އެމޭޒަން ހިމާޔަތް ކުރުމަށް ގައުމުތަކުން އެއްބަސް ވެއްޖެ

9E6D9A29-ABC6-4EBE-B275-6DBB48D92366

އެމޭޒަން ޖަންގަލި ހިމާޔަތް ކުރުމަށް އެމޭޒަންގެ ގައުމުތަކުން އެއްބަސްވެއްޖެއެވެ.

އެއްބަސްވުމާގުޅޭ ވާހަކަތަކުގައި އިސްނެގީ ކޮލަމްބިއާގެ ރައީސް އިވާން ޑުކޭއެވެ. މި އެއްބަސްވުމާއި ގުޅޭ ވާހަކަތައް ކުރިއަށް ދިޔައީ ކޮލަމްބިއާގެ އެމޭޒަން ޖަންގަލީގެ ސަރަހައްދެއް ކަމަށްވާ ލެޓިސިއާގައެވެ.

"ލެޓިސިއާ އެމޭޒަން ޕެކްޓް" ގެ ނަމުގައި ވީ މި އެއްބަސްވުމުގައިވާ ގޮތުން އެމޭޒަންގެ ގައުމުތަކުން އެކުވެގެން ޖަންގަލި ހިމާޔަތްކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. އަދި ޖަންގަލި މޮނިޓަރ ކުރުން އިތުރު ކުރުމަށާއި ރީޖަނަލް ކޯޕަރޭޓް މެކޭނިޒަމެއް ގާއިމް ކުރުމަށް ވެސް މި އެއްބަސްވުމުގައި ވެއެވެ. އަދި އެމޭޒަން ޖަންގަލީގައި ދިރިއުޅޭ ޓްރައިބް މީހުންގެ ބައިވެރިކުރުން އިތުރުކުރަން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ބައްދަލުވުމުގައި ޕެރޫގެ ރައީސް މާޓިން ވިޒްކަރާ އާއި އެކުއަޑޯގެ ރައީސް ލެނިން މޮރޭނޯ އާއި ބޮލީވިއާގެ ރައީސް އިވޯ މޮރާލޭސް ހިމެނެއެވެ. މީގެ އިތުރުން ސުރިނާމްގެ ރައީސް މައިކަލް އަދްލިން ބްރެޒިލްގެ ފޮރިން މިނިސްޓަރު އާނެސްޓޯ އަރައުޖޯ އާއި ގުޔާނާގެ ތިމާވެށި މިނިސްޓަރު ރަފައެލް ޓްރޮޓްމަން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. ބްރެޒިލްގެ ރައީސް ޖައިރ ބޮލްސޮނާރޯގެ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ބައްދަލުވުމަށް ވަޑައިގަތް ނުވެވުނު ނަމަވެސް އޭނާ ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެފައެވެ. ވެނެޒުއޭލާއަށް މި ބައްދަލުވުމަށް ދައުވަތުދީފައެއް ނުވެއެވެ.

މި ބައްދަލުވުން ބާއްވާފައި މިވަނީ އެމެޒަންގައި ދާދިފަހުން ރޯވި އަލިފާންގަނޑުގެ ސަބަބުން ބައިނަލްއަގްވާމީ ފަރާތްތަކުގެ ފާޑުކިޔުން އެމޭޒަންގެ ގައުމުތަކަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. ތިމާވެރީގެ އެކްޓިވިސްޓުން ބުނާ ގޮތުގައި އެމޭޒަންއިން ގަސް ކަނޑާ މިންވަރު އިތުރުވަނީ ބްރެޒިލްގެ ރައީސް ބޮލްސޮނާރޯގެ ސިޔާސަތުތަކާއީ ލުއި ގަވާއިދުގެތަކުގެ ސަބަބުންނެވެ. ބޮލްސޮނާރޯ ބޭނުންވަނީ ވިޔަފާރި ބޭނުމަށް ޖަންގަލި ހުޅުވާލާށެވެ.

ކޮލަމްބިއާގެ ރައީސް ޑުކޭ ވިދާޅުވީ ޖަންގަލި ހިމާޔަތްކުރުމަށް ލަސްވެއްޖެ ކަމަށާއި އެ ސަރަހައްދަށް ނުރައްކާތަކެއް އެބަހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެއްވެސް މީހަކު ހައިރާނެއް ނުވާނެ މިދިޔަ 20 އަކަށް އަހަރު ތެރޭގައި އެމޭޒަން ޖަންގަލިން އެތައް ހާސް ހެކްޓެރެއްގެ ގަސް ގެއްލިއްޖެޔޭ ބުންޏަކަސް. މީގެ ސަބަބެއް ކަމަށް ދެކެނީ ދަނޑުވެރިކަމަށް ނުގަވައިދުން ގަސް ކެނޑުމާއި މައުދަންތައް ހޯދުމަސް ކޮނުން ހިމެނޭ." ޑުކޭ ވިދާޅުވިއެވެ.

ޑުކޭ ވަނީ ގަސް ކެނޑުމާއި ދެކޮޅަށް ތެދުވެ ޖަންގަލި ހިމާޔަތްކުރުމަށް ބޭނުންވަ އަގުހުރި މައުލޫމާތު ލަސްނުކޮށް ހިއްސާކުރުމަށް ބައްދަލުވުމުގެ ބައިވެރިންނަސް ގޮވާލާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *