ސަބް ރީޖަންގެ ރޭހަށް އިހަވަންދޫ އާއި ދިއްދޫ ހޫނުވަނީ!

ހއ. އިހަވަންދޫ - މިއީ އުތުރުގެ ބޮޑު އިގްތިސާދީ ބާރެއް
ހއ. އިހަވަންދޫ - މިއީ އުތުރުގެ ބޮޑު އިގްތިސާދީ ބާރެއް

ފާއިތުވި ފަންސާހަކަށް އަހަރު ރާއްޖެ ތަރައްގީ ކުރެވެމުންދިޔަ ގޮތަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދާނެ އެއް މަންޒަރަކީ، ތަރައްގީގެ މާނައަކަށް ވެފައިއޮތީ މާލޭގެ ކޮންކްރީޓް ޖަންގަލި އިތުރަށް ބައިބޯކުރުމުގެ މައްޗަށް ކަމެވެ. މިކަން ބަދަލުވޭތޯ ދިވެހިން ލާމަރުކަޒީ ގޮތުން ވެރިކަން ހިންގުމުގެ ނިޒާމެއް ގާއިމްކުރުމަށް ވެސް މަސައްކަތް ކުރިއެވެ. އެހެނަސް އެކަން އޮތީ މިއަދަށް ވެސް ފައްކާ ނުވެ އެވެ.

ދެހާސް އަށާރަ ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ، އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެ ވަޑައިގަންނަވަމުން ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ތަރައްގީއަކީ ހަަމައެކަނި މާލެއަށް ހާއްސަ އެއްޗަކަށް ނެހެދުމެވެ. ޖަޒީރާ ރާއްޖޭގެ އުންމީދުތަކަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ އެއްޗަކަށް ހެދުމެވެ.

އެކަމުގެ އުފާވެރި އަޑުތަކެއް މިއަދު މިވަނީ އިވެން ފަށާފައެވެ. އެމްޑީޕީން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލަރުންގެ މަހާސިންތާގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ލާމަރުކަޒީ ތަރައްގީގެ ތަސައްވުރު ހާމަކޮށްދެއްވާފައެވެ. މި ތަސައްވުރުން ތިލަދުންމަތި އުފާކޮށްދީފިއެވެ. މިސަރަހައްދަކީ އަޅާނުލާ ނޯންނާނެ ސަރަހައްދެއްކަން ބުނެދީފި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި، ހަމައެކަނި މާލެ ސަރަހައްދަށް ބާރުތަކާއި ހިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ތަރައްގީ ކުރަނީ ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ އިގްތިސާދީ ނާރެސްކަމުގައިވާ ހދ. ކުުޅުދުއްފުށި ހިމެނޭނެއެވެ. އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ ފަސް ރަށަށް ފަހު އެއަށް ވުރެ އިގްތިސާދީ ދިރުން ދަށް ނުވަ ރަށެއް ސެންޓްރަލް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި އެންމެ އުތުރު ސަބް ރީޖަންގެ އެންމެ މައި ރަށް އަދި ވަނީ ކަނޑަނޭޅިއެވެ. ސަބަބަކީ އުތުރުގައި އެއްވަރަކަށް ވަރުގަދަ ދެތިން ރަށެއް ކައިރި ކައިރީގައި އޮތުމުންނެވެ. މިއާއި އެކު މީސް މީޑިޔާގައި އެކި ފަރާތްތަކުން ދަނީ އެއީ ހއ. ދިއްދޫ ނުވަތަ ހއ. އިހަވަންދޫ ކަމަށްތޯ ބަހުސްކުރަމުންނެވެ.

ހއ.އަތޮޅު އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ އަތޮޅު ރައްޔިތުންގެ ހަބްގެ ގޮތުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަނީ އިހަވަންދޫ ކަމަށާއި ވިޔަފާރި އާއި ތަޢުލީމް އަދި އިޤްތިޞާދީ ގިނަ މަސައްކަތް ކުރާ، އެންމެ ކާރޫބާރޫ ބޮޑު ރަށަކީ އިހަވަންދޫ ކަމަށެވެ. އަދި އާބާދީގެ ނިސްބަތުން ދެ ބިތުގައިވެސް އާބާދީ އަކީ ދާދި އެއް އަދަދެއް ކަމަށާއި އަތޮޅުގެ ބޮޑެތި ރަށްރަށް އޮއްވާ އިހަވަންދޫގެ ނަން ހިމެނެން ޖެހެނީ ގިނަ އިންޑިކޭޓަރސް އޭގައި ހިމެނޭތީ ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރި ހަބްއަކީ އަމިއްލައަށް ހެދޭނެ އެއްޗެއް ނޫން ކަމަށާއި، އެއީ އިގްތިސާދީ ހަރަކާތްތަކުގެ ތެރެއިން އުފެދޭ އެއްޗެއް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން އިހަވަންދޫ އަކީ މިހާރުވެސް ހަބެއް ކަމަށް ޝިފާއު ވިދާޅުވިއެވެ.

އެއީ ހަގީގަތެކެވެ. އިހަވަންދޫ އަކީ އުތުރުގެ ބޮޑު އިގްތިސާދީ ބާރެކެވެ. މާލެއާއި ބޭރު ގައުމުތަކުން މުދާ ގެނެސްގެން ހުޅުވާާފައިވާ ބޮޑެތި ފިހާރަތައް އެބަހުއްޓެވެ. ބޮޑެތި ބިންތަކާއި، ބޭންކްގެ ވަސީލަތްތައް އެބަހުއްޓެވެ. މާލެ ދަތުރުކުރުމަށް ކާާވިޔާާ ބޯޓު ފަދަ ބޮޑެތި ބޯޓުތައް އެބައޮތެވެ.

އަނެއްކޮޅުން ބަލާނަމަ ދިއްދޫ އަކީވެސް އިގްތިސާދީ ބާރެކެވެ. އަތޮޅު ވެރިކަން ކުރާ ރަށެވެ. ބޮޑު އާބާދީއަކާއި ވިޔަފާރިތައް އެބައޮތެވެ. އަތޮޅުގެ ގިނަ ބަޔަކު އަބަދުމެ ޒިޔާރަތްކޮށް ހަދައެވެ. އެހެން ރަށްރަށުގެ މީހުން ވަޒަންވެރިވެގެން ދިރިއުޅެއެވެ.

ހއ ދިއްދޫ - މިއީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް

ނަމަވެސް ޖިއޮގްރަފިކަލީ ބަލައިފިނަމަ އެ ދެރަށަކީ ގުދުރަތީ ގޮތުން ވަކި ދެ އަތޮޅެއްގައި އޮންނަ ދެ ރަށެވެ. ސަބް ރީޖަނަކަށް އެންމެ ރަށެއް ހަދައިފިނަމަ، މުޅި އަތޮޅަށް އޭގެ ގެއްލުން ދެއްކުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ރަނގަޅުވާނީ ދެ ސަބްރީޖަން ތަރައްގީ ކުރުމޭ ބުނާ ފަރާތްތައްވެސް ވަކި މަދެއް ނޫނެވެ.

ކޮންމެ ގޮތަކަށްވިޔަސް ކުރިއެރުން އޮތީ ތިލަދުންމައްޗަށެވެ. ތިލަދުންމަތީގެ ރައްޔިތުންނާއި ވިޔަފާރިތަކަށެވެ. ޒަމާނުއްސުރެ ބާކީވެފައި އޮތް ތިލަދުންމަތިން ތަރައްގީގެ ކުލަވަރު ފެންނާނެކަަމުގެ ހުވަފެން ދައްކައިފިއެވެ. ދެން އޮތީ އެއީ ހަމަ އަސްލަށްވެސް ހަގީގަތެއްތޯ ނޫނީ ބިލާހެއްތޯ ބެލުމެވެ. އެކަމަށް ރައްޔިތުން ފާރަވެރިވަމާ ހިނގާށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހަބަރު ކިޔާލުމުން ވަކިއަތަކަަށް ޖެހި ހުސްވެފަ އޮތްކަން އިނގޭ، ކަން އޮތް ގޮތަށް ޙަަބަރު ލިޔަން ނުކެރޭނަަމަ ނުލިޔާނީ! މީހަކު އަޖާބެއް ނުވާނެ އަޅެފަހެ، ތިއީން ރަށެއްގައި ބޭންކެއް އަޅަން ނުވަސް ވިސްނަނީސް ދިއްދޫގައ ބޭންކެއް ހުންނާނެ! ޥަރަށް ވެދުން

    2
    6
    1. ޥަކި އަތެކޭތަ؟ ތިތަނުން ރަށަކަށް ނިސްބަތް ނުވާ މީހުންނަށް މި އިންސާފުވެރި.

      5
      2
  2. 2 ރީޖަން ހަދަން ރަނގަޅު. ދިއްދޫ ވަކިން.
    ދެން އިހަވަންދޫ-ހޯރަފުށި އެއީ ވަކި ރީޖަނެއް ގޮތަށް. މި ދެރަށަކީ އެއްކޮށް ތަރައްގީ ކުރެވޭނެ ދެ ރަށް. ދެމެދުގަ ބޮޑު ލޯންޗް ފެރީ އެއް އޮތީމަ އެވީ.

  3. މަހީކުރީ ހޯރަފުށި އިހަވަންދޫ ކަމަށް ހާޑުވާނި.. ދިއްދޫ ހާޑުވާންވީ ސަބަބެއް ނޭނގޭ.. ސަބްރީޖަން އަންނަނީ މައިހަބާ 20 މޭލު ދުރު ސަރަހަށްދުތަކަށް.. ކުޅުދޫފުއްޓާ ދިއްދުއާ ދެމެދު އެއީ 17.4 މޭލު ވަރު.. އިހަވަންދޫ ހުވަތަފުއްޓަށް އެއީ 26 މެއިލާ 28 މޭލު ވަރު.. އެއުސޫލުން ބަލަާއިރު ދިއްދޫ ބަންނާނި ކުޅުދުއްފުށި މަައިހަބުގެ ތެރެއަށް.

  4. އިހަވަންދޫއަކީ އެއްފަސްކުރެވޭނެ ރަށެއް ނޫން.. ފިއުޗަރއެއް ނެތް.. ހިއްކެން އޮތް ތަންކޮޅު ހިއްކައިގެންވެސް އަކަ ކިލޯ މީޓަރެއް ހަމައެއް ނުވޭ.. އެންމެ ކައިރީގަ އޮތް ދިގު ފަޅުގަވެސް 4 މީޓަރާ 9 މީޓަރުގެ ފުންމިން ހުންނާތީ އެއްވެސްކަމަކަށް އެތަން ބޭނުމެއް ނުކުރެވޭ ހިއްކުމަކީ އޯލްމޯސްޓް އިންޕޮސިބަލްކަމެއް. ތަނެއް ޑިވެލޮޕްކުރީމަ އެތަނެއއގެ ވިޔަފާރިއާ ޓެކްސްދައްކާ މިންވަރާ އެހެންކަންކަން އިތުރުވާނެ.. އެއީ ވަގުތީ ފެކްޓަރއެއް ބަލަންވީ ދާއިމީ ފެކްޓްރސްތަކަށް.. އެއްފަސްކޮށް ބިން ބޮޑު ކުރެވުން ކަހަލަ ކަންކަން އެއީ އެންމެ މުހިންމު ކަންކަން

    1
    1

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި