ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!

Nabeeha Nabaaha

ދިވެހިރާއްޖޭގެ ބެޑްމިންޓަންގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބެ ދެ ކުޅުންތެރިންނަކީ އެއްމާބަނޑު ދެބެން ކަމުގައިވާ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤްކަމީ ފެންނަން އޮތް ހަޤީޤަތެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ނައީމާ އަޙްމަދައަށް ލިބިފައިވާ މި ނިބޫއަކީ މިހާރު ޤަޢުމު އެ ބަޔަކަށްޓަކައި ފަހުރުވެރިވާ ދެ ނަމެވެ.

ނަބާ އަދި ނަބީ ވެސް ބެޑްމިންޓަން ކުޅެން ފަށާފައިވަނީ އެކުއެކީގައެވެ. އުމުރުން އެގާރަ އަހަރުގައި ކުޅެންފަށައި، އެއަށްފަހު މި ކުޅިވަރުގެ ތެރެއަށް ދެބެން ތަޢާރަފްވެގެން ގޮސްފައިވަނީ އިންޓަސްކޫލް މުބާރާތުންނެވެ.

ޖަމާލުއްދީން ސްކޫލުގެ ބެޑްމިންޓަން ޓީމްގައި ހިމެނިގެން އިންޓަސްކޫލް މުބާރާތުގައި ދެބެން ވާދަކޮށް އެއަށްފަހު، ވައިޑީޕީ ޕްރޮގްރާމްގެ ތެރެއިން ފުރުޞަތު ލިބިގެން ގޮސްފައިވެއެވެ. މި ކުޅިވަރަށް ހުރި ޝަޢުޤާއިއެކު ދެބެން އެކުގައި ކުރި މަސައްކަތުން ރާއްޖޭގެ ޖޫނިއާ ބެޑްމިންޓަން ޓީމްގައި ހިމެނި އެއަށްފަހު ސީނިއާ ޓީމުން ޖާގަ ހޯދައި މިހާރު ނަބީ އަދި ނަބާ ވެސް ރާއްޖޭގެ ބެޑްމިންޓަންގެ އެންމެ އުހަށް މި ވަނީ ދަތުރު ކޮށްފައެވެ.

ނަބާ އަދި ނަބީގެ ހިތުގައި ބެޑްމިންޓަނަށް އޮންނަނީ އާދަޔާ ޚިލާފް ލޯތްބެކެވެ. މި ކުޅިވަރުގެ ތެރެއަށް ވަދެވުނީއްސުރެ ދެބެންގެ ދިރިއުޅުމުގެ ހުރިހައި ދުވަސްވަރެއްގައި ވެސް ފެންނަން އޮތީ އެކަމެވެ. ތަޢުލީމް ހާސިލްކުރި ދުވަސްވަރު ސްކޫލަށް ގަޑިއަށް ދަމުން އަދި ކިޔެވުމުގެ އެންމެހާ ކަންކަމަށް ވަގުތު ހުސްކުރަމުން، ކުޅުމަށް ވަގުތު ހުސްކުރުމަކީ ދެބެންނަށް އުނދަގޫ ކަމަކަށް ނުވެއެވެ. ވިލިމާލޭގައި ދިރިއުޅުނު ނަމަވެސް ޤައުމީ ޓީމްގެ ފަރިތަކުރުންތަކަށް ދުރު ދަތުރު ކޮށްފައި ގަޑިއަށް އަންނަނީ ވަރުބަލިކަމެއް ނެތިއެވެ. ޤައުމީ ޓީމްގެ ފަރިތަކުރުންތައް ނިންމާލުމަށްފަހު ދެބެން ވަކިން އިތުރަށް ފަރިތަކުރުމުގައި ވަގުތު ހޭދަކުރަނީ ފޫހިކަމެއްނެތިއެވެ.

ފެންނަ ފެނުމަށް ދެބެންގެ ތަފާތެއް ނުހުރެއެވެ. ކޯޓާއި ކޯޓުން ބޭރުގައި ވެސް އެކުއެކީގައި ފެންނަ މި ދެބެންގެ ހުނަރުގެ ގޮތުން ވެސް ތަފާތެއް ނުފެނެއެވެ. ރާއްޖޭގެ މަތީފަންތީގެ އެކި މުބާރާތްތަކުގައި ދެބެންގެ ކާމިޔާބީގެ ލިސްޓް ދިގެވެ. ގިނަގުނައެވެ. މިގޮތުން ލޯކަލް މުބާރާތްތަކުގައި ހޯދާފައިވާ ފާހަގަ ކޮށްލެވޭ ބައެއް ކާމިޔާބީތަކުގެ ތެރޭގައި 2017 ވަނަ އަހަރުގެ ޤައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބީހާ ހޯދިއިރު، ޖެހިގެން އައި 2018 އަދި 2019 ވަނަ އަހަރުގެ މި މުބާރާތުގެ ޗެމްޕއަންކަން ހޯދާފައިވަނީ ނަބާހާއެވެ. އެ ތިން އަހަރުގެ ވެސް ޤައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަނީ ނަބާހާ އަދި ނަބީހާއެވެ.

މީގެއިތުރުން ބެޑްމިންޓަންގައި ރާއްޖެއިން ބޭރުގައި، ރާއްޖެ އެތައްފަހަރަކު ތަމްސީލުކޮށް މީގެކުރިން ބެޑްމިންޓަންގައި ރާއްޖެއަށް ހޯދިފައިނުވާ ވަރުގެ ބޮޑެތި ކާމިޔާބީތައް ނަބާ އަދި ނަބީ ވަނީ ޤައުމަށް ހޯދައިދީފައެވެ.

ރާއްޖެއިން ބޭރުގައި ހޯދާފައިވާ ފާހަގަ ކޮށްލެވޭ ބައެއް ކާމިޔާބީތައް:

އައިއޯއައިޖީ ވިމެންސް ސިންގަލްސް ގޯލްޑް މެޑަލް – ނަބީހާ

ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ވިމެންސް ޑަބަލްސް ގޯލްޑް މެޑަލް- ނަބާހާ އަދި ނަބީހާ

ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް މިކްސް ނަބަލްސް ގޯލްޑް މެޑަލް- ނަބާހާ

މީގެއިތުރުން ބައިނަލް އަޤުވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލް އަޤުވާމީ މިންކުރުމަކުން އެންމެމަތީވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް 2020 ވަނަ އަހަރު ނަބީހާ އަދި ނަބާހާ ވަނީ ހާޞިލް ކޮށްފައެވެ.

އޮލިމްޕިކް ގޭމަށް ފުރަތަމަ ކޮލިފައިވާ ދިވެހި ކުޅުންތެރިންނަށް ވުމުގެ ހުވަފެން ދެކެމުން އަންނަ، މި ދެކުޅުންތެރިން ފާއިތުވި އަހަރު ދުނިޔޭގެ ރޭންކިންގެ ގަދަ ސަތޭކައިގައި ވަނީ ހިމެނިފައެވެ. 2020 ވަނަ އަހަރު ބެޑްމިންޓަން ވޯލްޑް ފެޑްރޭޝަން (ބީޑަބްލިއުއެފް) އިން އާންމުކުރި އަންހެން ޑަބަލްސް ރޭންކިންގެ 96 ވަނާގައި ނަބާ އަދި ނަބީގެ ޕެއާވަނީ ހިމެނިފައެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ޤައުމުތައް ލޮކްޑައުން ކޮށް މުބާރާތްތައް ކެންސަލް ކުރުމުގެ ސަބަބުން ބޭނުންވާ ޓާގެޓަށް ވާސިލްވުމަށް މިވަގުތު ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ.

މި އަހަރާއިއެކު ބައެއް ޤައުމުތަކުގެ މުބާރާތްތައް ފެށި ނަމަވެސް މި ރީޖަންގެ މުބާރާތްތައް އަދިވެސް ފަށާފައި ނުވުމުގެ ސަބަބުން އުންމީދަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް ބޭނުންވާ ޓާގެޓަށް ވާޞިލްވުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރުމަށް މި ދެ ކުޅުންތެރިން ވެސް ތިބީ އަޒުމް ކަނޑައަޅައިގެންނެވެ.

ފާއިތުވި ދިހަވަވަރަކަށް އަހަރު ފޫހިކަމެއް ވަރުބަލިކަމެއް ނެތި ބެޑްމިންޓަން ކޯޓުތަކުން ދެބެން ފެނިގެން ދިއުމުގައި ގިނަގުނަ ފަރާތްތަކެއްގެ އެހީތެރިކަން ވާނެކަން ޔަޤީނެވެ. ނަބާ އަދި ނަބީ ކޯޓަށް ނުކުތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް މަންމަ އަދި ބައްޕަ މިކަމުގައި ދެއްވި އެހީތެރިކަން ދެބެން ބަލައިގަންނަނީ ހިތުގެ އެންމެ ފުނުންނެވެ.

މީގެ އިތުރުން ދައްތަ ނަފްހާއާއި އަދި އާއިލާއާއިގެ އެހީތެރިކަމާއި އެކުވެރިންގެ އެހީތެރިކަމެވެ. ފުރުޞަތުތައް ފަހިކޮށްދިނުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަން ނަބާ އަދި ނަބީ ބަލައިގަންނަނީ ޝުކުރުވެރި ހިތަކުންނެވެ. ބުނެދިނުމުގައި ރާއްޖޭގެ ސީނިއާ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީގެ އެހީތެރިކަން ދެބެން ވަނީ ވަރަށް ބޮޑަށް ފާހަގަ ކޮށްފައެވެ. ނަބާ އަދި ނަބީއަށް ބެޑްމިންޓަންގައި މި ހިސާބަށް އާދެވުމުގައި އެހީތެރިވެ ދިން އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

މިވަގުތު ބެޑްމިންޓަން ކުޅުމަށް ހުރިހައި ވަގުތެއް ހުސް ކޮށްގެން ތިބި ނަބާ އަދި ނަބީ، ބެޑްމިންޓަން ކުޅުން ހުއްޓާލުމަށް ފަހު މި ކުޅިވަރަށް ޚިދުމަތް ކުރުމުގެ ތެރެއިން ފެނިގެންދާނެ ތޯ ސުވާލު ކުރުމުން ދެބެން ވެސް ބުނެފައިވަނީ ކުރިއަށް އޮތްތާގައި ކަންކަން ވެގެންދާނެ ގޮތެއް ނޭނގޭކަމަށެވެ. ނަމަވެސް މިހާ ލޯބިކުރާ ކުޅިވަރަކަށް ކޮންމެ ވެސް ސިފައެއްގައި ޚިދުމަތް ކުރުން އެއީ އެންމެ ގާތް ގޮތް ކަމަށެވެ.

އުފަންވީ އެކުގައެވެ. ކިޔެވީ އެކުގައި އެއް ކުލާހެއްގައެވެ. ކުޅެންދަނީ އަދި ކުޅެގެން އެނބުރި އަންނަނީ އެކުއެކީގައެވެ. ފަރިތަކުރަނީ އެކުގައެވެ. ބެޑްމިންޓަން ކޯޓުގައި ދިމާވި ގޮންޖެހުންތަކާއި ކުރިމަތިލީ އެކުގައެވެ. ނާކާމިޔާބު ވި ކޮންމެ ފަހަރަކު އެ ކާމިޔާބަށް ބަދަލުކުރީ ދެބެންގެ އެކުގައި ކުރި ބުރަ މަސައްކަތުންނެވެ. ކާމިޔާބާ ހަމައަށް ވާޞިލްވުމުގައި ދެބެން އެކުގައި ކޮށްފައިވާ ބުރަ މަސައްކަތަކީ މިއަދި  ބެޑްމިންޓަންގައި ރަން ވަނަތަކެއް ހޯދުމުގެ އަސްލެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކާމިޔާބު އަލަށް ލިބުނީ ބީއޭއެމް ގެ ޕްލޭން މޮޅުވީމަ…ދުވަސް ތަކުގެ މަސައްކަތް އެއީ އެކުދިން ބަލާގަތަސް ނުގަތަސް…

  2. ބައްޕަ ގެ ރަށުގެ ނަން ޖަހަަަން ނުކެރުނު ދޯ. ތީ ކުޑަހުވަދޫ ރައްޒާޤުބެ ގެ ދެ ކުދިން.

Leave a Reply to ބުރޮސްކީ ރައްދު ކެންސަލް

Your email address will not be published. Required fields are marked *