ޑޯރިއަން ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

a21730339f1e47f0a05132f001625d32_18

ބަހާމާސްގެ ރަށްތަކަށާއި އެމެރިކާގެ ބައެއް ސްޓޭޓުތަކަށް އަރާފައިވާ ތޫފާން ޑޯރިއަންގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި އަދިވެސް މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވުން އެކަށީގެންވާކަމަށް، ބަހާމާސްގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

މި ތޫފާނާ ގުޅިގެން ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެއްވަމުން ބޮޑުވަޒީރު ހުބާޓް މިނިސް ވިދާޅުވީ މިހާތަނަށް މަރުވި މީހުންގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ ހަތް މީހުންކަމުގައެވެ. އެހެންނަމަވެސް، އަދިވެސް މި އަދަދު އިތުރުވުމުގެ ވަރަށް ބޮޑު ފުރުޞަތެއް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ބޮޑުވަޒީރު ވިދާޅުވީ ޑޯރިއަންގެ ސަބަބުން އެޤައުމުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގައެވެ. އެގޮތުން އަބާކޯ އައިލެންޑްސްގެ ބޮޑު ބައެއް ސުންނާފަތިވެފައިވާކަމަށާއި، މީހުންގެ ގެދޮރާއި، ވިޔަފާރިތަކާއި އަދި އުމްރާނީ ތަރައްޤީގެ ބިނާތަކަށް އެކަމުން އަސަރުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަބާކޯ އެތައް ބައެއް ވަނީ އެއްކޮށް ސުންނާފަތިވެފައި...ވަރަށް ބޮޑަށް ފެންބޮޑުވެ، ވަރަށް ބޮޑެތި ގެއްލުން ވަނީ ލިބިފައި." ބޮޑުވަޒީރު މިނިސް ވިދާޅުވިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ބަހާމާސް އަށް ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާންކަމުގައިވާއިރު، އެޤައުމުގެ ސަރުކާރުގެ އެންމެ މައިގަނޑު މަގުސަދަކީ މީހުން ސަލާމަތްކުރުންކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ، ރައްޔިތުން އާއްމު ހާލަތަށް ރުޖޫއަވުމަށްޓަކައި އެހީތެރިވަމުންދާނެކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ފަސްވަނަ ދަރަޖައިގެ ތޫފާނެއް ގޮތުގައި އެންމެ ފުރަތަމަ މި ތޫފާން ގިންތިކުރެވުނުއިރު، އިއްޔެވަނީ ތޫފާނުގެ ދަރަޖަ ތިނަކަށް ދަށްކޮށްފައެވެ. އަދި ފަހުން ވަނީ ދަރަޖަ ދެއަކަށްވެސް ދަށްކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *