ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫއަށް 7 ކައުންސިލަރުން

831323E6-B583-40F0-A5A7-35432A7BD727

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބުގައި 7 ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ދިއްދޫ ހިމެނިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހަތް ކައުންސިލަރުން އިންތިޚާބު ކުރަނީ 14 ރަށުގައި ކަމަށެވެ.

މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގެ އާބާދީ ހިމެނޭ އަދަދުތަކާއި އެ ރަށްރަށަށް އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންގެ އަދަދު އެ ކޮމިޝަނުން ހާމަކޮށްފައިވާ އިރު، ގާނޫނުގައި ބުނާގޮތުން އާބާދީގައި 3000 ވުރެ މަދު ކޮންމެ ރަށަކަށް އިންތިޚާބު ކުރަންޖެހެނީ ފަސް ކައުންސިލަރުންނެވެ. އަދި 3000 ވުރެ އާބާދީ ބޮޑު ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ހަތް މެންބަރުންނެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 3000 ވުރެ ބޮޑު އާބާދީއެއް 14 ރަށެއްގައި އޮތް އިރު، އެ ހަތް ރަށުގެ ކައުންސިލަށް އިންތިޚާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. އަދި މި 14 ރަށުގެ ރަށު ކައުންސިލަށް 98 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަތް ކައުންސިލަރުން އިންތިޚާބުކުރާ ރަށްރަށަކީ ހއ. ހޯރަފުށި - އާބާދީ 3479، ހއ. އިހަވަންދޫ - އާބާދީ 3425، ހއ. ދިއްދޫ - އާބާދީ 4440، ރ. ދުވާފަރު - އާބާދީ 4808، ބ. އޭދަފުށި - އާބާދީ 3367، ބ. ތުޅާދޫ - އާބާދީ 3001، ޅ. ނައިފަރު - އާބާދީ 5529، ޅ. ހިންނަވަރު - އާބާދީ 4929، އދ. މާމިގިލި - އާބާދީ 3088، ދ. ކުޑަހުވަދޫ - އާބާދީ 3271، ލ. ގަން - އާބާދީ 4979، ގއ. ވިލިނގިލި - އާބާދީ 3780، ގދ. ތިނަދޫ - އާބާދީ 7797 އަދި ގދ. ގައްދޫ - އާބާދީ 3079 އެވެ.

މީގެ އިތުުރުން 3000 އަށްވުރެ އާބާދީ މަދު 164 ރަށެއްގެ ރަށު ކައުންސިލަށް ފަސް މެންބަރުން އިންތިޚާބު ކުރި ނަމަވެސް ހުރިހާ ރަށަކަށްވެސް އަންހެނުންގެ ކޮމެޓީއަށް އިންތިޚާބު ކުރާނީ ފަސް މެންބަރުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީއަށް 18 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެއީ މާލޭގެ މިހާރުގެ އާބާދީއަކީ 75302 މީހުން ކަމަށްވާތީއެވެ.

އައްޑޫ ސިޓީގެ އާބާދީގައި 34217 މީހުން ހިމެނޭތީ އެސިޓީއަށް އިންތިހާބު ކުރާނީ 12 ކައުންސިލަރުންނެވެ. އަދި 13064 މީހުން ހިމެނޭ ފުވައްމުލައްސިޓީއަށް އިންތިޚާބު ކުރާނީ ހަ ކައުންސިލަރުންނެވެ.

އެންމެ ފަހުން ސިޓީއަކަށް ބަދަލުކުރި ކުޅުދުއްފުށި ސިޓީން ހަ ކައުންސިލަރުން އިިންތިޚާބު ކުރާނެއެވެ. ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި އަހަރުގެ ފުރަތަމަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި