ނ. ރާފުށި ވިއްކާލަނީ

large_156597820435zhLv

ސްރީލަންކާގެ އެއިޓްކަން އެންޑް ސްޕެންސްއިން ރިސޯޓެއް ހަދަން ކުއްޔަށް ނަގާފައިވާ ނ. ރާފުށި ވިއްކާލަން ނިންމައިފި އެވެ.

ލަންކާ އާއި ރާއްޖޭގައި ވެސް ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތައް ހިންގަމުން އަންނަ އެ ކުންފުނީގެ އަހަރީ އާންމު ރިޕޯޓާ ހަވާލާދީ ސްރީލަންކާގެ ނޫސްތަކުން ބުނީ، އެއިޓްކަން އެންޑް ސްޕެންސްގެ ސަބްސިޑަރީއެއް ކަމަށްވާ، އޭސް ރިސޯޓްސް އިން ކުއްޔަށް ނަގާފައިވާ ނ. ރާފުށީގެ ލީސްރައިޓްސް ވިއްކާލަނީ 5.38 މިލިއަން ޑޮލަރަށް ކަމަށެވެ.

ބޮޑު މިނުގައި 45.25 އޭކަރު ހުންނަ ރާފުށި 2015 ވަނަ އަހަރު އޭސް ރިސޯޓްސް އިން ކުށްޔަށް ނެގީ، 3.77 މިލިއަން ޑޮލަރު އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ސަރުކާރަށް ދައްކައިފަ އެވެ.

އެއީ، އެ ކުންފުނިން ކުއްޔަށް ނަގާފައިވާ ހަ ވަނަ ރަށެވެ. އެ ކުންފުނިން އޭރު ބުނެފައިވާ ގޮތުގައި ދެ އަހަރާއި ނުވަތަ ތިން އަހަރާ ދެމެދުގެ މުއްދަތެއްގައި ރާފުށީގައި 250 ކޮޓަރީގެ ރިސޯޓެއް ތަރައްގީކޮށް ހުޅުވާނެ އެވެ. އެހެން ނަމަވެސް އެ ރަށް ކުއްޔަށް ނެގުން ފިޔަވައި ރިސޯޓް ތަރައްގީ ކުރަން އެއްވެސް ކަމެއް ކުންފުނިން އެ ރަށުގައި ކޮށްފައެއް ނުވެ އެވެ.

ނ. ވެލިދުއާ ވަރަށް ކައިރީގައި އޮންނަ ރާފުއްޓަކީ ރީތި ބީޗަކާއި މޫދެއް އޮންނަ ވަރަށް ހިތްގައިމު ރަށެކެވެ. ޓޫރިޒަމަށް އެރަށް ކުއްޔަށް ދިނުމުގެ ކުރިން، އެ ރަށުގައި ދަނޑުވެރިކަން ކުރަން އެކި ފަރާތްތަކަށް އެ ރަށް ވަރުވާއަށް ދިނެވެ. މީގެ އިތުރުން، އެއީ ކައިރި ރަށްރަށުގެ މީހުން ދަތުރުދާން ވެސް ބޭނުންކުރި ރަށެކެވެ.

އެ ކުންފުނީގެ އަހަރީ އާންމު ރިޕޯޓާ ހަވާލާދީ ނޫސްތަކުން ބުނީ، އެ ކުންފުނިން ރާފުށި ވިއްކާލަން ނިންމީ އެ ކުންފުނީގެ މިހާރުގެ ވިޔަފާރީގެ ސިޔާސަތަކީ އަމިއްލައަށް ރިސޯޓްތަކާއި ހޮޓާތައް ހަދައިގެން ހިންގުމުގެ ބަދަލުގައި މެނޭޖްމަންޓް ކޮންޓްރެކްޓް ހަދައިގެން އެފަދަ ޕްރޮޕަޓީތައް ހިންގުން ކަމަށެވެ. އަދި އެއީ އެ ކުންފުންޏަށް މާ ފައިދާވާނެ ވިޔަފާރީގެ މޮޑެލްއަކަށް ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، އޮމާން އަދި އިންޑިއާގައި އާ ޓޫރިސްޓް ޕްރޮޕަޓީތަކެއް ހިންގުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެއިޓްކަން އެންޑް ސްޕެންސުން ބުންޏެވެ.

އެއިޓްކެން ސްޕެންސް އިން ރާފުއްޓާ އެކުހެން 2015 ގައި ކުއްޔަށް ނެގި ރ. އާރަށުގައި "ހެރިޓެންސް" ބްރޭންޑުގެ 163 ކޮޓަރީގެ ރިސޯޓެއް ތަރައްގީކޮށް، މިއަހަރު ވަނީ ހުޅުވައިފަ އެވެ.

އެ ކުންފުނިން މިހާރު ވެސް ރާއްޖޭގައި ހަތް ރިސޯޓެއް ހިންގަމުން އާދެ އެވެ. އަދާރަން އާއި ހެރިޓެންސް ބްރޭންޑްގެ ރިސޯޓްތައް ހިންގަމުން އަންނަނީ އެ ކުންފުނިންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *