•  
  •  
  •  
  •  
  •  
  •  

މިފަހަކަށް އައިސް އިންޓަރނެޓުގެ އަގުބޮޑުކަމުން ޢާންމުންގެ ޝަކުވާ ބޮޑުވެ ގިނަ ކެމްޕެއިންތަކެއް ހިންގެމުން އެބަދެއެވެ. އިންޓަރނެޓަކީ އަހަރުމެންގެ އެކަކު އަނެކަކާއި ގުޅުން ދަމަހައްޓަން އޮތް މެދުވެރިޔާއެވެ. އަދި އަހަރުމެންގެ އާންމު މަސްލަހަތާ ގުޅޭކަންކަމުގައި މަޝްވަރާ ކުރަން އޮތްވެސް މެދުވެރިޔާއެވެ. މިހެންކަމުން އިންޓަރނެޓުގެ ޚިދުމަތާއި މޮބައިލް ފޯނުގެ ޚިދުމަތަކީ އަސާސީ ޚިދުމަތްތައް ކަމަށް އ.ދ. ފަދަ ދުނިޔޭގަ ބޮޑެތި ޖަމިއްޔާތަކުންވެސް އެދެކެއެވެ. މިލިޔުމުގައި އާންމުން އެދޭގޮތަށް މިޚިދުމަތް ނުގެންދެވޭ ބައެއްކަންކަމަށް ބަލާލައިނަމެވެ.

ފުރަތަމަ ކަމަކަށް އަސާސީ ޚިދުމަތްތަކަކީ ހުރިހާ އެންމެނަށް ހަމަހަމަކަމާއި އެކު ލިބޭންޖެހޭ ޚިދުމަތްތަކަށްވާ ހިނދު ފައިދާއަށާއި ޕުރައިވެޓް ސެކްޓަރ ބޭނުންހާ ގޮތަކަށް ހިންގަން ދޫކޮށްލުމުން މިޚިދުމަތްތަކުން ބަޔަކު އެބަ މަހްރޫމު ކުރެވެއެވެ. ދެވަނައަށް އަސާސީ ޚިދުމަތްތަށް ޕުރައިވެޓް ސެކްޓާރއިން ހިންގީމައި އަހަރުމެންގެ ބޭނުންތަކާއި އެއްގޮތަށް ޚިދުމަތް ލިބޭ ހިސާބާއި، ޚިދުމަތުގައި އެކުލެވޭ ބައިތަކާއި، ޚިދުމަތް ދޭގޮތް ބައްޓަންވެފައި ނުހުރެއެވެ. ތިންވަނަ ކަމަކަށް އަސާސީ ޚިދުމަތްތަކަކީ އަހަރުމެންގެ ދިރިއުޅުމުގެ ބޮޑުބަޔެއްގެ ކަން ހިނގާގޮތް ބައްޓަން ކުރާ ޚިދުމަތްތަކަށް ވީހިނދު އަހަރުމެންގެ ހިޔާލާއި ބޭނުންވާގޮތް ޚިދުމަތްތަކުގައި ހިމެނޭނީ ސީދާ އަހަރުމެންގެ ހިއްސާއޮވެ އަހަރުމެންގެ އަޑުއަހާނަމައެވެ.

އިންޓަރނެޓް އަގުހެޔޮ ކުރުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން

މިތިންކަމަށް ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ ރައްދަކީ އަދި ބޮޑަށް ރެގިލޭޓު ކުރުމާއި ވާދަވެރިން ނުވަތަ ކޮންމްޕެޓިޝަން އިތުރު ކުރީމާ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އަގު ހެޔޮވާނެ ކަމެވެ. ދެން މިހެން ނުވެއްޖެނަމަ ޕަބްލިކް ޕުރެޝަރ ކެމްޕެއިނެއް ހިންގައިގެން މިކުންފުނިތަށް ބަދަލު ކުރެވިދާނެކަމަށް އެބަދެކެއެވެ. މިކަން މިހެން ނުވާނެ ސަބަބުތައް ދައްކާ އަދި މިތިންކަމަށް އޮތް ހަމަައެކަނި ރައްދަކީ ޢާންމު މިލްކިއްޔާތަށް ނުވަތަ ޕަބްލިކް އޯނަރޝިޕަށް މިކުންފުނިތަށް ގެނައުންކަމުގެ ދަލީލު ދެއްކޭތޯ ބަލާލައިނަމެވެ.

ފިކުރީ އިންގިލާބު

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުގެ ގައުމުތަށް އާރާސްތުކުރުވެމުން އައި ދުވަސްވަރު ޔޫރަޕާއި އޭޝިއާގެ ކުރިއަރަމުން ދިޔަ ގައުމުތަކުގައި ސިނާޔަތްތަށް (އިންޑަސްޓްރީތަށް) ކުރިއެރުވުމުގެ ނިޔަތުގައި ގިނަ ސިނާޔަތްތަށް ސަރުކާރަށް ނަގައި ސަރުކާރުގެ ކުންފުނިތަކުގެ ގޮތުގައި ހިންގަމުން ދިޔައެވެ. ދުނިޔެދުށް އެންމެ ހަލުވި އިގްތިސާދީ ކުރިއެރުން އައިސްފައިވަނީ މިދުވަސްވަރުއެެވެ. މިހާލަތު ބަދަލު ވެފައިވަނީ 1970ގެ އަހަރުތަކުގެ ފަހުކޮޅު އައި އިގްތިސާދީ ފިކުރުގެ އިންގިލާބަކުންނެވެ.

ކަނާތު ފިޔައިގެ ސަރުކާރުތަކުން، ޚާއްސަކޮށް އިނގިރޭސިވިލާތާއި އެމެރިކާގެ ބޮޑުވަޒީރު ތެޗާއާއި ރައީސް ރޭގަން، ބޭނުންވީ އަމިއްލަ ފައިދާއަށް އިސްކަންދިނުމަށެވެ. މިބަދަލާއި އެކު ސަރުކާރުތަކުގެ ގިނަގުނަ ކުންފުނިތަކާއި މިލްކިއްޔާތުތަށް ވިއްކާލިއެވެ. މިބަދަލަށް މިކިޔުނީ ޕުރައިވެޓައިޒޭޝަން ނުވަތަ ޢާންމު މިލްކިޔާތުތަށް އަމިއްލަ ކުރުމެވެ. އަދި އައި.އެމް.އެފާއި ވޯލްޑް ބޭންކް ފަދަ މާލީ އެހީވާ މުއައްސަސާތަށް ބޭނުންކޮށްގެން ދުނިޔޭގެ ގިނަ ގައުމުތަކަކަށްވެސް މިގޮތަށް ޢާންމު މިލްކިޔާތުގައި ހުރި ސަރުކާރު ކުންފުނިތަށް އަމިއްލަ ކުންފުނިތަކަށް ހެދުމަށް ނުވަތަ ކުންފުނިތަކުގެ ޝެއާގެ ބޮޑުބައެއް ވިއްކުމަށް މަޖުބޫރު ކުރުވިއެވެ. ނަތީޖާއަކަށްވީ 1990 އަހަރުތަކާއި ހިސާބަށް އައިއިރު ދުނިޔޭގައި ޢާންމު މިލްކިއްޔާތުގައި ހުރި ކުންފުނިތަށް މަދުވެ، އަދި އައި ކަނާތުފިޔައިގެ ފިކުރީ އިންގިލާބާއި ގުޅިގެން ޢާންމު މިލްކިއްޔާތުގައި އަސާސީ ޚިދުމަތްދޭ ކުންފުނިތަށް ހުރުމުގެ ބޭނުންވެސް އޮޅިފައި އޮތުމެވެ.

ޕުރައިވެޓައިޒޭޝަން ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރި އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް ދައްކާ އުޒުރުތަކެއް އެބަހުއްޓެވެ. އިގްތިސާދީ މާހިރުން 1980 ގެ އަހަރު ތަކުން ފަށައިގެން ދެމުން އައި ލަފަޔަކީ ސަރުކާރުން ހިންގުމަށްވުރެ އަމިއްލަ ފަރާތްތަކުން ހިންގީމާ ޚިދުމަތުގެ ފެންވަރު ރަނގަޅުވެފައި، އެފިޝެންޓު ނުވަތަ ހަރަކާތްތެރި ވެފަ ޤާބިލް ވާނެކަމަށެވެ. ދެވަނައަށް ގިނަ ވާދަވެރިން މިވިޔަފާރި ކުރާނަމަ އަގު ހެޔޮވާނެކަމަށެވެ. ތިންވަނަ ކަމަކަށް ސަރުކާރުން އިންވެސްޓުމަންޓަށް ޚަރަދު ކުރަން ޖެހުމުގެ ބަދަލުގައި ބޭރާ އެތެރޭގެ ބޮޑެތި ވިޔަފާރިން މިޚިދުމަތްތަކަށް އިންވެސްޓުކުރާނެކަމަށެވެ. ޢާންމުންގެ ތެރޭގައި ސަރުކާރު ވިޔަފާރިތަކާއި ދެކޮޅު މީހުންގެ ޝަކުވާއަކީ ސަރުކާރުން މާބޮޑަށް ވިޔަފާރި ކުރާނަމަ އެމީހުންނަށް ވިޔަފާރި ކުރަން ހުރި ފުރުސަތު ގެއްލޭކަމަށެވެ. މިހާރު ހަނދާންނެތުނަސް 1980 ކުރީ ކޮޅުގައި ދެން ދެކެވުނު ވާހަކައަކީ މުޖުތަމަޢު އެއްކޮށް ހެން ”ޕުރޮޕަރޓީ އޯނިން ޑިމޮކްރަސީ“ އަކަށް ބަދަލުވާނެ ވާހަކައެވެ. ނުވަތަ ހުރިހާ އެންމެންނަކީ ކޮންމެވެސް މުދަލެއްގެ ފައިދާ ލިބޭ ބަޔަކަށް ހެދޭނެ ވާހަކައެވެ.

މިހާރު މިއީ 40 އަހަރު ފަހެވެ. ޖުމްލަކޮށް މިސިޔާސަތުތަށް މުޅި ދުނިޔޭގައި ހިންގުނީމާ މީގެ ނަތީޖާ ވަރަށް ސާފުކޮށް އެބަ ފެނެއެވެ. މުދާވެރިންނަކީ އަދިވެސް މަދު ބަޔެކެވެ. އަދި ފަގީރުންނާއި މުއްސަނދިންގެ ފަރަގުވީ ބޮޑެވެ. ޢާންމު ވިޔަފާރިތަކާއި މުދާތަށް މަހުޖަނުންނަށް ވިއްކުމުގެ ސިޔާސަތުން ފައިދާ ހުރިހާ ފަރުދުންނަށް އެކަށީގެންވާ ގޮތަކަށް ނުލިބެއެވެ. އެދުވަސްވަރުގެ އިގްތިސާދީ މާހިރުންގެ ލަފަޔަކަށްވީ ވާދަވެރިކަމުން އަގުތަށް ބަދަލުވެގެންދާނެ ވާހަކައެވެ. ނަމަވެސް ފައިދާއަށް ހިންގާ ކުންފުނިތަށް ޝެއާ ހޯލްޑަރުން ނުވަތަ ހިއްސާވެރިންގެ ބޭނުންތަކަށް ކަސްޓަމަރުންގެ ބޭނުންތަކަށް ވުރެ އިސްކަންދެއެވެ. އަދި ފައިދާ ދެމެހެއްޓުމުގެ ބޭނުމުގައި އެއް ކުންފުނި އަނެއް ކުންފުންޏާ ވަގު ޑީލްވެސް ގެންދަނީ ހަދަމުންނެވެ. ދެވަނައަށް އެފިޝަންސީ ނުވަތަ ހިންގުންތެރިކަމުގައިވެސް ސަރުކާރުން ރަނގަޅު ބޯޑުތަށް ލައިގެން ހިންގާ ކުންފުނިތަކާއި ވަކި ބޮޑުތަނުން ތަފާތެއް ނުފެނެއެވެ. އިންވެސްޓު ކުރުމުގައިވެސް މިފެންނަނީ ފައިދާ އިސްކޮށް ހަމަ އެކަނި ފައިދާވާ ހިސާބުގައި އިންވެސްޓު ކުރާ ތަނެވެ. ދެން ވޯޓުދޭ ފަރާތްތަކުގެ ޑިމާންޑަކަށް މިވަނީ ރެގިއުލޭޓު ކޮށްގެން މިކަންކަން އިސްލާހު ކުރުމަށެވެ. ނަމަވެސް އަސާސީ ޚިދުމަތްހާ ފައިދާ ބޮޑު ޚިދުމަތްތަކުން ލިބޭ ބޮޑެތި ފައިދާ މިބޭނުން ކުރެވެނީ ސިޔާސަތު ބައްޓަން ކުރުމަށާއި، މީޑިއާ އަދި ސިޔާސީ މީހުން ކޮންޓުރޯލު ކުރާށެވެ. ހަގީގަތުގައި މިހާ ފައިދާ ބޮޑު ކަމެއް ކޮންޓުރޯލު ކުރަން އުނދަގޫވެއެވެ. ދެން ކުދި ވިޔަފާރި ވެރިންގެ ވާހަކައަކީ އެހެންނަމަވެސް ސަރުކާރުން އެމީހުން ކުރާ ވިޔަފާރި ކޮށްގެން ނުވާނެކަމަށެވެ. ހަގީގަތުގައި އަސާސީ ޚިދުމަތްތަކުގައި ޢާންމު މަސްލަހަތު އިސްކޮށް މަދު ވިޔަފާރިކުރާ ބައެއްގެ ބަހަކަށް ސިޔާސަތު ބައްޓަން ކުރެވިގެން ނުވާނެއެވެ.

ޢާންމު މިލްކިއްޔާތުގައި ކުންފުނިތައް ހިންގުން

ވިޔަފާރީގެ މުލުގައި ވަނީ ފައިދާނެގުމެވެ. ޢާންމު ޚިދުމަތްތަށް އެކަމު ހިންގަން ޢާންމުން މިއެދެނީ ފައިދާ ކުޑަކޮށް ޢާންމުންނަށް ބުރަނުވާނޭ ގޮތަށެވެ. މިސަބަބާ ހެދި ޢާންމު ޚިދުމަތްތަށް ހިންގަން ޢާންމުން މިއެދޭ ގޮތާއި މިޚިދުމަތް އަމިއްލަ ވިޔަފާރި އަކަށް ބަދަލު ކުރުމުން މިހިންގަން ޖެހޭގޮތާ ބޮޑު ތަޢާރުޒުވުމެއް އެބަ އުފެދެއެވެ. ޢާންމު ޚިދުމަތަކީ ބޮޑެތި ފައިދާ ނަގާ ޚިދުމަތްތަކަކަށް ނުހެދޭނެއެވެ. ސަބަބަކީ އެންމެ ނިކަމެތި މީހާއަށްވެސް މިޚިދުމަތް އަސާސީ ބޭނުމެއްގެ ގޮތުން ލިބުން މަޖުބޫރުވުމެވެ. އޭގެ އަނެއްކޮޅުން ޢާންމު އަސާސީ ބޭނުންތަކަށް މިހިންގޭ ޚިދުމަތްތަކަކީ މީގެ ބޭނުމާއި ޑިމާންޑު ބޮޑުކަމުން ބޮޑެތި ފައިދާވެސް ނެގޭ ޒާތު ޚިދުމަތްތަކެވެ. އަސީސީ ޚިދުމަތްތަށް އަމިއްލަ ވިޔަފާރިއަށް ބަދަލު ކުރުމުގައި އާދައާ ޚިލާފަށް ކޮރަޕްޝަން އެކުލެވޭކަން ދިރާސާއިން ފެންނަން އެބައޮތެވެ. މިހުރިހާ ސަބަބާ ހެދި ފައިދާ އާއި ނުލާ ހިންގޭނެ ނިޒާމަކަށް އަސާސީ ޚިދުމަތްތަށް ބަދަލު ކުރަން އެބަ ޖެހެއެވެ. މިގޮތަކީ ޢާންމު މިލްކިއްޔާތަކަށް ނުވަތަ ޕަބްލިކް އޯނަރޝިޕަށް ޚިދުމަތްތަށް ބަދަލު ކުރުމެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާދާރު ބަޓެލްކޯ އިސް ވެރިންނާއި ދިރާގުގެ ކުރީގެ ޗެއާމަން އާތިފް ޝުކޫރު 2013 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޕުރައިވެޓައިޒޭޝަނަށް ހުޅުވާލުމުގައި ސަރުކާރުތަކުން ދައްކާ އެންމެ ގަބޫލު ކުރަން ފަސޭހަ ބަހަނާއަކީ ބޭރުން ބޮޑެތި އިންވެސްޓުމަންޓުތަށް އަންނާނެކަމުގެ ވާހަކައެވެ. ގަބޫލުކުރަން ފަސޭހަވަނީ އަބަދުވެސް މިއަޑު އިވެނީ ބަޖެޓު ދެކޮޅު ނުޖެހިގެން އުޅޭ ވާހަކައެވެ. ޢާންމު ޚިދުމަތްތަށް ދިނުމަށް ބަޖެޓުގައި ޖާގަ ނެތުމުން ޚިދުމަތް ނުދެވޭ ވާހަކައެވެ. ނަމަވެސް މިއީވެސް މުޅިއަކުން ހަމަޖެހޭ ވާހަކައެއް ނޫނެވެ. ސަބަބަކީ ރާއްޖޭގައި ބޮޑެތި ވިޔަފާރިތަކުން ޓެކްސް ނަގާލެއް މަދުވުމެވެ. ސަރުކާރުން އަވަހަށް ޚިދުމަތްތަކެއް ދޭންބޭނުންނަމަ މިއަށްވުރެ ހަލުވިކޮށް ޓެކްސްގެ ނިޒާމު އިސްލާހުކޮށް ޚިދުމަތްތަކުގައި އިންވެސްޓުކުރާނެއެވެ. ޕުރައިވެޓް އިންވެސްޓަރުން ނުވަތަ ވަކި ފަރުދީ އިންވެސްޓަރުންނަކީ އެބަޔެއްގެ މައްޗަށް ސަރުކާރުން ބަރޯސާވާންޖެހޭ ބައެއް ނޫނެވެ.

އަމިއްލަ ފަރުދީ އިންވެސްޓަރުން އަސާސީ ޚިދުމަތްތަކުގައި އިންވެސްޓުރުމުން ލިބޭ ގެއްލުންތަކެއްވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް އިންވެސްޓަރުން އަބަދުވެސް ބޭނުންވާނީ އެންމެ ފައިދާބޮޑު ހިސާބެއްގައި އިންވެސްޓުކުރުމަށެވެ. މިހެންކަމުން އިންވެސްޓު ނުކޮށް ދޫކޮށްލާ ޚިދުމަތްތަކެއް، ނުވަތަ ޚިދުމަތުގެ ބާވަތްތަކެއް އެބަހުއްޓެވެ. މިސާލު ނަގާނަމަ، ރާއްޖޭގެ ހުރިހާ ރަށަކަށް ފުރިހަމައަށް އިންޓަރނެޓް ޚިދުމަތް ނުލަނީ ހުރިހާ ރަށަކުން އިންވެސްޓުމަންޓް ކަވާ ކުރެވި ފައިދާ ނުވާނެތީއެވެ. މީގެ ބަދަލުގައި އަބަދުވެސް މިފެންނަނީ މާލެ އިސްކޮށް ޚިދުމަތްދޭ ތަނެވެ. އެއީ މާލޭން ލިބޭންއޮތް ފައިދާ ބޮޑުވީމައެވެ. ރާއްޖޭގެ ގުދުރަތީގޮތުން އުފެދިފައިވާގޮތުން މިއޮތީ އެތަށް ރަށަކަށް ބެހިފައެވެ. ގިނަރަށްރަށަކީ ފައިދާއަށް އިންވެސްޓު ކޮށްގެން ހިންގާ ކުންފުންޏަކުން ފައިދާ ލިބޭނެ ރަށްރަށެއް ނޫނެވެ. މީގެ ބަދަލުގައި ފައިދާ އިސް ނުކޮށް ޢާންމުންގެ ބޭނުމަށް ހިންގާ ޢާންމުން ކޮންޓުރޯލު ކުރާ ޚިދުމަތެއް ނަމަ އެހެން ރަށްރަށުގައި މާލޭގެ ފައިދާއިން ސަބްސިޑައިޒް ކޮށްގެން ނަމަވެސް ޚިދުމަތް ދޭން މަޖުބޫރުވެއެވެ. ސަބަބަކީ ޑިމޮކްރެޓިކް ބާރު ހިނގާ ޚިދުމަތުކަން މާލެގެ އާބާދީއަށް ވުރެ އެހެން ރަށްރަށުގެ ޖުމްލަ އާބާދީ ބޮޑުކަމަށް ގަބޫލު ކޮށް އެމީހުންގެ ބަސްއަހާނެތީވެއެވެ.

ޝެއާ ހޯލްޑަރުންގެ ބަދަލުގައި ސީދާ ރައްޔިތުންގެ ބަހުން ޑިމޮކްރެޓިކްކޮށް އަސާސީ ޚިދުމަތްދޭ ކުންފުނިތަށް ހިނގާނަމަ ކޮރަޕްޝަނާއި ކުންފުނިތަށް މަދު މަހުޖަނުންނާއި ވިޔަފާރިވެރިން ހިސާރު ކުރުމުގެ ފުރުސަތު (ނުވަތަ އެލީޓުން ކެޕްޗަރ ކުރުމުގެ ފުރުސަތު) ކުޑަވެގެންދެއެވެ. ޢާންމު މިލްކިއްޔާތުގައި ހުންނަ ކުންފުނިތަކަކީ ޑިމޮކްރެޓިކްކޮށް ހިނގާ ކުންފުނިތަކަކަށް ހެދުމަކީ މުހިންމު ކަމެކެވެ. މިވީހާތަނަށްވެސް ރާއްޖޭގައި ސަރުކާރު ކުންފުނިތަށް ހިންގާފައި ހުރީ ރައްޔިތުންނާއި ވަރަށް ދުރުންނެވެ. ނަމަވެސް މިއީ މިކަން ކޮންމެހެން ވާން މަޖްބޫރު ގޮތެއް ނޫނެވެ. މިކަމުގެ ހައްލަކީ ޑިމޮކްރެޓިކް ނިޒާމަކަށް ބައްޓަން ކުރެވިފައިވާ ކުންފުނިތަކާއި ކޯޕަރޭޓިވްސްތަކެވެ.

ސަރުކާރުން ހިންގާ ކުންފުނިތަކަށް އަންނަންވީ ބަދަލު

މިހާތަނަށް ސަރުކާރުން ހިންގާފައި ހުރި ސަރުކާރު ކުންފުނިތަކުގައި ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. މިއީ ކޮންމެހެން ސަރުކާރު ކުންފުނިތަކެއް ވީމާ މިކަންވާންޖެހޭ ގޮތެއް ނޫނެވެ. މިސާލަކަށް ސަރުކާރުން ހިންގާ ކުންފުނިތަކަށް ބޭނުންވާ ވަރާއި ގާތަށް ވެސް އިންވެސްޓުކުރެވިފައެއް ނެތެވެ. ސަރުކާރު ކުންފުނިތަކުން ލިބޭ ބޮޑު އާމްދަނީހެން އެއްކޮށް ސަރުކާރު އާމްދަނީގެ ގޮތުގައި ނަގައެވެ. މިއާމްދަނީ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުން ކުރެވޭ ތަނެއް ނުފުނެއެވެ. ސަރުކާރު ކުންފުނިތަށް ހިންގާއިރުވެސް މިފެންނަނީ ކުންފުނިތަކުގެ ބޯޑުގައި މަހުޖަނުންނާއި ވިޔަފާރިވެރިން ކަހަލަ ނުފޫޒުގަދަބަޔަކު ހިމެނޭތަނެވެ. މަސައްކަތްތެރިންނާއި ޢާންމުންގެ ބަސް އެކުލެވޭ ގޮތަށް ބޯޑުތަށް ބައްޓަން ކުރެވިފައެއް ނެތެވެ.

ދިރާގު އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން މަޖްލިސް ފެންވަރުގައި ނުވަތަ ކައުންސިލް ފެންވަރުގައިވެސް ޢާންމު ކުންފުނިތަކުގައި ޕަބްލިކް އޮޕީނިއަން ނުވަތަ ޢާންމު ރައުޔު ހިމެނޭތަނެއް ނުފެނެއެވެ. ޢާންމު ކުންފުނިތަށް ހިންގުމުގައި އޮތީ އެންމެ މޮޑެލްއެއް ނޫނެވެ. ބައެއް ކަހަލަ ޚިދުމަތްތަކަކީ ކައުންސިލް ގެ ބަސް މައި ސަރުކާރު ބަހަށް ވުރެ މުހިންމު ވާންޖެހޭ ޚިދުމަތްތަކެވެ. ސަރުކާރު ކުންފުނިތަކެއްކަމަކު މިކުންފުނިތަށް މިހިންގަނީ ރައްޔިތުންނާއި ވަރަށް ދުރުންނެވެ. ޖުމްލަކޮށް މިބުނެވެނީ ސަރުކާރުގައި މިހާރު ހުރި ކުންފުނިތަކުގެ ހިންގާ ބޯޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހެއެވެ. ސަރުކާރު ކުންފުނިތަށް ހިންގުމުގައި ކުންފުނީގެ މަސައްކަތްތެރީންނާއި ޚިދުމަތް ބޭނުން ކުރާ މީހުންގެ މަންދޫބުން މިހާރަށް ވުރެ ބޮޑަށް ހިމަނަންޖެހެއެވެ.

ސަރުކާރުން މިހާރު ހިންގަމުން އަންނަ ކުންފުނިތަކުގެ ވާހަކަ ގެނެވުމުން އެކުންފުނިތަކަށް ނިސްބަތްކޮށް ޢާންމުންގެ މެދުގައި ދެކެވޭ ވާހަކަތަކަށްވެސް އަލި އަޅުވާލަން އެބަޖެހެއެވެ. ޢާންމުކޮށް ދެކެވޭ ވާހަކައިގައި ސަރުކާރު ކުންފުނިތަށް ސިފަ ކުރެވެނީ ބޮޑުވެ ހިނގައި ނުގަނެވިފައިވާ ކުންފުނިތަކެއްގެ ގޮތުގައެވެ. އެކަމަކު ތަހުގީގީ ދިރާސާތަކުން ދައްކާގޮތުގައި ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ހިންގުމުގެ ހަލުވިކަމުގައި އެހެން ގައުމުތަކުގައި ބޮޑު ތަފާތެއް ފެންނާކަށް ނެތެވެ. ނަމަވެސް ޢާންމުކޮށް ދެކެވޭ ވާހަތަކުގައި ތެދު ހިމެނޭ މިންވަރެއް އެބައޮތެވެ. އެއީ އެވަގުތެއްގައި ހިނގާ ސަރުކާރަކުން ކުންފުނި ހިންގަން ނޭނގޭ ސިޔާސީ މީހުން ބޯޑަށް އައްޔަންކުރުމެވެ. މިކަމުގެވެސް ހައްލަކީ ކުންފުނި އަމިއްލަ ކުންފުޏަކަށް ބަދަލު ކުރުމުގެ ބަދަލުގައި ބޯޑުގައި ޑިމޮކްރެޓިކްކޮށް ހޮވޭ މެމްބަރުންނާއި މަސައްކަތްތެރިންގެ ޔޫނިއަންތަކުގެ މަންދޫބުން ހިމެނުމެވެ.

މިނިވަން ވިޔަފާރީގެ ފިކުރުން ރައްޔިތުން އެދޭ ފަދަ ބަދަލެއް އައުން ދުރު މިމައްސަލަތަކަށް ލިބެރަލިޒަމް ނުވަތަ މިނިވަން ވިޔަފާރީގެ ފިކުރުގެ ޖަވާބަކީ ބޮޑަށް ރެގިއުލޭޓް ކުރުމާއި ވާދަވެރިކަން އިތުރު ކުރުމާއި ބޮޑެތި ކުންފުނިތަށް ބައި ކުރުމެވެ. މިވިސްނުމަކުން ދިމާވެފައި މިހުރި ހުރިހާ މައްސަލަތަކަށް ހައްލެއް ނުލިބޭނެކަން ޔަގީން ކޮށްދޭން ބޭނުމެވެ. އިގްތިސާދުގެ ބޮޑެތި ނުފޫޒު ގަދަ ކުންފުނިތަށް ރެގިއުލޭޓް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިކަހަލަ ބޮޑެތި ކުންފުނިތަކުގެ އާމްދަނީގެ ބަޔެއް ޚަރަދު ކުރެވެނީ ލޮބީ ކުރުން ނުވަތަ ސިޔާސީ ފަރާތްތަށް ރުއްސާ ޚިޔާލު ބަދަލު ކުރުމަށެވެ. މިއީ ޢާންމުންނަށް ނުކުރެވޭ ފެންވަރުގައި ބޮޑެތި ކުންފުނިތަކުން މިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އެބައޮތެވެ. ކުރުކޮށް ބުނާނަމަ ބާރުގެ ތަފާތު، ނުވަތަ ބާރު ބޭނުން ކުރެވޭގޮތުގެ ތަފާތަކަށް މިނިވަން ވިޔަފާރީގެ ފިކުރުގެ މީހުން ނުވިސްނައެވެ.

އަގުތަކަށް ބަދަލު ގެންނަން ބޭނުންނަމަ މިނިވަން ވިޔަފާރީގެ ފިކުރުގެ ޖަވާބަކީ ކޮމްޕެޓިޝަން ނުވަތަ ވާދަވެރިކަން އިތުރު ކުރާށެވެ. މިސާލަކަށް އެންމެ ކުންފުންޏަކުން ޚިދުމަތް ހިސޯރު ކޮށްފަވާނަމަ އިތުރު ކުންފުންޏެއް އައުމުން އަގުގެ ތަފާތަށް ބަދަލު އަންނާނެ ކަމަށް ބުނެއެވެ. އެކަމު ޢާންމުކޮށް ކަން ވާގޮތަކީ އަގުގެ ތަފާތު މިއަންނަނީ އަލަށް ކުންފުނި ފަށައިގަންނަ ދުވަސްކޮޅު އެކަންޏެވެ. ދެން މިފެންނަނީ ދެކުންފުންޏަކީ ފައިދާ ނުވަތަ ޕުރޮފިޓަށް މަސައްކަތް ކުރާ ދެކުންފުންޏަކަށް ވުމުން ފައިދާ ހިފެހެއްޓުމުގެ ބޭނުމުގައި ދެކުންފުނިން އެކުގައި ރާވައިގެން މަސައްކަތް ކުރާ ތަނެވެ. ޚިދުމަތުގެ އަސާސަކީ ޢާންމު މަސްލަހަތުގެ ބަދަލުގައި ފައިދާއަށް ވުމުން ކަން ހިނގާގޮތެވެ. ދެކުންފުނިންވެސް ބޭނުންވަނީ ފައިދާއެވެ. ފައިދާ ހިފެހެއްޓުމެވެ.

ޢާންމު މިލްކިއްޔާތުގައި ހިންގުމުގެ އެންމެ ފުރަތަމަ އަސާސަކީ އާމްދަނީއާއި ފައިދާއަށް ހިންގުމާ ދުރުވުމެވެ. ޝެއަރހޯލްޑަރުންނާއި ކުންފުނިން ފައިދާ ނަގާނެ ފަރާތްތަށް ގިނަވުމުން އަސާސީ ޚިދުމަތެއްގައި އޮންނަންޖެހޭ ޢާންމުންގެ މަސްލަހަތު ގެއްލެއެވެ. އަސާސީ ޚިދުމަތްތަކަކީ ވީހާވެސް ކުޑާ ފައިދާއެއް ލައިގެން ގިނަބަޔެއްގެ ފޯރުންތެރިކަމަށް ބަލައިގެން ހިންގަންޖެހޭ ޚިދުމަތްތަކެވެ.

ޢާންމު މިލްކިއްޔާތުގައި ހިންގުމުގެ ތަފާތު ތިން މޮޑެލެއް އެބަވެއެވެ. ފުރަތަމަ ގޮތަކީ ސަރުކާރުގެ ފުރިހަމަ ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ހިންގުމެވެ. ދެވަނަ ގޮތަކީ މުނިސިޕަލް ލެވެލްގަ ކައުންސިލުގެ ފުރިހަމަ ހިއްސާވާ ކުންފުންޏެއްގޮތަށް ހިންގުމެވެ. ތިންވަނަ ގޮތަކީ ޚިދުމަތް ހޯދާ ހުރިހާ އެންމެން ހިއްސާވާ ކޯޕަރޭޓިވެއްގެ ގޮތަށް ހިންގުމެވެ. މިއަށް ކިޔެނީ ކޮންސިއުމާ ކޯޕަރޭޓިވްސްއެވެ. މިކަހަލަ ކޯޕަރޭޓިވެއްގެ ހިއްސާއާއި ކޯންޓުރޯލު އޮންނާނީ އެ ކޯޕަރޭޓިވެއްގެ ޚިދުމަތް ބޭނުންކުރާ ހުރިހާ އެންމެންގެ އަތުގައެވެ. މި ތިން ގޮތުގަވެސް ފައިދާއާއި ގެއްލުން އެބަހުއްޓެވެ. އަދި މިގެއްލުން މެނޭޖް ކުރާނެ ގޮތްވެސް އެބަހުއްޓެވެ. މިގޮތުން ކޮންސިއުމާ ކޯޕަރޭޓިވްސް އަކީ ޔުޓިލިޓީޒް ހިންގުމަށް އޮތް އެންމެ ޑިމޮކްރެޓިކް ގޮތެވެ. ނަމަވެސް އެކި ރައްރަށުގެ ޔުޓިލިޓީޒް ތަށް ކޯޑިނޭޓް ކުރާނެ ގޮތެއް ބޭނުންވެއެވެ. ސަރުކާރު ކުންފުންޏެއް ނަމަ މިމައްސަލައެއް ދިމައެއް ނުވާނެއެވެ. އެއީ މަރުކަޒީކޮށް ޚިދުމަތްތަށް ހިންގޭތީ ސާވިސް އެފިޝަންސީ ރަނގަޅުވާނެއެވެ. ނަމަވެސް ސަރުކާރު ކުންފުންޏަކީ އެންމެ ޑިމޮކްރެޓިކް އުސޫލެއްނޫނެވެ. ސަރުކާރުގައި މިހާރު ހުރި ކުންފުނިތަށް ޑިމޮކްރެޓިކް ކުރުމުގެ ގޮތުން ކުންފުނިތަކުގެ ބޯޑުތަކަށް ޢާންމުންނާއި، މަސައްކަތްތެރިންނާއި، އަދި ސިވިލްސޮސައިޓީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރި ކޮށްގެން ނޫނީ ފުރިހަމައެއް ނުވާނެއެވެ.

އިންޓަރނެޓް ޚިދުމަތްދޭ ކުންފުނިތަކަށް ގެންނަންވީ ބަދަލު

މަތީގައި ބަލާމިލެވުނީ ޢާންމު މިލްކިއްޔާތުގައި ޚިދުމަތްތަށް ހިންގުމުގެ ފައިދާއާއި ހިންގާނޭގޮތެވެ. ދެން ބޭނުންވަނީ މިނަމޫނާ ބޭނުންކޮށްގެން އިންޓަރނެޓުގެ ޚިދުމަތަށް ގެނެވިދާނެ ބަދަލުތަކަށެވެ.

ފުރަތަމަ ކަމަކަށް ދިރާގުގެ ސަރުކާރުގެ ހިއްސާ ބޮޑުކޮށް ހިއްސާގެ ބާޒާރުން މިހިއްސާ އަނބުރާ ގަތުން މުހިންމެވެ. އަދި ކުރިޔަށް އޮތް އަހަރުތަކުގައި ދިރާގަކީ ފުރިހަމަ ސަރުކާރުގެ ކުންފުންޏަކަށް ހެދުމެވެ. ސަރުކާރުގެ ހިއްސާ ބޮޑުވާވަރަކަށް ކުންފުނިން ނަގާ އާދަޔާ ޚިލާފު ފައިދާ ކުޑަކޮށް އާންމުންނަށް ޚިދުމަތް ލިބޭ ވަރު އަގު ކުޑަ ކުރެވޭނެއެވެ.

ދެވަނަ ކަމަކަށް ގާނޫނަކުން ނަމަވެސް އަސާސީ ޚިދުމަތްދޭ ކުންފުނިތަކުގެ ބޯޑުތަކުގައި މަސައްކަތްތެރިންނާއި، އިޖްތިމާޢީ ޖަމިއްޔާތަކާއި، ޢާންމުންގެ މަންދޫބުންނާއި، އަދި ކައުންސިލް މެމްބަރުން އެކުލެވުމަށް މަޖުބޫރު ކުރުމެވެ. މިގޮތަށް ކަންކުރުމުން އެވަގުތެއްގެ ސަރުކާރުން އެކަނި ބޭނުންވާ ގޮތަށް ކަން ވުމުގެ ބަދަލުގައި ރައްޔިތުންގެ ސީދާ ބަސް އިއްވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ކުންފުނީގެ ޓްރާންސްޕޭރަންސީވެސް އިތުރުވެއެވެ. ޓެލެކޮމް ކުންފުނިތަކުން ކުރާ ނޭދެވޭ ކަންތައްތަށް، މިސާލަކަށް މީހުންނަށް ފާރުލުންފަދަ، ކަންކަން ހިނގުން ކުޑަވެގެން ދާނެއެވެ. އަދި މިކަހަލަ ކަމެއް ހިނގިނަމަވެސް ޢާންމުންނަށް މިކަން ފަޅާއެރުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.

ތިންވަނަ ކަމަކަށް ސަރުކާރުގެ ޓެކްސްގެ ނިޒާމު ބަދަލުކޮށް އަސާސީ ޚިދުމަތުން ސަރުކާރު ފައިދާ ނެގުން ހުއްޓާލުމެވެ. މިހާރު ކަންވާގޮތަކީ ޓެކްސް ނަގަން ޖެހިލުންވާތީވެ މިކަހަލަ ކުންފުނިތަށް މިބޭނުން ކުރެވެނީ ނުސީދާ ޓެކްސްގެ ނިޒާމެއްގެ ގޮތުގައެވެ. މީގެ ބަދަލުގައި އިންކަމް ޓެކްސާއި މުދަލުގެ ޓެކްސް ފަދަ ޕުރޮގުރެސިވް ޓެކްސްގެ ނިޒާމެއް ގެނައުމެވެ. ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލުން މުޖުތަމައުގެ ހަމަހަމަކަންވެސް ރަނގަޅުވެގެންދާނެއެވެ.

މިބަދަލު ގެންނަންވީކީ ހަމައެކަނި އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް އެކަންޏެއް ނޫނެވެ. އަސާސީ ޚިދުމަތްދޭ ހުރިހާ ކުންފުނިތަކަށް މިބަދަލު އައުން މުހިންމެވެ. ޖުމްލަކޮށް މިތިން ބަދަލާއި އެކު މިހާރު ހުރި އަސާސީ ޚިދުމަތްތަށް ހިނގާގޮތް ކުރިޔަށް އޮތްތަނުގައި ބަދަލުވެ އަދި މިއީ ޢާންމުންނާއި ރައްޓެހި ޢާންމުން ބޭނުންވާ ގޮތަށް ހިނގާ ކުންފުނިތަކަކަށް ބަދަލު ވެގެންދާނެއެވެ.

11 ޚިޔާލު

  1. ވަރަށް މައުލޫމާތު ހުރި ލިޔުމެއް

    5
    2
  2. ބޮޑެތި ކަމަށް ކިޔާ ނޫސްތަކުން ކީއްވެތަ މިވާހަކަ ނުދައްކަނީ؟

    5
    2
    1. 2009 ވަނައަހަރު ދިރާގުގެ މެޖޯރިޓީީ ގެއްލުވާނުލިނަމަ ތިކަންވީސް. ނަމަވެސް މިހާރު އެއީީ ކުވެއިތުގެ ކޮންޓްރޯލް އޮތް ވިޔަފާރިކުންފުންޏެއް. މަޖިލީހަށް ބިލެއްހުށަހެޅިޔަސް ހިނގާނެހެން ހީނުވޭ. އެތާގަތިބީ ދިރާގު ވިއްކާލި ބޭފުޅުން.

      1. ރައްޔިތުން ޕްރެޝަރ ކުރީމަ ވާނެ. ޕާޓީއަށް ނުބަލާ ޕްރެޝަރ ކުރަން ޖެހޭނީ

    2. ޥިކިފަ ތިބީމަ

  3. މިގޮތަށް ވާނޭނަމަ ކިތަންމަހާ ވެސް ރަނގަޅު

    3
    1
  4. މިކަމަށް ގަރާރެއް ހުށައަޅާނެ މެމްބަރެއް ނެތްތަ؟ ކަލޯ

  5. އަސްލުވެސް

  6. ރާއްޖޭ މީހުން އިންޓަނެޓް %90 ބޭނުން ކުރަނީ އެންމެ ނުބައިކަންކަމަށް އަދި ވެ ހެޔޮތަ ކުރަން ވީ

    2
    1
  7. މަލީހުންމެން މިލިޔުން ކިޔާފައި އޮތޯ ބެޑްރެސްޓް ގައި ޕެނެޑޯލް ދެގުޅަ އަތަށްލައިގެން

  8. ސުވާލަކީ މިސަރުކާރަކީ ކަނާތު ފިޔާގެ ސަރުކާރެއްތޯ ވާތުފިޔާގެ ސަރުކާރެއްތޯ. ވޯޓު ދިނުމުގެ ކުރިން މިމަޢޫލޫމާތު ލިބުންނަމަ ދޯ. އަސްލު އެންޑީޕީޣެ ސިޔާށަތަކީ މޮޅުވާހަކަ ދައްކަފަ ރައްޔިތުންފެލުން

    1
    1

Your email address will not be published.

More in ރިޕޯޓް