މިނިސްޓަރ ޢިމްރާން އިންޑިޔާގެ ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

D7430D67-60BF-431A-B818-72D990A549BC

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދު ﷲ އިންޑިޔާގެ ހޯމް މިނިސްޓަރ އަމިތް ޝާހުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު އިންޑިޔާގެ ނިއުދިއްލީގައި ހުންނަ އެޤައުމުގެ ދާޚިލީ ވުޒާރާގައެވެ. އިންޑިޔާގެ ހޯމް މިނިސްޓަރުގެ ރަސްމީ ދައުވަތަކަށް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މިބައްދަލުކުރެއްވުމުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއޒް އަލީ ނަޛީރުވެސް ބައިވެރިވެވަޑައިގެންނެވި މަޝްވަރާތަކުގައި ދެޤައުމުގެ ދާޚިލީ ވުޒާރާ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި، އެހީތެރިން ބަދަލުކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

އެގޮތުން ދެ ގައުމުގެ ދާޚިލީ ސަލާމަތާއި ހަމަ ޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށްޓަކަައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. ވަކިން ޚާއްސަކޮށް ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މިނިސްޓަރ އިމްރާން އިންޑިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަތުލް ކަރްވާލްއާއި ބައްދަލުކުރައްވާ އެހީތެރިކަން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނާއި، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކުން މަޝްވަރާކުރައްވާފައިވެއެވެ. އަދި އިންޑިއާގެ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވާ އެތަނުގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޖޭ.އެމް ވިޔަސްއާ ބައްދަލުކުރައްވާ އެހީތެރިކަން ހޯދޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވަނީ އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއެކުވެސް މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ. މިބައްދަލުވުމުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ ވިސްނުންތަކާއެކު މަޝްވަރާތައް ކުރިއަށްގެންދެވިއެވެ. މީގެއިތުރުން ނިއުދިއްލީގައި ހުންނަ އިންޑިޔާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ޝުރީ ވައި.ސީ މޯޑީއާވެސް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ގުޅިގެން މަސައްކަތްކުރުމާއި، އިންވެސްޓިގޭޝަންތަކުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މިދަތުރުފުޅުގައި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބުދުއްރަހުމާން ބައިވެރިވެވަޑައިގަންނަވައެވެ. މިނިސްޓަރ އިމްރާންގެ ވަފުދު ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އިއްމަމެން އިންޑިޔާގެ ސަރުކާރު ގެ އެހީ ހޯދަނީ އަދާލަތު ޕާޓީ ހިންގާނެ ފައިސާ ނެތިގެން

Leave a Reply to ފާތުމަތު ރައްދު ކެންސަލް

Your email address will not be published. Required fields are marked *