އެމްއާރުޑީސީގެ ކުރީގެ 4 ބޯޑު މެންބަރަކަށް ދައުވާ ކުރަން ފޮނުވައިފި

photo_2020-09-29_22-11-26

މަގުތައް ހެދުމަށް ޑރ. ވަހީދުގެ ސަރުކާރުގައި އުފަށްދަވައި، ހިންގަމުންއައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމްއާރްޑީސީ) 4 ބޯޑު މެންބަރެއްގެ މަށްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މިގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ހަތަރު ބޯޑު މެންބަރުންގެ މަށްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ 2014 ވަނަ އަހަރު އެމްއާރުޑީސީއަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިންގ ކްރާފްޓް ގަންނަ އަގުގެ %50 އަށްވާ ފައިސާ ދީފައިވަނީ އެމްއާރުޑީސީގެ ބޯޑު މެންބަރުންގެ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމުމަށް ފަހުއެވެ،

އޭސީސީން އެ މައްސަލައިގައި ދަޢުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވީ 29 ސެޕްޓެންބަރު 2020 ގައި އެވެ. އޭސީސީން ބުނީ މި މައްސަލައަކީ، 16 އޮކްޓޫބަރު 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެއް ކަމަށެވެ.

ނަމަވެސް، 22 ޑިސެމްބަރު 2019 ގައި މި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި މައްސަލަ ތަޙްޤީޤުކުރި ޓީމުން އެދިފައިވާތީ، މި މައްސަލައިގެ ފައިލް އަލުން ހުޅުވައި ތަޙްޤީޤު ފުރިހަމަ ކުރުމަށް 24 ފެބުރުވަރީ 2020 ގައި ބޭއްވި ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުން ނިންމުމާގުޅިގެން، މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށް 01 މާރިޗު 2020 ގައި އިންވެސްޓިގޭޝަން ޓީމާ ވަނީ ޙަވާލުކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ. މިއަދު ދަޢުވާ ކުރަން ފޮނުވީ މިގޮތުން އެ ޓީމުން ތަޙްޤީޤުކޮށް ނިންމި މައްސަލައެވެ.

''މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، އެމްއާރްޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް (މއ.އެލީޒިއަމް) އާއި މުޙައްމަދު ރިޔާޟް (ވ.ނަލަދުވެލި) އާއި އަޙްމަދު ރަޝީދު (މއ.ޔެލޯޑައިމަންޑް) އަދި މުޙައްމަދު ޢަލީދީދީ (ގ.މާބަދި) ގެ މައްޗަށެވެ. މިފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.'' އެ މައްސަލައިގެ ތަޙްޤީޤު ނިންމައި، ދައުވާ ކުރަން ފޮނުވުމާއި ގުޅޭ ގޮތުން އޭސީސީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމްއާރްޑީސީ އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިންގ ކްރާފްޓް ގަންނަ ޖުމްލަ އަގުގެ %50 (ފަންސާސް އިންސައްތަ) އަށްވާ 7,494,200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް އާއި މުޙައްމަދު ރިޔާޟް އާއި އަޙްމަދު ރަޝީދު އަދި މުޙައްމަދު ޢަލީދީދީ އަށް އެނގިހުރެކަމާ އަދި އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޡީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗަރ އެޕްރޫވްކުރީވެސް އޭނާގެ އެ ޢަމަލުގެ ނަތީޖާ އެނގިހުރެ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވޭ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އެ 4 މެންބަރުންގެ މައްޗަށް ޤާނޫނު ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.

އެމްއާރުޑީސީއަކީ ރައީސް ވަޙީދުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމުގެ ނިޔަލަށް އޮތް ކުންފުންޏެކެވެ. އޭސީސީން ތަޙްޤީޤްކޮށްފައިވާ މި މައްސަލަ ހިނގާފައިވަނީ ރައީސް ޔާމީން ވެރިކަމުގެ ކުރީ ކޮޅުގައިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *