•  
 •  
 •  
 •  
 •  
 •  

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް، 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރަން ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ. މި ބިލް ބޭރު ކޮށްލުމަށް ތިލަދުންމައްޗަށް ނިސްބަތްވާ ހުރިހާ މެމްބަރުން ވަނީ ވޯޓުލާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް، އިސްލާހު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން މިއަދު ނެގި ވޯޓުގައި ބިލް މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖުމްލަ 57 މެމްބަރުންނެވެ. ބިލު ބަލައިގަންނަން ފެންނަ ކަމަށް 12 މެމްބަރުން ވޯޓުދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު ނެތެވެ.

ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންވެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް، 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރާށެވެ.

އެ އިސްލާހުގައި ވާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރެވިފައިވާ ޚާއްސަ ދަފްތަރެއް އެކުލަވާލަން ވެސް ޖެހެ އެވެ. މީގެ އިތުރުން، މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އެލަވަންސެއް ދޭން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

 • މި ބިލަށް މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީ އިން ވަނީ ސަރުކާރާ މަޝްވަރާ ކުރުމެއް ނެތި، ބަޖެޓަށް ބުރަވާ ބިލެއް ހުށަހެޅުއްވީތީ ކޯލިޝަން ޕާޓީ، ޖޭޕީގެ މަގްސަދާ މެދު ސުވާލު އުފައްދައި، އެ ބިލަށް ތާއީދު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

  އިދިކޮޅު މެމްބަރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުންގެންދާ 2000 ރުފިޔާ އިން ހުރިހާ ޚަރަދެއް ނުބެލެހެއްޓޭ ކަމަށާއި، އެހެންކަމުން އިނާޔަތް ބޮޑު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

  ޚިޔާލު

  Your email address will not be published.