤައުމުގެ ޖައްވީ އިދާރާ، އިސްރޯ އިން ހާމަކޮށްފިއެވެ.

އިންޑިޔާގެ ”ނިއުސް 18“ އަށް މައުލޫމާތު ދެމުން، އިސްރޯގެ ވެރިޔާ ސިވާން ވިދާޅުވީ ހަނދުގައި ވިކްރަމް ލޭންޑަރ އޮތް ތަން ފެނިފައިވާކަމަށެވެ. އެހެންނަމަވެސް، އަދިވެސް އެ އުޅަނދަށް މުވާސަލާތު ކުރެވޭގޮތް ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

”ހަނދުގައި ވިކްރަމް ލޭންޑަރ އޮތް ތަން އަހަރުމެންނަށް ފެނިއްޖެ އަދި އޯބިޓާ ވަނީ އޭގެ ތާމަލް ފޮޓޯއެއް ނަގާގައި. އެހެންނަމަވެސް، އަދިވެސް މުވާސަލާތު ނުކުރެވޭ. އަހަރެމެން މިދަނީ އެކަންވޭތޯ ބަލަމުން.“ ސިވާން ވިދާޅުވިއެވެ.

މީގެއިތުރުންވެސް ސިވާން ވިދާޅުވީ ބެލެވޭގޮތުގައި ވިކްރަމް ލޭންޑް ކޮށްފައިވަނީ ވަރަށް އުނދަގުލުން، ހާޑް ލޭންޑިންގ އެކެވެ. އެހެންނަމަވެސް، އުޅަނދަށް އެއްވެސް ގެއްލުމެއް ވެފައިވާކަން ބުނަން ދަތިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަނދަށް އުޅަނދެއް ފޮނުވުމަށް އިންޑިޔާ އިން ކުރިއަށް ގެންދިޔަ ޗާންދްރަޔާން 2 ގެ މިޝަން މުޅިން ކާމިޔާބުވެފައިނުވިކަމުގައިވިޔަސް، އިސްރޯ އާއި އެޤައުމުން ދެކެނީ މިޝަންގެ 90 އިންސައްތައާއި 95 އިންސައްތަ ކާމިޔާބު ކުރެވުންކަމުގައެވެ.

ވިކްރަމް ލޭންޑަރ އާ ގުޅުން ކެނޑުނީ ހަނދަށް ޖައްސަން ވަރަށް ކައިރިވެފައިވަނިކޮށެވެ. އެވަގުތުން، އެމަންޒަރުގެ އިންތިޒާރުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް، ބެންގަލޫރުގައި ހުންނަ އިސްރޯގެ މައިމަރުކަޒުގެ ކޮމާންޑް ސެންޓަރުގައި އިންނެވިއެވެ.

ޚިޔާލު

Your email address will not be published.

More in ދުނިޔެ