ރަސްމީ ލިޔުންތަކުގައި ދާއިރާގެ ހުރިހާ ރަށެއްގެ ނަން ހިމަނަން ޖެހޭ ގޮތަށް އިސްލާހެއް

Perliment

ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި މަޖިލީހުގެ ދާއިރާތައް ލިޔާއިރު، އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ނަންތައް ހިމަނަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުށަހަޅުއްވައި މި އިސްލާހުގައި އިންތިހާބީ ދާއިރާގެ ނަން ލިޔެވިފައި އޮންނަން ވާނީ އާބާދީގެ ތަރުތީބުން، އެންމެ އާބާދީ ބޮޑު ރަށުގެ ނަން އެންމެ ކުރިއަށް އޮންނަ ގޮތަށް، އާބާދީގެ ބޮޑު މިނުގެ ތަރުތީބުން ކަމަށް ބުނެފައިވެއެވެ. އަދި އެންމެ އާބާދީ ބޮޑު ރަށް ފިޔަވައި، އެހެން ރަށްތައް އޮންނަން ވާނީ ބްރެކެޓެއްގެ ތެރޭގައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ރަސްމީ ލިޔުންތަކުގައި ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގެ ނަން ބޭނުންކުރި ނަމަވެސް، ކިޔުމުގައި ނިސްބަތްކުރާނީ ކޮންމެ ދާއިރާއެއްގައި ވެސް، އެ ދާއިރާގެ ނަމުގެ ކުރިއަށް އޮންނަ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުން ކަމަށް އިސްލާހުގައި ވެއެވެ.

ސަލީމް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، އަތޮޅުތަކަކަށް ބެހި، މީހުން އުޅޭ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވުމުން މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ވެސް ސިޔާސީ ގޮތުން އޭގެ ޒާތުގައި ސަމާލުކަން ދޭން ޖެހޭނެ ރަށެއް ކަމަށެވެ. ނަމަވެސް ދާއިރާގެ ނަން އެންމެ އާބާދީ ބޮޑު ރަށަށް ނިސްބަތްވާ ގޮތަށް މިހާރު އޮންނާތީ، އެ ދާއިރާއެއްގައި ހިމެނޭ އިތުރު ރަށްތަކަކީ ކޮބައިކަން ރަސްމީ ލިޔުންތަކުން އެނގެން ނޯންނަކަން މެމްބަރު ފާހަގަ ކުރެއްވި އެވެ.

ސަލީމް ވިދާޅުވީ ދާއިރާތަކަށް މިހާރު ނަން ދެވިފައިވާ ގޮތުން ރާއްޖޭގެ އެތައް ރަށެއްގެ މަންޒަރު ގެއްލި، އެ ރަށްތައް ފެންނާނެ ގޮތެއް ވެސް ނެތް ކަމަށާއި، މިއީ އާބާދީ ކުދި ރަށްތަކަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށެވެ.

އެހެންކަމުން މިއަދު ހުށަހެޅި އިސްލާހުގައިވާ ގޮތަށް އަމަލު ކުރާނަމަ، އާބާދީ ކުދި ރަށްތަކަށް ދެވޭ ސަމާލުކަން އިތުރުވެގެންދާނެ ކަމަށް ފެންނަ ކަމަށާއި، ސަލީމް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި