ބޮޑު ތަކުރުފާނާއި ރެހެންދި

ބޮޑު ތަކުރުފާނާއި ރެހެންދި

ބޮޑު ތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުުރުފާނުލް އަޢުޡަމް ސިރީ ސަވާއްދީއްތަ މަހާރަދުންނަކީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް އެ ބޭފުޅަކަށް ޓަކައި ނިސްބަތްވެވޭ ޤައުމީ ބަޠަލެވެ.

ޕޯޗުގީޒުންގެ ފަނަވަރަކަށް އަހަރުވީ އަޅުވެތިކަމުން މި ލޮބުވެތި ދިވެހި ފަސްގަނޑު ސަލާމަތްކުރެއްވި ކުޅަދާނަ މުޖާހިދެވެ. "ދެ ޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އޭގެ ތިން ބަޠަލުން (އުތީމު ތިންބެއިން) " ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވެވި ގެރިއްލާ ހަނގުރާމައިގައި އެންމެ އިސްކޮށް ހުންނެވި ފަހުލަވާނެވެ. ދިވެހި ލަޝްކަރުގެ ކޮމާންޑަރެވެ. އާދެ! އުތީމު މަހާރަދުންނެވެ.

ބޮޑު ތަކުރުފާނުގެ ބައްޕާފުޅަކީ ބާރަށު ކަޅު ޙަސަން ކަލޭގެގެ އުތީމު ކަޅު ޢަލީ ޙަޠީބު ތަކުރުފާނުގެ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނެވެ. މަންމާފުޅަކީ އިހަވަންދޫ ކައްޕީނި ތަކުރުފާނުގެ އާމިނާ ދިޔޯއެވެ. ބޮޑު ތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނުގެ ހަގަށް ހުންނެވި ޙަސަން ތަކުރުފާނުގެ މަންމާފުޅަކީ ވެސް އާމިނާ ދިޔޯއެވެ. ނަމަވެސް، މުޙައްމަދު ތަކުރުފާނު ދޮއްޓަށް ތިއްބެވި ޢަލީ ތަކުރުފާނާއި އުތީމު ފާޠިމާ ކަމަނާފާނުގެ މަންމާފުޅަކީ މާރަންދޫ ތޭރަވާ މުދިން ކަލޭގެގެ ދަރިކަނބަލެކެވެ.

ނޮޅިވަރަންފަރުގައި ހުރި ނޮޅިވަރަންފަރު އެދުރު ކަލޭގެފާނުގެ ޒިޔާރަތް (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި)

ޕޯޗުގީޒުންގެ ހަނގުރާމަމަތީ ގުރާބުތައް ރާއްޖެ އައިސް، އެ މީހުންގެ ހަތިޔާރުއެޅި ސިފައިން މާލެ އަރައި އެ މީހުންގެ ވެރިއަކަށް ހުރި އަނދިރިއަނދިރިންގެ އިރުޝާދުގެ ދަށުން، އޭރު ދިވެހި ރަސްކަމުގެ ސިންގާސަނާގައި އިންނެވި ރަދުން، ޢަލީ ރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު ދިވެހިރާއްޖެއަށް ވެރިވެ ރާއްޖޭގެ އެކި ހިސާބުތަކަށް އެ މީހުންގެ ޢަމީރުން ފޮނުވިކަމަށްވެއެވެ.

އެ ހިނދަށް ބަލާއިރު، އެ މީހުންނަށް މި ރާއްޖޭގައި އެންމެ ނުރައްކާތެރި ތަނަކީ އަދި އެންމެ ހަރުދަނާ މީހުން ތިބި ތަނެއްގެ ގޮތުގައި ފާހަގަކުރެވުނީ ރާއްޖޭގެ އުތުރެވެ. އުތުރުން ވެސް ޚާއްޞަކޮށް ތިލަދުންމައްޗެވެ. އެ ވަގުތު އެ މީހުންނަށް އެންމެ ނުރައްކާތެރި ބަޔެއްގެ ގޮތުގައި ފާހަގަކުރެވުނީ ނޮޅިވަރަންފަރު އެދުރުކަލޭގެފާނާއި އުތީމު ޙުސައިން ކަތީބު ތަކުރުފާނާއި ބައުރަށު ކަތީބު ތަކުރުފާނެވެ. މިއީ، ޢާއިލީ ގޮތުން ވެސް ގުޅިފައިވާ ބަޔެކެވެ.

އުތީމުގައި ހުރި އުތީމު ޙުސައިން ކަތީބު ތަކުރުފާނުގެ މަހާނަ (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި)

ރާއްޖެ ހިފި ޕޯޗުގީޒުންގެ އިސް ވެރިންނަށް ޤަބޫލުކުރެވުނު ގޮތުގައި ތިލަދުންމަތީގެ މި ޢާއިލާއަކީ ދިވެހިރާއްޖެއިން އަލަށް ކުރިއަރަމުން އަންނަ ދަރިކޮޅެކެވެ. އެހެންވީމާ، މި ބޭފުޅުންގެ ޢަމަލުތަކަށް ފާރަލުމަކީ މުހިއްމު ކަމެއްކަމުގައި އެ މީހުން ދުއްޓެވެ. ހަމައެހެންމެ، ޝަހީދުކޮށްލެވުނު ޢަލީ ރަސްގެފާނު ނިސްބަތްވެ ވަޑައިގަންނަވާ ހިލާލީ ދަރިކޮޅަކީ މި ވަގުތަށް އުވެމުން ފީވެމުން ދާ ދަރިކޮޅެއްކަމުގައި އެ މީހުންނަށް ޤަބޫލުކުރެވުނެވެ.

އެހެންކަމުން، ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން، ސިއްތިމާވާ ރަނިކިލެގެފާނާއި ޢަލީ ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ އައިސާ ރަނިކިލެގެފާނު ގޮވައިގެން، ޕޯޗުގީޒުންގެ ތެރެއިން އިސް މީހެއްކަމުގައިވާ ވިޔަޒޯރު ތިލަދުންމަތީ ބާރަށަށް ދިޔައެވެ. ދާންވާ އިރަށް އެ ރަށުގައި ވާރު ގެއެއް އަޅައި އެ ގެއާ އިންވެގެން، ގަނޑުވަރެއް ވެސް ބިނާކުރެވުނެވެ. މިއީ، މާލޭން ވަަޑައިގެންނެވި ރަނިރަނިކަނބަލުން ތިއްބެވުމަށެވެ. އަދި ވިޔަޒޯރަކީ މާލޭން އުތުރުގައި ހުރި ޕޯޗުގީޒު ދައުލަތުގެ ބޮޑު ވެރިއެއްކަން އެންގެވުމުގެ ފަތްކޮޅު ވެސް އަނދިރިއަނދިރީންގެ ފަރާތުން ދިޔައެވެ.

ވެރިންގެ އަރިހަށް ޢީދު ވެދުމާ ދިޔުމަކީ އޭރު ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. އެ ގޮތުން، އަތޮޅުވެރިޔާ ވިޔަޒޯރުގެ އަރިހަށް ޢީދުވެދުމާ ދިޔުމަށް، އުތީމު ޙުސައިން ކަތީބު ތަކުރުފާނު، އެ ތަކުރުފާނުގެ ފިރިހެން ތިން ބެއިންގެ އަރިހުން އެދިވަޑައިގަތެވެ. އެއީ، ޢަލީ ތަކުރުފާނާއި މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނެވެ. މި ބޭބޭފުޅުންނެއް ބާރަށަށް ދާކަށް ބޭނުންފުޅެއް ނޫނެވެ.

އެ ރަށުތެރޭގައި ކަންތައްތައް ހުންނަ ގޮތުންނެވެ. ކޮންމެ އަހަރަކު ވެސް ޢީދު ކުޅޭށޭ ކިޔައި މާލޭން އުތުރު ހަތަރު އަތޮޅުގެ ޒުވާން ހުރިހައި އަންހެނުންނާއި ފިރިހެނުން އެ ރަށަށް އެއްކޮށްގެން ދިހަބާރަ ދުވަސް ވަންދެން އެ ގަންނަ ސަކަރާތެއް މި ބޭބޭފުޅުންނަކާ ހިތްޕުޅަކާ ނުވެއެވެ. އެހެންނަމަވެސް ބައްޕާފުޅުގެ ޞިއްޙީ ޙާލަތު ހުރި ގޮތުން މި ދަތުރު ކުރެއްވެވެން ނެތީމާ މި ތިންބެއިން މި ދަތުރު ވަޑައިނުގެން ވެސް ވާކަށް ނެތެވެ.

ބައްޕާފުޅު އެ ވާހަކަދެއްކެވި ދުވަހުގެ އަނެއް ދުވަހު މެންދުރު ނަމާދުން ފައިބައި ވަޑައިގެން، އުތީމު ތިން ބެއިން ބައުރަށަށް ވަޑައިގަތުމަށް ފުރާވަޑައިގަންނަވައިފިއެވެ. އެ ދުވަހުގެ އަޞުރެއްހައި އިރު ބައުރަށު މީހުން ދުށީ އުތީމު ޙުސައިން ކަތީބު ތަކުރުފާނުންގެ ސާދަ ރިޔަނުގެ މަސްއޮޑި ފަލިޖަހައި މަރައި، ކަނޑުފަޅައި ސުންނާފަތިކުރަމުން އަންނަ ތަނެވެ. މި އޮޑި އައިސް ލެފި އިރު، އުތީމު ތިންބެއިން މި އޮޑީގެ މަޅުމަތީގައި ފޭލި އަންނަވައި ނިހާލި ބަންނަވައި ބޮލު ފޭލި އޮޅުއްވައިގެން ތިއްބެވިކަމަށް ވެއެެވެ.

ފުށުގުގައި މަސްދަތް ފިޔޮހި ވެސް ހުއްޓެވެ. ގޮނޑުދޮށާ އޮޑި ކައިރިވުމުން، މުޙައްމަދު ތަކުރުފާނު އޮޑީގެ ފަޅުވެރިންނަށް އަމުރުކުރެއްވިކަމަށް ވެއެވެ. ކުދީންނޭވެ! ފަނަޔެއް ލޮތާރިއެއް ލާނޭ ކަމެއް ނެތެވެ. އެ ކުއްޖަކު ތިބި ފައްޔެއްގައި އެ ކުއްޖަކު ތިބެލާށެވެ. މީހަކު ގޮވިޔަސް އެއްގަމަށް ނުފައިބާށެވެ. ދޯނީގައި ތިއްބައި މީހަކު އެއްޗެއް ގެނެސްފިނަމަ، ޤަބޫލުކުރާށެވެ. އަތޮޅުވެރިންނާ ބައްދަލުވެފައި އެބަ ވަޑައިގަންނަވަމެވެ. އެ ތިންބެއިން ކުރައްވަން ވަޑައިގެންނެވި ކަންތައްތައް ނިމުމުން އެންމެ ހިނދުކޮޅަކު ވެސް އެ ރަށުގައި މަޑުކުރެއްވުމުގެ މުރާދެއް އެ ބޭފުޅުންގެ ކިބަޔަކު ނެތެވެ.

އުތީމު ގަނޑުވަރު- ބޮޑު ތަކުރުފާނު ދިރިއުޅުއްވި ގެކޮޅު (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި)

އުތީމު ތިންބެއިން ބައުރަށަށް ލެފިއިރު ވެސް އެ ރަށުގެ ގޮނޑުދޮށް އޮތީ އޮޑިދޯނިފަހަރުން ފުރިފައެވެ. އަތިރިމަތި އޮތީ މީހުން ގިނަކަމުން ރަކަރަކައަޅައެވެ. ބޮޑު މަގުގައި އަންހެނުންގެ ފަންކުޅުމުގެ އަޑުފަށް އޮތީ ގަދަވެފައެވެ. މި ތިން ބެއިން ފެންނަ އިރަށް އެންމެންގެ އަޑުބަޑު މަޑުވެ ހަމަހިމޭންވިއެވެ. މުސްކުޅި ފާޑުގެ މީހުން އައިސް މި ތިން ބެއިންނާ ސަލާންގަލާންކުރަން ފެށިއެވެ.

ސަލާން ކުރާ މީހުންނަށް ސަލާމްގެ ޖަވާބު ދެއްވަމުން އެންމެނަށް ހިނިމޫނު ދައްކަވަމުން ވަޑައިގެން ވާރުގެއަށް ވެންނެވިއެވެ. އަތޮޅުވެރިން، ވިޔަޒޯރުއާ ސަލާންކުރައްވައި ދެންނެވިއެވެ. އަޅުގަނޑުމެން މި އައީ ބައްޕާ ފޮނުއްވީމާ، މި ޢީދުގެ ސަލާމް އަތޮޅުވެރިންނަށް އަދާކުޅައުމަށާއި އަތޮޅުވެރީންނަށް ބައްޕާ ފޮނުއްވި ފަންވަތެއް އަދާކުޅައުމަށެވެ. އަދި ބައްޕަ ބަލިވެ އުޅުއްވާ ވާހަކަ ވެސް ދެންނެވިއެވެ.

އަތޮޅުވެރިންނާއި މި ތިން ބެއިންގެ ބައްދަލުވުން ވާރު ގޭގައި ކުރިއަށް ދިޔައިރު ކަނބާ އައިސާ ރަނިކިލެގެ އަވަދިނެތި އުޅުއްވަނީ އުތީމު ތިން ބެއިން ކުރެ ބޭކަލެއްގެ ބޮލަށް ގޮމެއް ޖަހައިލަން ކެރޭނޭ އަންހެން ކުއްޖަކު މަތިވޭތޯއެވެ. ލައްކަ ގިނަ ގޮތްގޮތުން ވާހަކަފުޅު ދައްކަވައި ދެރަ ބަސް ވިދާޅުވެ ވެސް މި ކަމަށް އިސްނަގަން ކެރުނު ކުއްޖަކު ހުރި ކަމަކަށް ނުވިއެވެ.

ޤަދަރު ހުރި ޅަނދޮޅު ޅަބާޅަ ރީތި އެކި ކުދިންގެ ނަންނަމުން ވަކިވަކީން ވިދާޅުވެ އަރިހަށް ގެންނަވައި، އެކިއެކި ކުދީންނާ ވަކިވަކީން ވާހަކަފުޅުދައްކަވައި އާދޭސް ކުރައްވަވައި ވެސް ހަމަ އެކަކަށް ވެސް މި ވިދާޅުވާ ގޮމެއް ޖަހައިފާނަމެކޭ ދަންނަވާކަށް ނުކެރުނެވެ. ކޮންމެ މީހަކުމެ މި ދަންނަވަނީ ކަނބާ ވިދާޅުވިޔަސް ކުރަން ނުކެރޭނޭ ކަމަކީ ތިއީއެވެ. އުތީމު ތިން ބެއިން ކުރެ ބޭަކަލެއްގެ ބޮލަށް ގޮމެއް ޖެހުމެވެ. ދެން ކަނބާ އައިސާ ރަނިކިލެގެފާނު ދެރަފުޅުވެ ކޯފާ އިސްވެ ކުރައްވާނޭ ކަމެއް އެނގިވަޑައިނުގެން ވަށައިގެން ދުރު ހޯއްދަވައިލެއްވި އިރު މި ތާ ހުރި ގަހެއްގެ ދޮށުގައި މި ރަށު ބޯށިވަލު ބުޅާ ފާތުމާގެ ރެހެންދި ހުއްޓައި ދެކެވަޑައިގަތެވެ.

މި ގޮއްޔެ ގާތަށް ވަޑައިގެން، އިސްވި ކޯފާ މަޑުކުރައްވާންވެގެން ލިބާސްކޮޅަށް ދަންމަވައިލައްވައި ހިނިފުޅުވަޑުވައިލައްވައި ވިދާޅުވިއެވެ.

އަސްތާ! ގޮއްޔެ ވެސް މި ތާ އެބަ ހުރީމު ދޯއެވެ. ގޮއްޔޭއެވެ! އަންނާށެވެ! އަންނާށެވެ! މި އަތޮޅުގެ އެންމެހައި އަންހެން ކުދިންނަށް ލިބޭން އަންނަ ބޮޑު ދެރައަކާއި ހުތުރެއް ފިލުވައިލާން އުތީމު ތިން ބެއިން ކުރެ ބޭކަލެއްގެ ބޮލަށް މި ޢީދުގެ ގޮންޖަހައިލާކަށެއް ހަމަ ނުކެރޭނޭ ހެއްޔެވެ؟ ގޮއްޔެއަށް އަހަރެން މެދުމިނު މީހެއްގެ އުނުއަތްފައިގެ ގަހަނާއާއި ރަނގަޅު ހެދުމަކާއި ހަދިޔާއެއް ދޭނަމެވެ. އެހެން ކުދިން ދެރަކޮށްލާން ވެސް މި ކަންތައް ވާނީ ކޮށްދޭށެވެ.

ރެހެންދި ދެންނެވިއެވެ. މަސާހިބާއެވެ! ތިޔަހަރީ އަހަރެމެން ވަރުގެ ދެރަ ނިކަމެތި މީހުނާ އަރައި އަރަފޯދޭ ކަންތައްތޯއެވެ. އެހެރަ ގޮތްތައް އެނގިވަޑައިގަންނަވާނީ ތިޔަ ބޭފުޅުންނަށް ވިއްޔާއެވެ. މި ތިބަ އެންމެނަށް ތިޔަ ކަމެއް ކުރާން ނުކެރިގެން މި އުޅެނީ ގައިމު ކަމެއް ވެގެންތާއެވެ. ތިޔަ އެއްޗެހިތަކެއް ނުދެއްވިޔަކަސް، ތިޔައީ އަތޮޅުގެ ހުރިހައި އަންހެން ކުދީންނަށް އަރާ ހުތުރެއްވިއްޔާ އެ ހުތުރު ފިލުވާން ކަނބާ ވިދާޅުވެއްޖެނަމަ، އަޅުގަނޑު ތިޔަ ކަންތައްވާ ކޮށްފާނަމެވެ. އެންމެ ބޮޑު ކަމަކަށް ވާނީ މަރުތާއެވެ. އެއީ، ކޮންމެވެސް އެއް ދުވަހަކުން ނުވެ ނުދާނެ ކަމެކެވެ. ކަނބާ އައިސާ ވިދާޅުވިއެވެ.

ގޮއްޔޭއެވެ! މިބައި މީހުންނަށް ނުކެރިގެން އެ އުޅެނީއަކީ ތިޔަ ކަހަލަ އެއްވެސް ކަމަކާ ހުރެއެއް ނޫނެވެ. އެ އުޅެނީ މިބައި މީހުން ގައި ހުރި ބޮޑާކަމާއި ފަތަރާސީކަމުންނެވެ. ގޮއްޔޭއެވެ! އަންނާށެވެ! އަވަސްވާށެވެ! ނަލަ ވެސް ވާނީ ހެދިލާށެވެ!

ބާރަށުގައި ހުރި ވާރުގެ (ފޮޓޯ: މުޙައްމަދު ޝާޠިރު، 2000)

މި ގޮއްޔެގެ އަތުގައި ހިއްޕަވައިގެން ވާރުގޭ ތެރެއަށް ވަދެވަޑައިގެންފައި މާކަ ގިނަ އިރެއް ނުވެ މި ގޮއްޔެ އަތުގައި ހިއްޕަވައިގެން ނުކުމެ ވަޑައިގެންނެވި އިރު މި ގޮއްޔެ އަޅާފައި އެހެރަ ހެދުމަކާއި ގަހަނާއަކުން ސިއްތިމާވާ ރަނި ކިލެގެފާނެކޭ ކުޑަ ވެސް ތަފާތެއް ނުވެއެވެ. މުސްކުޅި ފާޑުގެ މީހުން ސިއްރުން ސިއްރުން ކިޔަތެވެ.

މި ތާކު ސިއްތިމާވާ ރަނި ކިލެގެފާނާއި އެހެރަ ރެހެންދިއާ ދެ ބޭފުޅުން ވަރެއް ނެތެވެ. މީހުންގެ ހުންނަ ރިވެތިކަމާއި ބުރުސޫރަ ވެސް މި ފެންނަނީ ނަލަހައްދައި ހެދުން އަޅުވައިލީމާ ވިއްޔާއެވެ.

ކަނބާ އައިސާ ރަނިކިލެގެފާނު މި އެންމެންގެ ތެރޭގައި ހުންނަވައި މި ގޮއްޔެގެ ބުރިކަށީގައި ފިރުމައިލައްވައި ހިނިފުޅުވަޑުވާފައި ވިދާޅުވިއެވެ. ރަންޏާއެވެ. ހިތްވަރުކުރާށެވެ. ތިޔަ ނުކުމެވެނީ އަތޮޅު އެންމެންގެ ކުރިއަށެވެ. ހިތްވަރަކީ ތިޔަ ކަހަަލަ ކަމެކެވެ. ގޮއްޔޭއެވެ! ކޮންމެވެސް ޙަސަން ތަކުރުފާނުގެ ބޮލަށް ގޮންޖެހޭތޯ ބަލާށެވެ! ޢަލީ ތަކުރުފާނުގެ ބޮަލަށް ގޮމެއް ޖެހެމުގެ ބޭނުމެއް ނެތެވެ. އޭރު ޢަލީ ތަކުރުފާނު އުޅުއްވަނީ ތަކަންދޫ ބޭކަނބަލަކާ ކައިވެނިބައްލަވައިގެންނެވެ. އަދި ވިދާޅުވިއެވެ. މުޙައްމަދު ތަކުރުފާނާ ކޮންމެވެސް ގާތް ނުވައްޗެވެ. މި ތަކުރުފާނަނީ އެންމެން ވެސް ޖެހިލުންވާ ބޭކަލެކެވެ. މި ހިސާބަށް މި ވާހަކަ ދިޔަ ތަނާ ވާރުގޭ ތެރެއިން އައި މީހަކު ކަނބާ އައިސާގެ އަރިހުގައި ދަންނަވައިފިއެވެ. އުތީމު ތިން ބެއިން އޮޑިއަށް އަރުއްވާން އެބަ ނުކުންނަވައެވެ.

ފޮޓޯ: މުޙައްމަދު ޝާޠިރު، 2000

ކަނބާ އައިސާ ރަނިކިލެގެފާނު ގޮއްޔޭ ދެންދެނޭ ވިދާޅުވެފައި ނެރުއްވައި ބުރިކަށީގައި އަތްޕުޅު އަޅުއްވައި ކޮށްޕަވައިލެއްވީމާ މި ގޮއްޔެ ހަލުވިކޮށް ދުވެފައި ދިޔަ ރަންވަން ފުއްލާއެއް ހެން ގޮސް އުތީމު ތިން ބެއިންގެ ތެެރެއިން މެދުގައި ހުންނެވި ބެއިކަލަކުގެ ފުރަގަހުން ފުންމައިގެން އަރައި (ޢީދު ބޮލަށް ގޮމޭ) މި ބެއިކަލަކުގެ ކަނާތު ކޮނޑުގައި މި ގޮއްޔެގެ ކަނާތުން ޖަހައިލައިފިއެވެ.

ކަނބާ އައިސާ ރަނިކިލެގެފާނު މި ތަން ދެކެވަޑައިގެންފައި ގޮއްޔަށް ސާބަހޭ ވިދާޅުވިކަމަށް ވެއެވެ. މި ގޮންޖެހުނު މީހާވީ މުޙައްމަދު ތަކުރުފާނު ކަމުގައެވެ. މި ތަކުރުފާނު މި ކަންތައް ކުރެއްވި މަގަކީ، މި ގޮއްޔެ ގޮންޖަހާން އެއްލި އަތުގައި، ފުރަގަހަށް އެއްލެވި އަތަކުން ހިއްޕަވައި ކުރިމައްޗަށް ދަމައިގެންނެވި ގޮތަކުން މި ގޮއްޔެ އޮތީ އެ ތަކުރުފާނުންގެ ކޮނޑުފުޅުމައްޗަށް ހުރަސްވެފައެވެ. ދެން އެ ތަކުރުފާނުން ތަންކޮޅެއް ހަރުކޮށް ކުރިއަށް ހިންގަވައިލެއްވުމުން އަނެއް ދެ ބޭން ކުޑަކޮށް ފަހަތަށް ޖެހިލައްވައިފިއެވެ. އެ ތަނުގައި ތެލަބަގުޑި ކުޅޭން ތިބި ކުދިންނާ ބައިވެރިވެ ވަޑައިގެން ކުޅުއްވަން ފައްޓަވައިފިއެވެ.

ބާރަށު އަންހެން ކުދިން ފަން ކުޅުނު ސަރަހައްދު (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި)

މި އެންމެން ކުޅިވަރުގައި މަޝްޣޫލުވެގެން ތިބޭ އިރު މުޙައްމަދު ތަކުރުފާނު ރެހެންދި ކޮނޑަށް ނަންގަވައިގެން އެހެރަގެން ވަޑައިގަންނަވަނީ އެންމެ ރާޅު ބޮޑު ދިމާއިން ބައުރަށުގެ ފުއްޓަރު ފަރާތަށެވެ. މި ތަން ދެކެފައި ބޮޑު މަގުގައި ތިބި އަންހެނުންތައް ގަތް ބިރުން ކުރާނޭ ކަމެއް ނުއެނގި ބަޔެއް މީހުން ރޯން ވެސް ފަށައިފިކަމަށް ވެއެވެ. ސިއްތިމާވާ ރަނިކިލެގެފާނު ވިދާޅުވިއެވެ.

ބޮޑު ތަކުރުފާނުން ކޮނޑުފުޅަށް ރެހެންދި ނަންގަވައިގެން ބާރަށު ފުއްޓަރު ފަރާތަށް ވަޑައިގެންނެވި މަގު (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި)

މަންމާފުޅާއެވެ! މި ތާނގައި ހުރި އެންމެ ފަޤީރު، އެންމެ ޔަތީމު ކުއްޖާއަށް ތިޔަ ދެއްވި ދެރައެއް ނިކަން ބައްލަވާށެވެ. އެ ތަކުރުފާނުން އެ ގޮއްޔެއަށް ކުރައްވާނީ ކީއް ކަމެއް ވެސް ނޭނގެއެވެ. ހާދަހާ ދެރައެވެ. މި ކަން ހީވަނީ ކުޅިވަރަކަށް ވުރެ ބޮޑުވެއްޖެ ހެންނެވެ.

ކަނބާ އައިސާ ވިދާޅުވިއެވެ. މަ ދަރިކަނބަލުންނޭވެ! މަންމާގެ ހިތަކުން މިއަކީ އެ ގޮއްޔެއަށް ދެވުނު ދެރައަކަށެއް ނުވާނެއެވެ. އެ ތަކުރުފާނުން ތިޔަ ކަހަލަ ގޯހެއް ނުހައްދަވާނެއެވެ. މަންމާ ހިތުން އާޚިރުގައި ދެރަ ލިބޭނީ މި ތިބަ ގޮންޖަހާން ނުކެރިފައި ތިބި ފިޑީންނަށެވެ.

މި ހިސާބަށް މި ވާހަކަ ދިޔަ އިރު، މުޙައްމަދު ތަކުރުފާނު މި ގޮއްޔެ ގޮވައިގެން ވަޑައިގެން މި ބައިމީހުންނަށް ނިވާވަނީއެވެ. މުޙައްމަދު ތަކުރުފާނު މި ގޮއްޔެ ގޮވައިގެން ވަޑައިގެން ކަކޫތާ ފެނަށް އެރިލެއްވީމާ، ތަކުރުފާނު އަޅުގަނޑު ތިޔަ ގެންދަވަނީ ކިޔެއްކުރައްވަންތޯ ރެހެންދި ހީނލާފައި އަހައިފިއެވެ.

ބޮޑު ތަކުރުފާނުން ކޮނޑުފުޅަށް ރެހެންދި ނަންގަވައިގެން ވަޑައިގެންނެވި ބާރަށު ފުއްޓަރު ފަރާތު މޫދު (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި)

މި ގެންދަނީ މި އޮތް ކަނޑަށް އެއްލައި މަރައިލަން ނޫންހޭ ތަކުރުފާނު ވިދާޅުވެއްޖެއެވެ. ތިއީ، ވަރަށް އުފާ ހުރި ކަމެކޭ ރެހެންދި ބުނެފިއެވެ. އެއީ ކޮން އުފަލެއްތޯ ތަކުރުފާނު އައްސަވައިފިއެވެ. ރެހެންދި ވާހަކަ ކުރިއަށް ގެންދިޔައެވެ. ނިކަމެތި އަޅުގަނޑަކީ ދުނިޔޭގައި އުޅުން އުނދަގޫވެފައި އިން އަދި މުސްކުޅި މަޔަކު ބަލާންޖެހިފައިވާ ޔަތީމު ފަޤީރަކީމެވެ.

ކަނބާ އައިސާ ރަނިކިލެގެފާނު ވިދާޅުވެގެން މި ދެ އަތޮޅުގެ އެންމެހައި އަންހެނުންގެ މަތީން ކުރާންޖެހުނު ކަމެއް ކުރާން ކެރުނު އެހެން މީހަކު ނުވެގެން އަޅުގަނޑު އެ ކަންތައް ކުރީމާ ލިބޭންވީ މޮޅަކީ ތިޔަފަދަ ބޭކަލަކުގެ އަތްޕުޅުން ޝަހީދުވުންކަމުގައި ވަންޏާ އެއީ، ކިހައި މޮޅު ކަމެއްތޯއެވެ. ކިހައި ބޮޑު އުފަލެއްތޯއެވެ. އަޅުގަނޑުގެ ނަން ފަހު ޒަމާނަށް ދެމިހުންނާނެކަން ގައިމެވެ. އެކަމަކު، އަޅުގަނޑުގެ ގައިގައި މި ހުރި ގަހަނާއާއި ހެދުމަކީ އަޅުގަނޑުގެ އަމިއްލަ ތަކެއްޗެއް ނޫނެވެ. އެ ތަކެތި ބޭލީމާ ދެން ތަކުރުފާނު އަޅުގަނޑަށް ކުރައްވާނޭ ކަމެއް ކުރައްވާށެވެ. އަދި ތަކުރުފާނުން އެ ތަކެތި އެ ތަކެތީގެ ވެރީންނަށް އަމާނާތްތެރިކަމާއެކު އަދާކޮށްދެއްވަން ވާނެއެވެ.

ބޮޑު ތަކުރުފާނުން ކޮނޑުފުޅަށް ރެހެންދި ނަންގަވައިގެން ވަޑައިގެންނެވި ބާރަށު ފުއްޓަރު ފަރާތު މޫދު (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި)

މުޙައްމަދު ތަކުރުފާނުގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ. މި ފެނުނީ މީހެކެވެ. ހުރިހައި ގޮތަކުން މި ގޮއްޔެ ރަނގަޅެވެ. މީނާއަކަށް ބޮޑުވާ ކަމެއް ނެތެވެ. މީހުންގެ ތަކެއްޗާ މެދުގައި އަމާނާތްތެރިއެވެ. އެންމެނަށް ޖެހިއްޖެ ބޮޑު ކަމެކޭ ހީވެއްޖެ ކަމެއްވިއްޔާ އެ ކަމެއް އުފުލައިގަތުމަށް ކެރި ކުޅަދާނައެވެ. ކަން ހިނގި މަގަށް ބުނުން ނޫން އެހެން ދޮގު ބަހަނާއެއް ނުގެންގުޅެއެވެ. މި ގޮއްޔެ މިއީ، އަހަރެންގެ ނަސީބު ތޯއްޗެކެވެ. މިހެން ހިއްތަވައި ހިންގެވުން ތަންކޮޅެއް މަޑުކޮށްލައްވާފައި އެއްސެވިއެވެ.

ކަނބުލޯ ތިޔަ ޒާތްޒާތުގެ ބަހަނާ ތިޔަ ދައްކަނީ އަހަރެން މިއީ، ކާކު ކަމަށް ހީކޮށް ހެއްޔެވެ؟

އެ ގޮއްޔެ ބުންޏެވެ. ތިބާއީ އުތީމު ޙުސައިން ކަތީބު ތަކުރުފާނުގެ ތިން ބެއިންގެ ތެރެއިން ބޭކަލެކެވެ. ވަކި މީހެއް ވެސް ނޭނގޭ މީހުންގެ ގަޔަށް ބޮލަށް ބެލުމަކާ ނުލައި އަރާތީވެ އެއްލައިލާނީ ހަމަ ކަނޑަށޭ ތަކުރުފާނު ވިދާޅުވެއްޖެއެވެ.

ރެހެންދި ބުންޏެވެ. އެންމެ ރަނގަޅޭ، އެންމެ ރަނގަޅޭ ނަންގެންފީން ނޫންތޯއެވެ. އެކަމަކު އަޅުގަނޑުގެ ގައިގައި މިހިރަ ގަހަނާއާއި ހެދުން ކަނބާ އައިސާ ރަނިކިލެގެއަށް ރައްދުކޮށްދެއްވަން ވާނެއެވެ. މި ކަމާ މެދުގައި މި ކުރަނީ އާދޭހެވެ. ތަކުރުފާނަށް އިހާނެތިވެ ކުށެއް ކުޅައްޔާ ކުޅައީ ވެސް އަޅުގަނޑެވެ. އެ ތަކެއްޗެއް ނޫނެވެ. އެހެންވީމާ، އަޅުގަނޑު މި ތަކެތި ބައިލާން ދޫކުރައްވާށެވެ. މިހިރީއަކީ ދުވަހަކު އަޅުގަނޑު ގައި ބީހުނު ކަހަލަ ތަކެއްޗެއް ވެސް ނޫނެވެ. އަޅުގަނޑަށް އިހަށް ވެސް ވިސްނެއެެވެ. އެ މީހަކާ ލާހިކު ނޫން ހެދުމަކާއި ގަހަނާއެއް ފަހަރެއްގައި ނަމަވެސް އެޅިއްޖިއްޔާ އެއިގެ ސުންޕާކަން ޖެހޭނެއެވެ. މި ތަކެތި ބާލައި ތަކުރުފާނާ ޙަވާލުކޮށްފައި އަޅުގަނޑު ދުވެ ގޮސް ކަނޑަށް އެރި ވެސް ދާނަމެވެ. ރަނގަޅީ ތަކުރުފާނުންގެ އަތްޕުޅުން ކަނޑަށް އެއްލެވިއްޔާއެވެ.

މުޙައްމަދު ތަކުރުފާނު ވިދާޅުވިއެވެ. ކަނބުލޯ ތިޔަ ބުނާ ގޮތް ހަދައި ކަނބުލޯ ދޫކޮށްލާނޭ އޮތީ އެންމެ ގޮތެކެވެ. އެހެންނަކާ... އެ ގޮތަކީ ކޮބައިތޯ ނިކަން އަވަހަށް ރެހެންދި އަހައިފިއެވެ. އެ ގޮތަކީ ތަކުރުފާނާ އިންނާން ރެހެންދި ވަޢުދުވެ ޤަބޫލުވުންކަމުގައި ތަކުރުފާނު ވިދާޅުވެއްޖެއެވެ.

ރެހެންދި ބުންޏެވެ. މަލާމާތް ނުކުރައްވާށެވެ. ތަކުރުފާނުން ދެންމެގައި ވިދާޅުވިހެން އަޅުގަނޑަކީ ކާކުކަމަށް ތޯއެވެ. އެ ތިއްބެވި ސިއްތިމާވާ ރަނިކިލެގެފާނުމެން، ކަތީބުގޭ ޙައްވާފުޅުމެން އުޅުއްވާ ދުނިޔެއެއްގައި އަޅުގަނޑުމެން ފަދަ ދެރަ ނިކަމެއްޗަކަށް ތިޔަފަދަ ދަރަޖައެއް ތިޔައިން ބޭކަލަކުގެ ކިބައިން ލިބޭހައި ހިތްވަރެއް ތިޔަ ބޭކަލުންގެ ކިބައިގައި ހުންނެވި ބާވައެވެ. ތަކުރުފާނު ވިދާޅުވިއެވެ. ކަނބުލޯ މިހާރު އަހަރެންނަށް ކިތަންމެ ރަނގަޅަކަށް ވެސް ދަސްވެއްޖެއެވެ. ކަނބުލޯއަކީ ބަސް ގިނަ ކަނބުލޮއެކެވެ. ތިޔަ ހުރިހައި ދިގު ވާހަކަތަކެއް ތިޔަ ދައްކަނީ އަދިވެސް ގިނަ އިރު ވާންދެން އަހަރެންގެ ކޮނޑުމަތީގައި އޮންނާން ކަމަށް ހެއްޔެވެ؟ މި ބުނަނީއެވެ. އަހަރެން މި ބުނާ ބަހަށް އާނ ބަސް ނުވަތަ ނޫން ބަސް އަވަހަށް ބުނާށެވެ. މިހާރު ރާޅު މުގުރާ ތަން މިހިރަ ކައިރިވަނީ ނޫން ހެއްޔެވެ؟ އެއްލައިލާނީ އެހެރަ ނަގާ ބޮޑު ރާޅުގެ ބޭރަށެވެ.

ބޮޑު ތަކުރުފާނުން ކޮނޑުފުޅަށް ރެހެންދި ނަންގަވައިގެން ވަޑައިގެންނެވި ބާރަށު ފުއްޓަރު ފަރާތު މޫދު (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި)

ހީނގެންފައި އެ ގޮއްޔެ ބުނެފިއެވެ. އަޖާޢިބުވެއެވެ. ތަކުރުފާނުންގެ ކޮނޑުފުޅު މައްޗަށް އަޅުގަނޑު އަމިއްލައަށް އަރައި ފަސޭހަވެގެން އޮތީތޯއެވެެ. އައްސަވާށެވެ! މި ނަންގަންނަނީއެވެ! ތަކުރުފާނަށް ކެރިލައްވައިގެން ކައިވެންޏަށް ފޮނުއްވައިފިއްޔާ އަޅުގަނޑު މި އިނީ ރަން ކިޔާން ތައްޔާރުގައެވެ. އެކަމަކު ތަކުރުފާނުންގެ ދެވަނަ އަނބިކަނބަލަކީ ސިއްތިމާވާ ރަނިކިލެގެފާނުކަމުގައި ލެއްވުމީ ޝަރުޠެކެވެ. ދެން ހަމަ އެކައްޗެއް ވެސް ވިދާޅުނުވެ މި ގޮއްޔެ ގޮވައިގެން ވަޑައިގެން އަތިރިމަތީން ދެފަސް ބެދުނު ތާނގައި ބަހައްޓަވާފައި މަސްއޮޑި އޮތް ދިމާއަށް ހިންގަވައިގަތީ އެނބުރި ފަސް ވެސް ބައްލަވައިނުލައްވައެވެ.

މީގެ ފަހުން އައި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި މި ރެހެންދިއާއި ބޮޑު ތަކުރުފާނު ކައިވެނިފުޅު ބައްލަވައިގަތެވެ. އަދި އެ ކަމަނާ އުތީމަށް ގެންދެވުނެވެ. ފަހުން މި ކަމަނާގެ ނަންފުޅަކީ އާމިނާ ރަނި ކިލެގެފާނެވެ. މި ކަމަނާގެ ބަނޑުފުޅުން ބޮޑު ތަކުރުފާނަށް ލިބިވަޑައިގެންނެވީ އިބްރާހީމް ކަލާފާނެވެ. އާމިނާ ރަނި ކިލެގެފާނަށް ފަހު ސިއްތިމާވާ ރަނިކިލެގެފާނާ ވެސް ބޮޑު ތަކުރުފާނު ކައިވެނި ބައްލަވައިގެންނެވިއެވެ. އަދި މީދޫ ކަނބާ ކިޔާ ބޭކަނބަލަކާ ވެސް ބޮޑު ތަކުރުފާނު ކައިވެނިފުޅު ބައްލަވައިގެންނެވިކަމަށް ތާރީޚީ ލިިޔުންތަކުން ހާމަވެއެވެ.

ކަނބާ އައިސާ ރަނިކިލެގެފާނުގެ މަހާނަ (ފޮޓޯ: ވީއައިއެޗްއެސް ސަގާފީ ދަތުރު 2020-ތިލަދުންމަތި

ބޮޑު ތަކުރުފާނު ތުއްޕުޅު އިރު، އުތީމު ތުނޑިމަތީގައި ދޫނި ހިއްޕަވަމުން ގެންދެވި އިރު ވެސް، ކައިވެނިފުޅަކަށް ތައްޔާރުވެ ވަޑައިގެންނެވި އިރު ވެސް އަދި ދިރިއުޅުއްވުމުގެ އެހެނިހެން ސީރަތްތަކުން ވެސް ހާމަވަމުން ދަނީ އަމިއްލަ މަސްލަހަތަށް ވުރެ އަނެކާގެ މަސްލަޙަތަށް، ޖަމާޢަތުގެ މަސްލަހަތައް އިސްކަން ދެއްވި ކަމެވެ. ޤައުމުގެ މަސްލަޙަތު މުހިއްމުވިކަމެވެ. ބޭނުންފުޅުނަމަ، ވިޔަޒޯރުގެ އަރިހުގައި އަތޮޅު އޮޑިކޮޅުގެ މާލިމީކަމުގައި ހުންނަވައި އުފާ ފާގަތި ދިރިއުޅުއްވުމެއް އުޅުއްވުނީހެވެ.

ބޮޑު ތަކުރުފާނަކީ ވިޔަޒޯރު ނުހަނު އިތުބާރުކުރައްވާ ބޭކަލެކެވެ. އެހެންނަމަވެސް އަމިއްލަ އުފަލަށް ވުރެ އިސްކަން ދެއްވީ ޤައުމު އެ ދުވަހު އޮތް އަނދަވަޅުން ސަލާމަތްކުރެއްވުމަށެވެ. ވިޔަޒޯރުގެ އަރިހުން ލަކުޑި ހޯއްދަވައިގެން ބެންނެވި ކަޅުއޮއްފުންމި ބޭނުންފުޅު ކުރެއްވީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމައިގެ ފްލީޓަކަށެވެ. ހިންމަތުގެ ކަމަރު ބެންނެވީ ޕޯޗުގީޒުންގެ ކިބައިން މި ލޮބުވެތި ދިވެހި ފަސްގަނޑު ސަލާމަތްކުރެއްވުމަށެވެ. އެ ޢަޒުމާއެކު ފެއްޓެވި ޖިހާދުން ލިބުނު ކާމިޔާބީ މި ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ގޮތުގައެވެ.

ރަބީޢުލް އައްވަލު މަހުގެ 1 ވަނަ ދުވަސް އަޅުގަނޑުމެން ކޮންމެ އަހަރަކުމެ ފާހަގަކުރަމުން މި ދަނީ، ބޮޑު ތަކުރުފާނާއި އެ ތަކުރުފާނަށް ވާގިވެރިވެވަޑައިގެންނެވި މުޖާހިދުން ޤައުމަށް ޓަކައި އެ ދުވަހު ވެ ވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ޒިކުރާ އާކުރާ ދުވަހެއްގެ ގޮތުގައެވެ. ޕޯޗުގީޒުންގެ އަތްދަށުން، ބޮޑު ތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވީ 1 ރަބީޢުލް އައްވަލު 981 ގައެވެ. (މީލާދީން 2 ޖުލައި 1573 ގައެވެ.) މި ތާރީޚީ ހާދިސާއަށް މި އަހަރު މި ފުރެނީ 461 އަހަރެވެ. މި އަހަރުގެ ޤައުމީ ދުވަހަކީ 18 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހެވެ. އާދެ! މިއަދެވެ. ދިވެހި ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުނަށް ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމެވެ.
----- (ނިމުނީ) -----

ނޯޓު: މި ލިޔުމުގައިވާ މަޢުލޫމާތުތަކަކީ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ "ބޮޑުތަކުރުފާނު ވާހަކަ" އާއި ނަސީމާ މުޙައްމަދު ލިޔުއްވާފައިވާ "ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން" މި ފޮތުން ނަގާފައިވާ މަޢުލޫމާތެވެ. ޚާއްޞަކޮށް ބޮޑު ތަކުރުފާނާއި ރެހެންދިގެ ވާހަކަތައް އެއީ ޞަލާޙުއްދީން ލިޔުއްވާފައި ހުރި ގޮތަށް ކުދިކުދި ބަދަލު ގެނައި ނަމަވެސް ބޮޑު ބައި އެ ފޮތުގައި އޮތް ގޮތަށް ނަކަލުކުރެވިފައިވާ ވާހަކަތަކެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *