ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - ދެވަނަބައި

ބާރަށް

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - އެއްވަނަބައި

6.ބާރަށުގައި އޮންނަ ކަމަނާއޮޅު

މިކަމަނާ އޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ބުޅާފާޠިމާ ( ރެހެންދި ގޮއްޔެ ) މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. މިތަން މިހާރުވެސް އޮޅެއްގެ ސިފާގައި އަބަދުވެސް ރާޅާއި، އޮއިވަރު މަޑުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

7. ޢީދުކުޅޭ މަގު

މިމަގަކީ ޕޯޗުގީޒު ވެރިކަމުގައި ބާރަށުގައި ވިޔަޒޯރު އަތޮޅުވެރިކަން ކުރިއިރު ޢީދު ކުޅިވަރުގެ އެންމެހާ ކަންތައްތައް ބާއްވަވާ މަގެވެ. މިމަގުގެ މިގޮތަށް ބޭއްވުމަށްޓަކާ ރައްޔިތު ފެންވަރުގައި ކުނިކަހާ ސާފުކުރަމުން ގެންދެއެވެ. މި މިގު މިހާރުވެސް ފެންނަށް އެބައޮތެވެ.

8. އިރުމަތި ފުއްޓަރު ފަރާތުގައި ހުރި ތިންބެރެބެދި

މި ތިންބެރެބެއްޖަކީ އުތީމު ޙަސަން ތަކުރުފާނުގެ ފަހަވެރި ކަމަނާ ( ބާރަށު ރެހެންދި ގޮއްޔެ ) މަލިކަށް ގެންދެވުމަށް ރޭގަނޑު ދަންވަރު ކަޅުއޮށްފުންމީގައި ޙަސަންތަކުރުފާނު އައިސް ފުއްޓަރު ފަރާތު އިރު ދެކުނުގައި މަޑުކުރައްވާ ފަހަވެރި ކަމަނާ ގޮވައިގެން ފުރި ދިމާލެވެ. މިކަމަނާ ގޮވައިގެން ދަމުން ދިއައީ ބާރަށުގައި ވިޔަޒޯރު އަތޮޅުވެރިކަން ކުރަން އަޅާފައިހުރި އަތޮޅުގެ ( ވާރުގެ ) ވައްޓާލާ ކަޅުއޮށްފުންމި ހޯދުމަށް ފަހަތުންނާދެވޭގޮތަށް ބާރަށު ފަޅުގައި އަޅާފައިހުރި އޮޑިފަހަރުގެ ވާކަރާވެލި ބަދަލުކޮށް ތަރުތީބު އޮޅުވާލާފައެވެ. އަދި، މިވާރުގެ ހުރިތަންތަންކަމަށް ބުނާ ސާރަޙައްދު މިހާރުވެސް އެނގެން އެބައޮތެވެ. މިތިންބެރެބެދި ހުރިތަނަކީ ރަށުގެ މީހުން އުޅޭ ހިސާބާ ވަރަށް ދުރުގައިވާ ތަނެކެވެ. މި ތިންބެރެބެދިގަސް މިހާރުވެސް އެތަނުގައި ފެންނަން އެބަހުއްޓެވެ.

9. ކަނބާ ޢާއިޝާގެ މަހާނަ

މި ކަމާފާނަކީ ޢަލީ ރަސްގެފާނުގެ ދޮށީ އަނބިކަނބަލުން އަދި ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ. އަދި މުޙަންމަދު ތަކުރުފާނުގެ މައިދައިތާފުޅެވެ. މިކަމަނާ ޝަހީދުކޮށްލެއްވީ ބާރަށުގައި ކަމަށްވާތީ، ބާރަށު އަޘާރީ މިސްކިތު ގަބުރުސްތާނުގެ ހުޅަނގު އުތުރު ފަރާތުގައި ވަޅުލައްވާފައިވާ މަހާނަ މިހާރުވެސް ފެންނަން އެބައޮތެވެ. ކުރީޒަމާނުގައި އެމަހާނާގައި ޒިޔާރަތްހެދި މަތިހިޔާކޮށްފައިވެއެވެ. އެތަން ހަދާފައިހުރީ ވެލިގައު ބޭނުންކޮށް މަތީގައި އީޓު ޖަހާފައެވެ. އަދި ކަނބާ ޢާއިޝާ ޝަހީދު ކޮށްލެއްވި ދުވަހު މަރާލެވުނު ތުއްފާށަނާގެ ގަބުރުވެސް ވަނީ ބާރަށުގައެވެ. ނަމަވެސް މިގަބުރު އޮތްތަނެއް ކަނޑައެޅިގެން އެނގޭކަށް ނެތެއެވެ. ތުއްފާށަނާއަކީ މީދޫ ތަކުރުގެ ދަރިއެކެވެ.

10. މިނިރީތިކަމުގެ ގޮތުންވެސް ފާހަގަ ކޮށްލެވޭ މަޝްހޫރު ރަށެއް
ދިވެހިރާއްޖެ މިހާތަނަށް އާއިރު ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއް ބޭއްވިފައިވަނީ އެއް ފަހަރުއެވެ. މިފަހަރުގެ މި މުބާރާތުގެ ރީތީގެ ރާނީގެ ތާޖު ލިބިފައިވަނީ ބާރަށު ބުލްބުލާގޭ އަލްމަރުޙޫމު ޢަޙްމަދު ޢަލީ އާއި އަލްމަރުޙޫމާ ޙައްވާ ޙުސައިންގެ ދަރި އަލްފާޟިލާ ރަމްލާ އަޙްމަދަށެވެ. ދިވެހިރާއްޖެ މިހާތަނަށް އާއިރުވެސް މިރީތީގެ ރާނީގެ މަޤާމުގައި މިއަދާ ހަމައަށްވެސް ހުރީ މި ރަމްލާ އަޙްމަދުއެވެ. މި ރަމްލާ އަޙްމަދު ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރިއިރު ރަށުން ބޭރުން މިރަށަށް ޒިޔާރަތްކުރާ މެހެމާނުން މިރީތީގެ ރާނީ ދެކެލުމަށާއި ފޮޓޯ ނެންގެވުމަށް ގިނަ ޢަދަދަކަށް ޒިޔާރަތް ކޮށް އުޅުނެވެ. ރީތީގެ ރާނީގެ ގޮތުގައި މަސްޙޫރުވި ބާރަށު ރަމްލާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. ރަމްލާ ނިޔާވިއިރު އޭނާގެ ފިރިމީހާ އާއި ހަތް ކުދިން ދުނިޔޭގައި ތިއްބެވިއެވެ. ރަމްލާ ނިޔާވި އިރު އުމުރުފުޅަކީ 83 އަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ލިޔުން ވަރަށް ވެސް ފުރިހަމަ އެކަމަކު އެ ތާރީޙީ ތަންތަނުގެ ފޮޓޯ ވެސް ހިސްސާ ކުރެއްވިނަމަ ވަރަށް ހިތްގައިމުވިސް ތި ހުރިހާ ތަނެއްގެ ފޮޓޯ ވަރަށް ބަލާލަން ބޭނުންވޭ ެެެެެެެެެެެެެެެެެ

    10
    1

Leave a Reply to މާހިން ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި