އިނގްލިޝް ޕްރިމިއަރ ލީގު: ލިވަޕޫލް އާއި ޗެލްސީއަށްވެސް ޕޮއިންޓެއް

121823345_381708996531510_6488752427966710874_n

އިނގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މިދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލް އަދި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މެޗުގައި އެވަޓަންއިންވަނީ ދެފަހަރެއްގެ މަތިން ފަހަތުންއަރައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަގޯލް ތިންވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މާނޭއެވެ. ނަމަވެސް 19 މިނިޓްގައި އެވަޓަންގެ ކީން ކާމިޔާބުކޮށްދިން ގޯލާއިއެކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާވަނީ ހަމަހަމަކޮށްދީފައެވެ.

ލިވަޕޫލްގެ ދެވަނަ ގޯލް މެޗްގެ 72 ވަނަ މިނިޓްގައި ކާމިޔާބޮކޮށްދިނީ ސަލާހްއެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނިޓްގައި އެވަޓަންގެ ކަލްވާޓް ލެވިން ވަނީ ދެވަނަފަހަރަށް އެވަޓަންއަށް ނަތީޖާހަމަހަމަކޮށްދީފައެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނު އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލްގެ ހެންޑަސަން ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް ވީއޭއާރ ޗެކްކުރުމަށްފަހު އޮފްސައިޑް ކަމަށްވަނީ ނިންމާފައެވެ. އަދި އެވަޓަންގެ ރިޗާލްސަންއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އެވަޓަން ޕްރިމިއަރ ލީގުގައި މިސީޒަންގައި ބަލިވެފައި ނުވާއިރު މިވަގުތު ތާވަލްގެ އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއިއެކުއެވެ. އެވަޓަންގެ ފަހަތުން ތާވަލްގެ ދެވަނައިގައި ލިވަޕޫލް އޮތީ ކުޅުން ފަސްމެޗުން ދިހަ ޕޮއިންޓާއިއެކުއެވެ.

އިނގްލިޝް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ އަދި ސައުތްއެމްޓަން ބައްދަކުރި މެޗްވެސް ވަނީ އެއްވަރުވެފައެވެ. ޗެލްސީން ކާމިޔާބުކުރި ތިން ގޯލްގެ ތެރެއިން ދެގޯލް ކާމިޔާބުކޮށްދިނީ ޗެލްސީގެ ޓިމޯ ވާނާއެވެ. ފުރަތަމަ ގޯލް 15 ވަނަ މިނިޓްގައި އަދި ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ 28 ވަނަ މިނިޓްގައެވެ.

ޗެލްސީން ދެގޯލްޖަހާ ލީޑް ނަގާފައި ވަނިކޮށް ސައުތްއެމްޓަންއިން ވަނީ ނަތީޖާ ހަމަހަމކޮށްފައެވެ. އެގޮތުން ސައުތްއެމްޓަންގެ ފުރަތަމަ ގޯލް 43 ވަނަ މިނިޓްގައި އިންގްސް ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް 57 ވަނަ މިނިޓްގައި ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ޗި އެޑަމްސްއެވެ. ނަމަވެސް އޭގެ ދެމިނިޓް ފަހުން ހަވާޓްޒް ވަނީ ޗެލްސީއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދީފައެވެ. މެޗްގެ އިތުރު ވަގުތުގައި ވެސްޓަރގާޑް ވަނީ ސައުތްއެމްޓަންއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޗެލްސީ ފަސް މެޗުން ހޯދި އަށް ޕޮއިންޓާއިއެކު ތާވަލްގެ ހަވަނައިގައިއޮތްއިރު ސައުތްއެމްޓަން ފަސްމެޗުން ހޯދި ހަތްޕޮއިންޓާއިއެކު އޮތީ ދިހަވަނައިގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *