ތިން ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި

3 vazeerun

ތިން ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރޭ ފާސްކޮށްފިއެވެ.

މި ތިން ވަޒީރުންނަކީ ނަވާރަ ވަނަ މަޖިލިހުގައި ރުހުން ލިބިވަޑައިނުގެންނެވި ތިން ވަޒީރުންނެވެ. އެ ތިން ވަޒީރުންނަށް އަލުން ރުހުން ދިނުމަށް 20 ވަނަ މަޖިލިހަށް ހުށަހަޅައި އެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވީ މަ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ.

އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ލިބިވަޑައިނުގެން ތިން ވަޒީރުން އެ ބޭފުޅުން ތިއްބެވި މަގާމުތަކަށް އަލުން އައްޔަން ކުރައްވައިފައެވެ. އެ ތިން ވަޒީރުން އަލުން މަގާމުތަކަށް އައްޔަނު ކުރެއްވީ 29 ޖެނުއަރީ 2024 ގައެވެ. އެއަށްފަހު އެ ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަލުން ނަންފުޅުތައް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މި މައްސަލަ ދިރާސާކުރުމަށް ރޭ ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލްވުމުގައި ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ ތިން ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށެވެ. ތިން ވަޒީރުންނަށް ވެސް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓް ދިނެވެ. ކޮމެޓީއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވީ އަށް މެންބަރުންނެވެ.

19 ވަނަ މަޖިލީހުން މި ތިން ވަޒީރުންނަށް ރުހުން ދީފައިނުވިނަމަވެސް، އެ ތިން ވަޒީރުން ގެންދަވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި