ތިލަދުންމަތީ ހުނަރުވެރިން: ރަންވަނަ ތަކާއިއެކު ރަޝީދު އެންމު އުހުގައި

finey rasheed

ކުރިއަށް ދިއުމަށް ހިތުގައި ޝަޢުޤުވެރިކަން އޮންނަ މަސައްކަތަކުން، ބޭނުންވާ މަންޒިލަށް ވާސިލް ވުމުގައި ދިމާވާ ހުރަސްތަކަކީ ގިނަފަހަރު މާ ބޮޑު މައްސަލައަކަށް ނުވެއެވެ. ސަބަބަކީ އެކަމަކަށް ހިތުގައި އުފެދިފައި އޮންނަ ލޯތްބެވެ. އާދަޔާއި ޚިލާފު ޝަޢުޤެވެ.

އާއިލާގެ ތެރޭގައި ކޭކުއެޅުމާއި، ކެއްކުމުގެ މަސައްކަތް ކުރާތަންފެނި އެ މަސައްކަތަށް ޝަޢުޤުވެރިކަން އުފެދުނު، ހދ. ފިނޭއަށް އުފަން އަބްދުއްރަޝީދު ޢަބުދު ﷲ އަކީ، މިއަދު މުޅި ރާއްޖޭގައި ވެސް ތިބި އެންމެ ކުޅަދާނަ ކޭކުއެޅުން ތެރިންގެ ތެރެއިން އެކަކެވެ.

އާންމު ނަމުންނަމަ އަންކަލްއަކީ މިއަދު ދުނިޔޭއާއި ރާއްޖޭން އެތައް ވަނަތަކެއް ހާސިލްކޮށްފައިވާ، ތިލަދުންމައްޗަށް އުފަން، ކޭކު އެޅުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހުގައި ފިޔަޖަހަމުންދާ އަލިގަދަ އެއް ތަރި ވެސް މެއެވެ.

އެ ދާއިރާގައި މެދުކެނޑުމެއްނެތި 38 އަހަރު އަބްދުއްރަޝީދު ވަނީ ހޭދަކޮށްފައެވެ. މިހާގިނަ ދުވަހު މި ދާއިރާގައި ދެމިހުރެވުމުގެ އަސްލަކީ ދާއިރާއިން ކުރިއަށް ދިޔުމަށް ކުރެވުނު ހިތްވަރާއި ބުރަ މަސައްކަތާއި ލިބުނު ތަޖުރިބާ ކަމުގައި އަބްދުއްރަޝީދު ވަނީ ފާހަގަ ކޮށްފައެވެ.

ކޭކުއެޅުމާއި، ކެއްކުމާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ދަންނަ އަބްދުއްރަޝީދުގެ ހާއްސަ ހުނަރު ތަކުގެ ތެރޭގައި ކޭކު އެޅުން، ކޭކް ޑެކަރޭޓް ކުރުން، ކޫޒިން ތައްޔާރު ކުރުން އަދި އައިސިން އެންޑް ފޮންޑެންޓް ސްކަލްޕިންގެ އިތުރުން ޕޭސްޓްރީގެ މަސައްކަތް ހިމެނެއެވެ.

ކެއްކުމުގެ އިތުރުން ކޭކު އެޅުމާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަބްދުއްރަޝީދުގެ މަސައްކަތުގެ ކުޅަދާނަކަމާއި އަދި މަސައްކަތުގެ ފެންވަރު އެންމެ ބޮޑަށް ހާމަވެގެން ދަނީ ޤައުމީ ފެންވަރުގައި ހޯދާފައިވާ ގިނަ ވަނަތަކުންނާއި އަދި އިންޓަނޭޝަނަލް ފެންވަރުގައި ރާއްޖެއަށް ހޯދައިދީފައިވާ ގިނަ ރަން ވަނަތަކުންނެވެ. މިގޮތުން ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލައިލާއިރު:

އަބްދުއްރަޝީދުގެ ކާމިޔާބީގެ އުސްއަލިތައް

  • ހޮޓެލް އޭސިއާ އެކްސިބިޝަން އެންޑް ކަލިނަރީ ޗެލެންޖް (މޯލްޑިވެސް)، ޑްރެސް ދަ ކޭކް ކޮމްޕެޓިޝަން 2002 ގޯލްޑް މެޑަލް
  • ހޮޓެލް އޭސިއާ އެކްސިބިޝަން އެންޑް ކަލިނަރީ ޗެލެންޖް (މޯލްޑިވެސް)، ޑްރެސް ދަ ކޭކް ކޮމްޕެޓިޝަން 2004 ގޯލްޑް މެޑަލް
  • އެފްއެޗްއޭ ކަލިނަރީ ޗެލެންޖް (ސިންގަޕޫރު)، ދަ ތްރީ ޓައަރ ވެޑިން ކޭކް ކޮމްޕެޓިޝަން 2006 ގޯލްޑް މެޑަލް
  • ހޮޓެލް އޭސިއާ ކަލިނަރީ ޗެލެންޖް އެންޑް ފުޑް އިންގްރީޑިއެންޓްސް ޝޯ (މޯލްޑިވްސް)، ނޮވެލްޓީ ކޭކް ކެޓަގަރީ 2009 ގޯލްޑް މެޑަލް
  • ހޮޓެލް އޭސިއާ އެކްސިބިޝަން އެންޑް ކަލިނަރީ ޗެލެންޖް (މޯލްޑިވެސް)، ނޮވެލްޓީ ކޭކް ކެޓަގަރީ 2011 ގޯލްޑް މެޑަލް
  • ފުޑް އެންޑް ހޮސްޕިޓަލިޓީ އޭސިއާ މޯލްޑިވްސް – އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް، ވެޑިން ކޭކް ސްޓްރަކްޗަރ ކެޓަގަރީ 2014 ގޯލްޑް މެޑަލް
  • ފުޑް އެންޑް ހޮޓެލް (ސީޝެލްސް) ވެޑިން ކޭކް ސްޓްރަކްޗަރ ކެޓަގަރީ، ވެޑިން ކޭކް ސްޓްރަކްޗަރ ކެޓަގަރީ 2015 ގޯލްޑް މެޑަލް
  • ފުޑް އެންޑް ހޮސްޕިޓަލިޓީ އޭސިއާ މޯލްޑިވްސް – އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެކްސިބިޝަން، ޑްރެސް ދަ ކޭކް ކެޓަގަރީ 2015 ގޯލްޑް މެޑަލް
  • ހޮޓެލް އޭސިއާ އެކްސިބިޝަން އެންޑް ކަލިނަރީ ޗެލެންޖް (މޯލްޑިވެސް)، ޑްރެސް ދަ ކޭކް ކޮމްޕެޓިޝަން 2006 ސިލްވަރ މެޑަލް
  • ފުޑް އެންޑް ހޮސްޕިޓަލިޓީ އޭސިއާ (ސިންގަޕޫރު)، ޑްރެސް ދަ ކޭކް ކޮމްޕެޓިޝަން 2016 ސިލްވަރ މެޑަލް
  • އައިކޭއޭ ކަލިނަރީ އޮލިމްޕިކްސް (ޖާމަނީ)، ޕޭސްޓްރީ އާޓިސްޓިކް ކެޓަގަރީ 2020 ސިލްވަރ މެޑަލް
  • އެފްއެޗްއޭ ކަލިނަރީ ޗެލެންޖް (ސިނގަޕޫރު)، ދަ ތްރީ ޓައަރ ވެޑިން ކޭކް ކޮމެޕެޓިޝަން 2004 ބްރޯންޒް މެޑަލް

މީގެއިތުރުން ބައިނަލް އަޤުވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލް އަޤުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް 2006 ވަނަ އަހަރު އަބްދުއްރަޝީދު ވަނީ ހާޞިލް ކޮށްފައެވެ. އަދި ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތާއި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދެމުން އަންނަ ޤައުމީ އިނާމް 2009 ވަނަ އަހަރު އަބްދުއްރަޝީދު ވަނީ ހާޞިލް ކޮށްފައެވެ.

 

"އެއްވެސް ތަމްރީނެއް ނުހަދަން، މި މަސައްކަތް ދަސްކުރީ ފޮތްތައް ބަލައިގެން އަމިއްލައަށް ކުރި މަސައްކަތުން"

ރަޝީދު ބުންޏެވެ.

މި މަސައްކަތް ދަސްކުރުމަށް އެއްވެސް ތަމްރީނެއް ނުހަދައި އަމިއްލަ ހިތްވަރުން މިއަދު ބޭނުންވާ ހިސާބަށް އަބްދުއްރަޝީދު ވަނީ ވާސިލްވެފައެވެ. ތަމްރީނެއް ހަދާފައި ނުވިނަމަވެސް އަބްދުއްރަޝީދަކީ މިއަދު މި ދާއިރާއަށް އެތައް ބަޔަކު ތަމްރީނުކޮށް ނެރެމުން އަންނަ ކުޅަދާނަ އެދުރެކެވެ. ދާއިރާއާއި ގުޅުންހުރި ގިނަ ކޯސްތަކެއްގައި މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މިހާރު ވެސް އަބްދުއްރަޝީދު އަންނަނީ ކިޔަވައި ދެމުންނެވެ.

އަބްދުއްރަޝީދު ކިޔަވައި ދީފައިވާ އަދި ކިޔަވައި ދެމުން އަންނަ ކޯސްތަކުގެ ތެރޭގައި، ބޭސިކް ކޭކް ޑެކަރޭޝަން ކޯސް، އިންޓަމީޑިއެޓް ކޭކް ޑެކަރޭޝަން ކޯސް، އެޑްވާންސް ކޭކް ޑެކަރޭޝަން ކޯސް، ޑިޕްލޮމާ އިން ކޭކް ޑެކަރޭޝަން ކޯސް، ސުގަ ފުލާވަ ކޯހުގެ އިތުރުން ކަޕްކޭކް އަޅަން ދަސްކޮށްދިނުމުގެ ކޯސްތައް ހިމެނެއެވެ.

އަބްދުއްރަޝީދަކީ ކެއްކުމުގެ ދާއިރާގެ ގިނަ މުބާރާތް ތަކުގެ ފަނޑިޔާރުކަން ވެސް 1998 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ފަރާތެކެވެ. މިގޮތުން ރާއްޖޭގެ ގިނަ މުބާރާތް ތަކެއްގެ ފަނޑިޔާރު ކަން ރަޝީދު އަންނަނީ ކުރަމުންނެވެ.

މިހާރު ކޭކު އެޅުމާއި، ކޭކާއި ގުޅުންހުރި ގިނަ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ އަބްދުއްރަޝީދުގެ މަސައްކަތުގެ ފެންވަރު ދެކިލައި ތަޖުރިބާ ކޮށްލުމަށް އޭނާގެ ފޭސްބުކް ޕޭޖް، ''Unique Cakes'' ޕޭޖަށް ޒިޔާރަތް ކޮށްލާށެވެ.

ބޮޑެތި ހަފްލާތަކުން ފެށިގެން ކުދިކުދި ހަފްލާތަކަށް އެ ހަފްލާއަކާއި ގުޅޭގޮތަށް ކޭކު ތައްޔާރު ކުރުމުގެ އިތުރުން ކުދިކުދި ހަފްލާތަކަށް ވެސް އަބްދުއްރަޝީދު އަންނަނީ ކޭކު އަޅައި އެކަމާއި ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ފޯރު ކޮށްދެމުންނެވެ.

ކާމިޔާބު ކަމާއިއެކު ދިގު މުއްދަތެއްގައި ކެއްކުމާއި ކޭކު އެޅުމުގެ ދާއިރާގައި ހޭދަކުރެވުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް އަބްދުއްރަޝީދު ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހާއްސަކޮށް އަންހެނުންނާއި ދަރިފުޅާއި އާއިލާގެ އެހެނިހެން މެމްބަރުންނާއި ގާތް ރައްޓެހިން ދެއްވި އަދި ދެއްވަމުން އަންނަ އެހީތެރިކަން އަބްދުއްރަޝީދު ވަނީ ފާހަގަކޮށްފައެވެ. އަދި މަންމަ އާއި ބައްޕަ އަށް އޭނާ ވަނީ ހާއްޞަ ޝުކުރުއް އަދާކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި