•  
  •  
  •  
  •  
  •  
  •  

ކީރިތިވަންތަ ﷲ އިންސާނާ މާތްކުރައްވައި، ބިމުގައި ޚަލީފާވެރިކުރައްވާފައިވަނީ އެކަލާނގެ އެދިވޮޑިގަންނަވާގޮތުގެ މަތިން މިދުނިޔެ އާރާސްތު ކުރުމަށެވެ. އެހެންކަމުން އިންސާނުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އޯގާތެރިވެ އުޅުމަށްޓަކައި، އިސްލާމް ދީނުގައި ވަނީ ޢާއިލީ ގުޅުމާއި އިޖްތިމާޢީ ގުޅުން ދެމިއޮންނާނޭފަދަ ގޮތަކަށް އިންތިޡާމް ކުރައްވާފައެވެ.

ދުނިޔެއަށް އުފަންވުމަށްފަހު އިންސާނާ ތިން މަރުޙަލާއެއް ކަނޑައްތުކުރެއެވެ. އެންމެ ފުރަތަމަ އިންސާނާ މިދުނިޔެއަށް އަންނަނީ ވަރަށް ނިކަމެތި ޙާލުގައިއެވެ. އެއްވެސް އާރެއް ބާރެއް ނެތް، ކުޑަ ކުއްޖެއްގެ ގޮތުގައެވެ. އެއަށްފަހު، ބޮޑުވެ ގައިގާ ބާރުޖެހި، އަމިއްލައަށް ކަންތައްތައްކޮށް އުޅެވޭވޭވަރުގެ ޤާބިލުކަންހުރި މީހަކަށް ވެއެވެ. އޭގެފަހުގައި އަނެއްކާވެސް ކުރީގެ ޙާލަތަށް ރުޖޫޢަވެއެވެ. އަރުޛަލް ޢުމުރަށްދާ ހިނދު، ބަލިކަށިވެ އަނަރޫފަވެ ވިސްނުންކޮށިވެ، ވަރަށްވެސް ނިކަމެތި ޙާލަތަށް ހިނގައިދެއެވެ. އަދި އޭނާގެ ދަންފަޅި ހަމަވުމުން މިދުނިޔެ ދޫކޮށްފައި ދެއެވެ. އެހެނަސް، މިޙާލަތަށް ދަނީ އިންސާނުންގެ ތެރެއިން ބައެއް މީހުންނެވެ. އަނެއްބައިމީހުން ކުޑައިރު ނުވަތަ ޒުވާން ޢުމުރުގައިވެސް މިދުނިޔެ ދޫކޮށްފައި ދެއެވެ.

އިންސާނާގެ ޙަޔާތުގައި އަންނަ މިތިން މަރްހަލާތަކުގެ ތެރެއިން ކޮންމެ މަރުޙަލާއެއްގައިމެ، އޭނާއަށް އަޅާލުމާއި އޯގާތެރިކަމާއި ރައްކާތެރިކަން ލިބޭނޭގޮތް ކީރިތިވަންތަ ﷲ ވަނީ މެދުވެރި ކުރައްވާފައެވެ. އަދި އެކަންތައްތައް ކަށަވަރު ކޮށްދެއްވުމުގެ ގޮތުން އެކަލާނގެވަނީ މިކަންތައްތައް ކުރުން ވާޖިބު ކުރައްވާފައެވެ. ކުޑަދަރިފުޅާ އަޅާލައި ބަލައި ބޮޑުކުރުން މައިންބަފައިންގެ މައްޗަށް ވާޖިބުކުރެއްވި ހިނދު، މައިންބަފައިން ޢުމުރުން ދުވަސްވެ ގައިގެ ބާރުދޫވެ، އެހެންމީހުންގެ އިހީތެރިކަމަށް ބޭނުންވާ ދުވަހު، އެބައިމީހުންނާ އަޅާލައި ބެލެހެއްޓުން ދަރިންގެ މައްޗަށް ވަނީ ވާޖިބު ކުރައްވާފައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށް ގޮވާލެއްވި އަމުރުފުޅާ ވިދިގެން،  މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ، އެތައްތަނެއްގައި އަމުރު ކުރައްވާފައެވެ. މިއިން އެއްތަނެއްގައި އެކަލާނގެ ވަޙީކުރައްވައެވެ. وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا [النساء: ٣٦] މާނައީ“ތިޔަބައިމީހުން الله އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއާ އެއްވެސް އެއްޗަކާ ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!

އިސްލާމް ދީނަކީ އިންސާނިއްޔަތުގެ ދީނެވެ. އިންސާނިއްޔަތަށް އިޙްތިރާމްކުރާ ދީނެވެ. އިންސާނުންގެތެރިއިން ވާ ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށްވެސް މެއެވެ. ޖުމްލަކޮށް ބަލާއިރު، ހުރިހާ ކަމެއްގައިމެ ޢުމުރުން ދުވަސްމީހުންނަށް އިޙްތިރާމާއި ޤަދަރު ކުރުމީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރިއިންވާ އަދަބެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. لَيْسَ مِنَّا مَنْ لَمْ يَعْرِفْ حَقَّ كَبِيْرِنَا، وَيَرْحَمْ صَغِيْرَنَا  [رَوَاهُ الْبُخَارِيْ فِي اْلأَدَبِ الْمُفْرَدِ ح355] މާނައީ ”އަހަރަމެންގެ ބޮޑެތި މީހުންގެ ޙައްޤުތައް ނުދަންނަ، އެބައިމީހުންނަށް އިޙްތިރާމް ނުކުރާ މީހުންނާއި، އަހަރުމެންގެ ކުޑަ ކުދިންނަށް އޯގާތެރިނުވާ މީހުންނީ، އަހަރުމެންގެ މަންހަޖުން ބޭރުވެގެންވާ ބައެކެވެ.“

އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ގެއްލެމުންދާ މިފަދަ ރިވެތި އިޖްތިމާޢީ އަދަބުތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނުމަށް، ވަކިން ޚާއްޞަކޮށް އުފެދި ބެޑެތިވަމުންއަންނަ ޒުވާނުންގެ ކިބައިގާ މިފަދަ ސިފަތައް އަށަގެންނުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމުގައި ދެކެމެވެ.

ނޯޓް:  މިއީ އަލްމަރުހޫމް ޑރ އަބުދުލް މަޖީދު އަބުދުލް ބާރީ 2010 ވަނައަހަރު www.drabdulmajeed.com އަށް ލިއުއްވާފައިވާ ލިއުމެކެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ