ދިވެހިރާއްޖޭގެ އިޤުތިޞާދީ ސިޔާސަތު ހަމަ މަގަށް އެޅުވުމުގެ ވަގުތު އައިސް ޖެހިއްޖެ - 1

9AE5DF49-EA2B-482D-9EF3-B2D5B6490315

ދުވަހަކީ ނުވަދިހައިގެ ކުރީކޮޅުން އަހަރެއްގެ ދުވަހެކެވެ. ނުލާހިކު އުޑުމަތި ސާފު އަލި ރީތި ދުވަހެކެވެ. އެއްވެސް ފަރާތަކުން ވިލާ ރޮއްޖެއްވެސް ފެންނާކަށެއް ނެތެވެ. ހީވަނީ ކުރޮޅި ތަޅައިލި ނާއްޓެއްހެނެވެ. ބައްޕަ ޗުއްޓީއަކަށް ރަށަށް އައިސް ހުރި ދުވަސްވަރެއް ކަމުން ބައްޕައާ އެކު މާރަންމަގު ފާލަން މައްޗަށް އަރައި، ފަޅުތެރޭގައި ބައިގަނޑު ހަދައިގެން އުޅޭ މުށިމަސްތަކާއި އެސޮރުމެންނާ ހެދި އުޅޭ ހަނދިމަސްތައް އުޅޭ ނޫޅޭ ގޮތް ބަލާލަން ގޮސް އުޅުމުގެ ފުރުޞަތު ލިބެއެވެ.

ތިލަދުންމަތީ ތަކަންދޫގެ ހިތްފަސޭހަ ފާލަންމަތީގައި ރަށުގެ މުސްކުޅިންނާއި، ހަރު މީހުނާއި، ޒުވާނުންގެ ތެރޭގައި އަޅުގަނޑުމެން ކުޑަކުދިން ވެސް ތިބި ވަގުތެކެވެ. ކުއްލިއަކަށް އެންމެންގެ ނަޒަރު ހުއްޓިގެން ދިއައީ ގައްލަންދޫ ބޭރުން ހުރަސް ކުރަމުން ދިޔަ ބޮޑު  އާގު ބޯޓަކަށެވެ. އަޅުގަނޑު ދުވަހަކުވެސް މިފަދަ ބޮޑު ބޯޓެއް ހަމަ ލޮލަކުން ނުދެކެވެ. އަޅުގަނޑުމެނަށް ފެންނަ އެންމެ ބޮޑެތި ބޯޓުފަހަރަކީ "ކަނަމަނަ" އާއި، "ނާގޯށި" އާއި "ރަންދީ" އެވެ. އެއީ މިސަރަހައްދަށް މަސްކިރަން އައިސް އުޅޭ މަސް ބޯޓު ފަހަރެވެ. އޭރު ފާލަން މަތީގައި ތިބި މީހުންގެ ތެރޭގައި ގައްލަންދޫ ކަނޑުން އެދަތުރު ކުރަމުންދާ ކަހަލަ ބޮޑެތި ބޯޓުފަހަރުގައި ރާއްޖެއިން ބޭރުގައި ބޯޓު ދަތުރު ކުރި މީހުން ތިއްބެވެ. އަދި މިސަރަހައްދުން މިކަހަލަ ބޯޓުތައް ދޭތެރެ ދޭތެރެއިން ފެންނަ ކަމަށް އެމީހުން ބުންޏެވެ.

މި ބޯޓު ފެނުމުގެ ސަބަބުން އަޅުގަނޑުގެ ހިތައް ވަރަށް ބޮޑު އުފަލެއް ލިބުނެއެވެ. އަދި އެއާއެކު ހިތައް ވެރިވެގެން ދިޔަ ސުވާލަކީ، މިފަދަ ބޮޑެތި ބޯޓުތައް މި "ކުޑަކުޑަ" ދިވެހިރާއްޖޭގެ ތެރެއަށް ވަންނަނީ ކީއްކުރަން ބާވައެވެ؟ ބޮޑެތި ބޯޓު ފަހަރަކީ ޔޫރަޕާއި ދުނިޔޭގެ ބޮޑެތި ޤައުމު ތަކުގައި ދަތުރު ކުރާ އެއްޗެއްސެއް ނޫން ހެއްޔެވެ؟ ރާއްޖެއަށް ވަނުމުގެ ބޭނުންތެރި ކަމެއް އޮންނާނެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ހޯދަން ކުރި މަސައްކަތުގެ ތެރެއިން އެނގި ހާމަވި ކަމަކީ، ޖޯގުރަފީގެ ގޮތުންނާއި ޠަބީއީ ގޮތުން މިރާއްޖެ އޮތްތަނުގެ ގޮތުންނާއި އޮތް ގޮތުގެ ސަބަބުން ޤުދުރަތީ ޚާއްޞަ މުއްސަނދި  އެތައްކަމެއް މުޅި ދުނިޔޭގެ ފެންވަރުގައި ވެސް މިރާއްޖެއަށް ލިބިގެންވާކަމެވެ. އެކަމަކު، އަޅުގަނޑުގެ ޙަޔާތުން އަޅުގަނޑަށް ފެންނަ ޙަޤީޤަތަކީ އަޅުގަނޑުމެން އާންމު ދިވެހީންގެ ދިރިއުޅުމުގެ ނިކަމެތިކަމާއި ތާށިކަމެވެ. ވަޒީފާތަކުގެ އަޅުވެތިކަމާއި ހާސްކަމެވެ. ބައެއް ފަހަރު ހިތަށް އިހުސާސްކުރެވެނީ، އަޅުގަނޑުމެން މިވަނީ އަދުލުވެރިކަމުން ދުރު، ދޯހަޅި އިޤުތިޞާދީ ސިޔާސަތެއްގެ ތެރޭގައި ތާށިކުރެވިފައެވެ.

ދިވެހި ތާރީޚުގެ އިހަށް ދުވަހުން ފެށިގެން އަޅުގަނޑުމެން ދިވެހީންގެ ކަންފަތްތަކަށް އިވެމުން މިއަންނަނީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އަކީ ކުޑަކުޑަ އަދި އެހައިމެ ވަސީލަތްތައް މަދު ޤައުމެއް ކަމަށެވެ. އެކަމަކު ދިވެހިރާއްޖެ ކުޑަ ޤައުމަކަށްވީ ކޮންއިރަކު ހެއްޔެވެ؟ ވަސީލަތްތައް މަދު ޤައުމަކަށްވީ ކޮންގޮތަކުން ހެއްޔެވެ؟ އަޅުގަނޑުގެ މިމަޒުމޫނުގެ މިބައިގައި ޚުލާސާ ގޮތެއްގައި މިބަލައިލަނީ މިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ވަސީލަތްތަކުގެ ގިނަކަމާއި، ބޮޑުކަމާއި މުއްސަނދިކަމުގެ މައްޗަށެވެ.

ދިވެހިރާއްޖެ މިއޮތީ ދުނިޔޭގެ ވިޔާފާރި އާއި އިޤުތިޞާދުގެ މައި މަގެއްގެ މަތީގައެވެ. އަދި، ދުނިޔޭގެ މޫދާއި ހިކިފަސް ބެދޭތަނުގައި ފޫޓުފީތާ އަޅާލުމުން އެނގިގެން ދަނީ އަޅުގަނޑުމެންގެ މިރާއްޖެ އަކީ ދުނިޔޭގައިވާ 200 އެތައް ޤައުމެއްގެ ތެރެއިން 75 ވަނައަށް އެންމެ ދިގު ނުވަތަ ބޮޑު އައްސޭރިފަށް  ލިބިގެންވާ ޤައުމު ކަމެވެ. އެއީ ގާތްގަނޑަކަށް 2002 ކިލޯމީޓަރުގެ ދިގުމިނެވެ (ވޯލްޑް ރިސޯސަސް އިންސްޓިޓިއުޓް، 2012). މިއީ ގާތްގަނޑަކަށް 860 ކިލޯމީޓަރު ދިގު، 80 - 130 ކިލޯމީޓަރު ފުޅާ، ކަނޑުގެ ސަރަހައްދާ އެކު 115،000 އަކަ ކިލޯމީޓަރުގެ ބޮޑު ޤައުމެކެވެ (މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނާރޖީ، 2013).

މި ޤައުމުގެ އަމިއްލަ އިޤްތިޞާދީ ސަރަހައްދުގެ ބޮޑުމިނަކީ 923,322 އަކަ ކިލޯމީޓަރެވެ (ފްލެންޑާރސް މެރިން އިންސްޓިޓިއުޓް، 2016). ވުމާއެކު ދިވެހިރާއްޖެއަށް ލިބިފައިވާ 300 ވަރަކަށް އަކަކިލޯމީޓަރުގެ ޤުދުރަތީ ހިކިފަސްތަން އެކުލެވޭ ރަށާއި، ލިބިފައިވާ ކަނޑުގެ ސަރަހައްދާ އެކު ބޮޑުމިނަކީ 1،038،322 އަކަ ކިލޯމީޓަރެވެ. އަދި މިޤައުމުގައި އޮތީ މީހުން ދިރިއުޅޭ އިދާރީ 188 ރަށެވެ (ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، 2014). މީހުން ދިރިނޫޅޭ ގާތްގަނޑަކަށް 1004 ރަށާއެކު ޖުމްލަ 1192 ރަށް އެބައޮތެވެ.

ފަރަކީ މުޅި ދުނިޔޭގައި ވެސް ނިސްބަތުން މަދު އަދި އެހައިމެ އަގުހުރި، އަދި އެތަނަކުން އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ އިޤުތިޞާދީ ނަފާ ހޯދާ ތަނަކަށް ވާއިރު، ދިވެހިރާއްޖެ އަކީ ދުނިޔޭގެ 7 ވަނަ އަށް އެންމެ ބޮޑު ފަރުގެ ނިޒާމް ލިބި އޮތް ޤައުމެވެ. އެއީ މުޅި ދުނިޔޭގެ ފަރުތަކުގެ 3.14 އިންސައްތަ އެވެ. ގާތްގަނޑަކަށް 8،927 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެކެވެ. އަދި ރާއްޖޭގައިވާ ހާހަލާއި، ގިރިގިރި އާއި، ފަޅުފަޅާއި، ވިލުވިލާއި ފަރުތަކުގެ ބޮޑުމިން 21،300 އަކަ ކިލޯމީޓަރަށް ވުރެ ބޮޑެވެ (މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނާރޖީ، 2013، ޔޫ އެން އީ ޕީ، 2017). ފަރުގެ ކޮންމެ ހެކްޓަރަކުން އަހަރަކު 1.25 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިޤުތިޞާދީ ފައިދާ (އިކޮނޮމިކް ވެލިއު) ނެރެވެއެވެ (ޔޫ އެން އީ ޕީ، 2017). މީގެ މާނައަކީ ދިވެހިރާއްޖޭގެ ފަރުތަކުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 1.116 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އިޤުތިޞާދީ ފައިދާ (އިކޮނޮމިކް ވެލިއު) ނެރެވޭނެއެވެ. އަޅުގަނޑު ލަފާކުރާ ގޮތުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން މިރާއްޖޭގެ ފަރުތަކާއި ފަޅުތަކުން އެކަނިވެސް ކޮންމެ އަހަރު ގާތްގަނޑަކަށް 100 – 300 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިޤައުމަށް ނެރެވިދާނެ އެވެ. އަދި މިރާއްޖޭގެ މުއްސަނދި ކުޅިތަކާއި، ފާތަކާއި، ކަޅުފަހާއި، ދޮންވެލި ތުނޑިތަކާއި ގޮނޑުދޮށްތަކާއި ރަށްތަކުގެ މުއްސަނދިކަންވެސް އެހައިމެ ބޮޑެވެ.

މިރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން ކޮންމެ ރަށަކަށް ތިލަދުންމަތީ ވައިކަރަދޫ ވަރުގެ 113 ފަޅު ނުވަތަ ފަރު މިރާއްޖޭގައި އެބައޮތެވެ. އަދި މި 188 ރަށުގެ ތެރެއިން ކޮންމެ ރަށަކަށް 5 ފަޅުރަށް އެބައޮތެވެ. މި ވަސީލަތްތަކީ ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން އުފެއްދުންތެރިކަމާއި ޒިންމާދާރުކަމާއެކު އަޅުގަނޑުމެންގެ އިޤުތިޞާދީ ހަރަކާތްތަކާއި ދިރިއުޅުން ހަމަޖައްސަން ލިބިފައިވާ ޤުދުރަތީ ވަސީލަތްތަކެކެވެ. ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި އެނޫންވެސް އެންމެހާ އިޤުތިޞާދީ ދާއިރާތަކުން ސިޔާސަތުތައް އެކަށަހަޅައި ތަންފީޒުކުރަން އަޅުގަނޑުމެންނަށް މާތް ކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކަކާއި މުއްސަނދިކަމެކެވެ.

އަޅުގަނޑުމެނަށް ބޭނުންވަނީ އަޅުގަނޑުމެން ރައްޔިތުންނަށް އޭގެން ދިރިއުޅުމެއް ހޯދޭނޭ އަދުލުވެރި އިޤުތިޞާދީ ސިޔާސަތެކެވެ. އެފަދަ ސިޔާސަތެއްގެ ތެރެއިން މިރާއްޖޭގެ އިޤުތިޞާދީ ވަސީލަތްތަކާއި މިޤައުމުގެ މުއްސަނދިކަން މަދު ބައެއްގެ އަތްދަށުގައި މިއޮތް އޮތުމަށް ހައްލު ލިބިގެންދާނެއެވެ. އިޤުތިޞާދީ މަސައްކަތްތެރީންގެ ޙައްޤުތައް ކަށަވަރު ކުރެވޭނެއެވެ. އަދި އިޤުތިޞާދީ ސިޔާސަތަކީ ވިޔާފާރިތަކެއްގެ ވަށައިގެން އެނބުރޭ އެއްޗެއްގެ ބަދަލުގައި މުޅި ރައްޔިތުންގެ މަސްލަހަތާއި ދުޅަހެޔޮކަމުގެ މަޤުޞަދުގައި އަދުލުވެރިކަމާއެކު އެކަށަހަޅައި ތަންފީޒު ކުރެވޭ އެއްޗަކަށް ވެގެންދާނެއެވެ. އަތޮޅު އަތޮޅު ރައްޔިތުންގެ 100 އިންސައްތަ ހިއްސާ އޮންނަ ރިސޯޓުތައް އަތޮޅުތެރޭގައި އުފައްދައި ހިންގޭނެއެވެ.

ދަނޑުވެރިކަން ކުރާނޭ ފަޅުރަށްރަށް ރަށްރަށު އަންހެނުންނާއި ފިރިހެނުންނަށް ލިބޭނެއެވެ. މަސްވެރިކަމާއި އެނޫންވެސް އިޤުތިޞާދީ މަސައްކަތްތައް ރާއްވައި ހިންގަން ރަށްރަށު ކައުންސިލް ތަކަށް ފަރު ފަޅާއި ފަޅު ރަށްރަށް ލިބޭނެއެވެ. އަދި، އިހު އަޅުގަނޑުމެން ދުއްވި ފަދައިން އަޅުގަނޑުމެންގެ ކޮއްޗޭ އޮޑި ފަހަރާއި ބަންގާޅު ބައްތެލި ފަހަރު އަލުން ވިޔާފާރިކަމު ދިއުމަށް އަޅުގަނޑުމެން ރައްޔިތުން ނުކުމެ ވަލުހިފައި އަލުން ދަތުރަށް ބާލާނީ އެވެ.

 (ނުނިމޭ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.