ނުރައްކާތެރި "އޯޕަން ބްރެއިން" ސާޖަރީއަށް ފަހު، ޑރ. އަލީ ނިޔާފް ޚާއްސަވެގެންދިޔަގޮތާއި އެ ތަޖުރިބާ!

Dr Ali Niyaf

"މަރުޙަބާ ޑރ އަލީ ނިޔާފް: ކާމިޔާބުކަމާއި އެކު 1000 މޭޖަރ ސާޖަރީ!" މި ސުރުހީގެ ދަށުން މީގެ 4 ދުވަސް ކުރިން "ތިލަދުން" އިން ގެނެސްދިން މިޚަބަރާއި އެކު ވަރަށް ގިނަ  ޑރ ނިޔާފްގެ މިކާމިޔާބީއަށް މަރުޙަބާ ދަންނަވަމުންދިޔައެވެ. އަދި ޑރ ނިޔާފް ގެ ހިތްހެޔޮ ކަމާއި އޯގަތެރިކަމުގެ ވާހަކަ ގިނަ ބަޔަކު ބަނޑުންކޮށްލިއެވެ. މިވާހަކަތަކުގެ ތެރެއިންވެސް އެންމެ އަސަރުގަދަ ވާހަކަ އަކަށް ފެނިގެން ދިޔައީ ފޭސްބުކްގައި ވަރަށް އަގުހުރި ލިއުންތަކެއް ލިޔަމުން އަންނަ "އަހުނާ" ގެ ތަޖުރިބާއެވެ.

މިއަދު ފަތިހު ލޯހުޅުވާލެވުނީ 'މަރުޙަބާ ޑރ.އަލީނިޔާފް- ކާމިޔާބު 1000 މޭޖަރ ސާޖަރީސް' ޖަހާފައިވާ ޙަބަރަށެވެ. އެ އުފާވެރި ކާމިޔާބީއަށް ޑޮކްޓަރ އަށް މަރުޙަބާކިޔުމަށް އަވަސްވެގަތީމެވެ. އަދި މިއުފާވެރި ވަގުތު އަޅުގަނޑުގެ ޙަޔާތުގައި ނިއުރޯ ސާރޖަން އަލީ ނިޔާފް ޚާއްސަވެގެންދިޔަގޮތާއި އެ ތަޖުރިބާ ހިއްޞާކޮށްލުމަށް ހިތްއެދުނެވެ.

މިވާހަކަތައް ހިއްޞާކުރަން ފަށަމުން އަހުނާ ލިޔެފައިވެއެވެ.

ތިރީގައި މި ހިއްސާކޮށްލަނީ އަހުނާގެ ޙަޔާތުގައި ނިއުރޯ ސާރޖަން އަލީ ނިޔާފް ޚާއްސަވެގެންދިޔަގޮތާއި އެ ތަޖުރިބާ އެވެ.

އެއީ އަހަރެންގެ މުޅި ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ދިރިހުރުމާއި މެދު މާޔޫސްވި ވަގުތެވެ. އޭރު އުމުރުން 24 އަހަރެވެ. ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަން 'ސިކުނޑި' ތިރިއަށްޖެހި 11މިލިމީޓަރ ވަނީ މައިބަދައަށް ވަދެފަކަން އެނގުނީ އިންޑިޔާގައެވެ. އެއްއަހަރު ފަހުން އަންނަން ބުނެ ދިން 'ބޭސް ގޯންޏާއެކު' ރާއްޖެއައިސް އޭޑީކޭގައި މަސައްކަތް ކުރަމުން އަންނަ ނާރުގެ ޚާއްސަ ޑޮކްޓަރ، ޑރ. އަލީ ނިޔާފަށް ދައްކާލީ ޑރ.ގެ ރަނގަޅުވާހަކަ އެތައް ބަޔަކު ކިޔާއަޑު އިވޭތީ ޑޮކްޓަރގެ ބަހެއް އެކަމަށް ހޯދާލުމުގެ ގޮތުންނެވެ.

ނަމަވެސް އިވިގެން ދިޔައީ ކަންފަތަށް އަޑު އަހަން ފަސޭހަ އަޑެއް ނޫނެވެ. ހާލަތު ހުރި ނުރައްކާތެރި މިންވަރާއި އޯޕަން ބްރެއިން ސާޖަރީއެއް ނޫން އެހެންގޮތެއް ނެތްކަން އެނގުނު ވަގުތު މުޅި އުދަރެސް ބަނަވިފަދައެވެ. އެހެނަސް ޑރ. އަލީ ނިޔާފް އެދެއްވި ހިއްވަރާއި އުންމީދީ ބަސްތަކުގެ ސަބަބުން ހިތްވަރު ކޮނޑަށްލާ އިސްތިޚާރާ ނަމާދު ކުރުމަށްފަހު ސާޖަރީއަށް އެއްބަސްވީމެވެ. 50/50 ގެ އެސާޖަރީ 2016 ވަނަ އަހަރުގެ ޖުލައި 20 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި ކުރުމަށް ތިއޭޓަރއަށް ވެއްދިއިރު އާއިލާގެ އެންމެންގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަ ދުށީމެވެ.

ތިއޭޓަރ ދޮރުން އެތެރެ ވަންދެން ލޯބިވާ މަންމަ އަހަރެންގެ އަތުގައި ހިފައިގެން ހުރެ އެ ބަލަމުން ދިޔަ ބެލުމުން މިއީ އެންމެ ފަހުވަގުތޭވެސް ހިތަށް އެރިއެވެ. ނާއުންމީދީގައި ހާސްކަމުގައި ތިބި މެންބަރުންގެ މޫނުމައްޗަށް ހިނިތުންވުން ލިބުނީ 4 ވަރަކަށް ގަޑިއިރަށް ފަހު ތިއޭޓަރ އިން އަހަރެން ނެރުމުންނެވެ. ހަމަ ހޭވެރިކަންވުމާއެކު ﷲ ޠަޢާލާގެ ތަނަވަސް ރަޙްމަތުން ސާޖަރީ ކާމިޔާބު ކަމާއި އަހަރެން ދުނިޔޭގައި އަދި އެބަހުރިކަން އެނގުމުން އުފަލުން ރޮވުނެވެ. ތަކުރާރުކޮށް الحمد الله ބުނެވުނެވެ.

ނަރުހުންގެ އިމެއްނެތް އޯގާތެރިކަން އަބަދުވެސް ދެކެމެވެ. އެހެނަސް ޑޮކްޓަރެއްގެ އަޅާލުމާއި އޯގާތެރިކަން އަހަރެންނަށް ފެނިގެން ދިޔައީ އެތާ އެހޭދަވި ހަފްތާގެ ތެރޭގައެވެ. ބޭސްބަދަލްކުރުމާއި، ބޮލަށް ޖަހާފަ ހުރި 25 ސްޓެޕްލްސް ނެނގުން ފަދަ ހުރިހާ ކަމެއްވެސް ކުރީ ޚުދު ޑޮކްޓަރގެ އަތުންނެވެ. ސާޖަރީއަށް ފަހުވެސް ޑޮކްޓަރަށް ދެއްކި ކޮންމެ ފަހަރަކު އަދި ކޮންމެ އަހަރަކު ފޮލޯއަޕްއަށް ދައްކާއިރުވެސް ޑޮކްޓަރގެ އެއޯގާތެރިކަމާއި ހިތްހެޔޮކަމާއި އަނެކާގެ އިޙްސާސްތަކަށް ކުރާ ޤަދަރު ފެނިގެންދެއެވެ. އަބަދުވެސް އަހަރެންގެ ހިތްވަރަށް ޑޮކްޓަރ އެކުރާ ތަޢުރީފް ތަކުރާރުކުރާނެއެވެ. ކޮންމެ ފަހަރަކުވެސް އެދޭ ހިތްވަރާއި ނަސޭޙަތުގެ ބަސްތައް އަބަދުވެސް ކަންފަތުގައި ހުރެއެވެ.

އުފެދުމުގައި އެހެންމީހުންގެ ސިކުނޑިއާއި ތަފާތު ލިސްޓުކޮށްލަން އުނދަގޫ އެތައް އެތައް ކަމެއް ހުރެމެ ދިރިއުޅުމުގައި ކުރިޔަށް މިދާ ދިޔުމުގައި އެންމެ ބޮޑު އުފަލެއް ލިބެނީ އެފަދަ އޯގާތެރި، ހިތްހެޔޮ ޑޮކްޓަރެއްގެ ދާއިމީ ޕޭޝަންޓަކަށްވީތީއެވެ. އަބަދުވެސް ޚިޔާލަށް އަންނަ ތަންކޮޅެއް އިނދެއެވެ.

"ޑޮކްޓަރ އަށް އެޕޮއިންޓްމެންޓެއް ހޯދަން އުނދަގޫވެދާނެ. އެކަމު ކަމެއް ދިމާވެއްޖިއްޔާ ޑޮކްޓަރ ޑިޔުޓީ ބަލާލާފަ ލަސްނުކޮށް އަންނާތި! އައިސް ރޫމްގައި ޓަކި ޖަހާލާފަ ބުނޭ އެސިސްޓެންޓް ކައިރި 'އަޙުނާ' އޭ. އެޕޮއިންޓްމެންޓެއް ލިބެންދެން ލަސްނުކުރާތި އިނގޭ!"

އުމުރުން މިވަރުވީއިރު ވަރަށް ގިނަ ޑޮކްޓަރުންނާއި އެކިކަންކަމުގައި ބައްދަލުވެއްޖެއެވެ. އެހެނަސް ޑރ. އަލީ ނިޔާފް ޚާއްސަވެގެން ދިޔައީ ހަޤީޤަތުގައިވެސް އޯގާތެރިކަމަކާއި އަޅާލުމެއްގެ ސަބަބުންނެވެ. އެފަދަ އޯގާތެރި، އަދި ދީނަށް ލޯބިކުރާ ޑޮކްޓަރެއް އަޅުގަނޑުގެ ހަޔާތުގައިވެސް ނުދެކެމެވެ.މާފްކުރާށެވެ. ފަހަރެއްގައިވެސް މިއީ އެހެން ޑޮކްޓަރުންނަށް ބުނާ ދެރަބަހެއް ނޫނެވެ. ޑޮކްޓަރއަށް އަބަދުވެސް ކާމިޔާބަށް އެދެމެވެ.

'ޗިއާރީ' ފައިޓަރއެއްގެގޮތުގައި ސިކުނޑީގެ އެތައް އުނދަގޫތަކާއެކު ދިރިއުޅުމުގައި މިކުރާ ހަނގުރާމައިގައި ޑރ. އަލީނިޔާފްގެ އިތުރުން އެކުގައިތިބި އެންމެން ފާހަގަ މިކުރަނީ ޝުކުރުވެރިކަމާއެކުއެވެ. ލޯބިވާ މައިންބަފައިން، އެއްބަނޑު އެއްބަފާގައި ހުރި ހަމައެކަނި ކޮއްކޮ، ދެފަރާތުގެ އާއިލާއާއި އެކުވެރިންނަށް ފަށްފަށުން ޝުކުރިއްޔާއެވެ!♥️ -އަހުނާ🥀-

މިއީ އަޙުނާގެ ތަޖުރިބާއެވެ. އަޙުނާގެ މިޕޯސްޓު ހިއްސާ ކުރަމުން އަޙުނާގެ މަންމަގެ ތަޖުރިބާތައްވެސް ވަނީ ހިއްސާކޮށްފައެވެ. އަހުނާގެ މަންމަ ބުނެފައިވަނީ ތިޔައީ މަންމަގެ ވަރަށް ހިތްވަރުގަދަ ދަރިއެއްކަމަށެވެ.

އަހުނާގެ އެ 50/50 އޮޕަރޭޝަން ކުރި ދުވަހަކީ މާޔޫސް ކަމާއި، ހާސްކަން ވެރިވި ދުވަހެއް. އެއީ ދުވަހަކު ވެސް ހިތުން ފިލާނެ ދުވަހެއް ނޫން.. އެދުވަހަކީ މަންމަގެ ހިތަށް ވަރަށް އަސަރު ކުރުވި ދުވަހެއް.. އިސްތިޚާރާ ނަމާދުކޮށް ރާއްޖޭން އޮޕަރޭޝަންކުރަން ނިންމާ، އެއީ އެންމެ ރަނގަޅު ގޮތްކަމަށް އާއިލާއަށް ވިސްނާދިނުން އެއީ އަޙުނާގެ ޑޮކްޓަރއަށް ކުރި އިތުބާރުގެ ބޮޑުކަން. ހަޤީގަތުގައިވެސް ޑރ އަލީ ނިޔާފްއަކީ ވަރަށް އޯގާތެރި، ހިތްހެޔޮ މީހެއް. މާތްﷲ ޑޮކްޓަރ ގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އިތުރު ކާމިޔާބީތައް ދެއްވާށި. އާމީން

އަޙުނާގެ މަންމަ އައިމިނަތު އިސްމާއިލް ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތީ އަހުނާގެ ތަޖުރިބާ އަޅުގަޑަކީ ވެސް ވަރަ ބޮޑު ކަމެއްގައި އެނދުމަތި ވެ ޑރ އަލީ ނިޔާފް ގެ ޕޭޝަންޓް އަކަށް ވި މީހެއް. އަޅުގަނޑަށް ފެނުނީ އިންތިހާ އަށް ކިބުރުވެރި ބޮޑާ އެހެން މީހުންނަށް އިހުތިރާމް ކުރަން ނުދަންނަ ވަރަށް ކަމުނުދާ ނިޔާފެއް. ހަޔާތުގަ ވަރަށް ގިނައިން ޑޮކްޓަރަށް ދައްކަން ޖެހޭ މީހެއް އަޅުގަޑަކީ، މިހާތަނަށް ދިމާވި އެންމެ ކަމުނުދާ އެއް ޑޮކްޓަރ އަލީ ނިޔާފް އަކީ. މީ އަޅުގަޑުގެ ތަޖުރިބާ

    7
    24
    1. ތިޔައީ ޤަބޫލުކުރަން ދަތި ވާހަކައެއް. މިހާތަނަށް ދިމާވި މީހަކު ތިޔަހެން ބުނި އަޑު ނާހަން. ނިޔާފަކީ ރާއްޖޭގެ ނަންބަރ ވަން

      16
    2. ޑރ. ޕްރޮފެޝަނަލީ ދޭ ލަފައަކީ ބޮޑާ ވެގެން އޭނާ ކުރާ ކަމެއް ނޫން. . ޢެކަން ޤަބޫލު ނުކުރެވުމަކީ ތިމާގެ އަމިއްލަ މައްސަލައެއް ޑރ ގެ މައްސަަލައެއް ނޫން .

      12
    3. ކަޑައެޅިގެން ދޮގެއް ޑރ.ނިޔާފު ވަރުގެ އޯގާތެރި ޑރ.އެއް އަހަރެންގެ މުޅި ހަޔާތުގަވެސް ނުދެކެން މީހުންގެ އަބުރު ކަތިލަން ވާހަކަ ދެކެވި ދާނެ އަދި ހިޔެއް ނުވޭ ތި ވާހަކަ ގަބޫލު ކުރާނެ މީހަކު މި ގައުމުގަ ހުރެދާނެ ހެނެއް

  2. ތިއީ ކަނޑައެޅިގެން ދޮގު ވާހަކައެއް. ޑރ ނިޔާފަކީ ވަރަށް ތަފާތު، ކެއަރިންގް ޑޮކްޓަރެއް. އަދި ބަލީގެ މައުލޫމާތު ދިނުމާއި ޕޭޝަންޓްއާއި މުޢާމަލާތް ކުރުމުގައި ވެސް ވަރަށް ތަފާތު ބޭފުޅެއް. މިކަމަށް ހެކިދޭ ކިތަންމެ ބައެއް ތިބޭނެ. އެއްފަހަރު މީހެއްގެ ފަރާތުން ފެންނަ ކަމަކުން އޭނައަކީ ގޯސް ކިބުރުވެރިވި މީހެއް ކަމުގައި ނިންމުމަކީ ނުބައެއް. އަހަރެންްވެސް މީ ބައިވަރު ޑރ އަށް ދެއްކި މީހެއް. ނިޔާފު ހަމަ ތަފާތު މޮޅު މީހެއް. އަބުރު ކަތިލުމަކީ މިޒަމާނުގައި ފަސޭހަ ކަމެއް. އެކަން ތިކުރަނީ އޮތް ހަސަދައެއްގެ ސަބަބުން ކަމުގައި ޤަބޫލު ކުރެވޭ.

  3. ނިޔާފް އަކީ ވަރަށް ބޮޑާ ކިބުރު ވެރި މީހެއް. ޢެހެން ޑޮކްޓަރެއްގެ ޕޭޝަންޓެއް ދައް1ކަން ގޮއްސިޔާ ބޭނުމެއް ނުވާނެ ބަލާކަށް. ސީދާ ދިމާލަަށް ނުބަލާނަމޭ ބުނެފައި ވެސް އެބަހުރި.މީ އަމިއްލަޔަށް ތަޖުރިބާ ކޮށްފައި މިހެން މި ބުނީ

    3
    4
    1. ތިއީ އަޅުގަނޑަށްވެސް ވީ ގޮތެއް. ޢޮޕަރޭޝަން ފަހުން ކުރަން ބުންޏަސް ވ އެހެނަ ކަހަލަ ވާނެ

Leave a Reply to މޟ ރައްދު ކެންސަލް

Your email address will not be published. Required fields are marked *