ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހު - ހުކުރު ޚުތުބާ

B882E16C-1E9C-4861-8A74-E8E5EAD514EC

މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައި ވަނީ ސިހުރުވެރިޔާ އަކީ އިންސީންގެ ޝައިތާނުންގެ ތެރޭގައި ހިމެނޭ ޝައިތާނެއް ކަމަށާއި، ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހު، އޭނާގެ އެކުވެރި ޝައިތާނީ ޖިންނީންނާ ދޯޅުވުމަށްޓަކައި މާތް ﷲ ހުއްދަ ނުކުރައްވާ އަމަލުތައް ކޮށްގެން ކަމަށެވެ.

އަދި ޝައިތާނާގެ ކިބައިން ސިހުރު ދަސްކުރަން އެދޭ މީހަކަށް އެކަން ދަސްކޮށްދޭނީ އޭނާގެ ދީނާއި އަޤީދާ އެ ޝައިތާނާއަށް ގުރުބާން ކުރުމަށް ފަހު ކަމަށެވެ.

"ޝައިތާނާ އެމީހުންނަށް ކަމެއް ކޮށްދޭނީ އެ ޝައިތާނާ އެދޭ ބޮޑެތި ފާފަތަކުން ފާފައަކަށް އަރައިގަތުމުންނެވެ. މި ޝައިތާނާ ކުރަން އަމުރުކުރާ ބައެއް ކަންތައްތައް ކޮށްފި ނަމަ އެމީހަކު އިސްލާމް ކަމުގެ އިމުން މުޅިން ބޭރުވެ، ކުފުރުގެ އަނދަވަޅަކަށް ވެއްޓިދާނެއެވެ." ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނެފައި ވަނީ ސިހުރުވެރިންނަކީ އިންސާނުން ދެކެ ލޯބި ނުވާ، ހިތުގައި އިންސާނުންނަށް އެއްވެސް އޯގާތެރިކަމެއް އަދި ކުލުނުވެރިކަމެއް ނެތް މީހުން ކަމަށެވެ. އަދި ބުނީ ސިހުރުވެރިންގެ މަގުސަދަކީ މީހުން ގިލަންވެރި ކުރުވުމާއި، މީސްތަކުންނަށް ގޯނާ ކުރުމާއި އޮޅުވާލައިގެން އަގީދާ ބަލިކަށީ މީހުންގެ ސިކުނޑިތަކާއި ކުޅެގެން އެމީހުންގެ ޖީބު ތަނަވަސް ކުރުން ކަމަށެވެ.

ހެޔޮ ނިޔަތުގައި ސިހުރުވެރިއެއްގެ ގާތަށް ނުދެވޭނެ ކަމަށާއި، އިރުވަރު ބެލުމާއި، ފާލުބެލުމާއި ރަމަލު ޖެހުމާއި، އަތްބެލުން ފަދަ އެންމެހައި ކަންތައްތަކަކީ ހަމަ ސިހުރު ހާހުރާ އާއި އެއްފަދަ ބޮޑެތި ފާފަތައް ކަމުގައި ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ޖާދޫގަރުންނާއި، ރަމަލުޖަހާ މީހުންނާއި، ކަހީނުންނާއި، ކުރާ އަނބުރާ މީހުންނާއި، ޖޯޑުދުއްވާ މީހުންނާއި، އަތްބަލާ މީހުންނަކީ ވެސް ހަމަ ސިހުރުވެރިން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

މި ޒަމާނުގައި މީސް މީޑިއާ އިން ސިހުރު ހާހުރާ އާއި ދީނުގައި ހުއްދަ ނޫން އެތައް ކަމެއް ދަސްކޮށްދޭ ކަމަށާއި، ސިހުރުވެރިންނާއި ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް ގަބޫލުކުރާ މީހުންނަކީ އީމާންކަމުގެ ދާއިރާއިން ބޭރުވެފައިވާ މީހުން ކަމަށް ޚުތުބާގައި ބުންޏެވެ.

"ތިބާއަށް މީހަކު ސިހުރު ހަދާފައި ހުރި ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގާ މީހުން އެ ކަނީ އަނގުރު އަލިފާނެވެ." ޚުތުބާގައި ބުންޏެވެ.

ރަސޫލާގެ ހަދީޘެއްގައި އިންސާނުން ހަލާކު ކުރަނިވި ހަތް ކަމެއްގެ ތެރޭގައި އެންމެ ފުރަތަމަ ބަޔާންކުރައްވާފައި ވަނީ ޝިރުކު ކުރުމާއި ސިހުރު ހެދުމެވެ. އެއަށްފަހު މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ހައްގަކާއި ނުލާ މެރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ޖިހާދުގެ މައިދާނުގައި ހަނގުރާމައިގެ ވަގުތުގައި ފުރަގަސްދީ ފިލުމާއި، އިއްފަތްތެރި ސޯލިހު މުއުމިނު އަންހެނުންނަށް ޤަޛްފު ކުރުމެވެ.

"މި ބަސްފުޅަށް ވިސްނާލާއިރު، ސިހުރުގެ ނުބައިކަން މީހުން މެރުމަށް ވުރެ ބޮޑުކަން އެނގެއެވެ،" ހުތުބާގައި ބުންޏެވެ.

އެއީ ސިހުރުގެ ސަބަބުން މުޖުތަމައު ރޫޅި، އެކުވެރިން ހަތުރުވެރިވެ، ނާމަންކަން ފެތުރި، ސިހުރުވެރިންގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ، އާއިލާތައް ރޫޅުމަށް މެދުވެރިވާތީ ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި ސިހުރުވެރިންގެ ސަބަބުން ދުޅަހެޔޮ އެތައް ބަޔަކު ބަލި މީހުންނަށްވެ، އެތައް ބާއްޖަވެރިންނެއް އަބާއްޖަވެރިވެގެން ހިނގައިދާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނެފައި ވަނީ ސިހުރަކީ ގަދީމީ ޒަމާނުގައި ވެސް އަދި ޓެކްނޮލޮޖީގެ މި ޒަމާނުގައި ވެސް އިންސާނުންގެ ގައިގައި ވަކިހިއްޕާލައިފައިވާ ބިރުވެރި ބަލިމަޑުކަމެއް ކަމަށާއި، ސައްތައިން ސައްތަ ދިވެހި ގައުމުގައި ސިހުރު ހާހުރަ ގިނަވަމުން ދިއުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

އިސްލާމީ މުޖަތަމުތަކުގައި ސިހުރު ހާހޫރައިގެ ވަބާ ފުޅާ މިންވަރަކަށް ފެތުރިގެން ދިޔައީ މީސްތަކުންގެ ނަފްސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ، ހިތްތައް ހަރުވެ، ހަސަދަވެރިކަމާއި ރުޅިވެރިކަން އިތުރުވެ އަގީދާ ބަލިކަށިވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

"މިކަމުގެ ސަބަބުން މީސްތަކުން ވަހްމާއި، ޝައްކުގެ ތެރެއަށް ގެނބި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވުމުންނެވެ. ގޭގައި ޤުރްއާން ކިޔެވުމާއި ޒިކުރު ކުރުން މަދުވެ، ޝައިތާނާގެ ކުޅިސަމާ ކުޅޭ ވެށްޓަކަށް ގެދޮރު ބަދަލުވުމުގެ ސަބަބުންނެވެ." ޚުތުބާގައި ބުންޏެވެ.

ސިހުރު ހާހުރައިން ސަލާމަތް ވެވޭނީ ﷲގެ ހަޟްރަތަށް ރުޖޫއަވެ، ދުއާކޮށް ޒިކުރު ކުރުން ގިނަކޮށްގެން ކަމަށާއި ނަމަވެސް ހިތާމައަކީ މާތް ﷲ އަށް ވަކީލުކޮށް ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބައްޔެއް ނުވަތަ މުސީބާތެއް ޖެހުމުން އިސްލާމް ދީނުގައި ބޭސްފަރުވާ ކުރަން އަންގަވާފައިވާ ގޮތް ދޫކޮށްލައި ސިހުރުވެރިންގެ ގާތުން މަދަދާ އެހީތެރިކަން ހޯދުން ކަމަށް ވެސް ބުންޏެވެ

މިއަދުގެ ހުތުބާގައި އަލިއަޅުވާލައިފައި ވަނީ ސިހުރު ހާހޫރައިގެ ނުބައިކަމުގެ މައްޗަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *