•  
  •  
  •  
  •  
  •  
  •  

އަންހެނުން މަތީ މަޤާމުތަކަށް ޢައްޔަންކުރުމާ ގުޅޭ ގޮތުން އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ޤަރާރުގެ ދިވެހި ތަރުޖަމާ
ޤަރާރު: 211 ( 7/22)

بسم الله الرحمن الرحيم
الحمد لله رب العالمين والصلاة والسلام على سيدنا محمد خاتم النبيين وعلى آله وصحبه أجمعين

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ) ދަށުން އުފެދިފައިވާ އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކަޑަމީގެ ފަރާތުން 2-5 ޖުމާދަލްއާޚިރާ 1436 22-25 މާރޗް 2015 ގައި ކުވައިތުގައި ބޭއްވި 22 ވަނަ ބައްދަލުވުމުގައި، އަންހެނުން މަތީ މަޤާމުތަކަށް ޢައްޔަންކުރުމާ ބެހޭ ގޮތުން އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީ އަށް ހުށަހެޅުނު ޢިލްމީ ދިރާސާތަކުގެ މައްޗަށް، ޢިލްމުވެރިން ކުރެއްވި މަޝްވަރާއަށް ފަހު އަންނަނިވި ކަންކަން ނިއްމާފައިވެއެވެ.

1- އިސްލާމްދީންވަނީ އަންހެނާގެ އެންމެހާ ޙައްޤުތައް ފުރިހަމައަށް ހޯދައި ދީފައެވެ. އަދި އޭނާގެ އިޖުތިމާޢީ ޙާލަތާއި ފިޠުރަތާއި މުނާސަބު ވެގެންވާ ގޮތުން މަންމައެއްގެ ޙައިސއްޔަތުންނާއި ދަރިއެއްގެ ޙައިސިއްޔަތުންނާއި މަސްއޫލުވެރިއެއްގެ ޙައިސިއްޔަތުން އިސްލާމްދީނުގައި މަތިވެރި މަޤާމެއް އޭނާއަށް ހޯދައިދީފައިވާ ކަމަށް އެކަޑަމީ އިން ކަށަވަރުކުރެއެވެ.

2- އަންހެނުން މަތީ ވެރިކަން ( ދައުލަތުގެ ރައީސް) ކަން ކުރުމާ މެދު ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެކަޑަމީ އިން ދެކެނީ ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔެވެ. ( ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔަކީ އަންހެނުން ދައުލަތުގެ ރައީސްކަން ކުރުމަކީ ހުއްދަކަމެއްނޫން ކަމެވެ.)

3- އަންހެނުން ފަނޑިޔާރުކަންކުރުމާއި ވަޒީރުކަން ކުރުން ފަދަ މަޤާމުތައް ފުރުމާ ބެހޭ ގޮތުން މަޒުހަބުތަކުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އަދި އެއީ މުޢުތަބަރު ޚިލާފެކެވެ. ކޮންމެ ޤައުމެއްގެ ޢިލްމުވެރިން، ފިޤުހުވެރިންގެ ރައުޔުތަކުގެ ތެރެއިން އެ ބޭފުޅުން ތަރުޖީޙުކުރައްވާ ރައުޔެއް އިޚުތިޔާރުކުރެވިދާނެއެވެ.

4- މިދެންނެވި މަޤާމުތަކުގެ ތެެއިން( ފަނޑިޔާރުމާއި ވަޒީރުކަން ފަދަ ) މަޤާމަކަށް އަންހެނަކު ޢައްޔަންކުރެވޭ ނަމަ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ޟަވާބިޠުތަކާއި އަދަބުއަޚުލާޤަށް ތަބަޢަވުން އޭނާގެ މައްޗަށް ވާޖިބުވެގެންވެެއެވެ. ޚާއްޞަ ގޮތެއްގައި ފޭރާން އެޅުމުގައްޔާއި އެހެނިހެން ކަންކަމުގައެވެ. އަދި އެމަޤާމުގައި މަޝްޣޫލުވެއުޅުމުގެ ސަބަބުން އޭނާގެ ޢާއިލާއާމެދުގައިވާ ތަރުބަވީ މަސްއޫލިއްޔަތަށް އުނިކަމެއް އައިސްގެންނުވާނެއެވެ.

والله تعالى أعلم

ނޯޓް:
• އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީ އަކީ ދުނިޔޭގެ އެންމެ ބޮޑެތި ދަންނަބޭކަލުންގެ އެކަޑަމީއެވެ. އެ އެކަޑަމީގައި 57 މުސްލިމު ޤައުމުތަކުގެ ދަންނަބޭކަލުން ތިއްބަވައެެވެ.

ޚިޔާލު

Your email address will not be published.

More in ދީން