•  
  •  
  •  
  •  
  •  
  •  

ދުވަހަކީ 5 އޯގަސްޓް 2019 ވީ ހޯމަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުން އިއްވީ މިއަދުގެ އެޖެންޑާގައި ވަރަށް ގިނަ އިބުތިދާއީ ބަހުސް ފެށިފައި އޮތް ބިލުތަކާއި އަދި ހަމައެހެންމެ، އެހާމެ ގިނަ ކޮމިޓީތަކުން ނިންމާފައި ހުރި މައްސަލަތައް އެބަހުރިކަމަށެވެ. ފުލުފުލުން ޖަލްސާ ބާއްވައިގެންވެސް ކުރަންހުރި މަސައްކަތްތައް ޢީދު ބަންދުގެ ކުރިން ނިންމަން ޖެހޭނެކަން އިޢުލާން ވެގެން ދިޔައެވެ. ނަމަވެސް މަޖިލީހުގެ ތަޅުން “ބިޒީ” ވެގެން ދިޔައީ އާދައިގެ މަތިން ފަޅުފިލުވަމުން ދާ “ކުއްލި މައްސަލަ”އިގެ އައިޓަމުންނެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލި މައްސަލައިގައި، ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އަދީބުގެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވިީ، އަދީބު ފިއްލަވައިގެން އުޅުއްވަނިކޮށް ދިވެހި ފުލުހުން އޭނާ ހައްޔަރުކޮށް ދިވެހިރާއްޖޭގެ ޖިނާއީ ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލުމުން ކަންބޮޑުވާ ކަމަށް ވިދާޅުވެއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ލަބީބު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އަދީބަށް ކަމަށެވެ. އަދި ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، ރާއްޖޭގައި ހިނގައި ދިޔަ ބޮޑެތި ޖިނާއީ ކުށްތަކުގައި ވެސް އަދީބަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނިވަޑައިގަންނަވާތޯ، ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ވެސް ދީފިއެވެ. ބަހުސް ފެށިގެން އައީ ކުރީގެ ނައިބު ރައީސް “ނޮޅައިގެން ކައިފާނެ” ފަދައަކަށެވެ. ނަމަވެސް ހުރިހާ މެމްބަރުންގެ ވާހަކައާ ދިމާ އިދިކޮޅަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވަނީ އެތައް ސުވާލުތަކެއް ކުރިމަތިކޮށްފައެވެ.

”ފިލުމާއި ފިލުވުމާ، މި ކަންކަމުގައި ހުރި ފޮނިމީރުކަން މި ސަރުކާރުގައި އިސްކޮށް ތިބި މީހުންނަށް އިނގޭނެ. 13 އަހަރުގެ ޖަލު ޙުކުމެއްގައި ހުރި ޓެރަރިސްޓަކު ފިލައިގެންދިއުމާއި، އެކަމުންވީ ފައިދާއާއި ގެއްލުމާ އެނގޭނެ“

ޖަލްސާގައި ވާހަކަ ދައްކަމުން މެމްބަރު ނަޝީދު ފުރަތަމަވެސް އެއްލީ ރިޔާސަތުގައި އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ގަލެކެވެ.

ޖަލްސާގައި ވާހަކަ ދައްކަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު އިތުރަށް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ފިލައިގެންދިޔައިމާ ހައްޔަރުކޮށްގެން ގެނައީ ދިވެހިރާއްޖޭގެ ގާނޫނު ހިސާބަކުން ކަމަށާއި އަޙްމަދު އަދީބު ދޫކޮށްލުމަކީ ކޯޓުތަކުގެ މައްސަލައެއް ނޫންކަމަށެވެ. އިތުރަށް ތަފްސީލު ކޮށްދެމުން ނަޝީދު ވިދާޅުވީ ނައިބު ރައީސް އަހްމަދު އަދީބު ދޫކޮށްލީ އިޖުރާއަތްތައް ފުރިހަމަނުވާތީވެ ކަމަށާއި އިޖުރާއަތްތައް ފުރިހަމަކޮށްގެން ގެނައި ނަމަ، އަޙްމަދު އަދީބު ދުލެއް ނުކޮށްލާނެކަމަށެވެ.

“އަޙްމަދު އަދީބު ވެސް އޮންނަނީ 1 ފެބުރުވަރީގެ އަމުރުގައި ދޫކޮށްލާފަ. އެ ދުވަހު އެ ޙުކުމްތަކާއި އެ ހުރިހާ އެއްޗެއް ހުއްޓާ ދޫކޮށްލީމާ އަތްޖެހީ. އެ ދުވަހަކު ނުވި މުޖުރިމަކަށް. އެ ދުވަހަކު ނުވި ޚިޔާނާތްތެރިއަކަށް. އެ ދުވަހަކު ނުވި ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު ވަގަކަށް ވެސް. އެކަމަކު މިއަދު އަނެއްކާވެސް ވަގަކަށް ވެގެން މި އުޅެނީ ކީއްވެގެންތޯ؟ ކޮންކަމެއް ހާސިލުކުރަންތޯ މި އުޅެނީ؟ އަޙްމަދު އަދީބަކުން ނެއްޓެން ނޭނގިގެން އަބަދުވެސް މިތާ އެތެރޭގައި ވާހަކަދައްކަނީ. އެ ނޫނަސް މި ޤައުމުގައި ބަލަންޖެހޭ ވަރަށް ބައިވަރު މައްސަލަތައް އެބަހުރި.”

ސުވާލުތައް ފެށެން ފެށީ މި ހިސާބުންނެވެ.

މި ޤައުމުގައި ވައްކަމާއި ޚިޔާނާތުގެ އެތައް މައްސަލަތައް ވެސް އެބަހުރިކަމަށާއި މާރާމާރީގެ މައްސަލަތައް ވެސް އެބަހުރިކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވިއެވެ. އަދި އެ ހުރިހާ މައްސަލައެއް ހުއްޓަ “އެންމެ މީހެއްގެ މައްސަލައެއް މި ތަނަށް އަބަދާއި އަބަދު ވައްދައިގެން މިތާނގައި ބަހުސްކުރާނެ ވަގުތުތަކާ އެއްޗިހި ނެތޭ” މަޖިލީހުގެ ރައީސް ވިދާޅުވިކަމަށް ނަޝީދު ބުނެފިއެވެ.

ދެން އޮއްސަން ފެށީ ސުވާލު ގޯންޏެކެވެ.

“ވަގުތުތައް ނެތިއްޔާ، މިކަހަލަ ކަންތައްތަކަށް މި ވަގުތުތައް ހުސްނުކޮށް، މިއަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަމަކައިގެން އުޅެންވީނޫންތޯ؟” އެވެ. “އަޙްމަދު އަދީބުމެން ގޭދޮށުގައި 24 ގަޑިއިރު ދިވެހިރާއްޖޭގެ ޕޮލިހުންގެ އިންޓެލިޖެންސުން ފާރަލަމުންދަނިކޮށް އަޙްމަދު އަދީބަށް އެހިސާބަށް ދެވުނީ ކީއްވެގެންތޯ؟” އެވެ. “އެ މީހުންގެ ޒިންމާއަކީ ކޮބައިތޯ؟” އެވެ. “ހޯމް މިނިސްޓަރުގެ ޒިންމާއަކީ ކޮބައިތޯ؟” އެވެ. އަދި “މޮޅެތި ގޮތްގޮތަށް އެކި ތަންތާނގައި ހުރެގެން ޓްވީޓުކުރުންތޯ ހޯމް މިނިސްޓަރުގެ ޒިންމާއަކީ؟” ސުވާލުކުރިއެވެ. އަދި “މި ތަނަށް ވަޑައިގަންނަވާ ދުވަހު މިތާނގައި އިދެގެން ރައްޔިތުންނަށް އޮޅޭ ގޮތަށް އެކި ސުވާލުތަކުގެ ޖަވާބު ދޮގުހަދައިގެން ދެއްވުންތޯ ހޯމް މިނިސްޓަރުގެ ޒިންމާއަކީ؟” އެވެ.

މެމްބަރު ނަޝީދު ވިދާޅުވީ ރައްޔިތުންގެ ކަންތައްތައް ސާފުވާން އެބަޖެހޭ ކަމަށެވެ. މި ސުވާލުތަކަށް ޖަވާބު ލިބެން ޖެހޭކަމަށެވެ.

މީގެ އިތުރުން މެމްބަރު ނަޝީދު ވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ފިލީތޯ ސުވާލު އުފައްދާފައެވެ. މެމްބަރު ނަޝީދު ވިދާޅުވީ “ކޮންމެ ގޮތެއް ވިޔަސް މި ސަރުކާރުން އަޙްމަދު އަދީބަށް ނުފޫޒުތަކެއް އެބަ ފޯރުވާ” ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވާކަމަށާއި މި ސަރުކާރާއި އިންޑިއާ އާ ވަރަށް ގާތް ގުޅުމެއް އޮންނައިރު “ފިލައިގެން އިންޑިއާއަކަށް އަޙްމަދު އަދީބު ދާކަށްނުޖެހޭ” ކަމަށެވެ.

މެމްބަރު ނަޝީދު ވިދާޅުވީ މި މައްސަލާގައި ކޯޓުތަކަކަށް “ބެހެން” ނުޖެހޭކަމަށާއި އެންމެ ފުރަތަމަ ފުލުހުންގެ ވާހަކަ ދައްކަން ޖެހޭކަމަށެވެ. އަދި ފުލުހުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް އިހުމާލުވީ ކީއްވެގެންތޯ ސުވާލު އުފައްދާ ފުލުހުންނަށް ފިޔަވަޅުއަޅަން ގޮވާލިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ.

މެމްބަރު ނަޝީދުގެ ޖަޒުބާތުންވާ ވާހަކަ ނިންމާލީ ކުރެވުނު ސުވާލުތަކުގެ ޖަވާބުތައް ހޯދާ މި ކަންތައްތަކަށް ފިޔަވަޅު އަޅަން ގޮވާލާފައެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް